އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުންނަށް މޮޅު ގޮތް އޮތުމުގެ ސަބަބުން، އަލުން ކައިވެންޏެއް އަވަހަށް ކުރެވޭކަށް ނެތް

އަންހެނުންނަށް މޮޅު ގޮތް އޮތުމުގެ ސަބަބުން، އަލުން ކައިވެންޏެއް އަވަހަށް ކުރެވޭކަށް ނެތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 28 ސިކުންތު

"އަހަންނަކީ އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. ކުރިން ކައިވެންޏެއްކޮށް ތިން ދަރިން ވެސް އެބަ ތިއްބެވެ. ނަމަވެސް ހަތް އަހަރުގެ އެކައިވެނި ރޫޅުނީ އަނބިމީހާ އެހެން މީހަކާއި ކައިވެނިން ބޭރުން ގުޅުން ހިންގާ އަހަންނާއި ކައިވެނި ކޮށްގެން އުޅެން ބޭނުން ނުވުމުންނެވެ.

ދަރިންނަށްޓަކައި އޭނާއަށް އެއިރު ވަރަށް ވިސްނާވެސް ދިނީމެވެ. ވަރިވާން ކޯޓަށް ފޯމު ލީވެސް ޚުދު އޭނާއެވެ. ވަރި ނުކުރަން އަހަރެން އުޅުމުން، އެންމެފަހުން އޭނާ ބެހުނީ އަހަރެންގެ އާއިލާއާއެވެ. އެހިސާބުން އަހަރެން ވެސް އޭނާއާއި އެކު ގަދަކަމުން އުޅެން ބޭނުން ނުވެ، އޭނާ ބޭނުން ގޮތަކަށް ކަންތައް ކޮށްދިނުމަށް ޤާޒީގާތު ބުނީމެވެ. ވަރިވީ ދުވަހު ކޯޓުގައި އޭނާ ބުނީ ދަރިންނަށް އެއްވެސް ޚަރަދެއް ވެސް އަހަރެންގެ ފަރާތުން ބޭނުން ނޫން ކަމަށެވެ.

ނަމަވެސް އެއީ އަހަރެންގެ ވެސް ދަރިން ކަމުގައިވާތީ އާއި އެދަރިން ދެކެ އަހަރެންވެސް ނުހަނު ލޯބިވާތީ، އޭނާ އެހެން ބުނި ކަމުގައި ވިޔަސް އަހަރެން އެކުދިންނަށް ޚަރަދު ކުރީމެވެ. ކޮންމެ މަހަކުވެސް ފައިސާ ފޮނުވާ އެކުދިންނަށް ބޭނުންވާ އެހެނިހެން އެއްޗެހި ވެސް ހޯދާ ދިނީމެވެ.

ނަމަވެސް ދެން އައީ އަހަރެންގެ ޙަޔާތުގައި ދަތި ދުވަސްތަކެވެ. އަހަންނަކީ ތަޢުލީމު ހާސިލް ކޮށްގެން ހުރި މީހަކަށް ނުވުމުގެ ސަބަބުން، ވަޒީފާއެއް ލިބުމުގެ ދަތިކަން އަބަދުވެސް އަހަންނަށް ކުރިމަތިވިއެވެ. ކުރިން އަހަރެން ކޮށް އުޅުނީ ރިސޯޓުތަކުގެ އެކިކަހަލަ ގްރޫޕް މަސައްކަތްތަކެވެ. އެމަސައްކަތްތައް ކޮށް ނިމުމުން ނުހަނު ގިނަ ރުފިޔާ ލިބުން ކަމުގައި ވިޔަސް، އަލުން އެހެން މަސައްކަތެއް ނުލިބި ވަރަށް ގިނަ ދުވަސް ވެއެވެ.

އެގޮތުން އެއީ އަހަންނަށް މަސައްކަތެއް ނުލިބި ހުރި ފަހަރެކެވެ. ރަށުގައި ހުރެގެން އެހެން ކުދިކުދި މަސައްކަތްތައް އެދުވަސްކޮޅު އަހަރެން ކުރީމެވެ. ނަމަވެސް އެމީހުން ދިނީ ވަރަށް މަދު ފައިސާ ކޮޅެކެވެ. ގިނަ މީހުން މަސައްކަތް ކުރުވާފައި އުޖޫރަ ނުވެސް ދެއެވެ. އެހެންކަމުން އެގޮތުގައި އަށް ވަރަކަށް މަސް ދުވަސް، އަހަރެންގެ ދަރިންނަށް ފައިސާ ނުފޮނުވި ހޭދަވެގެން ދިޔައެވެ. އެކަމުގެ ސަބަބުން ކުދިންގެ މަންމަ އަހަންނަށް އެކުދިން ނުވެސް ދެއްކިއެވެ. ބައްދަލު ކުރަން ދިޔުމުން ވެސް އެކުދިން ގެއަކު ނެތޭ، އެވެނި މިވެނި ގެއެއްގައޭ ބުނެ ރަށުގެ އެކި ކޮޅުކޮޅަށް އަހަރެން ދުއްވިއެވެ. އަދި އެކުދިންނާއި ވާހަކަ ދައްކާލަން ފޯނު ކުރުމުން އެކުދިންލައްވާ އަހަންނާއި ދިމާލަށް އަހަރެންގެ ނަމުން ވެސް ގޮއްވިއެވެ.

އެއީ އަހަރެން ވަރަށް ދެރަވި ދުވަސްތަކެއް ކަމުގައި ވިޔަސް، އެހެން އެވީ އަހަރެންގެ ސަބަބުންނޭ ހިތައް އަރުވާލާފައި އެކުދިންނާއި ބައްދަލު ވޭތޯ މަސައްކަތް ކުރަމުން ދިޔައިމެވެ. ނަމަވެސް ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ.

އޭގެ ފަހުން މިދިޔަ އަހަރު ފަހު ކޮޅު އަހަންނަށް ވަޒީފާއެއް ލިބުނެވެ. މަސައްކަތު މީހަކަށެވެ. އެވަޒީފާ އަދާކުރަން ފެށިތާ މަހެއް ފަހުން، އާއިލާއަށް ދިމާވި ކުއްލި ހާލަތެއްގައި ފަސް ދުވަހުގެ އިމަރޖެންސީ ޗުއްޓީއެއް ނަގައިގެން އަހަރެން ރަށަށް ދިޔައީމެވެ. އެކަމުގެ ތެރޭގައި އުޅެނިކޮށް އެއްދުވަހު އަހަންނަށް ލިބުނީ، އޭގެ އަނެއް ދުވަހު ރަށު ކޯޓަށް ހާޒިރުވުމަށް ޗިޓެކެވެ. އެއީ ކުދިންގެ މަންމަ އެކުދިންގެ 'ޚަރަދު ހޯދުމަށް' ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

ކޯޓަށް ހާޒިރުވެ މައްސަލަ ބަލަށް ފެށުމަށްފަހު ގާޒީ އެއްސެވީ އަށް މަސް ދުވަސް ވަންދެން ދަރިންގެ ޚަރަދު ނުދިނީ ކީއްވެތޯ އެވެ. ތެެދުވެރިކަމާއި އެކީ އަހަރެންގެ އެއިރުގެ ހާލަތު ކިޔާދިނީމެވެ. އަހަރެން ބޭނުންވި ނަމަ، ދަރިންނަށް ޚަރަދުކުރަން އޭނާ ބޭނުމެއް ނޫނޭ ބުނިބަސް، ވަރިވީއިރު ލިޔެފައި އޮތް ހުކުމުން ދެއްކުނީހެވެ. ނަމަވެސް އަހަރެން އަބަދުވެސް ދެކުނުގޮތުގައި، ދަރިންނަށް ޚަރަދު ކުރުމަކީ ކޮންމެ ބަފަޔަކުވެސް ކުރަން ޖެހޭނެ ކަމެކެވެ.

އަހަންނަށް ދެން އައީ ހުކުމެކެވެ. ވީއެންމެ އަވަހަކަށް ދަރިންގެ ޚަރަދަށް ކޯޓަށް 58،000 ރުފިޔާ ދައްކާ ޚަލާސް ކުރުމަށެވެ. އެވަރު ބޮޑު އަދަދެއް ދައްކާނީ ކިހިނެއްތޯ އެހުމުން ވެސް ގާޒީ ދެންނެވީ އެކިމަހަށް ބަހާލައިގެން ވިޔަސް ދެއްކުމަށެވެ.

ރަށަށް އެއިރު ދިޔައިރު އަހަރެންވެސް އުޅުނީ މީހަކާއި ރައްޓެހިވެގެންނެވެ. އެކަންތައްގަނޑަށް ފަހު ކޮންމެ މަހަކު ކޯޓަށް 5000 ރުފިޔާ ވަރު އެބަ ފޮނުވަމެވެ. މީހަކާއި ރައްޓެހިވެގެން ގިނަ ދުވަހު އުޅުމަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ޚިލާފު ކަމަކަށްވުމުން އަހަރުމެން ދެމީހުންވެސް އަވަހަށް ކައިވެނި ކުރަން ބޭނުންވިއެވެ. އަހަންނަށް އެފަދަ ބޮޑު ހުކުމެއް ކޮށްފައި އޮތުމުގެ ސަބަބުން، އަލުން ކައިވެންޏެއް ކުރެވޭނީ ކިހާވަރަކަށް އެފައިސާ ދެއްކުމުންތޯ ބަލާލީމެވެ.

ލިބުނީ ހިތާމަވެރި ޚަބަރެކެވެ. ކޯޓުން ބުނީ އެދަދު އެއްކޮށް ދައްކާ ނިމުމުން ނޫނީ އަލުން ކައިވެންޏެއް ނުކުރެވޭނެ ކަމަށެވެ. އެއީ ނުހަނު ބޮޑު އަދަދެއް ނޫންހޭ އެހެން ކަމުން އަވަހަށް އެއްކޮށް ނުދެއްކޭނެ ނޫންހޭ ބުނުމުންވެސް ކޯޓުން ބުނީ އެއީ ކިތަންމެ ބޮޑު އަދަދެއް ކަމުގައި ވިޔަސް އެއްކޮށް ދައްކާ ނިމުމުގެ ކުރިން ކައިވެނި ނުކުރެވޭނެ ކަމަށެވެ.

ކުރާނެ ކަމެއް ނެތެވެ. އަހަންނަކީ މުސާރައަށް އެހާގިނަ ފައިސާ ލިބޭ މީހަކަށް ނުވުމުން 58،000 ރުފިޔާ އެއްކޮށް ދައްކާ ޚާލާސް ކުރެވޭނެ ޒަމާނެއް ނޭނގެއެވެ. އޭގެ ފަހުން އަދި ފައިސާ ދެއްކިފައި ވަނީ ވެސް އެންމެ ހަތަރު މަހުގައެވެ. ކޮންމެހެނަކަސް، މާޒީގެ ހިތި ވިހަ އަދިވެސް އަހަރެންގެ ދިރިއުޅުމުން ނުފިލަނީއެވެ. އިންތިޒާރު ކުރުން ނޫން ގޮތެއް ނެތެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ