އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮލާއި މައިބަދައިގާ ފެން އުފެދިފައިވުމުގެ ސަބަބުން މިތުއްތު ކުއްޖާއަށް ނުހިނގޭ، އެހީވެދެއްވާ!

ބޮލާއި މައިބަދައިގާ ފެން އުފެދިފައިވުމުގެ ސަބަބުން މިތުއްތު ކުއްޖާއަށް ނުހިނގޭ، އެހީވެދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 14 ސިކުންތު

އައިޝަތު ޝާނާ ބިންތު ޢަލީ އަކީ އެންމެންނާއި ވެސް ނުހަނު އެކުވެރި، އުފާވެރި ތުއްތު ތުއްތު ކުއްޖެކެވެ. އެލޯބި ލޯބި ކުޑަކުޑަ މޫނުން ފާޅުވަމުން ދަނީ ނުހަނު ލޯތްބާއި އުފާވެރިކަމެވެ.

އުމުރުން އެންމެ ދެ އަހަރުގެ ޝާނާ އަކީ އުފަންވީ ދުވަހުން ފެށިގެން "ހައިޑްރޯސެފަލިސް" ނަމަކަށް ކިޔުނު ބައްޔެއް ތަޙައްމަލު ކުރަމުންދާ ކުއްޖެކެވެ. މިބަލީގެ ސަބަބުން އޭނާގެ ބޮލާއި މައިބަދައިގާ ހުންނަނީ ފެން އުފެދިފައެވެ.

ޝާނާ އާއި ބެހޭ ގޮތުން "މިއަދުނޫހަށް" ދިން ޚާއްސަ އިންޓަރވިއު އެއްގައި އޭނާގެ މަންމަ ބުނީ، ޝާނާ އުފަންވީ ދުވަސް ނުފުރާ، ބަނޑަށް އަށް މަހުގައި ކަމަށެވެ. ސިޒޭރިއަން ހަދައިގެން ޝާނާ ނަގަން ޖެހުނީ، ބަނޑުގައި އޮތް އިރު ކުއްޖާގެ ހާލު ދެރަވެ، ވިންދު ނުޖަހާކަމަށް ޑޮކްޓަރުން ބުނުމުންނެވެ. ސިއްޙީ މައްސަލަތަކެއް ޝާނާގެ ހުރިކަން ފުރަތަމަ އެނގުނީ, ޝާނާއަށް އޭނާގެ މަންމަ ބަލިވެއިން އިރު ބަނޑަށް ފަސް މަހުގައެވެ.



"ބޮލުގައި ފެން އުފެދުމުގެ ސަބަބުން މިހާރު ޝަންޓެއް ވެސް ލައްވާފަ އިންނަނީ. ކުރިން އިންނާނެ އޭޑީކޭ އިން ވެސް އޮޕަރޭޝަނެއް ކޮށްފަ. ބޮލުގެ އެތެރެއިން ފެންދާ ގޮތަށް ލޯވަޅެއް އެޅީ." ޝާނާގެ މަންމަ ކިޔާދިނެވެ.

އޭނާގެ މަންމަ ބުނިގޮތުގައި އެފަހަރު އޭޑީކޭއިން ދެއްކި ނާރުގެ ޑޮކްޓަރު، ޝާނާގެ ސިކުނޑި ތެރެއިން ލޯވަޅެއް ތޮރުފިއެވެ. ނަމަވެސް ފަހުން އެލޯވަޅު އިންފެކްޓު ވެގެން ބެދުނީއެވެ. އެހެންވުމުން، އިތުރު ފަރުވާއަށް ޝާނާ އިންޑިއާ އަށް ގެންދިޔައެވެ. އިންޑިއާ އަށް ގޮސް މިހާރު ޝަންޓެއް ލައްވާފައި އިން ކަމަށް ޝާނާގެ މަންމަ ބުންޏެވެ.

"ބަނޑަށް ފަސް މަހުގަ އެނގުނީ ޝާނާ އަކީ ބަލިކުއްޖެއްކަން. ވިހެއިރު މައިބަދައިގެ ނާރުތައް ހުރީ ނިކުމެފަ. އެހެންވެ އެފަހަރު ވެސް ބޭސްކުރަން އިންޑިއާ އަށް ދިޔުމަށްފަހު ދެ މަސް ފަހުން އައީ" ޝާނާގެ ބަލިހާލަތު ކިޔާދެމުން އޭނާގެ މަންމަ ބުންޏެވެ.

މީގެ އިތުރުން ޝާނާގެ މަންމަ ބުނީ، ޝާނާއަށް ބޭސް ކުރަން އިންޑިއާ އަށް މިހާރު ތިން ފަހަރަށް ދެވިއްޖެ ކަމަށާއި އެންމެ ފުރަތަމަ ބޭސްކުރަން ދިޔައީ ޝާނާގެ އުމުރުން 11 ވަނަ ދުވަހުގައި ކަމަށެވެ. އެފަހަރު އިންޑިއާއަށް ދިޔައީ އާސަންދަ މެދުވެރިކޮށެވެ. ޝާނާގެ ފައި ހަރަކާތް ނުކުރަނީ ފައިގެ ނާރުތައް އެތެރެއަށް ވައްދާލާފަ ހުރުމުގެ ސަބަބުން ކަމަށާއި އަދި އޭނާގެފައި ހަރަކާތް ނުކުރާނެ ކަމަށް ޑޮކްޓަރުން ވަނީ އެއިރު ބުނެފައެވެ. ޝާނާ އަށް އަދިވެސް ނުހިނގުނު ކަމުގައި ވިޔަސް، އޭނާގެ ކަނާތުފައި މިހާރު ކުޑަކޮށް ތެޅުވެއެވެ.

"ޝަންޓް ލެއްވިފަހުން ތަންކޮޅެއް ވެސް ރަނގަޅު. ކަނާތުން އެއްވެސް އެއްޗެއްގައި އަދިވެސް ނުހިފޭ. ޑޮކްޓަރުން ބުނެފަ އިނީ ހޮޅިލެއްވީމަ ރަނގަޅު ވާނެ ކަމަށް"

ޝާނާގެ ބޮޮލަށް މިހާރު ލައްވާފަ އިން ހޮޅި ރަނގަޅު ކަމުގައި ވިޔަސް ބޮލުގައި އިތުރަށް ފެން ހުރުމުން އިތުރު ހޮޅިއެއް ލައްވަން ޖެހިފައިވެއެވެ. އިތުރު ހޮޅިއެއް ލެއްވުމަށް އާސަންދަ މެދުވެރިކޮށް އަންނަ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހު ޝާނާ ގޮވައިގެން އިންޑިއާ އަށް ފުރަން ވަނީ ހަމަޖެހިފައެވެ. އާސަންދައިން ބޭސްފަރުވާގެ ޚަރަދު ދީފައިވީ ނަމަވެސް، އެކަމަކީ ގިނަ ދުވަސް ނަގާނެ ކަމަކަށް ވުމުން އިންޑިއާގައި ގިނަ ދުވަހު މަޑު ކުރަން ޖެހެއެވެ. ކެއިންބުއިމާއި ހުރުމުގެ ޚަރަދަށް ނުހަނު ގިނަ ފައިސާ ބޭނުންވާނެތީ، އެއާއިލާއަށް ވަނީ އެހީތެރިކަމަށް ބޭނުންވެފައެވެ.

"ހުރުމާ ކެއުމާއި އެއްޗެހި ވަރަށް އަގު ބޮޑު އެކޮޅުން. އަސްލު ދަތިކަމުން ކުރިން ވެސް ނުދެވިފަ ހުރީ. އިތުރަށް ބޮލުގަ ފެން ހެދިފަ ހުރިކަން އެނގުނީ ވެސް މިއަހަރު ފެބްރުއަރީ މަހު އިންޑިއާ އަށް ގޮސް ދެއްކުމުން، އެއިރު ދިޔައީ އާސަންދަ އެހީގައެއް ނޫން، އަމިއްލަ ޚަރަދުގަ. ގޮސްފަ ބެލިއިރު އެނގުނީ ވެސް. އަސްލު މިކޮޅަކުން ނޭނގެ ދޯ. ހޮޅި ރަނގަޅޭ ހައްތަހާވެސް ޑޮކްޓަރުން ކިޔަނީ މިކޮޅުން، އިތުރަށް ފެން ހުރި ވާހަކައެއް ޑޮކްޓަރުން ނުބުނޭ. އެކޮޅަށް ދެއްކީމަ އެނގުނީ އިތުރަށް ފެން ހުރިކަންވެސް. އެހެންވެ ދާން އަވަހަށް މިމަސައްކަތް ކުރަނީ ވެސް" ޝާނާ ގެ މަންމަ ބުންޏެވެ.

ޝާނާގެ ބޮލުގައި އުފެދިފައިވާ އިތުރު ފެންތައް ހިންދުމަށް، ދެވަނަ ޝަންޓެއް ލައްވަންދާން ތައްޔާރުވެފައިވީ ނަމަވެސް، އެކަމަކީ އިންޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކޮށްގެން ނޫނީ ނުވާނެ ކަމެކެވެ. އަދި އެއީ ވަރަށް ގިނަ ޚަރަދުތަކެއް ދާނެ ކަމަކަށްވުމާއި އެކު، އާއިލާއިން އެދެނީ ވީހާވެސް ގިނަ ބައެއްގެ ދީލަތި އެހީ މިތުއްތު ތުއްތު ކުއްޖާގެ ބޭސްފަރުވާ އަށް ލިބުމެވެ.

އެހީތެރިވެދެއްވުމަށް ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރ: 101 507629 7715 (ސާދުނާ ޖައުފަރު) އަށް، ނުވަތަ
ބީއެމްއެލް ޑޮލަރ އެކައުންޓް ނަންބަރ: 072 000104 7730 (ސާދުނާ ޖައުފަރު) އަށް ފައިސާ ޖަމާ ކޮށްދެއްވާށެވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 9942108 ނަންބަރ ފޯނާއި ގުޅާލާށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ