އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައިކަލު ޓެކްސީގެ ޚިދުމަތަށް މިވީ ކިހިނެތް؟

ސައިކަލު ޓެކްސީގެ ޚިދުމަތަށް މިވީ ކިހިނެތް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ދުނިޔޭގެ ޤައުމުތަކުގައި ކުރާ ބައެއް ކަންކަމަކީ އެހާ ފަސޭހައިން އޭގެ ނަތީޖާ ލިބޭ ކަންކަމެއް ނޫނެވެ. ޚާއްސަކޮށް ބައެއްކަހަލަ ވިޔަފާރިތަކަކީ އެއިން މަންފާއެއް ހޯދުމަށް ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރުމަތިވާ ކަންކަމެވެ.

ރާއްޖޭގައިވެސް މިކަން އޮތީ މިގޮތަށެވެ. އެކިއެކި ނަންނަމުގައި ތަފާތު ޚިދުމަތްތައް ތަޢާރަފްކުރެއެވެ. އެކަމަކު ބައެއް ކަންކަން ވަނީ ވީނުވީއެއް ނޭނގުމުގެ ތެރޭގައެވެ.



މީގެ ތެރެއިން އެއްކަމަކީ 'ސައިކަލު ޓެކްސީ" ގެ ޚިދުމަތެވެ. ކުލަގަދަކޮށް ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށްފަހު ވީނުވީއެއް ނޭނގުނެވެ. ކޮންމެވެސް ވަރަކަށް މާލޭގެ މަގުތަކުން ސައިކަލް ޓެކްސީތައް ފެނުމަށް ފަހު، ގެއްލިއްޖެއެވެ.

މިކަމާއިގުޅިގެން ސައިކަލު ޓެކްސީގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށި ދެ ކުންފުންޏާ ގުޅީމެވެ. ދެ ކުންފުނިންވެސް ބުނީ ޑިމާންޑް އެބައޮތް ކަމަށެވެ. ނަމަވެސް ހުއްޓާލަން ޖެހުނީ ތަފާތު ސަބަބުތަކާހުރެ ކަމަށެވެ.

ރާއްޖޭގައި ސައިކަލު ޓެކްސީގެ ޚިދުމަތްދޭން އެންމެ ފުރަތަމަ ދޭންފެށި ސްކޫޓެކްސީ އިން ބުނީ އެ ޚިދުމަތް ހުއްޓާލީ ޑިމާންޑު ނެތިގެން ނޫން ކަމަށާއި ނަމަވެސް ފަންޑުކުރާނެ ބަޔަކު ނެތިގެން ކަމަށެވެ. ނޫންނަމަ، ފަންޑުކުރާނެކަމަށް ކުރިން އާނބަސް ބުނެ، ނަމަވެސް ފަހުން އެކަމަށް ފަންޑު ނުލިބުމުންނެވެ.



އަނުއާ ޓެކްސީ އިންވެސް ބުނީ ޚިދުމަތް ހުއްޓާލަން ޖެހުނީ ޑިމާންޑް ނެތިގެން ނޫން ކަމަށެވެ. ނަމަވެސް އެކަށީގެންވާ އާމްދަނީއެއް ނުލިބި ދެކޮޅު ނުޖެހޭތީ ކަމަށެވެ. އަދި ސައިކަލް ޓެކްސީގެ ޑްރައިވަރުންގެ ޔުނިފޯމަކީވެސް މައްސަލައެއް ކަމަށެވެ.

"ޑްރައިވަރުން ލާން މިޖެހެނީ ޖެކެޓެއް. މި ޖެކެޓުލީމަ މިވާގޮތަކީ ކުޑައިރުކޮޅެއްގެ ތެރޭގައި ދާހިއްލައިގެން ނުބައިވަސް ދުވަނީ. ދެން އިރުއިރުކޮޅާ ބޮޑީ ސްޕްރޭވެސް ނުޖެހޭނެ ދޯ" އަނުއާ ޓެކްސީގެ ފަރާތުން މިއަދުނޫހަށް ވާހަކަ ދައްކަމުން ބުންޏެވެ.

މީގެ އިތުރުން އަނުއާ ޓެކްސީގެ ފަރާތުން ބުނީ ދަތުރަކަށް ނަގާ 10 ރުފިޔާއަކީ ނިސްބަތުން މަދު ޢަދަދެއް ކަމަށާއި ޑްރައިވަރުން ސެންޓަރަށް ފައިސާ ދައްކާފަ، ޕެޓްރޯލް އަޅާފަ ފައިދާ ނުވާކަމަށެވެ. އެހެންކަމުން އެންމެ މަދުވެގެން ދަތުރަކަށް 15 ރުފިޔާ ނަގައިގެން ނޫނީ ކިރިޔާވެސް ދެކޮޅު ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންވާނީ ދަތުރަކަށް 15 ރުފިޔާއަށް ބޮޑުކުރަން ޓްރާންސްޕޯޓު އޮތޯރިޓީގައި ދަންނަވާފަ. އަޅުގަނޑުމެން މި ޚިދުމަތް އެއްކޮށް ހުއްޓާލީއެއް ނޫން. އަގާ ޑްރައިވަރުލާން ޓީޝާޓެއް ލާން ހުއްދަދީފިނަމަ އަލުން މަސައްކަތް ފަށަން މިހާރުވެސް މިތިބީ ތައްޔާރަށް" އަނުއާ ޓެކްސީގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޚިދުމަތް ހުއްޓާލީ މަހެއްގެ މައްޗަށް 30 ނުވަތަ 40 ހާސް ރުފިޔާގެ ގެއްލުންވާން ފެށުމުން ކަމަށާއި ކަމާއިބެހޭ އިދާރާތަކަށް ފޮނުވާފައިވާ ސިޓީގެ ޖަވާބު ލިބުމުން ޚިދުމަތް ފެށުމަށް އަނުއާ ޓެކްސީ އޮތީ ތައްޔާރަށް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް