އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވާލަކީ، މިފަދައިން މީހުންނަށް ޖޯކު ޖެހުން ހަމަ "މަޖާ" ހޭ؟ މިއީ ވަރަށް ނޭދެވޭ ކަމެއް!

ސުވާލަކީ، މިފަދައިން މީހުންނަށް ޖޯކު ޖެހުން ހަމަ "މަޖާ" ހޭ؟ މިއީ ވަރަށް ނޭދެވޭ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 8 ސިކުންތު

ސޯޝަލް މީޑިއާ އަކީ މިހާރު ގިނަ މީހުން އެކި ގޮތްގޮތަށް ބޭނުން ކުރާ އެއްޗެކެވެ. އެއްބަޔަކު އިތުރު މައުލޫމާތު ހޯދުމަށާއި އުނގަންނައި ދިނުމަށް ސޯޝަލް މީޑިއާ ބޭނުން ކުރާއިރު، އަނެއް ބަޔަކު މިވަސީލަތް ބޭނުން ކުރަނީ ވިޔަފާރި ކުރިއެރުވުމަށާއި، މުނިފޫހި ފިލުވުމަށް، އަދި އެކުވެރި ރަޙުމަތްތެރިންނާއި ގާތް ތިމާގެ މީހުންނާއި ގުޅުން ބަދަހި ކުރުމުގެ ބޭނުމުގައެވެ.

ނަމަވެސް މިދެންނެވި މީހުންގެ އިތުރުން، ސޯޝަލް މީޑިއާ، އޭގެ އެންމެ ނަހަމަ ގޮތުގައި ބޭނުން ކުރާ މީހުން ވެސް މަދެއް ނޫނެވެ. ތަފާތު އެކިއެކި ޕޭޖުތައް ހަދައިގެން އެފަދަ މީހުންގެ ކަމަކީ، އެކިއެކި މީހުންގެ ފޮޓޯތައް ލައިގެން އެއަށް ހަޖޫޖެހުމެވެ. އެއީ ތިމާ ދަންނަ މީހަކަސް ނުދަންނަ މީހަކަސް ވަރިހަމައެވެ. ޖޯކު ޖަހާ މަލާމަތް ކުރެވެނިކޮށް ނިމުނީއެވެ.

އެފަދައިން ލޮލުގައި މިއަދު އަޅައިގަތީ، ސޯޝަލް މީޑިއާ ގެ ޕޭޖެއްގައި ކޮށްފައި އޮތް ޕޯސްޓަކަށެވެ. އޭގެން ފެންނަނީ ޑިއުޓީ އަށް ހުރި ސެކިއުރިޓީ ގާޑެއްގެ ފޮޓޯ އެވެ. އެމީހާއަށް ހުރީ ނިދިޖެހިފައެވެ. ފޮޓޯގެ ކެޕްޝަންގައި "ގަނޑި ހަމަ ކުރަނީ" މިހެން ލިޔެފައި އޮތެވެ.

ފޮޓޯގައި އިން މީހާއަށް ބަލާލާފައި އަޅުގަނޑުވެސް އެމީހާއާއި ދޭތެރޭ ހަމްދަރުދީވިއެވެ. ސަބަބަކީ އެމީހާ ހުރީ ވަރަށް ވަރުބަލިވެފައިކަން، އެފޮޓޯ އިން ވެސް ފާޅުވާން ހުރީމައެވެ. އިންސާނެއްވިއްޔާ ނިދިވެސް ޖެހިދާނެއޭ، އެކަން ބަޔަކަށް "މަޖާ" ކަމަކަށްވީ ކީއްވެބާއޭ އަޅުގަނޑު ހިތައް އެރިއެވެ.

ކޮންމެއަކަސް ދެން އަޅުގަނޑު އަވަސްވެގަތީ އެޕޯސްޓަށް މީހުން ކޮށްފައިވާ ކޮމެންޓުތައް ކިޔާލުމަށެވެ. އެފޮޓޯ ސޯޝަލް މީޑިއާ އަށް ލީ މީހާ ފަދައިން އެކަން "މަޖާވި" އެހެން ބަޔަކު ވެސް ތިބިތޯ ބަލާލުމަށެވެ. ނަމަވެސް ކަންތައްވީ ހީކުރި ގޮތާއި ޚިލާފަށެވެ. ކޮމެންޓުތަކަށް ބަލާލުމުން މުޅިން އައު މައުލޫމާތެއް ވެސް ލިބުނެވެ.



ސޯޝަލް މީޑިއާ އަށް އެފޮޓޯ ލާ ހަޖޫ ޖެހުމުން، އެކަން ވަރަށް ގިނަ ބަޔަކު ކުށްވެރިކޮށް އެއީ އެއްވެސް ހާލެއްގައި "މަޖާ" ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި ފޮޓޯ އިން ފެންނަ މީހާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުޑަކޮށް އޯޓިސްޓިކް މީހެއް ކަމަށް ވެސް ބުނެ، ގިނަ މީހުން ވަނީ އެޕޯސްޓު ނެގުމަށް ގޮވާލާފައެވެ.

"އޭނާގެ ހުރި ނުކުޅެދުންތެރިކަން މާ މާތް ކަލޭމެންގެ ހުރި ކުޅެދުންތެރިކަމަށްވުރެ ވެސް. ކުރިއަށް އޮތް 24 ގަޑީރު ތެރޭ މިޕޯސްޓު ރިމޫވް ކުރަން ޖެހޭނެ، ނޫނީ މިޕޭޖް ވުޖޫދުން ފޮހެ، ރިމޫވް ކޮށްލާނަން"

"މީތި ކަޑައޭ. މިއީ ކުޑަކޮށް އޯޓިސްޓިކް މީހެއް. އެކަމަކު ވަރަށް ރަނގަޅު ވާނެ. އޭނަ ޑިއުޓީ ނަގަނީ ރޭގަނޑު ވަގުތުގައި، އަމިއްލަ މަސައްކަތުން ފައިސާ ހޯދަން. ގިނައިރު މަސައްކަތް ކުރުމުން އޭނާ ވަރުބަލިވީ ކަމަށް ވެދާނެ. އޭނާއާއި ދިމާނުކުރޭ. މަޖާ ވާއިރުވެސް ކޮންމެވެސް ވަރަކަށް ވިސްނާލާ"

"މިމަޖަލެއް ނޫން. ކަލޭމެންނަކަށް ނޭނގޭނެ އެމީހުން (ސެކިއުރިޓީ ގާޑުން) މިޤައުމުގައި އުޅެން ޖެހޭ ގޮތެއް. ކޮންމެ ދުވަހަކު އަހަރުމެން މަސައްކަތު ދާއިރުއާއި ނިމޭއިރު އެމީހުން އެތަނުގައި (ވަޒީފާގައި) ތިބޭ. ކޮންމެ ދުވަހަކު އެމީހުން ކިތައް ގަޑިއިރު މަސައްކަތް ކުރަން ޖެހޭކަން ކަލޭމެންނަށް އެނގޭތަ؟ މިޕޯސްޓު ޖޯކަކާއި ކައިރިވެސް ނުކުރޭ!"

"ވަރަށް ކުޑަ މުސާރައަކަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް އެއީ. އަދި ގިނަ ވާނީ މާލޭގައި ރަނގަޅަށް ހަމަ ނިދި ނިދާލާނެ ތަންކޮޅެއް ނެތް މީހުން. އަރާމުގަ ނިދާލައިގެން ކާލައިގެން އުޅޭ މީހުން ތިކަހަލަ ފޮޓޯ ލާފަ މީހުންނަށް ޖޯކު ޖަހަން ހެޔޮ ނުވާނެ"

"ހެޔޮ ނުވާނެ އެވެސް އިންސާނެއް. ނިދި ޖެހިދާނެ. އޭގެ މާނައަކީ އޭނަގެ ފޮޓޯ ނަގާ ސޯޝަލް މީޑިއާގަ ލާ އޭނައަށް މަލާމަތްކޮށް ހެދުމެއް ނޫން. ކީއްތޯ ވާނީ ފޮޓޯ ނެގި މީހާ ގޮސް އޭނައަށް ގޮވާލުން. އޭނަވެސް އޭނަގެ އާއިލާއަށް ކާންބޯން ދޭން ކުރާ މަސައްކަތެއް އެއީ. ހަމަ އެއްވެސް ރަޙުމެއް ނެތި މީހެއްގެ ދިރިއުޅުން ތިހަލާކު ކޮށްލެވެނީ"

"ތީތި މަޖަލެއް ނޫން. ތިފޮޓޯ ލީ މީހާ އަޅެ ގޮސް ހުރެބަލަ އެމީހުން އެތިބޭ ގޮތަށް 8 ގަޑީރު ޑިއުޓީގަ އެއީ ކިހާ ވަރެއްގެ ކަމެއްތޯ އިހުސާސް ކޮށްލަން. ތިއުޅެނީ ގިނަ ފަހަރަށް ހެނދުނު ހޭލައިގެން އޮފީހަށް ނުދެވިގެން (ފޮޓޯ ލާ މީހުން)"

"މިފޮޓޯ ގައި އެވަނީ ނުކުޅެދޭ ކުއްޖެއް. ގަޑި ހަމަ ކުރަން ވެސް އަދި ނުކުރަން ވެސް އެމީހާއަށް އެވަރު އެބަ ކުރެވޭ. އެކަމަކު އެޑިއުޓީ ކޮށްލަން ކެރޭ ދިވެހިން މިޤައުމުގައި އެބަ އުޅޭބާ؟ އަޅުގަނޑު މިޕޭޖުގެ އެޑްމިންއަށް އަދަބު އިޙުތިރާމާއިއެކު ގޮވާލަން މިޕޯސްޓް ރިމޫވް ކުރުމަށް. އަދި މިކަން ކުރެވުނީތީ އެކަމަށް މާފަށް އެދި ޕޯސްޓެއް ޖަހާދިނުމަށް #ރެސްޕެކްޓް #ޑިސްއެބިލިޓީސް"

މިއީ ބައެއް ފަރާތްތަކުން އެޕޯސްޓަށް ކޮށްފައިވާ ކޮމެންޓުތަކެވެ. ހަމަ ޔަޤީނުން ވެސް އެކޮމެންޓުތައް ކިޔާފައި، ފޮޓޯއިން އެފެންނަ މީހާއަކީ ޚާއްސަ އެހީއަށް ކޮންމެެވެސް ވަރަކަށް ބޭނުންވާ މީހެއްކަން ހާމަވެއެވެ.

މިހާރު އެޕޯސްޓު ސޯޝަލް މީޑިއާއިން ނަގާފައިވީ ނަމަވެސް، ޕޭޖަށް އެފޮޓޯ އެފަދަ ގޮތަކަށް ލެވުނީތީ އެޕޭޖު ހިންގާ ފަރާތްތަކުން އަދިވެސް މާފަށް އެދިފައެއް ނުވެއެވެ.

ކަމުގެ ދެކޮޅު ރަނގަޅަށް ނުބަލާ އެކަކު އަނެކަކަށް ހަޖޫ ޖެހުމަކީ ޒަމާނުއްސުރެ ބައެއް ދިވެހިންގެ ކަށީގައި ހިފާފައި ހުންނަ ކަމަކަށްވުމުން، ހެވާއި ނުބައި އެފަދަ މީހުންނަށް އަދި ނޭނގެނީއެވެ.
މާތް ﷲ އެފަދަ މީހުންނާއި އަޅަމެން އެންމެންނަށް ސީދާ ވެގެންވާ ތެދުމަގު ދައްކަވާށި. އާމީން

**ނޯޓް: "މިއަދުނޫހުން" މިރިޕޯޓު ލިޔުނީ އެއްވެސް ފަރާތެއްގެ އަބުރަށް އަރައިގަނެ، އެއްވެސް ބަޔަކާއި ޒާތީވުމަކަށް ނޫނެވެ. މީހުންނަށް މަލާމަތް ކުރުމާއި ދަންދޮރު ރަނގަޅަށް ބަލާނުލާ ހަޖޫޖެހުން އަޅުގަނޑުމެންގެ މެދުގައި، ޚާއްސަކޮށް ސޯޝަލް މީޑިއާ ގައި، އިތުރުވެފައިވާތީ އެކަމަކީ ނުހަނު ހިތާމަހުރި ކަމެއްކަން އަންގައި ދިނުމުގެ ގޮތުންނެވެ.**

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ