އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

21 ތަރިންގެ ހުނަރުވެރި އެކްޓިންގ ފެނިގެންދާނެ "ދެވަންސޫރަ" ލޯންޗު ކޮށްފި

21 ތަރިންގެ ހުނަރުވެރި އެކްޓިންގ ފެނިގެންދާނެ "ދެވަންސޫރަ" ލޯންޗު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 58 ސިކުންތު

މިހާތަނަށް އެންމެ ގިނަ ސްޓޫޑިއޯތަކެއް ގުޅިގެން، 21 ކެރެކްޓަރ ރޯލުން 21 ތަރިންގެ ހުނަރުވެރި އެކްޓިންގ ފެނިގެންދާނެ ދިވެހި ފިލްމު "ދެވަންސޫރަ" މިރޭ ލޯންޗުކޮށް އެފިލްމުގެ ފަސްޓް ލުކް ވެސް ލޯންޗު ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން "ދަ މެލްރޯސް" ގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި "ދެވަންސޫރަ" ލޯންޗު ކޮށްދިނީ އެރަސްމިއްޔާތުގެ އެއް ޝަރަފުވެރި މެހެމާނު ޙަސަން މަނިކު (ރޯނުޙަސަން މަނިކު) އެވެ.



"ދެވަންސޫރަ" އަކީ ރާއްޖޭގައި މިހާރު ކަންބޮޑުވާ މިންވަރަށް ގިނަ ވެފައިވާ، މީހުން މެރުމުގެ ކުށުގެ، މައްޗަށް އަޙްމަދު ޝާޙް އަދި ޢަލީ ޝަޒްލީމް ޕްރޮޑިއުސްކޮށް ޔޫއްޕެ ލިޔެ ޑައިރެކްޓް ކޮށްފައިވާ "ޓްވިސްޓެޑް" ލަވްސްޓޯރީ އެކެވެ.

މިފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މުޙައްމަދު ފައިސަލު، އިބްރާހިމް ޖިހާދު އަދި ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފްވާ މަރިޔަމް ޝިފާއެވެ. މިތަރިންތަކުގެ އިތުރުން ސަޕޯޓިންގ މުހިންމު ރޯލުތަކުން ފެނިގެންދާނީ ޢަލީ އާޒިމް (ދޮން އައްޔަ)، އަޙުމަދު އީސަ (އާނަންދު)، ޖާދުﷲ އިސްމާއިލް (ޖާދު)، އަލީ ޝަޒްލީމް (އެޖެންޓް)، އައްކި، ފާތިމަތު އަޒީފާ (އަޒޫ)، ނާޝިދާ (ނާއްކޮ)، ޝަކީލާ، މަރިޔަމް ޙަލީމް، ވައްޑެ އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.



"ދެވަންސޫރަ" އުފައްދާފައިވަނީ ޔޫއްޕެ ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާރސް، ބްލެކް މީޑިއާ އިންކު، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަރޓެއިންމެންޓް އަދި މައި ޑްރީމް އެންޓަރޓެއިންމެންޓް އިންނެވެ.

މިފިލްމަކީ ޔޫއްޕެގެ ފިލްމީ ޙަޔާތުގައި އޭނާ ކުޅެފައިވާ 80 ވަނަ ފިލްމެވެ. އަދި ޔޫއްޕެ ލިޔެ ތައްޔާރުކޮށް، ޔޫއްޕެ ޕްރޮޑަކްޝަންސް އިން ނެރޭ 25 ވަނަ އުފެއްދުމުގެ އިތުރުން އޭނާ ޑައިރެކްޓުކުރާ 30 ވަނަ ފިލްމެވެ.

މިރޭގެ އެރަސްމިއްޔާތުގައި "ދެވަންސޫރަ" ލޯންޗު ކުރުމުގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަންސް، ޝައި ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާރސް އަދި ބްލެކް މީޑިއާ އިންކު ގުޅިގެން 2018 ވަނަ އަހަރަށް އުފައްދާ ހަތަރު ފިލްމެއް ލޯންޗު ކުރުން ވެސް އޮތެވެ. އެހަތަރު ފިލްމު ލޯންޗު ކޮށްދެއްވީ މިރަސްމިއްޔާތުގެ ދެވަނަ ޝަރަފުވެރި މެހެމާނު އާރިފާ އިބްރާހިމް އެވެ.



އެހަތަރު ފިލްމަކީ "ކަޅަކި"، "ނަފްސު"، "ހައްޔަރު" އަދި ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ދިވެހިފިލްމު ނޯޓީ ފޯޓީ ގެ ދެވަނަ ބައި "ފޯޓީ ޕްލަސް (+40)" އެވެ.

ދިވެހި ފިލްމު "ކަޅަކި" ގެ މެއިންކާސްޓަކީ ފާތިމަތު އަޒީފާ، މުޙައްމަދު ފައިސަލު އަދި އަހުމަދު ޝާހު އެވެ. އެފިލްމުގެ ސްކްރީޕްލޭ އަދި ޑައިރެކްޝަން ހަދާފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ފިލްމު "ނަފްސު" ގެ މެއިންކާސްޓަކީ ފާތިމަތު އަޒީފާ، އަޙުމަދު ނިމާލު އަދި ޔޫސުފް ޝަފީއު އެވެ. ސްކްރީންޕްލޭ ލިޔެފައިވަނީ ޒަރީރު އެވެ. އަދި އެފިލްމު ޑައިރެކްޓު ކޮށްފައިވަނީ ޢަލީ ޝަޒްލީމް (އެޖެންޓް އައްޔަ) އެވެ.



ފިލްމު "ޙައްޔަރު" ގެ މެއިންކާސްޓަކީ މަރިޔަމް ޝިފާ، އަލީ އާޒިމް (ދޮން އައްޔަ) އަދި މުޙައްމަދު ފައިސަލު އެވެ. ސްކްރީން ޕްލޭ ލިޔެފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި އެފިލްމު ޑައިރެކްޓު ކޮށްފައިވަނީ މުޙައްމަދު ފައިސަލު އެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ނޯޓީފޯޓީ ގެ ދެވަނަ ބައި "+40" ގެ މެއިންކާސްޓުންނަކީ އަލީ ސީޒަން، މުޙައްމަދު މަނިކު، އަޙުމަދު ސައީދު، ޝީލާ ނަޖީބު، ފާތިމަތު އަޒީފާ، މުޙައްމަދު ފައިސަލު، ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް ޝިފާ އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

މިރޭ ބޭއްވުނު މިޚާއްސަ ރަސްމިއްޔާތުގައި ޔޫއްޕެ ޕްރިޑަކްޝަންސް އިން އުފެއްދި ދެ ފިލްމު ކަމުގައިވާ "ބައިވެރިޔާ" އަދި "ނޯޓީ ފޯޓީ" ގައި ހަރަކާތްތެރިވި ތަރިންނަށް ހަނދާނީ ލިޔުން ދިނުން އޮތެވެ. ދިވެހި ފިލްމު "ބައިވެރިޔާ" ގެ ތަރިންނަށް ހަނދާނީ ލިޔުން ދިނީ އާރިފާ އިބްރާހިމް އެވެ. އަދި ފިލްމު "ނޯޓީ ފޯޓީ" ގެ ތަރިންނަށް ހަނދާނީ ލިޔުން ދިނީ ރޯނު ޙަސަން މަނިކުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ