އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހީ ރިޕޯޓް: އުމުރުން އަށް އަހަރުގެ އަނޫފްގެ ކަނދުރާ ނުހިފެހެއްޓޭ، ކޮންމެ ދުވަހަކު ފިޓު ޖެހޭ، ހިތުގައި ތިން ލޯވަޅުވެސް އެބައިން. އެހީ ވެދެއްވާ!

އެހީ ރިޕޯޓް: އުމުރުން އަށް އަހަރުގެ އަނޫފްގެ ކަނދުރާ ނުހިފެހެއްޓޭ، ކޮންމެ ދުވަހަކު ފިޓު ޖެހޭ، ހިތުގައި ތިން ލޯވަޅުވެސް އެބައިން. އެހީ ވެދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 33 ސިކުންތު

ކުޑަކުދިންނަކީ އެކުދިންގެ އެންމެ ތުއްތު އުމުރުން ފެށިގެން ފުރާވަރާ ޖެހެންދެންހެން، ކުޅުމާއި ހީސަމާސާ ކުރުމުގައި، އަދި އެކުދިންގެ މައުސޫމް ބަސްތަކުންނާއި ސުވާލުތަކުން އެންމެންގެ ދިރިއުޅުމަށް ވަރަށް ވެސް އުޖާލާކަމެއް ގެނެސްދޭ ކުދިންނެވެ.

ނަމަވެސް އެފަދަ ކަމެއް ނުކުރެވޭ ކުދިން، ތަޙައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން ލޮލަށް ފެނުމުން އެކުދިންގެ މައިންބަފައިންނަށް ކުރާނެ އަސަރު، ބަޔާން ވެސް ނުކުރެވޭހާ ހިތްދައްޗެވެ. މިފަދަ ވޭންތަކެއް ތަޙައްމަލު ކުރަމުންދާ އެއްކުއްޖަކީ ށ. ފުނަދޫ/ ބިގް ފިޝް ، ޙަސަން އަނޫފް އެވެ.

އަނޫފް ގެ އުމުރުން މިހާރު އަށް އަހަރެވެ. ނަމަވެސް އުފަންވީ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް އަނޫފް އަށް އެންމެ ގިނައިން އޮންނަން ޖެހިފައިވަނީ އެނދެއްގެ މަތީގައެވެ. އެތަކެއް ވޭނެއް ތަޙައްމަލު ކުރަމުންދާ އަނޫފް އަށް، ލިބެމުންދާ ވޭންތައްވެސް އެންމެ ކުޑަ މިނުން ބުނެދޭން އެކުއްޖާފުޅަށް ނޭނގެއެވެ.



"މިއަދުނޫހަށް" ދިން ޚާއްސަ އިންޓަރވިއު އެއްގައި އަނޫފްގެ ބައްޕަ ފާރޫޤް ޙުސެއިން، އަނޫފްއަށް ވަމުން ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔާދިނެވެ.

"އުފަންވީއިރުވެސް ރަށުގެ ޑޮކްޓަރު ވިދާޅުވި ކޮންމެވެސް ކަހަަލަ މައްސަލަތަކެއް ހުންނަ ކަމަށް. ނަމަވެސް ދަރިފުޅަށް ވަމުން ދިޔައީ ސީދާ ކޮންކަމެއްކަން ބުނެދޭކަށް އެޑޮކްޓަރަށް ވެސް ނޭނގޭކަމަށް އޭނާ ބުނީ" އާމްދަނީ ހޯދުމަށް ފުނަދޫ މިސްކިތުގައި މަސައްކަތްކުރާ، އަނޫފްގެ ބައްޕަ ކިޔާދިނެވެ.

އެޑޮކްޓަރުގެ ލަފާގެ މަތިން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އަނޫފް ގޮވައިގެން އޭނާގެ މައިންބަފައިން އައީ މާލެއެވެ. އަނޫފްގެ ހިތުގެ މައްސަަލަތަކެއް ހުރިކަން އެނގުނީ މާލެ އައިސް ދެއްކުމުންނެވެ. ނަމަވެސް ހުރީ ކޮންކަހަލަ މައްސަލަތަކެއް ކަމެއް އެއިރުވެސް ނޭނގެއެވެ.

"އެފަހަރު ވަރަށް ގިނަ ޓެސްޓުތަކެއް ވެސް ހެދި، ނަމަވެސް މިވަނީ ކިހިނެއް ކަމެއް ނޭނގެ. ދެން އައިޖީއެމް އިން ޑރ. އަލީ ޝަފީޤު ދެއްވި ޓެސްޓުތަކެއް ހަދާފަ، ޑރ. ޝަފީޤު ވިދާޅުވީ މައްސަލަތަކެއް އެބަހުރިކަމަށް، އެކަމަކު ފަހަރެއްގައި ވެދާނެއޭ އެއީ މެޝިނުގެ މައްސަލައެއް ކަމަށް ވެސް. މެޝިނަކީ ވެސް ރަނގަޅު މެޝިނެއް ނޫން ކަމަށް ވިދާޅުވި" އަނޫފްގެ ބައްޕަ ފާރޫޤް މައުލޫމާތުދެމުން ބުންޏެވެ.

އެއަށްފަހު ޑރ. ޝަފީޤުގެ ލަފާގެމަތިން ސިފައިންގެ ހޮސްޕިޓަލު "ސެނަހިޔާ" އަށް ދެއްކި ކަމަށް ފާރޫޤް ބުންޏެވެ. އަދި އެތަނުން އަނޫފް ބެލުމަށްފަހު ހިތުގައި ލޯވަޅުތަކެއް ހުރިކަމަށް ބުނި ކަމަށާއި އެކަންތައް ރަނގަޅު ވާނީ އޮޕަރޭޝަން ކޮށްގެންކަމަށް ބުންޏެވެ. އެހެންކަމުން އަނޫފްގެ ހިތުގެ ކަންތައް ރަނގަޅަށް ބެލުމަށް ރާއްޖެއިން ބޭރަށްދާން ޑރ. ޝަފީޤު ލިޔުމެއް ދިނުމުން ގިނަ ބައެއްގެ އެހީތެރިކަމާއިއެކީ އިންޑިއާގެ ކޮޗިން އަށް ދިޔައެވެ. އެއިރު އަނޫފްގެ އުމުރުންވާނީ ދެމަސް ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

"އެތަނަށް ގޮސް ޓެސްޓުތައް ހެދުމުން އެނގުނީ ދަރިފުޅު ވަރަށް ގަދަޔަށް ފިޓުވެސް ޖެހޭކަން އަދި ހިތުގައި ބޮޑު ތިން ލޯވަޅުވެސް އުފެދިފައިވާކަން. އަދި އެތަނުގެ ޑޮކްޓަރު ވިދާޅުވީ، އެވަރަށް ފިޓު ޖެހޭކަމަށްވަންޏާ އޮޕަރޭޝަން ނުކުރެވޭނެ ކަމަށް. އެއީ އެއްވެސް ކަހަލަ ޔަޤީންކަމެއް އޮންނަ ކަމެއް ނޫން ކަމަށާއި އޮޕަރޭޝާން ކުރުމުގެ ތެރޭގައި ފިޓު ޖެހިއްޖެނަމަ ކުއްޖާހަމަ ނައުމޭ ގާތީ، %50 ޔަޤީންކަމޭ އިނީ އެފަހަރު ޑޮކްޓަރު ވިދާޅުވި" ފެންކަޅިވެފައި އިންހާލު އަނޫފްގެ ބައްޕަ ކިޔާދިނެވެ.

މިހެން ބުނުމުގެ އިތުރުން އަނޫފްގެ އުމުރުން އެހާ ކުޑައިރު، އެވަރު ބޮޑު އޮޕަރޭޝަނެއް ކުރަން އެޑޮކްޓަރަށް ނުފެންނަ ކަމަށާއި ކުއްޖާ ދުނިޔޭގައި އޮތްކަމަށް ވަންޏާ ފަސް އަހަރުފަހުން އަލުން ޑޮކްޓަރަށް ދައްކާ ފިޓުޖެހުމުގެ ޓެސްޓުތައް ހަދާ ފިޓުޖެހުން ތަންކޮޅެއް ލުއިކަމަށް ވަންޏާ (ދުރު ކަމަށް ވަންޏާ)، ހިތުގެ އެއޮޕަރޭޝަން ކޮށްދޭނެ ކަމަށް އެޑޮކްޓަރު ބުނިކަމަށް ފާރޫޤް ބުންޏެވެ.

"މިހާރު ދަރިފުޅު އުމުރުން އަށް އަހަރު. އެހެންވެ އަލުން ރާއްޖެއިން ބޭރަށް ދެވޭތޯ ބަލަން އަޅުގަނޑުމެން މިއުޅެނީ. ޑޮކްޓަރުން އަޅުގަނޑުމެންނަށް މައުލޫމާތު ދިނީ އަނޫފް ގެ ހިތުގައި އުފެދިފައިވާ ތިން ލޯވަޅުވެސް ބެދޭނީ ތިން އޮޕްރޭޝަނަކުން ކަމަށް. އަދި ޑޮކްޓަރުން ބުނި އޭގެން އެއްވެސް ލޯވަޅެއް އަމިއްލައަށް ނުބެދޭނެ ކަމަށާއި ޖެލް ޖަހައިގެން ވެސް ނުބެދޭނެ ކަމަށް. އޮޕަރޭޝަން ކުރަން ޖެހެނީ. އެހެންވެ ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވޭ"

ރާއްޖެއިން ބޭރަށް ދިޔުމަށް އާސަންދައިން ވަނީ ބޭސްފަރުވާގެ އެހީއާއި ބަލީމީހާއާއި އެހީތެރިއަކަށް ދެކޮޅު ޓިކެޓު ހަމަޖައްސާ ދެއްވާފައެވެ. ނަމަވެސް، އިތުރު ބަލިތަކެއް ވެސް އަނޫފްގެ ހުރުމުގެ ސަބަބުން އެންމެ އެހީތެރިއަކަށް އަނޫފް ނުބެލެހެއްޓޭނެ ކަމަށް އޭނާގެ ބައްޕަ ފާރޫޤް ބުންޏެވެ.

"ދަރިފުޅުގެ ކަނދުރާ ހަރެއް ނުލާ. އިށީންދެގެން ނުއިނދެވޭ އަދި ނުވެސް ހިނގޭ. އޭގެ އިތުރުން ވާހަކަވެސް ނުދެއްކޭ. އެހެންކަމުން އެކަކަށް އެކަނި އަނޫފް ގޮވައިގެން ބޭސްފަރުވާ ކުރަން އުޅުން ދަތިކަމަކަށް ވާނެ. މިހާރު ބޮޑުވަމުން އަންނާތީ އުރައިގެން އުޅެންވެސް ދަތި. އޭގެ އިތުރުން އޭނާގެ މަންމައަކީ ވެސް މިހާރު ބަލި މީހެއް" އަނޫފްގެ ބައްޕަ ބުންޏެވެ.

މައިން ބަފައިންގެ އިތުރުން ފަސް ކުދިން ހިމެނޭ އާއިލާއެއްގައި އަނޫފް އަކީ އެންމެ ހަގު ކުއްޖާއެވެ. ކަރުގެ ހޮޅި ހިމަކަމުން، އުމުރުން އަށް އަހަރުވެފައިވީ ނަމަވެސް އޮއްޓަރުހުރި ކާނާއެއް އަދި އަނޫފް އަށް ނުކެވެއެވެ.

"އޮއްޓަރުހުރި އެއްވެސް އެއްޗެއް ނުދިރޭ. ކާން މިދެނީ ޕްރޮމިނާއާއި ޔޯގަޓު. އެއެއްޗެހި ހަމަ ފެނަށް ވަންދެން ގިރައިގެންޖައްސަނީ. ފެންފޮދެއް ވެސް ހުހަށް ޖައްސައިފިނަމަ، ދެތިކިވަރު ބޯލާފަ ކޮށިއަރައިގެން ކެއްސަން ފަށާ"
ފާރޫޤް ބުނި ގޮތުގައި، ބޮޑުކަމުދިޔުމުގައި ވެސް އަނޫފްގެ މައްސަލަ ހުރެއެވެ. ކޮންމެ ފަހަރަކުވެސް ބޮޑުކަމުދިޔުވަން ޖެހެނީ ބޭސް ޖަހައިގެންނެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ދެ ފަހަރު އަނޫފް ނެބުލައިޒް ކުރަން (އާވި އަރުވަން) ޖެހެއެވެ. އަދި މާބޮޑަށް ރޯގާޖެހޭ ދުވަހެއްނަމަ ދަވަ ވެސް ދަމަން ޖެހެއެވެ.

ވަރަށް ތުއްތު އުމުރުންފެށިގެން އަނޫފްއަކީ ފިޓު ޖެހޭ ކުއްޖެކެވެ. އެކަމާއިމެދު އޭނާގެ ބައްޕަ ބުނީ ކޮންމެ ދުވަހަކުވެސް ވަރަށް ގިނައިން ފިޓު ޖެހޭ ކަމަށެވެ. އެގޮތުން ފިޓު ޖެހޭ ކޮންމެ ފަހަރަކު ހަތަރެސް ފައި ކޮޅަށް ޖެހޭ ކަމަށާއި، ކުޑައިރުކޮޅެއްފަހުން އެކަން ރަނގަޅު ވަނީ އަތްފައިގާ ފިރުމުމުން ކަމަށެވެ. ކުރިން ވަރަށް އަވަސް އަވަހަށް ފިޓު ޖެހުން ކަމުގައި ވިޔަސް، އެކަމަށް ޑޮކްޓަރަށް ދައްކާފައި ދިން ބޭހެއް ބޭނުން ކުރަން ފެށިފަހުން ފިޓު ޖެހޭ ވަގުތު ތަންކޮޅެއް ދުރުވަމުން އަންނަ ކަމަށް ފާރޫޤް ބުންޏެވެ.

ޙަސަން އަނޫފް ގެ ހުރިހާ ވެކްސިނެއް ހަމަކޮށްފައި ހުރި ކަމުގައި ވިޔަސް، ކަނދުރާ ނުހިފެހެއްޓުމާއި މެދު ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފައި ކަމަށް އޭނާގެ ބައްޕަ ފާރޫޤް ބުންޏެވެ.

"ދަރިފުޅަށް ދެމަސްވީ ފަހުން އިންޑިއާއަށް އެއިރު ދިޔައީ ޑޮކްޓަރަށް ދައްކަން. ދެން އެއިރު އެޓެސްޓުތަކާއި އެއްޗެހި ހަދާފައި ޑޮކްޓަރު ބުނީ ތަންކޮޅެއް ލަހުންނޭ ޑޮކްޓަރަށް ދައްކަަން ތިއައީ. ކުއްޖާގެ އުމުރުން ދެމަސް ނުވަނީސް ދައްކަން އައިނަމަ ތިމަންނާމެންނަށް ތިކަން ރަނގަޅު ކުރެވުނީހޭ. މިހާރު މާލަސްވީއޭ. ދުނިޔޭގަ އެބައުޅެޔޭ ވަރަށް ބޮޑެތި މުއްސަނދިން ވެސް އެމީހުންގެ ދަރީންނަށް ތިހެންވެފައި ރަނގަޅު ނުކުރެވި ތިބި މީހުން. ފައިސާއިން ތިކަން ރަނގަޅު ކުރެވޭނެނަމަ ރަނގަޅު ކުރެވުނީހޭ. އެކަމަކު ދުވަސް ލަސްވީމަ ދެނެއް ރަނގަޅެއް ނުކުރެވޭނެއޭ. އަނޫފްގެ އަތްފައި ހަރަކާތް ކުރެވޭ. އެކަމަކު ނުހިނގޭ، އެއްޗެއްގަ ނުހިފޭ، ވާހަކަވެސް ނުދެއްކޭ އަދި އިށީންދެގެން ވެސް ނުއިނދެވޭ. މީގެ އިތުުރުން ހިއްސުވެސް ކެނޑިފަ ހުރީ. ޓެސްޓުތައް ހަދަންށާއި ކަންކަމު ކަށިހަރާއިރު، ބައެއް ފަހަރު ނާރު ނުފެނިގެންނާއި ގޮތްގޮތްވެގެން ތަންތަން ތޮރުފިގެން ދާނެ. އެކަމަކު ނުވެސް ރޯނެ. އުފާވެރި ކަމެއް ދިމާވިޔަސް ހީވެސް ނުލާ. މިކަންކަން ރަނގަޅު ނުވާނެ ކަމަށް މިކޮޅުން ވެސް ޑޮކްޓަރުން ބުނަނީ. ނަމަވެސް ހިތުގައި އުފެދިފައި ހުރި ލޯވަޅުތައް ބައްދާލަން އަދި އުންމީދެއް އޮތުމުން، އެއޮޕަރޭޝަން ވީއެންމެ އަވަހަށް ކުރެވޭތޯ އަޅުގަނޑުމެން މިބަލަނީ" އަނޫފްގެ ހާލަތު ބަޔާން ކޮށްދެމުން އޭނާގެ ބައްޕަ ބުންޏެވެ.

ހިތުގެ އޮޕަރޭޝަން ކުރަން ރާއްޖެއިން ބޭރަށް ދާން އާސަންދަ ވަނީ ހަމަޖެހިފައެވެ. ނަމަވެސް އަނޫފްއަކީ ބަލި ކުއްޖަކަށްވުމާއި ގުޅިގެން އެކަކަށް އެކަނި އަނޫފް ބަލަހައްޓަން އުނދަގޫވާނެތީ އާއި އިންޑިއާގައި ހުރުމާއި ކެއިން ބުއިމުގެ ކަންތައް ހަމަޖައްސަން ތިޔަ ދީލަތި ފަރާތްތަކުގެ އެހީތެރިކަން، އެކުޑަ ކުއްޖާއާއި އާއިލާއަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. އަނޫފްއަށް އެހީތެރިވެދެއްވަން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާކުރެއްވުމަށް :
ބީއެމްއެލް އެކައުންޓް ނަންބަރ 001 253862 7724 (ފާރޫޤް ޙުސެއިން- އަނޫފްގެ ބައްޕަ) އަށް ފައިސާ ޖަމާކޮށްދެއްވާށެވެ.

އަނޫފްގެ ހާލުބައްލަވާ، އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކުން7789941 ނަންބަރު ފޯނާއި ގުޅުއްވާ، މައުލޫމާތު އޮޅުންފިލުވުން އެދެމެވެ.

** ޙަސަން އަނޫފް އަށް މާތް ﷲ سُبْحَانَهُوَتَعَالَىއަވަސް ޝިފާއެއް ދެއްވާ ބާއްޖަވެރި އުފާވެރި ޙަޔާތެއްދެއްވާށި. އަދި އާއިލާއަށް ތަނަވަސްކަން ދެއްވާއި، އަދަށްވުރެ އިތުރަށް ހިތްވަރާއި ކެތްތެރިކަންދެއްވާށި. އާމީން**

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ފުނަދޫ ކުއްޖާ 2017-10-12 19:51:21

ބިގް ފިޝް.....??? އެހެން ކިޔާ ގެއެއް ށ.ފުނަދޫގައި ހުންނަކަމެއް އެނގިފައެއް ނެތް. ލަފާ ކުރެވެނީ ރެޑްފިޝް ކަމަށް

ރަހުމަތްތެރި 2017-10-12 20:49:50

އާމީން


މަރިޔަމް ވަހީދާ