އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަނަ (ތިންވަނަ ބައި)

ކަމަނަ (ތިންވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 29 ސިކުންތު

"އެންމެ ފަހުން އަނެއްކާވެސް ދިމާވެއްޖެ ދޯ" އާދަޔާ ޚިލާފު ހިނިތުންވުމަކާއިއެކު ކަމަނަ ބުންޏެވެ.

ވީރާނާވެފައިވާ އެގޭ ތެރެއިން ކަމަނަ ފެނުމުން، ލިބުނު އުފަލަށްވުރެ ބޮޑަށް ޔޫސުފް ވީ ހައިރާނެވެ. އަދި ކަމަނަ އެކުރި ސުވާލުންވެސް ޔޫސުފް ވަރަށް ބޮޑަށް ހައިރާންވިއެވެ.

"ކަމަނަ މިތާ ކީއްތިކުރަނީ؟" ޔޫސުފްއަށް އަހާލެވުނެވެ.

"ތިއީ އަހަރެން ޔޫސުފް އާއި ކުރަން ޖެހޭ ސުވާލެއްނު. ޔޫސުފް ވިއްޔަ އަހަރެންގެ ގޭގައި ތިހުރީ" ވަރަށް ހަމަޖެހިލާފައި ކަމަނަ ބުންޏެވެ.

"މިއީ ކަމަނަ ދިރިއުޅޭ ގެ؟؟؟" ވަރަށް ބޮޑަށް ހައިރާންވެފައި ދެކޮޅު ބަލާލާފައި ޔޫސުފްއަށް އަހާލެވުނެވެ.

"ކީއްވީ؟ ޒަމާނީ ފެންވަރަށް ހަދާފަ ނެތީމަތަ؟ އެންމެންނަކީ އެހާ ފޯރާބަޔަކަށް ނުވާނެއްނު" ކަމަނަ އެހެން ބުނުމުން ޔޫސުފް ވަރަށް ލަދުގަތެވެ.

"ނޫން އެހެނެއް ނޫން މިބުނީ. އެކަމަކު، ކަމަނަ ރީތިކަމުން މިކަހަލަ ކުރީ ޒަމާނު ފެންވަރަށް ހަދާފަ ހުރި ގެއެއްގައި އުޅޭތީ ހައިރާންވީ. މިކަހަލަ ގޭގެ ވަރަށް ނުފެނޭ ވިއްޔަ މިހާރަކަށް އައިސް" ލަދުންގޮސް ކިޔޭ ނުކިޔޭއެއް ނޭނގޭ ހާލު، ޔޫސުފް ޖަވާބު ދިނެވެ.

"ހޫނ ދެން އެންމެ ރަނގަޅޭ ތިވަރަށް އެސުވާލު ފޫބައްދަން އުޅޭނެކަމެއް ނެތް. މިގޭގައި ކުރިން އުޅުނީ އަހަރެންގެ އިތުރުން އަހަރެންގެ މަންމައާއި ދޮންބައްޕަ. އެމީހުން މިހާރު މިދުނިޔެއަކު ނެތް. އަހަރެން ދާނެ އެހެން ތަނެއް ނެތީމަ، އަހަރެންގެ މަންމަގެ ހަނދާންތަކާއިއެކު މިގޭގެ މިއުޅެނީ." ކަމަނަގެ އެވާހަކަތައް އަޑު އަހާފައި އިތުރަށް ޔޫސުފްއަށް ކަމަނައާއި ގަޔާ ވެވުނެވެ.

"އަހަރުމެން ގެއަށް ދާން ހިނގާ. ގޭގަ އުޅޭނީ އަހަރެންގެ މަންމަ އާއި އަހަރެންގެ ދަރިފުޅު އައިދަން އެކަނި. އަހަރެން ވަރަށް ކުޑައިރު ބައްޕަަވަނީ ނިޔާވެފަ" ޔޫސުފްގެ ހަޔާތާއި ބެހޭ ގޮތުން ވެސް ކޮންމެވެސް ވަރަކަށް ކަމަނައަށް ކިޔާ ދިނެވެ.

"ދެން ކޮބާ އަންހެނުން؟ އައިދަން ގެ މަންމަ؟" ހައިރާންކަން ދައްކަމުން ކަމަނަ އަހާލިއެވެ.

"އެއީ މިހާރު އަހަރެންގެ އަނތްބެއް ނޫން. އައިދަންގެ އުމުރުން ތިން އަހަރުގައި އެހެން މީހަކާއި ރައްޓެހިވެގެން، އަހަރެން ކައިރިން ވަރިވެގެން އޭނާ އެހެން ރަށަކަށް ގޮއްސި. ދުނިޔޭގައި ހުރިކަމެއް ވެސް ނެތް ކަމެއް ވެސް ނޭނގެ" ކޮންމެވެސް ވަރަކަށް މާޔޫސްވެފައި ޔޫސުފް އަށް ބުނެވުނެވެ.

"ބޭނުންތަ ބަލަން؟"

"ކޯއްޗެއް؟"

"ދަރިފުޅުގެ މަންމަ ދުނިޔޭގަ ހުރިތޯ ނެތްތޯ" އަނތްބަކު ޝަކުވާ ކުރާފަދަ ގޮތަކަށް ކަމަނަ އަހާލިއެވެ.

"ހެހެހެހެ ނޫނޭ، އެއީ މާޒީދޯ. މިހާރު ބޭނުންވަނީ އެހެން ކަމެެއް" އުފާވެރި ހިނިތުންވުމަކާއިއެކު ޔޫސުފް ބުންޏެވެ.

"އެއީ ކޮންކަމެއް؟ އަހަރެން ތިގެއަށް ގެންދަން" ޖަވާބު އެނގިހުރެ ކަމަނަ ބުންޏެވެ.

"އާނ. އެކަމަކު އެއަށްވުރެ ބޮޑަށް ބޭނުންވަނީ ކަމަނައާއި ކައިވެނި ކުރަން. އެއީ އެކަމަކު ކަމަނަ ހުސްކޮށް ހުރިއްޔާ، އެހެން މީހެއްގެ މީހެއްކަމުގަ ވަންޏާ މިއީ ނުދައްކާ ވާހަކައެއް އިނގޭ" އަންހެނަކަށް އެފަދަ ގޮތަކަށް ކައިވެނި ހުށަހެޅުމުން ޔޫސުފް ހައިރާންވެސް ވިއެވެ.

"ނަސީބަކުން އެހެން މީހަކު ނެތް. ޔޫސުފް އާއި ކައިވެނިވެސް ކޮށްފާނަން. ތިގެއަށް ވެސް ގޮސްފާނަން. އެކަމަކު އަހަރެންގެ އެބައޮތް ޝަރުތެއް"

"އެއީ ކޮން ޝަރުތެއް؟" އުފަލާއިއެކު ޔޫސުފްއަށް އަހާލެވުނެވެ. ކަމަނައާއި ކައިވެނިކުރެވޭނެ ކޮންމެފަދަ ޝަރުތެއް ބުނި ނަމަވެސް، ޔޫސުފް ހުރީ އެކަމަކަށް ތައްޔާރަށެވެ.

"އެއީ މާގިނަ މީހުންނަށް ނުވާނެ އަހަރެން ތަޢާރަފް ކޮށްދީ، ދައްކައިގެނެއް. އަހަރެން މިއީ މިރަށުގަ އުޅުނަސް، މިރަށު ގިނަ މީހުންނަށް އެހާ ފެންނާނެ މީހެއް ނޫން. ޚާއްސަކޮށް އުމުރުން ދުވަސްވެފައި ތިބި މީހުންނަށް އަހަރެން ދައްކައިގެން ނުވާނެ. އަދި މިޝަރުތު މިކަނޑައެޅީ ކީއްވެކަން ވެސް ސުވާލު ކޮށްގެން ނުވާނެ" ވަރަށް ވެސް ހައިރާން ކުރުވަނިވި ޝަރުތެއް ކަމަނަ ކަނޑައެޅިއެވެ. އިރުކޮޅަކު ވިސްނާލުމަށްފަހު ޔޫސުފް ހިތައް އެރީ، އެފަދަ ރީތި ކުއްޖަކު، ގިނަ ބަޔަކަށް ފެނުން ވެސް ރަނގަޅު ކަމަކަށް ނުވާނެ ކަމަށާއި އެހެންކަމުން އެއީ ހަމަ ރަނގަޅު ޝަރުތެއް ކަމަށެވެ.

"އެންމެ ރަނގަޅު. އަހަރެން ހިތާއި ބޮލުން ތިޝަރުތު ބަލައިގެންފިން. އެކަމަކު، އަހަރެންގެ މަންމައަށް ކަމަނަ ދެއްކިޔަސް އެންމެ ރަނގަޅުތަ؟ މަންމައާއި އެއް ގެއެއްގައި އުޅޭއިރު، ކޮންމެހެނަކަސް މަންމައަށް ފެންނާނެ ދޯ" ސަމާސާ މިޒާޖަކަށް ޔޫސުފް އަހާލިއެވެ.

"މަންމައަކީ އުމުރުން ދުވަސްވެފަ ހުރި މީހެކޭތަ ތިބުނީ؟ ހުރެބަލަ ގެއަށް ގޮސް ކުޓުވާލާނަން މަންމަ ކައިރީގަ" ކަމަނަވެސް ސަމާސާ ގޮތަކަށް ހޭންފަށާފައި ބުންޏެވެ.

ދެމީހުން އެފަދައިން ހީސަމާސާކޮށް ވާހަކަ ދައްކަން ތިއްބާ ގަޑިދިޔަ ގޮތެއް ވެސް ނޭނގުނެވެ. އައިދަން އަށް ކިރުދަޅު ގެންދަން ޖެހޭކަން ކުއްލިއަކަށް ހަނދާންވުމުން، ގެއަށްދާން ޔޫސުފް އަވަސްވެ ގަތެވެ. އެއިރު ގަޑިން ހަތަރެއް ޖަހައިފިއެވެ. ޔޫސުފް ބޭނުންވީ ކަމަނަ ވެސް ގޮވައިގެން ދާށެވެ. ނަމަވެސް ކަމަނަ ބުނީ، އެހާ ދަންވަރު ގަޑިއެއްގައި ކަމަނަ ގެންދިޔުމުން ޔޫސުފްގެ މަންމަ ވެސް ހިތްހަމަ ނުޖެހިދާނެ ކަމަށާއި، އެހެންކަމުން އެންމެ ފުރަތަމަ މަންމައާއި އެވާހަކަ ދެއްކުމަށްފަހު ކަމަނަ ގެންދަން އައުމަށެވެ. ޔޫސުފް ވެސް އެކަމަށް އެއްބަސްވެފައި، ސައިކަލުގައި ޕެޓްރޯލް ނެތުމުގެ ސަަބަބުން އެގޭ ކައިރީގައި ސައިކަލު ބަހައްޓާފައި ދިޔަޔަސް ހެޔޮތޯ އެއްސެވެ. އެކަމަށް ކަމަނަ ހުއްދަ ދިނެވެ.

"އެކަމަކު، އަހަންނަކަށް ނޭނގެ މިތަނުން ގެއަށްދާކަށް. މިގެއަށް އަސްލު މިއާދެވުނީ ވެސް ދުއްވާ ދުއްވާ ރުއްދަނޑުން ނުނިކުމެވިގެން، ގެއަށް ދެވޭނެ މަގު އޮޅިގެން. މިތަނުން ނިކުމެވޭނެ ގޮތެއް ކިޔާދީފާނަންތަ؟" މަގު އޮޅުނުކަން ކުއްލިއަކަށް ހަނދާންވެގެން ޔޫސުފް ބުންޏެވެ.

"މިގެއިން ނިކުމެގެން ކަނާތް ފަރާތަށް އަޅާލާފަ ހުރި ގޮތަށް ދޭ. ކުޑަ އިރުކޮޅަކުން ބޮޑު މަގު ފެންނާނެ. ބޮޑު މަގު ފެނުނީމަ ދެން އިނގޭނެ ދޯ ގެއަށް ދާން؟" ޔޫސުފްއާއި ކުޑަކޮށް ދިމާކޮށްލަމުން ކަމަނަ ބުންޏެވެ.
"ހެެހް.. އާނ ބޮޑު މަގު ފެނިއްޖިއްޔާ އިނގޭނެ. އެކަމަކު ޔަގީންތަ އެހެން ދިޔައިމަ ފެންނާނެކަން މަގު؟ މަ ވަރަށް ދުއްވިން ތިހުރިހާ ގޮތަކަށް ވެސް، އެކަމަކު އެއްވެސް މަގެއް ނުފެނުން"

"ޔޫސުފްއަށް ނުފެންނަ ވަރަށް ގިނަ އެއްޗެހި އަހަންނަށް ފެނެޔޭ. ހެހެ.. އަޅެ ގޮތް ބަލާލަން ދޭބަލަ އެހެން. މަގު ނުފެނިއްޖިއްޔާ އަނބުރާލާފަ މިގެއަށް އަންނާތި. އެކަމަކު މަށަށް ޔަގީން ފެންނާނެކަން." ކަމަނަ އެހެން ބުނުމުން އަނެއްކާވެސް ހައިރާންވިއެވެ.

"ތިއީ ބައެއް ފަހަރު ވަރަށް ހައިރާން ކުރުވާފަދަ ބަސް ބުނާ ކުއްޖެއް" ސަމާސާ ގޮތަކަށް ޔޫސުފް ބުންޏެވެ. "އެންމެ ރަނގަޅު. އަހަރެން މިދަނީ. އެކަމަކު އިރާދަ ކުރެއްވިއްޔާ މާދަމާ މަންމައާއި ވާހަކަ ދައްކާފަ ކަމަނަ ބަލާ އަންނާނަން. އަދި އަވަހަށް ކައިވެނި ވެސް ކުރާނަން."

"އަހަރެން އިންތިޒާރު ކުރާނަން" އެބޮޑު ދެލޮލުން ޔޫސުފްއަށްޓަކައި ވަރަށް ބޮޑަށް ލޯބި ފާޅު ކުރަމުން ކަމަނަ ބުންޏެވެ.

ޔޫސުފް ގެއިން ބޭރަށް ނިކުމެ، ކަމަނަ ބުނި ފަދައިން ހިނގައިގަތެވެ. ކަމަނަ ބުނީ ތެދެކެވެ. އެހެން ހިނގަން ފެށިތާ ދިހަ މިނެޓުވެސް ނުވެ، ބޮޑު މަގު ފެނުނެވެ. އޭނާ ކުރިން އެވަރަށް ދުއްވި އިރުވެސް ނުފެނުނު މަގެއް ކުއްލިއަކަށް ފެނުމުން ޔޫސުފް ވަރަށް ހައިރާންވިއެވެ. ނަމަވެސް ކަމަނަ ދިރިއުޅޭ ހިސާބުވީމަ ބޮޑަށް އެނގޭނީ ކަމަނައަށޭ ހިތައް އަރުވާލާފައި ޔޫސުފް ދިޔައީ ގެއަށެވެ. ގެއަށް ދިޔައިރު ޔޫސުފް ގެ މަންމައާއި ދަރިފުޅު އައިދަން ވެސް އޮތީ ނިދާފައެވެ. އެހެންކަމުން ޔޫސުފް ވެސް އޮށޯވެ ނިދާލީ، އެރޭވެސް ކަމަނަ ގެ ޚިޔާލުތަކުގައި އޮވެއެވެ.

"ދަރިފުޅާ. ދަރިފުޅާ. ތެދުވެބަލަ. މިއަދު އޮފީހަށް ވެސް ނުދަނީތަ؟" ޔޫސުފް އަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. ގަޑިން ކިހާއިރެއްތޯ ބަލާލިއިރު ހެނދުނު 8:15 ވެއްޖެއެވެ. ޔޫސުފް އޮފީހަށް ދާން ޖެހެނީ 9:00 ޖަހާއިރަށެވެ.
"ލައްބަ މަންމާ. މިއަދު އޮފީހަށް ދާހިތެއް ނެތް. ވަރަށް ބޮލުގަ ވެސް އެބަ ރިއްސާ" ފޯނު ނަގާފައި ސަލާމުގެ މެސެޖެއް އޮފީހަށް ފޮނުވަމުން ޔޫސުފް ބުންޏެވެ.

"ބޮލުގަ ވެސް ރިއްސާނެއްނު. އެހާ ދަންވަރު ބޭރަށް ދަންޏާ. ދަރިފުޅު މިހާރަކަށް އައިސް ކޮންމެ ރެއަކު ދަންވަރު ކޮންތާކަށްތަ ތިދަނީ؟" މަންމަގެ އެސުވާލުން ޔޫސުފަށް ވަރަށް ބޮޑު ޝޮކެއް ލިބުނެވެ.

"ކޮންމެ ރެއަކުއޭ؟ ނުދަމެއްނު ކޮންމެ ރެއަކު. ރޭގަ އެކަނި ދަންވަރު ބެރުގަ އުޅުނީ. އެވެސް ވީގޮތަކީ ސައިކަލު ޕެޓްރޯލް ހުސްވެގެން، އެހިސާބުގަ ހުރި ރައްޓެއްސެއްގެ ގޭގަ މަޑު ކޮށްލީ. ވާހަކައިގަ އިނދެގެން ގަޑިން ވީއިރެއްވެސް ނޭނގުނީ." މަންމައަށް ކުށްހީއެއް ވީކަމަށް ހީކޮށް، އެރޭ ވީކަންތައް ކުރު ގޮތަކަށް ޔޫސުފް ކިޔާދިނެވެ.

"އެހެން ނުވާނެ. އެންމެ ފަހުން އައިދަން ގޮވައިގެން އަތިރިމައްޗަށް ގޮޮއްސަ އައި ފަހުން ކޮންމެ ރެއަކު ދަންވަރު 2:00 ޖަހާއިރު ދަރިފުޅު ގެއިން ނިކުމެގެންދާތަން މަންމަ ދުށިން"

(ހަތަރުވަނަ ބަޔަށް އިންތިޒާރު ކޮށްލާ، ބިރުވެރިވުން އަދި އޮތީ ކުރިއަށް)

Advertisement

ކޮމެންޓް ކުރެއްވުމަށް







ނަޒީރާް 2017-10-29 10:04:15

ވަރަށް ރީތި ވާހަކައެއް


މަރިޔަމް ވަހީދާ