އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުގޭ ވަގުތީ މިސްކިތަށް ނަމާދަށް ގެންދާ ކުއްޖާގެ ސަބަބުން އެހެން މީހުންގެ ނަމާދަށް މުސީބާތަކަށް ނުހަދަމާ!

ބޮޑުގޭ ވަގުތީ މިސްކިތަށް ނަމާދަށް ގެންދާ ކުއްޖާގެ ސަބަބުން އެހެން މީހުންގެ ނަމާދަށް މުސީބާތަކަށް ނުހަދަމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ކުޑަކުދިން ލައްވައި ނަމާދުކުރުވުމަކީ ކުރަންޖެހޭ ކަމެކެވެ. ޅަފަތުގައި އެކަމަށް ތަރުބިއްޔަތު ނުކުރެވިއްޖެނަމަ އެއީ ފަހުން ނުކުރެވުން ކައިރި ކަމެކެވެ. ނަމާދުކުރަން އާދަކުރުވުމަކީ މައިން ބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ.

އެހެންކަމާއިއެކުވެސް މިސްކިތަށް ފޮނުވުމުގެކުރިންނާއި މިސްކިތަށް ގެންދިއުމުގެކުރިން އެކަމަށް ކުދިން ތަރުބިއްޔަތުކުރުވަން އެބަޖެހެއެވެ. ނަމާދަކީ ކޮބައިކަމާއި ނަމާދުކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ދަސްކޮށްދީ ތަރުބިއްޔަތުކުރުވަންވެސް އެބަޖެހެއެވެ. އެކަންކަން ނުކުރުމުން މުޅި ޖަމާއަތަށް ބައެއްފަހަރު މުޞީބާތްތައް ދަނީ ކުރިމަތިވަމުންނެވެ.

މާފަންނު ބޮޑުގޭގައި ހަދާފައިވާ ވަގުތީ މިސްކިތަށް 3-4 އަހަރުގެ ކުޑަކުއްޖަކު އެބަގެންދެއެވެ. އެކުއްޖާގެ ކަމަކީ ތަޅުންމަތީގައި މަޑިއަށް ޖެހުމާއި އަޑުގަދަކުރުމެވެ. ޖަމާއަތަށް ހަރަމްބަނުމުން ކޮންމެ ރަކްއަތެއްގައި އެތައް ފަހަރަކު ތަޅުން މައްޗަށް ވެއްޓިވެސް ގަނެއެވެ.

ސަރަހައްދުގައި ފުރޮޅޭތަންވެސް ފެނެއެވެ. އެކަންކަމުގެ ސަބަބުން މުޅި ޖަމާއަތަށް އެކަމުގެ އަސަރުކުރެއެވެ.

އެކަންކަމުގައި އެކުއްޖާގެ އެއްވެސް ކުށެއް ނެތެވެ. ޒިންމާ އުފުލަންޖެހޭނީ މައިންބަފައިންނެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)، އިތުރު އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ދެ ދަރިކަލުން ކަމަށްވާ ޙަސަނުގެފާނާއި ޙުސައިނުގެފާނު މިސްކިތަށް ގެންދެވިއެވެ. ބައެއް ފަހަރު އިތުރު މާތް ނަބިއްޔާ ސަޖިދައަށް ވަޑައިގަތުމުން ކަނދުރާފުޅުގައި އިށީނދެވަޑައިގެން ހެއްދެވިއެވެ. އެކަމުގެ ސަބަބުން ސަޖިދައިގައި އިތުރަށް މަޑުކުރައްވަން ޖެހިވަޑައިގެންފައިވެސްވެއެވެ. ނަމަވެސް އެކަން މަނާކުރައްވަވާފައެއް ނުވެއެވެ.

އެ މާތް ދެ ދަރިކަލުން މިސްކިތްކޮޅުގައި އަޑުގަދަކުރައްވައި އެހެން މީހުންނަށް އުނދަގޫފުޅު ކުރެއްވިކަން އެނގޭކަށް ނެތެވެ. މިކަމަށް ވިސްނައިލުމުން އެނގެނީ ކުއްޖަކު އޭނާ ގޮވައިގެން މިސްކިތަށްދާ މީހާއަށް އުދަނގުލެއް ކުރި ނަމަވެސް އެކަން މަނާކުރުމެއް ނެތްކަމެވެ. މަސައްކަތްކުރަންވީ ރަނގަޅު ގޮތްތައް ދަސްކޮށްދިނުމަށް ކަމެވެ.

ބުލޫ ހެވަން ކައިރީގައި ހުރި މިސްކިތުންވެސް މިފަދަ މަންޒަރެއް ރޭ ފެނުނެވެ. އިޝާ ނަމާދަށް ދިއަ ދެކުދިންނެވެ. އުމުރަކީ 12 ވަރަކަށް އަހަރުކަމަށްވެދާނެއެވެ. ދެކުދިންގެ ކިބައިގައި ވައްތަރުކަމެއްވެސް ހުއްޓެވެ.

ނަމާދުގައި ދެކުދިން ފުރަތަމަ ސަފުގައި ތިބީ ޖެހިޖެހިގެންނެވެ. އަޅިކުލައިގެ ޓީޝަރޓެއް ލައިގެން ހުރި ކުއްޖާގެ އުނދަނގުލާއިހުރެ ދެވަނަ ކުއްޖާ ސަފު ދޫކޮށް ގޮސް ހުއްޓުނީ އަނެއް ކުއްޖާއަށް ކައިރި ނުވެވޭނެ ގޮތަށް ދޮރެއްގެ ފާރުގެ ކައިރީގައެވެ.

ދެވަނަ ކުއްޖާ އެވަރަކުން ދުލެއް ނުކުރިއެވެ. ހަރަންބަނީ ފާރުގެ އަނެއްފަރާތުން ދޮރުމަތީގައި ފާރުގައި ޖެހިގެންހުރެއެވެ. މެދުގައި ފާރު ހުރިއިރުވެސް ގެންދިއައީ އިޝާރާތުންނާއި އަމަލުން އުނދަގޫކުރަމުންނެވެ.

މިސްކިތަށް އެ އުމުރުގެ ކުދިން ފޮނުވަންޖެހޭނެއެވެ. އެކުދިން ލައްވައި ނަމާދުކުރުވަންޖެހޭނެއެވެ. ހަމަ އެއާއިއެކު އެކުދިންނަށް ނަމާދަކީ ކޮބައިކަން އަންގައިދޭން ޖެހޭނެއެވެ. ވީވަރަކުން އެކުދިން މިސްކިތުގައި އުޅޭ ގޮތް ބަލަންވެސް ޖެހޭނެއެވެ. ބަންގި ގޮވީމާ ކޮއްޕާ މިސްކިތަށް ފޮނުވުމަކުން ނުފުދޭނެއެވެ.

ކަންކަން މިހެން ހުރި ނަމަވެސް ބައެއް މައިން ބަފައިން މިފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަންވެސް ދެއެވެ.

ބޮޑުގޭ ވަގުތީ މިސްކިތުން ކޮންމެ ދުވަހެއްގެ މެންދުރު ނަމާދު ވަގުތު އުމުރުން 7 އަހަރުވަރުގެ ކުއްޖަކާއި ބައްދަލުވެއެވެ. ހުންނަނީ ސްކޫލް ޔުނިފޯމުގައެވެ. ކުއްޖާ ގޮވައިގެން މިސްކިތަށް އަރަނީ ބައްޕަ ކަމަށް ވެދާނެއެވެ. ނަމާދުގައި ކުއްޖާ އަމަލުކުރަނީ ހާދަ ފުރިހަމައަށެވެ. އަމަލުތައް ގިނަ ބޮޑެތި މީހުންނަށްވުރެ ފުރިހަމައެވެ.

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވެސް އުމުރުން 12 ވަރަކަށް އަހަރުގެ ދެކުދިން ދެފަރާތުގައި ބައިތިއްބައިގެން ކީރިތި ޤްރްއާން ކިޔަވަން މީހަކު އެބައިނެވެ. ދެ ކުދިންވެސް ތިބީ ކިޔަވާށެވެ. ކިހައި އުފާވެރި މަންޒަރެއްތޯއެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް