އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑައިރުން ފެށިގެން ވެސް ހަނގާ ކުރުމާއި ކުރިމަތިލާން ޖެހުން، އަޅާލާނެ މީހެއް ނުވި

ކުޑައިރުން ފެށިގެން ވެސް ހަނގާ ކުރުމާއި ކުރިމަތިލާން ޖެހުން، އަޅާލާނެ މީހެއް ނުވި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 55 ސިކުންތު

ހަނގާ ކުރުން ނުވަތަ ބުލީ ކުރުމަކީ ކޮންމެ ޤައުމެއްގައި ވެސް ކުރަމުން އަންނަ ވަރަށް ނޭދެވޭ ހިތާމަހުރި ކަމެކެވެ. ހަނގާ ކުރުމުގެ ސަބަބުން، ފަހުން ލިބޭ ދެރަ ވެސް އެހާމެ ބޮޑެވެ. މިކަމަކީ ބައެއް ކުދިން، އެކަމުން ކުރާ އަސަރެއްގެ ބޮޑު ކަމުން އަމިއްލަ ނަފްސަށްގެއްލުން ވެސް ދޭ ކަމެކެވެ.

ހަނގާ ކުރުމަކީ މިކުޑަކުޑަ ދިވެހި ރާއްޖޭގައި ވެސް ހިނގަމުން އަންނަ ވަރަށް ހިތާމަހުރި ކަމެކެވެ. މިއީ ވެސް އެފަދައިން ހަނގާ ކުރެވުނު މީކަށް ކުރިމަތިވީ ކަންތައްތަކެކެެވެ.

"އަހަރެން ޤަބޫލު ކުރާ ގޮތުގައި އެންމެ ފުރަތަމަ އަހަރެން ބުލީ ކުރެވުނީ އަަހަރެންގެ އަމިއްލަ ގޭގައި އަހަރެންގެ އެއްބަނޑު އެއްބަފާ މީހުންގެ ފަރާތުންނެވެ. އެއިރު އަހަރެން ވަރަށް ކުޑައެވެ. އަދި ވާހަކަ ދައްކާއިރު ބައެއް ބަސްތައް އެއިރު އަހަންނަށް ނުކިޔެއެވެ. އަހަރެންގެ އުމުރުން 11 އަހަރު ފުރުން އިރުވެސް އަހަންނަށް 'ޑ' އާއި 'ޓ' ހިމެނޭ ބަސްތައް ރަނގަޅަށް ނުކިޔެއެވެ. އެކަމާއި އަހަރެންގެ ބޭބެމެންނާއި ދައްތަމެން އަހަންނާއި ދިމާކޮށް، މަލާމަތް ކުރިއެވެ. އެމީހުންގެ ރައްޓެހިން ތިބޭއިރުވެސް އަހަރެން ގާތު ޑ އިން ނުވަތަ ޓ އިން ފެށޭ އެއްޗެއް ކިޔާ ބަލާށޭ ބުނެ، އެމީހުން ކުރިމަތީގައި އަހަންނާއި ދިމާކުރިއެވެ.

އެމީހުން އަހަންނަށް މަލާމަތް ކުރުމުން އަހަންނަށް ރޮވޭތީ ވެސް އިތުރަށް އަހަންނާއި ދިމާކުރިއެވެ. އޭގެ އިތުރުން އަހަންނަކީ ވާހަކަ ދައްކާއިރު އަނގަ އޮރިވާ މީހަކަށްވާތީ ވެސް އެމީހުން މަލާމަތް ކުރިއެވެ. އެކަމަކީ އެމީހުންގެ އިތުރުން އަހަރެންގެ ގާތް ރަޙުމަތްތެރިން ތަކެއް ވެސް މަލާމާތް ކުރިކަމެކެވެ. ޓީވީ އަށް އަރާ ޚަބަރު ކިޔުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަމެކޭ ބުނުމުން، އެމީހުން އަހަންނަށް މަލާމަތް ކުރީ، އަހަރެން ޓީވީ އަށް އަރާފައި ޚަބަރު ކިޔާއިރު އަނގަ އެގޮތް މިގޮތަށް ދާތަން ފެނުމުން ޓީވީ ބަލާމީހުން ބޮޑަށް ސަމާލުކަން ދޭނީ އަހަރެންގެ އަނގަޔަށް ކަމަށާއި ބެލުންތެރިން ވެސް އަހަންނަށް މަލާމަތް ކުރާނެ ކަމަށް ބުނެއެވެ. އެކަމާއި އަހަރެން ވަރަށް ދެރަވެ، ހިތްވަރު އެލި މާޔޫސްވިއެވެ. އަދި ޓީވީ ޕްރެޒެންޓަރަކަށް ވުމުގެ ޚިޔާލު ހިތުން ނެރެލީމެވެ.

އެންމެ ބޮޑަށް މީހުން އަހަންނަށް ބުލީ ކުރީ ސާނަވީ ޢިލްމު ހާސިލް ކުރަން އުޅުނު އިރުއެވެ. ގްރޭޑު އަށެއްގައި އުޅުނު ފުރަތަމަ އަހަރު އެކުލާހުގެ ބައެއް ކުދިން އަހަންނާއި ދިމާލަށް 'ކުޑަ ހިކަނދި' އޭ ކިޔާފައި ގޮވިއެވެ. އެއީ އަހަރެން އިސްކޮޅުން ކުރުކޮށް ހުންނާތީއެވެ. އޭގެ އިތުރުން އަހަރެން ފުނާއަޅާފައި ހުންނަނީ ވަރަށް ހަޑިކޮށޭ ބުނެ އަބަދު ބޯ ހޭވިފައޭ ހުންނަނީ ކިޔާފައި އަހަރެންގެ އިސްތަށިގަނޑަށް ހިފާ ދެމިއެވެ. އެއް ދުވަހު އޭގެން އެއްކުއްޖަކު، ސްކޫލް ކޮންޕައުންޑުގައި އަހަރެން ހުއްޓާ އަހަރެންގެ ބޮލަށް ވެލިވެސް އުކިއެވެ. އަދި އަހަރެންގެ ޔުނިފޯމްގެ ކަރުގައި ހިފާ ނަގާފައި ވެލިގަނޑު މައްޗަށް ވައްޓާވެސްލިއެވެ. އެއީ އަހަރެން ވަރަށް ރުއި ދުވަހެކެވެ. ކްލާސް ޓީޗަރު ގާތު އެކުދިންގެ މައްސަލަ ޖެއްސުމުން ޓީޗަރު ބުނީ ވެލިފޮޅާލާފައި އެކަމާއި އަޅާނުލުމަށެވެ. އަދި އެކަންތައް ބޮޑުކޮށް ޓީޗަރު އެކަން ބަލައިފިނަމަ އަހަންނަށް އެމީހުން ކުރާނެވަރު މާބޮޑު ވާނެ ކަމަށެވެ.

ދެން އަހަރެން އެވާހަކަ ބުނީ އަހަރެންގެ މައިންބަފައިން ގާތު އެވެ. ނަމަވެސް އެމީހުން ބުނީ ސްކޫލުގައި އުޅޭއިރު އެކަހަލަ ކަންތަކާއިވެސް ކުރިމަތި ވާނެ ކަމަށާއި އެކަންތަކާއި އަޅާނުލުމަށެވެ. އަދި ބުނީ އަހަރެންގެ ދައްތަމެންނާއި ބޭބެމެން ސްކޫލުގައި އެހުރިހާ ދުވަހު އުޅުން އިރު އެކަހަލަ ޝަކުވާއެއް ނުކުރާއިރު އަހަރެން ޝަކުވާ ކުރަނީ ކީއްވެތޯ އެވެ.

ކޮންމެ ދުވަހަކު ސްކޫލަށްދާއިރު އެކުދިން ކުޅޭ ބޯޅައަކަށް ވާން އަހަރެން ބޭނުމެއް ނުވިއެވެ. އެކުދިން ދެކެ ބިރު ގަންނަން ފެށިއެވެ. އެހެންކަމުން ސްކޫލަށް ނުގޮސް އެގަޑީގައި އެހެންތަންތާގައި އުޅެފައި ސްކޫލް ގަޑި ނިމުމުން ގެއަށް ދިޔައީމެވެ. އަހަރެން ސްކޫލަށް ގޮސް އައިސް ހަދަނީ އެކަނި ކަމަށްވާތީ، ސްކޫލަށް ނުދާ ކަމެއް މަންމަމެންނަކަށް ނޭނގެއެވެ. ނަމަވެސް އެގޮތަށް ސްކޫލަށް ނުދާތާ ދެހަފްތާއެއްހާ ދުވަސް ވުމުން، ސްކޫލުން މަންމަމެންނަށް ފޯނު ކުރިއެވެ. އަދި އަހަރެން ސްކޫލަށް ނުދަނީ ކީއްވެތޯ އެއްސެވެ. މަންމަ މެންނަށް އަހަރެން ސްކޫލަށް ނުދާކަން ކުރިން ނޭނގުނު ނަމަވެސް، ޓީޗަރު ގާތު އެވާހަކައެއް ނުބުނެއެވެ. އަހަންނަށް ސްކޫލުން އަދަބެއް ލިބިދާނެތީ، ސްކޫލަށް ނުދަނީ ވަރަށް ކުއްލި ގޮތަކަށް ރަށުން ބޭރަށް ދާން ޖެހިގެންނޭ ބުނެ ދޮގު ހެދިއެވެ. ނަމަވެސް އެދުވަހު އަލުން އައިސްފި ކަމަށާއި އޭގެ އަނެއްދުވަހު ފޮނުވާނެ ކަމަށް ބުންޏެވެ.

އަހަރެން ގެއަށް އައުމުން މަންމަމެން އަހަރެން ގައިގާ އެދުވަހު ވަރަށް ތެޅިއެވެ. ސްކޫލަށް ނުދަނީ ކީއްވެކަން ބުނުމުން ވެސް އެއީ ސްކޫލަށް ނުދާންވީ ސަބަބެއް ނޫން ކަމަށް ބުންޏެވެ. އޭގެފަހުން ކޮންމެ ދުވަހަކުވެސް އަހަރެން ގޮވައިގެން ސްކޫލަށްލާންށާއި ބަލާ މަންމަ ދެއެވެ. އަދި ކޮންމެ ދުވަހަކުމެ ކުލާސްކުދިން އަހަންނަށް ބުލީ ކުރިއެވެ. އެއަހަރު ނިމުނީ އަހަންނަށް ނުކިޔެވި ގްރޫޑެ އަށެއްގައި ރިޕީޓު ވެގެންނެވެ. އެކަމާއި ހެދިވެސް ވަރަށް އަނިޔާތަކާއި އަހަރެން ކުރިމަތިލާން ޖެހުނެވެ.

އޭގެ އަނެއް އަހަރު ސްކޫލް ފެށުނު ދުވަހު އޭގެ ކުރީ އަހަރު އަހަންނަށް ގޯނާ ކުރި ކުދިންނާއި ދިމާވިއެވެ. އެދުވަހު އެންމެންގެ ކުރިމަތީގައި އޭގެން އެއްކުއްޖަކު އަހަރެންގެ ގަޔަށް ފެން ޖެހިއެވެ. ގޮތް ހުސްވެ، ނަފްސާނީ ގޮތުން ބަލިކަށިވެގެން، އަމިއްލައަށް މަރުވާނީ އޭ ހިތައް އަރާ ސްކޫލުގެ ފާޚާނާއަށް ގޮސް އަތުގައި ކަޓަރު އަޅުވަން އުޅުނީމެވެ. ނަމަވެސް އެކަން ކުރާނެ ހިތްވަރެއް ނަސީބަކުން އަހަންނަކަށް ނުލިބުނެވެ.

އެހެންކަމުން ދެން އަހަރެން ނިންމީ ވަމުން ދިޔަ ކަންތައްތަކާއިމެދު ވިސްނާ އެކަމުން އަމިއްލައަށް ޙައްލެއް ނެރޭށެވެ. އެމީހުން އަހަންނަށް ގޮތްގޮތް ހަދަނީ އަހަރެން މާމަޑުން ހުންނާތީކަން ވިސްނި، އެކަން ބަދަލުކުރަން އަހަރެން ނިންމީމެވެ. އޭގެ ފަހުން އެމީހުން އަހަންނާއި ދިމާލަށް ނަންނަމުން ގޮވަން ފެށުމުން، އަހަރެންވެސް އެމީހުންނާއި ދިމާލަށް އެކި ނަންނަމުން ގޮވީމެވެ. އެންމެ ފުރަތަމަ އެގޮތަށް އަހަރެން ރައްދެއް ދިން ފަހަރު އެމީހުންވެސް ވަރަށް ހައިރާންވިކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން އަހަރެންގެ ހިތްވަރު ގަދަވިއެވެ.

އަހަރެންގެ ގައިގާ ޖަހަން އުޅުނު ދުވަހަކު، އެމީހުންގެ އަތް ފޮޅާލާފައި ޖަހައިފިއްޔާ ޖަހާނަމޭ ބުނެ އެމީހުންނާއި ކުރިމަތި ލީމެވެ. އަހަންނަކީ ވެސް ބާރު ހުރި މީހެއްކަން އެމީހުންނަށް ވެސް އިހުސާސްވެ، ކުއްލިއަކަށް އައި ބަދަލުން އެމީހުން އަހަންނާއި އިތުރަށް ދިމާކުރަން ފަސް ޖެހުނެވެ. މަޑުމަޑުން އެމީހުން އަހަންނާއި ދިމާކުރުން ހުއްޓާލިއެވެ. ހަމައެކަނި ކުރިހާވެސް ކަމަކީ އަހަރެން ފެނުމުން ލޯއެޅުމެވެ.

އަހަރެން ދެކޭ ގޮތުގައި އަހަންނަށް ބުލީ ކުރި މީހުންނަށް އެކަން ކުރެވުނީ އަހަރެން މަޑުމަޑުން ހުރެ، އެމީހުން ކަމެއް ކުރުމުން ރޮއެ ބިރުގަތުމުންނެވެ. އަދި ޓީޗަރުން ވެސް އެމީހުން ދެކެ ބިރުން ތިބުމުންނާއި އަހަރެންގެ އާއިލާ ވެސް އެކަމާއި އަޅާނުލުމުންނެވެ. ހިތްވަރާއިއެކު އެމީހުންނާއި ކުރިމަތިލީ ފަހުން އަހަންނާއި އެއްވެސް މީހަކަށް ދިމާކުރަން ނުކެރުނެވެ. އެމީހުންގެ ފަހުން ވެސް ބައެއް މީހުން އަހަރެން ކުރުކޮށް ހުންނާތީ ހަނގާ ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުން އެކުރަނީ ގޯސްކަމެއްކަން ވިސްނައިދީ ބިރު ނުގަނެ އެމީހުންނަށް ރައްދު ދިނުމުން، އެގޮތަށް ދިމާކުރުން ހުއްޓާލައެވެ. އެމީހުންގެ ރައްޓެއްސަކަށް އަހަރެން ނުހެދި ނަމަވެސްއަހަންނަށް ބުލީ ކުރާކަށް އެކަކަށް ވެސް ނުކެރުނެވެ.

މިހާރު އަހަންނަކީ ދަރިން ލިބިފައިވާ މީހެކެވެ. ސްކޫލުގައި އެފަދަ ކަންކަމާއި އަހަރެންގެ ދަރީންނަށް ވެސް އަންނަނީ ކުރިމަތިވަމުންނެވެ. ނަމަވެސް އަހަރެން އެކުދިން ދައްކާ ވާހަކަ އަޑުއަހާ އެކަންކަމާއި ކުރިމަތިލާނެ ގޮތް ދަސްކޮށްދެމެވެ. އެގޮތުން ފުރަތަމަ އަހަރެން ދަރިން ގާތު ބުނީ ބުލީ ކުރާ ކުދިން ގާތު އެކަން ނުކުރުމަށް ބުނެ، އެއީ ގޯސް ކަމެެއްކަމަށް ބުނުމަށެވެ. އެވަރުން އެކަން ހުއްޓާނުލައިފިނަމަ ޓީޗަރު ގާތު ބުނުމަށް ނަސޭޙަތް ދިނީމެވެ. ޓީޗަރު އެކަމާއި އަޅާނުލައިފިނަމަ، ނުވަތަ އަޅާލުމުން ވެސް އެކަން ހުއްޓާ ނުލައިފިނަމަ ދެން އެކަމާއި ޓީޗަރާއި ނުވަތަ އެކުދިންގެ މައިންބަފައިންނާ އަހަރެން ވާހަކަ ދައްކަން ގަސްދުކުރީމެވެ. ކޮންމެހެނެއް ވިޔަސް ބުލީ ކުރުމަކީ އަޅާނުލާ ދޫކޮށްލައިގެން ވާނެ ކަމެއްކަމަކަށް އަހަރެން ނުދެކެމެވެ.

އަނގަ އޮރިވާތީ ޓީވީ ޕްރެޒެންޓަރަކަށް ވާން އަހަރެން ޚިޔާލު ބަދަލު ކުރިޔަސް، މިހާރު އަހަންނަކީ ބުލީ ކުރުމާއި ބެހޭ ގޮތުން އެކިއެކި އާޓިކަލް ލިޔާ ލިޔުންތެރިއެކެވެ"

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Robin 2017-11-08 08:56:03

Guess I came late into ur life, but We stopped ur dreams for the better reason for u n ours.. It hurts us more than it wud hurt you.. Life was really hard for us, took so much but Allah life gav what was written for us.. e


މަރިޔަމް ވަހީދާ