އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިހެން ކުއްޖަކާއި ޖިންނި އެއްގެ ވާހަކަ

ފިރިހެން ކުއްޖަކާއި ޖިންނި އެއްގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 31 ސިކުންތު

"މިހާދިސާ ހިނގީ 1990 ގެ އަހަރު ތެރޭގައި ނޮޓިންގަމް ގެ މަދްރަސާއެއްގައެވެ. ވީރާނާވެފައިވާ އިމާރާތަކަށް އަހަރުމެން ދިޔައީމެވެ. އެއިމާރާތުގައި މީހަކު ދިރިނޫޅޭތާ ވިއްސަކަ އަހަރު ވެދާނެއެވެ. އަހަރުމެންގެ މަދްރަސާއަކަށް އެއިމާރާތް ހަމަޖެއްސުނެވެ.

އެމަދްރަސާއަކީ ވަރަށް ވެސް ބޮޑު އިމާރާތެކެވެ. މުޅިއަކު 120 ކޮޓަރި އެތަނުގައި ހިމެނެއެވެ. ކޮންމެ ކޮޓަރިއެއްގައި ދިރިއުޅެނީ ހަ ކުދިންނެވެ. ކިޔަވާ ގަޑި ނޫން ގަޑިތަކުގައި އަހަރުމެން ތިބެނީ އެއިމާރާތުގެ އުތުރުފަޅީގައެވެ. އެތަނުގައި ގާތްގަނޑަކަށް ހަތް ވަރަކަށް ގަޑީރު އަހަރުމެން ހޭދަ ކުރަމެވެ.

އެހެން އަހަރުމެން ތިބިތަން ފެނިގެން އެއްދުވަހު އަހަރުމެންގެ މުދައްރިއްސަކު ބުނީ، އެއިމާރާތުގެ ދެކުނަށް ހުންނަ ސަރަޙައްދަށް ނުދިއުމަށެވެ. އަހަރުމެންނަކީ އެއިރު ޒުވާނުން ކަމުގައިވާތީ، މުދައްރިސު އެހެން ބުނުމުން، އެބަޔަށްް ބޮޑަށް ދާހިތްވިއެވެ. އެހެންކަމުން އެދުވަހުގެ މެންދުރު 12:00 ޖެހުއިރު އަހަރުމެން އެއިމާރާތުގެ ދެކުނު ފަޅިއަށް ދިޔައީމެވެ. އެފަޅިއަށް ދިޔައީ އަހަންނާއިއެކު ހަތް ވަރަކަށް ކުދިންނެވެ.

އެތަނަށް ދިޔައިރު އަހަރުމެން އެންމެންވެސް ތިބީ އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓައިގެންނެވެ. އެއީ މެންދުރު ވަގުތުކަމުގައި ވިޔަސް، އެސަރަޙައްދު ހުރީ ވަރަށް ނާމާން ބިރުވެރި ގޮތަކަށެވެ. ދެކުނު ފަރާތަށް ދިޔަތާ ކުޑައިރުކޮޅެއް ނުވެ އަހަރުމެންނަށް އެތަނުން ފާޑުފާޑުގެ އަޑުތައް އިވެން ފެށިއެވެ. ދޮރުތައް ލެއްޕި ހުޅުވޭ އަޑާއި އެކިއެކި ބިރުވެރި އަޑުތައް އިވެން ފެށުމުން، ހިތައް އައިހާ ހެޔޮ އެއްޗެއް ކިޔަމުން އަހަރުމެން އަވަހަށް އެތަނުން ނިކުމެ ބިރުން ދުއްވައިގަތީމެވެ.

މިކަންތައްގަނޑަށްފަހު، އަހަރުމެންނާއިއެކު އެއިރު ކިޔަވަން އުޅުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކަށް ވަރަށް އާދަޔާ ޚިލާފު ކަމަކާއި ކުރިމަތިވިއެވެ. އޭނާއަކީ ބަންގްލަދޭޝް ކުއްޖެކެވެ. ވަރަށް މަޑުން ހުންނަ އެކުއްޖާއަށް ބެންގާލީ ބަސް ނޫން އެެހެން ބަހަކުން ވާހަކަ ދައްކަން ވެސް ނޭނގެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ޙާފިޒަކަށް ވުމަށެވެ. އެކަމަކު އެއިރު އޭނާއަށް ދަސްވެފައިވަނީ އެންމެ ފޮތެކެވެ.

ނަމަވެސް އެއްދުވަހު، އޭނާ އެކަނި އެއިމާރާތުގެ ބިރުވެރި ދެކުނު ފަޅިއަށް ދިޔައެވެ. އެދުވަހު ހަވީރު އޭނާ އެނބުރި އައުމުން އެއްވެސް ކަމެއް އޭނާއަށްވެފައި ހުރިކަމެއް އެކަކަށް ވެސް ނޭނގެއެވެ. މުސްޙަފް ހިފައިގެން މުދައްރިސްގާތަށް ގޮސް، އޭނާ އެދުނީ އޭނާ އިމްތިހާނު ކުރުމަށެވެ. މުދައްރިސް ގާތު އޭނާ މިހެން ބުނީ އަރަބި ބަހުންނެވެ.

އޭނާއަށް ކުރިން އެވަރަށް ދަސްވެފައި ނުވާތީ، މުދައްރިސް ކޮންމެވެސް ވަރަކަށް އޭނާ އިމްތިހާނު ކުރަން ޖެހިލުން ވިއެވެ. ނަމަވެސް މުސްޙަފްގެ ކޮންމެ ދިމާލަކުން ވިޔަސް ހެޔޮ ކަމަށް ބުނެ އޭނާ އިމްތިޙާނު ކުރަން އަނެއްކާވެސް އެދުނެވެ. އެހެންކަމުން އެމުދައްރިސު އޭނާ އިމްތިހާނު ކުރިއެވެ. މުސްޙަފުގެ ކޮންމެ ތާކުން ސުވާލު ކުރި ކަމުގައި ވިޔަސް، އޭނާ ކިޔެވިއެވެ. އޭނާގެ އެހަރަކާތުން މުދައްރިސުވެސް ވަރަށް ހައިރާންވިއެވެ. އޭގެ އިތުރުން ޢަރަބިން ވާހަކަ ދެއްކުމަށް ވެސް އެކުއްޖާ މުދައްރިސްއާއި ޗެލެންޖު ކުރިއެވެ. ކުރިން އިނގިރޭސި ބަހުން ވެސް ވާހަކަ ދައްކަން ނޭނގުނު އެކުއްޖާއަށް ކުއްލިއަކަށް ހުރީ ވަރަށް ރީތިކޮށް އަރަބިން ވާހަކަދައްކަން ވެސް ދަސްވެފައެވެ.

އޭގެ ފަހުން އޭނާ އުޅުނީ ވަރަށް ތަފާތު ގޮތަކަށެވެ. އެއްދުވަހު ފެނުނީ ރޭޒަރަކުން އޭނާގެ އިސްތަށިގަނޑުގެ އެއްފަޅި ބާލާފައި ހުއްޓައެވެ. އިސްތަށިގަނޑުގެ އެއްފަޅި ދިގުކޮށް ހުރެފައި އަނެއްފަޅި އެއްކޮށް ބާލާފައި ހުރުމުން، ގިނަ ކުދިން އޭނާ ފެނުމުން ބިރުން އުޅުނެވެ. އަދި އޭނާއަކީ ޖިންނިއެއް ކަމަށް ބުނެ ބިރުން މުދައްރިސުން ގާތު މައްސަލަޖެއްސިއެވެ. އެެހެންކަމުން މުދައްރިސު މީހާ އޭނާގާތު އެވާހަކަ ދައްކާ، އޭނާގެ އިސްތަށިގަނޑުގެ އަނެއްފަޅި ވެސް ބޭލުމަށް ބުނެ، އޭނާލައްވާ އެކަން ކުރުވިއެވެ.

އޭގެ ފަހުން ވެސް އޭނާގެ ޢަމަލުތައް ހުރީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. ކޮންމެ ރެއަކު އޭނާ ނިދަން އޮށޯންނަނީ ދަންވަރު 2:00 ޖަހާއިރުއެވެ. އެއްރޭ އޭނާގެ ކޮޓަރިން ފަސް ކުއްޖަކު ބިރުން ރޮމުން ދުވަމުން ދިޔައެވެ.

ޕްރިންސިޕަލްގެ ކޮޓަރީ ދޮރުގައި ތަޅަމުން އެމީހުން ގޮވަމުން ދިޔައީ 'ޖިންނިއެއް، ޖިންނިއެއް' މިހެންނެވެ. ވެގެން އުޅޭ ގޮތެއް ބެލުމަށް ޕްރިންސިޕަލް ވެސް އެކުދިންނާއިއެކު އެކޮޓަރިއަށް ދިޔައެވެ. ގޮސްބެލިއިރު، ކޮޓަރީގައި ނިދާފައި އެބަންގްލަދޭޝް ކުއްޖާ އެކަނި އޮތެވެ. އެއްވެސް ކަމެއްވެފައި ނެތުމުން، އެކުދިން ގާތު ނިދަން އޮށޯތުމަށް ބުނެ ޕްރިންސިޕަލް އެތަނުން ދިޔައެވެ.

އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް ހަމަ އެކުދިން ބިރުންގޮސް ޕްރިންސިޕަލްއަށް ގޮވިއެވެ. ކިހިނެއްތޯވީ ޕްރިންސިޕަލް ސުވާލު ކުރުމުން، އެކުދިން ބުނީ، އެކުދިން ނިދަން އޮށޯވެގެން އޮއްވާ، ކޮޓަރީގެ ފާރުތަކުގައި ވަރަށް ބާރަށް ނިޔަފަތިތަކެއް ގޭނޭ ކަހަލަ އަޑުތަކެއް އިވުން ކަމަށާއި އެބަންގްލަދޭޝް ކުއްޖާއަށް ވައިއަޑުން ކޮންމެވެސް އެއްޗެއް ގޮވަމުން ދިޔަ އަޑު އިވުނު ކަމަށެވެ.

މުޅި އެރޭ އެއްކޮށް ހޭދަވީ އެފަދަ ގޮތަކަށެވެ. ޕްރިންސިޕަލް އެކުދިން ނިންދަވަން ބާއްވާތާ އިރުކޮޅެއް ނުވެ އެކުދިން ބިރުން އަނެއްކާވެސް ޕްރިންސިޕަލަށް ގޮވަން ފެށިއެވެ.

އޭގެ އަނެއް ދުވަހުގެ ހެނދުނެވެ. މައުލާނާ ފާތެޙް ރަހީމް ސާބް ގެނެވުނެވެ. އަދި ވެގެން އުޅޭ ގޮތެއް ބަލަން ފެށުނެވެ. އާއްނުގޮތެއްގައި ރުޤްޔާ ކުރާއިރު، ޤުރްޢާނުގެ އާޔަތްތައް ކިޔެވުމުން އެޖިންނިއަކަށް އުނދަގޫވެ ޤުރްޢާން ކިޔެވުން ހުއްޓުމަށް އާދޭސް ކުރަން ފަށާނެއެވެ. އަދި އެތަނަކުން އޭތި ފޮނުވާ ދިނުމަށް ވެސް އެދޭނެއެވެ. ނަމަވެސް މިޖިންނިއަކީ ތަފާތު ޖިންނިއެކެވެ. މިޖިންނިއަކީ ކީރިތި ޤުރްޢާން ކިޔަވައިގެން ހުރި ހާފިޒެކެވެ. އަދި ނުހަނު ރީތިކޮށް ޢަރަބި ބަހުން ވާހަކަ ވެސް ދައްކަން ދަންނަ ޖިންނި އެކެވެ.

އެެހެންކަމުން މައުލާނާ ފާތެޙް ޤުރްޢާނުގެ އާޔަތެއް ކިޔެވުމުން، އެކުއްޖާގެ ހަށިގަނޑު ތެރޭގައި އުޅުނު ޖިންނި އެއާއި ޖެހިގޮތް އިންނަ އާޔަތް ކިޔަވާ، ރުޤްޔާގެ އަސަރު ކެނޑުވިއެވެ. އަހަންނަށް އެހުރިހާ މަންޒަަރެއް ފެނުނެވެ. ޝެއިޚް ޤުރްއާން ކިޔެވި އިރު، ޝެއިޚް ކުރި ހުރިހާ މަސައްކަތެއް އެޖިންނި ބާޠިލް ކުރިއެވެ.

އޭގެ އިރުކޮޅެއް ފަހުން އެހެން ހުރިހާ ކުދިން އެތަނުން ދިޔުމުން، ޖިންނި އެކަންތައް ކުރާ ގޮތާއިމެދު މައުލާނާ ގާތު އަހަރެން ސުވާލު ކުރީމެވެ. ޖަވާބުގައި ޝެއިޚް ދެންނެވީ އެޖިންނީގެ ކިބައިން އެކުއްޖާ ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތަކީ. އޭނާގެ އުފަން ޤައުމަށް އޭނާ ގެންގޮސް އެތަނުގައި މަހެއް ވަންދެން ބެހެއްޓުމުން ކަމަށެވެ.

އެއީ ކީއްވެތޯ ސުވާލު ކުރުމުން ޝެއިޚް ވިދާޅުވީ، އެއިމާރާތުގައި އުޅޭ ގިނަ ޖިންނީންނަކީ އެއެއްޗެހީގެ އާއިލާއާއި އެކު އެތަނުގައި ދިރިއުޅޭ ޖިންނިއެއް ކަމަށާއި އެޖިންނިތަކަކީ އެހެން ޤައުމުތަކުން އެތަނަށް ގޮސްފައިވާ ޖިންނިތަކެއްކަމުން، އެއިމާރާތުގައި އެއެއްޗެހި އުޅެނީ އެންމެ މަހެއް ވަންދެން ކަމަށެވެ. އެކުއްޖާގެ ހަށިގަނޑު ތެރެއަށް ވަދެގެން އުޅެނީ ޒުވާން ޖިންނިއެއް ކަމަށާއި އެއީ ޙާފިޒެއް ކަމަށް ވެސް މައުލާނާ ދެންނެވިއެވެ. އެހެންކަމުން އެކުއްޖާގެ އުފަން ޤައުމަށް އެކުއްޖާ ގެންގޮސް ބެހެއްޓުމުން، ކޮންމެހެނެއް ވިޔަސް އެއްމަސް ވުމުގެ ކުރިން އޭތި އެކުއްޖާގެ ހަށިގަނޑުން ނިކުންނާނެ ކަމަށާއި، އެއީ އޭތީގެ އާއިލާ މިތަނުގައި ދިރިއުޅޭތާ އެއްމަސް ވުމުން އެހެން ތަނަކަށް ދާނެތީ، އާއިލާގާތަށް އައުމަށް ކަމަށް ވެސް މައުލާނާ ބުންޏެވެ.

އެހެންކަމުން އެކުއްޖާ ގޮވައިގެން އޭނާގެ އުފަން ޤައުމަށް ގެންދިޔުމަށް ދަތުރުފެށުނެވެ. އޭނާއާއި ޝެއިޚާއިއެކު އަހަރެން ވެސް ކާރުގައި އިނީމެވެ. އޭނާ ގޮވައިގެން ދާން އުޅެނިކޮށް، އޭނާގެ ޤައުމަށް ނުދާން ވެގެން ވަރަށް މަސައްކަތް ކުރިއެވެ. ވަރަށް ގިނަ ފަހަރު ދޮރު ހުޅުވަން ވެސް މަސައްކަތް ކުރިއެވެ. އޭނާ މަޑުން އިނީ ޝެއިޚް ވަރަށް ބާރަށް އެއްޗެއް ބުނުމުންނެވެ.

އެއްމަސް ދުވަސް އޭނާގެ ޤައުމުގައި ހޭދަ ކުރުމަށްފަހު އޭނާ އެނބުރި މަދްރަސާއަށް ދިޔައެވެ. އޭނާ ހުރީ ކުރިއެކޭ އެއްފަދައިން، މަޑު މައިތިރި ކުއްޖާއަށް ވެފައެވެ. އޭނާއަކަށް އިނގިރޭސިއެއް ވެސް އަރަބިއެއްވެސް ނޭނގެއެވެ."


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ