އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބޮސް" ރިވިއު- އިބާ އާއި ރާއި ގެ ލޯބި ހިތުގެ އެންމެ ފުންމިނަށް ވަދެއްޖެ

"ބޮސް" ރިވިއު- އިބާ އާއި ރާއި ގެ ލޯބި ހިތުގެ އެންމެ ފުންމިނަށް ވަދެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 33 ސިކުންތު

ކްރިސްޓަލް އެންޓަރޓެއިންމެންޓްގެ އުފެއްދުމެއް ކަމުގައިވާ "ބޮސް" މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ޕްރިމިއަރ ކޮށްފައިވާއިރު، މިފިލްމަކީ ބެލުންތެރިންގެ އިޙުސާސުތަކާއި ކުޅެލާ "ރޮއްވާލާނެ" ފިލްމެއްކަމުގެ ޔަޤީންކަން ފިލްމުގެ ޕްރޮޑިއުސަރ ފާތިމަތު ނަހުލާ (ނަހޫ) ވަނީ މާކުރިން ވެސް ދީފައެވެ.

ކުޅަދާނަ އެކްޓްރެސް އަދި ޑައިރެކްޓަރ އައިޝަތު ރިޝްމީ މިފިލްމު ޑައިރެކްޓު ކުރުމަކީ، އިތުރަށްފިލްމު ބަލާހިތްވި މައިގަނޑު އެއް ސަބަބެވެ.

"ބޮސް" ބަލާނިމުމަށްފަހު އަޅުގަނޑަށް ނުރޮވުނު ކަމުގައިވިޔަސް، ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔަ ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ގުޅޭ ކަމާއި "އިބާ އާއި ރާއި" އެކަކު އަނެކަކު ދެކެވާ ލޯބި ހަމަޔަޤީނުންވެސް އިޙުސާސް ކުރެވުނެވެ.

މުޅި ފިލްމުން ދައްކުވާދެނީ ލޯތްބާއި، ހިތްވަރުގަދަކަމާއި ކެތްތެރިކަމެވެ. އެހެންކަމުން މިއީ ވަރަށް ވެސް އަސަރުގަދަ ފިލްމެކޭ ބުނެވޭވަރު ވެއެވެ.

ދިވެހި ފިލްމު "ބޮސް" ޝޫޓްކޮށްފައިވާ ލޮކޭޝަންސްތައް ވެސް އެހާމެ ހިތްގައިމެވެ.

ޕްލޮޓް (ސްޕޮއިލަރ ނުލާ)

އަސަރުން ފުރިގެންވާ ފިލްމަކަށް ވުމުން، ސްޕޮއިލަރ އަކާއި ނުލާ މިފިލްމުގެ ޕްލޮޓް ލިޔަން ހަމަ ޔަޤީނުންވެސް އަޅުގަނޑަށް ވަރަށް އުނދަގުލެވެ. ނަމަވެސް މިފިލްމު ބަލާހިތްވާ މީހުންގެ ލިސްޓު އަދިވެސް އެހާމެ ދިގުވުމާއި ގުޅިގެން، އެމީހުންނަށްޓަކައި ފިލްމުގެ ކުރި މަރައެެއް ނުލާނަމެވެ.

އެހެންކަމުން ފިލްމުގެ ޕްލޮޓާއި މެދު ބުނެލާނީ މިއީ ލޯބީގެ ފިލްމެއްކަމާއި އަސަރުން ފުރިގެންވާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެއް ކަމެވެ.

މެއިން ކާސްޓުންނާއި އެމީހުންގެ ރޯލު

މަރިޔަމް އައްޒަ- އިބާ

އައްޒައަކީ ހަމަޔަޤީނުންވެސް މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ހިމެނޭ އެންމެ މަޤްބޫލު އަދި ހުނަރުވެރި އެކްޓްރެސުންގެ ތެރެއިން އެންމެ ކުރީ ސަފުގައި ވާދަކުރާ އެއް އެކްޓްރެސް އެވެ. "ބޮސް" އިން އައްޒަ ފެނިގެންދަނީ "އިބާ" ރޯލުންނެވެ.

އިބާގެ ކެރެކްޓަރ އައްޒަ ދައްކުވާދީފައިވަނީ ވަރަށް ވެސް ފުރިހަމަކަމާއި އެކުގައިކަން ބުނުން ދޮގަކަށް ނުވާނެއެވެ. އާންމުގޮތެއްގައި އޭނާ ކުޅެފައިވާ އެހެން ފިލްމުތަކާއި ޚިލާފަށް މިފިލްމުން އައްޒަ ފެންނަނީ ވަރަށް ވެސް މަޑުމައިތިރި އެހެން ނަމަވެސް އޭނާއާއި ވަރަށް ގުޅޭ ރޯލަކުންނެވެ. ދިރިއުޅުމުގައި ކަންތައްގަނޑެއް ދިމާވެފައިވާ، އަދި ދިމާވަމުން ދިޔަ، އެހެންނަމަވެސް އެވަގުތުގެ ހާލަތާއި ކުރިމަތިލުމުގެ ހިތްވަރުގަދަކަން ވަރަށް ރަނގަޅަށް އައްޒަ ދައްކުވާ ދީފައިވެއެވެ. ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ، މިފިލްމުގައި އައްޒަގެ ކޮށްފައިވާ މޭކަޕް ވެސް، އައްޒަގެ ކެރެކްޓަރ (އިބާ) އާއި ވަރަށް ގުޅޭ ކަމެވެ.

މުޙައްމަދު ޔުނާން- ރާއިދު

ޔުނާން އަކީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ނިކުތް ފަންނާނެކެވެ. ނަމަވެސް މިފިލްމު ބެލުމަށްފަހު، އޭނާއަކީ އެކްޓިންގ ގެ ދާއިރާއަށް މުޅިން އަލަށް ނިކުތް ފަންނާނެއް ކަމަށް ގިނަބަޔަކަށް ޤަބޫލުވެސް ނުކުރެވޭނެއެވެ. އެހާވެސް އޭނާގެ އެކްޓިންގ މޮޅުވެފައި އަސަރުކުރުވައެވެ. ފިލްމު "ބޮސް" ގައި ޔުނާން ކުޅެފައިވަނީ ލީޑް އެކްޓަރ "ރާއިދު (ރާއި)" ގެ ރޯލެވެ.

ފިލްމުގައި އެންމެ ފާހަގަ ކުރެވުނުއެއް ކަމަކީ، ޔުނާން އުފް ރާއި ގެ އެކްސްޕްރެޝަން އާއި އެވަގުތެއްގެ މަންޒަރާއި ވަރަށް ވެސް ގުޅޭ ކަމެވެ. އޭނާގެ ހިތުގައި އިބާއަށްޓަކައިވާ ލޯބި ވަރަށް ވެސް ފުރިހަމައަށް ޔުނާން ދައްކުވައިދީފައިވެއެވެ. ބައެއް ފަހަރު މާބޮޑަށް ރޯވަރުން ސްކްރީން ތެރެއިން ގޮސް ކަރުނަ ފުހެލަ ދީފާނަމޭ ވެސް އަޅުގަނޑު ހިތައް އެރިއެވެ. ރާއި އަށް ވެވިފައިވާ ލޯބީގެ އަސަރުގަދަ ކަމާއި ހިތްވަރުގަދަކަން އަދި ކެތްތެރިކަން، ވަރަށް ފުރިހަމައަށް ޔުނާން ދައްކުވާދީފައިވެއެވެ. އެހެންކަމުން ޔުނާން އަށް ހަމަ ސަނާ ކިޔާވަރުވެއެވެ.

"ބޮސް" ފިލްމުގައި ޔުނާންގެ ހަށިގަނޑު ނުދެއްކި ކަމުގައިވިޔަސް، ހަމަޔަގީނުން ވެސް ވަރަށް ފުރިހަމަ އެކްޓިންގ އެއް އޭނާވަނީ ދައްކުވާދީފައެވެ.

ފާތިމަތު އަޒީފާ (އަޒޫ)- ޖޫން

"ބޮސް" ގައި އަޒޫ ދައްކުވާދީފައިވާ އެކްޓިންގ އަށް، ޚުދް ފިލްމުގެ ޕްރޮޑިއުސަރ ފާތިމަތު ނަހުލާ ވެސް ވަނީ ސަނާ ކިޔާފައެވެ. އެކި ރޯލުތަކުން ފެންނަ އަޒޫއަށް މިފަހަކަށް އައިސް ނުފޫޒުގަދަ ރޯލުތައް ކުޅެން ލިބުން ކަމުގައި ވިޔަސް، އެރޯލުތައް އޭނާވަނީ ވަރަށް ފުރިހަަމައަށް ކުޅެފައެވެ.

މިފިލްމުގައި އޭނާ ކުޅެފައިވަނީ "ޖޫން" ގެ ރޯލެވެ. މުޅި ދުނިޔެ އެއްކޮށް ބޭނުންވާފަދަ އަންހެން ކުއްޖެއްގެ ކެރެކްޓަރ އަޒޫ އަދާކޮށްފައިވަނީ އެއްވެސް އުނިކަމަކާއި ނުލައެވެ. ނަތީޖާއެއްގެ ގޮތުން "ޖޫން" ދެކެ ރުޅިއައިސް މަލާމަތްކުރި ވަރަށް ގިނަ ބެލުންތެރިން ތިއޭޓަރުގައި ތިއްބެވެ. ގިނަބަޔަކު ބުނި ގޮތުގައި "ފަހުން އަދި އޭނައަށް ވިސްނިގެން ދާތަނާއި ރީތި ލަނޑެއް ލިބޭތަން ދެއްކިނަމަވެސް ސަޅިވީސް" އެވެ. މިދައްކަނީ ކޮން ވާހަކައެއްކަން ބުނެފިނަމަ އަނެއްކާވެސް ކުރިމެރުނީއެވެ. އެހެންކަމުން އަޒޫ ކުޅެފައިވާ ރޯލު އަމިއްލައަށް ބަލާލުމަށް ދޫކޮށްލަމެވެ. ނަމަވެސް ފާހަގަކޮށްލެވޭ އަނެއްކަމަކީ، "ޖޫން" ގެ ރޯލު ކުޅެން އަޒޫ ލައްވާފަ ހުރި ހެދުންތައް، އެކެރެކްޓަރ އާއި ވަރަށް ވެސް ގުޅޭ ކަމެވެ.

އިބްރާހިމް ޖިހާދު (ޖިމީ)- މާއިޝް

ޖިމީ އަކީ އޭނާގެ ފިލްމީ ކެރިއަރު ފެށުނީއްސުރެ ގިނަ އަންހެން ކުދިންގެ ހިތްތައް ލެނބެމުންދާ ހުނަރުވެރި ފަންނާނެކެވެ. އޭނާގެ "ޑީސެންޓް" ކަމާއި "ފިރިހެންވަންތަ" ކަމުގެ ވާހަކަ ޚުދް ނަހޫ އާއި ރިޝްމީ ވެސް ވަނީ ފިލްމު އުފެއްދުމުގެ ތެރޭގައި ދައްކާފައެވެ.

މިފަހަކަށް އައިސް ޖިމީ ކުޅެފައިވަނީ މުޅިންވެސް "ނެގަޓިވް" ރޯލުތަކެވެ. އެހާމެ ފުރިހަމަކޮށެވެ. މިފިލްމުގައި ވެސް އެފަދަ ގޮތަކަށް އެކްޓު ކޮށްފައިވާ ކަމުގައި ވިޔަސް، 'މާއިޝް" ގެ ރޯލު ވަރަށް ފުރިހަމައަށް ޖިމީ އަދާކޮށްފައިވެއެވެ.

"ބޮސް" ބެލުމަށްފަހު، ކޮންމެ މީހަކުވެސް ބުނާނީ މާއިޝް ގެ ރޯލަކީ ޖިމީ އާއި ވަރަށް ގުޅޭ ރޯލެއް ކަމެވެ. ނަމަވެސް ފިލްމު ތިއޭޓަރުން ނިކުންނަނިކޮށް އެކަކު ބުނިއަޑުއެހީމެވެ.
"ޖިމީ ގެ ބޮޑީ ހާދަ ސަޅިއޭ ދޯ. އެކަމް އައި ވިޝް އަބަދު ނުބައިބައި ނޫން ބައެއް ކުޅޭނަމައޭ"

މިއީ ޖިމީގެ ފޭންއެއް ޖިމީއަށް ކޮށްފައިވާ ތަޢުރީފެއްގެ އިތުރުން އެދިފައިވާ އެދުމެކެވެ.

މިތަރިންތަކުގެ އިތުރުން މުހިންމު ރޯލަކުން އަލީ ޝަމީލް (ޖިމީގެ ބައްޕަ) ވެސް ފެނިގެންދެއެވެ. "ވާކުޑޭ" އާއި "ޒަލްޒަލާ" ފަދަ ފިލްމުތަކުގައި ބެލުންތެރިން ހައިރާން ކުރުވާފަަދަ އެކްޓިންގ އެެއް ދައްކުވާދިން ޝަމީލް، މިފިލްމުގައި ވެސް އަދާ ކޮށްފައިވާ ރޯލު އެހާމެ ފުރިހަމައެވެ.

ޝަމީލުގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) ވެސް ފިލްމުގައި ހަރަކާތްތެރިވެފައި ވެއެވެ. ފިލްމުގައި އޭނާގެ އެކްޓިންގ އިން ގިނަ ބެލުންތެރިން ހެއްވާލާފައިވެސް ވެއެވެ.

ފްލޯސް (ނުރަނގަޅު ކަމަށް ފާހަގަވި ކަންތައް)

ސްޕޮއިލަރ އަކާއި ނުލާ، ނުސީދާކޮށް ފިލްމުގެ ފޮލޯސްތައް ކިޔާލަދޭނަމެވެ. ފިލްމު "ބޮސް" ގައި ނުރަނގަޅު ކަމަށް އެހާ ގިނަ ކަންތަކެއް ފާހަގައެއް ނުވެއެވެ. ހަމައެކަނި އެންމެ ބޮޑަށް ފާހަގަވީ ތަންކޮޅަކީ، ފިލްމުގައި ހަރަކާތްތެރިވި އަލީ އާޒިމް (ދޮން އައްޔަ) ގެ ރޯލު ތަންކޮޅެއް މަދުކަމެވެ. ދޮން އައްޔައަކީ މިހާރު އަރަމުންދާ ހުނަރުވެރި އެކްޓަރަކަށް ވެފައި، އޭނާގެ ރޯލު އެހާ ކުޑަވުމުން، ފިލްމަށް ކުޑަ އުނިކަމެއް އައިސްފައިވާކަން ފާހަގަވެއެވެ.

އަދި ފިލްމުގެ "ވިލަން" ގެ ރޯލުވެސް ތަންކޮޅެއް މަދުކަމެވެ. ނަމަވެސް އެއީ އިބާއާއި ރާއި ގެ ހާލަތު ހުރި ގޮތުން ވިލަންސް ގެ ނުބައި ރޭވުންތަކެއް އިތުރަށް ބޭނުން ނުވާތީ، ނިންމާފައިވާ ނިންމުމަކަށްވުން އެކަށީގެންވެއެވެ.

އޯވަރޯލް، އަދި ކޮންކްލޫޝަން

އޯވަރޯލްކޮށް ބުނެވޭނީ ދިވެހި ފިލްމު "ބޮސް" އަކީ ވަރަށް ވެސް ރީތި، އަސަރުގަދަ އަދި ބެލުންތެރިން 'ލޯބީގައި" ޖައްސުވާނެފަދަ ފިލްމެއް ކަމަށެވެ. ފިލްމުގެ ކޮންކްލޫޝަން ނުވަތަ ފިލްމު ނިމޭ ގޮތްވެސް އެހާމެ ރީއްޗެވެ. ހަމަޔަޤީނުންވެސް ފިލްމު ނިންމާލީ އެއް ބައި ފުރިހަމަ ނުވެ، ބެލުންތެރިންގެ އަމިއްލަ ސިކުނޑިން އެބައި ފުރިހަމަ ކުރަން ދޫކޮށްލާފައި ނޫންކަން އުފަލާއިއެކު ފާހަގަ ކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ