އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެއިޓަރަކަށްވީތީ "ފެންވަރު" ހަނދާންކޮށްދިން

ވެއިޓަރަކަށްވީތީ "ފެންވަރު" ހަނދާންކޮށްދިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު

"އަހަންނަކީ މާލޭގެ ކެފޭ އެއްގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރި މީހެކެވެ. އެތަނުގަައި އަހަންނަށް ދެމިހުރެވުނީ އެންމެ ހަތަރު މަސް ވަންދެންނެވެ. އޭގެ ކުރިން ރިސޯޓެއްގައި ވެއިޓަރުކަން ކުރި އިރު ތިން އަހަރު ވަންދެން އެމަސައްކަތް ކޮށްފައި، އެތަނުން ވަކިވީ ދިރިއުޅުމުގެ ހާލަތު އެވަގުތު ހުރި ގޮތުން މާލޭގައި އަބަދު ހުންނަން މަޖުބޫރު ވުމުގެ ސަބަބުންނެވެ.

ރިސޯޓުގައި އެހާމެ ދިގު މުއްދަތަކަށް ވެއިޓަރުކަން ކުރުމަށްފަހު، ކެފޭގައި އެންމެ ހަތަރު މަސްވަންދެން އެމަސައްކަތްކޮށް އެދާއިރާއާއި ވަކިވީ ހިތައް ކެތް ނުވެގެންނެވެ. ވެއިޓަރުންނާއި މެދު ދިވެހިން އިހާނެތިކޮށް ކަންތައް ކުރާއަޑު އޭގެ ކުރިން އިވިފައިވީ ނަމަވެސް އެއީ ތެދެއްކަން ޤަބޫލު ކުރެވުނީ އަމިއްލައަށް އެކަމާއި ކުރިމަތިލާން ޖެހުމުންނެވެ. ރިސޯޓުގައި ގިނައިން ޚިދުމަތް ދޭން ޖެހުނީ ބިދޭސީންނަށެވެ. އެމީހުން ވާހަކަ ދައްކަނީ ވަރަށް ވެސް އޯގާތެރިކަމާއި އެކުވެރިކަން މަތީގައެވެ. ނަމަވެސް ކެފޭގައި މަސައްކަތް ކުރިއިރު، ކުރެވުުނީ މުޅިން އެހެން ތަޖުރިބާއެކެވެ.

އެތަނުގައި ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތިވި ކަމުގައި ވިޔަސް، އޭގެތެރެއިން ދެ ހާދިސާއެއް ކިޔާލަދޭނަމެވެ. އަހަރެން މަސައްކަތް ކުރާ ކެފޭގައި، ތާޒާ ބުއިންތައް ތައްޔާރު ކުރާއިރު ހަކުރެއް ނާޅައެވެ. ހަކުރު އަޅަނީ ކަސްޓަމަރ އެކަމަށް އެދުމުންނެވެ. އެތަނަށް އެއްދުވަހު ފިރިހެނެއް ގޮސް އޯޑަރ ދިނީ 'ފްރެޝް އޮރެންޖު ޖޫސް' އަކަށެވެ. އެހެންކަމުން، އޭތި ތައްޔާރު ކޮށްގެން އޭނާއަށް ދިނުމުން، އިރުކޮޅެއް ފަހުން ކައުންޓަރު މަތީގައި ޖޫސްތަށި ބަހައްޓާފައި ވަރަށް ހަޑިކޮށް އެއްޗެހި ކިޔެވެ. ފުރަތަމަ ވެސް އޭނާ އެހީ، ޖޫސް ތައްޓެއް ގެނެސްދޭން ބުނުމުން، އެއީ އޭނާއަށް ކުރާ ޖެއްސުމެއްތޯއެވެ. ކިހިނެއްތޯވީ އެހުމުން އޭނާ ބުނީ އޭގެން ފޮނިރަހަ ނުލާކަމަށެވެ. ހަކުރު އަޅާދެނީ ކަސްޓަމަރ އެކަމަށް އެދުމުން ކަމަށާއި މެނޫގައި ވެސް އެހެން ޖަހާލާފަ އިންނާނެކަން އޭނާއަށް ހަނދާން ކޮށްދިނީމެވެ.

ނަމަވެސް ވަރަށް ރުޅިއައިސްފައި، އެޖޫސްތައްޓެއް ނުބޯނަމޭ ހަކުރު އަޅައިގެން އެހެން ޖޫސްތައްޓެއް ގެނެސްދޭށޭ ބުނެ އޭނާ އެތަނުން ދިޔައެވެ. އެހެންކަމުން ހަކުރު އަޅައިގެން އެހެން ޖޫސްތައްޓެއް ހަދައިގެން އަނެއްކާވެސް ގެންގޮސް ދިނީމެވެ. އެޖޫސްތަށި ބޮއެފަވެސް އޭނަ ޖެއްސީ މައްސަލައެވެ. ބުނީ އޭނާ ބޮނީ ބްރައުން ޝުގަރ ކަމަށާއި އަހަރުމެން އުޅެނީ އޭނާއަށް ހަކުރުބަލި ޖައްސާ މަރާލަން ކަމަށެވެ. އެޖޫސްތަށި ވެސް ބަހައްޓާފައި ފައިސާވެސް ނުދޭނަމޭ ބުނެ އޭނާ އެތަނުން ދިޔައެވެ. އެކަމާއި އަޅާނުލުމަށާއި ފައިސާ ހޯދަންވެސް ފަހަތުން ނުދާން މެނޭޖަރ ބުނީ 'ކަސްޓަމަރސް އާރ އޯލްވޭސް ރައިޓް' ކަމަށް ބުނެއެވެ.

ދެން ދިމާވި އެހެން ހާދިސާއަކީ، ހަގީގަތުގައި އަހަރެން ވެއިޓަރުކަން ކުރުން ހުއްޓާލަން ދިމާވި އެންމެ ބޮޑު އެއް ސަބަބެވެ. އެކެފޭއަށް ހަތަރު އަންހެން ކުދިން، ހަވީރު ފިންޏަށް ނަލަ ހެދިލައިގެން 'ކޮފީ' އަކަށް ދިޔައެވެ. އޭގެން އެއްވެސް ކުއްޖެއް ލާފަ ހުރި ހެދުމެއްގެ އަތެއް ނެތެވެ. އަދި ގަޔަށް އެހާމެ ބާރެވެ. މޫނުމަތީގައި އެވަރަށް ފުށްޖަހާ، ހަ ބޯމިނަށް ލިޕްސްޓިކް ހާކާފައި ހުއްޓެވެ.

އޯޑަރު ނަގަން އެންމެ ފުރަތަމަވެސް އަހަރެން ދިޔުމުން އެމީހުން އަހަންނާއި ވާހަކަ ދެއްކީ ވަރަށް ސަމާސާ މިޒާޖަކަށެވެ. އަހަރެން ބޭނުން އެއްޗެއް ގެންނާށޭ ވެސް އެކަކު ބުންޏެވެ. އެކުދިން އެވަރަށް ސަކަރާތް ޖެހުމުން އަހަރެން ވެސް ވާހަކަ ދެއްކީ ހީލާފައެވެ.

ކޮފީގައި ތިބެ ދުންފަތުގެ އިސްތިއުމާލު ވެސް ކުރުމަށްފަހު، އެކުދިން ދެން ބެނުންވީ ހަތަރު ކުދިން އެއްކޮށް ސެލްފީ އެއް ނަގާށެވެ. ނަމަވެސް އެކުދިން އަމިއްލައަށް އެކަން ނުކުރެވިގެން އަހަރެންގެ އެހީއަށް އެދުމުން، އަހަރެން އެކުދިންނަށް ފޮޓޯ ނަގާދިނީމެވެ. ފޮޓޯ ނަގާދީ ނިމުމާއިއެކު، އެތަނުން އެއްކުއްޖަކު ބުނީ ފޮޓޯ ވަރަށް ރީތި ކަމަށެވެ. އޭނާ އެހެން ބުނުމުން، ސަމާސާ ގޮތަކަށް އަހަންނަށް ބުނެވުނީ ރީތި ކުދިންގެ ފޮޓޯ ވެސް ރީތި ވާނެ ނޫން ހެއްޔޭއެވެ.

އެހެން އަހަންނަށް ބުނެވުނީތީ އެއަންހެން ކުއްޖާ ވަރަށް ރުޅިއައިސްގެން އަހަންނާއި ދިމާލަށް އައުގުރާނަ ގޮވިއެވެ. އަދި ތާކުން ހަމަ އަންހެން ކުއްޖެއް ފެންނައިރަށް ނުފޮށި އެތަނަށްދާ މީހުންނަށް ރަނގަޅު ޚިދުމަތެއް ދޭން 'ކޮންސެންޓްރޭޓް' ކުރުމަށް ވެސް ބުންޏެވެ. އޭގެ އިތުރުން އޭނާ ބުނީ 'ތިއީ ވެއިޓަރެއް. އެހެންވީމަ އެމަގާމުގަ ހުންނާނީ އިނގޭ. ފެންވަރު އޮޅިގެން އުޅޭނެ ކަމެއް ނެތް' މިހެންނެވެ.

ހަގީގަތުގައި ވެސް ދިވެހިންގެ ނަޒަރުގައި ވެއިޓަރުންނަކީ ކިހާ ފެންވަރެއްގެ ބައެއްކަން އަހަންނަށް އެދުވަހު އަންދާޒާ ކުރެވުނެވެ. އެހެންކަމުން އަހަރެން ބޭނުންވީ އެކަމުން އަވަހަށް ސަލާމަތްވާށެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







rannabadeyri killegefaan 2017-10-28 19:49:51

Waiterunge magaamake rajje ge resort faharuga professional magaameh vaki kahala thamreen than hadhain noony ehbai resort faharuga waiteru kamuge vazeefaaeh nulibeyne hageegathaky size olhuny waiteru meehaaehnoon eh malaamai kuri dhivehin

ސުނީ 2017-10-28 22:47:10

މިއާޓިކަލުން އަހަރެންނަށް އެނގުނީ މީ މަރިޔަމް ވަހީދާއަށް ދިމާވި ކަމެއްހެން. މިހެން މިބުނީ މިއާޓިކަލް ލިޔުނީ މަރިޔަމް ވަހީދާކަމަށް ވެފާ ލިޔުން އަހަރެން ކަމަށްވާތީ.


މަރިޔަމް ވަހީދާ