އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަނަ (ހަވަނަ ބައި)

ކަމަނަ (ހަވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 44 ސިކުންތު

ޔޫސުފް އަށް ހޭވެރިކަމެއްވީ އެރޭ އަށެއް ޖެހި ފަހުންެނެވެ. އެއިރުވެސް އޭނާ އޮތީ ސޯފާމަތީގައެވެ. ހޭލެވުނުއިރު ބަދިގޭގައި ކަމަނަ އުޅެއެވެ. މަންމައާއި އައިދަން ފެންނާކަށް ނެތެވެ.

"ކޮބާ މަންމައާއި އައިދަން؟" ޔޫސުފް އަށް އަހާލެވުނެވެ.

"ކޮޓަރީގަވީ. ޔޫސުފް އަށް ނިދުނީ ދޯ؟ އަންނަންވީނު ކާން؟" ހިނިތުންވުމަކާއިއެކު ކަމަނަ ބުންޏެވެ.

"އަންނާނަން ފާޚާނާއަކަށް ވަދެލާފަ. މަންމައާއި އައިދަން އަށް ވެސް ގޮވައްޗޭ އިނގޭ" މިހެން ބުނެ ޔޫސުފް ދިޔައީ ގައިދޮވެލާށެވެ. އެދުވަހު އެވަރަށް ނިދުނީ ކީއްވެކަމެއް ޔޫސުފް އަކަށް ހަމަ އެއްގޮަތަކަށް ވެސް ނޭނގުނެވެ.

ފާޚާނާ ކޮށްނިމިގެން ކާގެއަށް ދިޔައިރު ޔޫސުފްގެ މަންމައާއި އައިދަން އަދި ކަމަނަ ވެސް އިނީ ޔޫސުފް ގެ އިންތިޒާރުގައެވެ.

"ދަރިފުޅާ، ހާދަ ވަރަކަށް ނިދީ. މަންމަ ބުނަމެއްނު ދެނަމާދު ދޭތެރޭ ވަގުތުގައި ނުނިދާށޭ" ޔޫސުފް ފެނުމުން އޭނާގެ މަންމަ ބުންޏެވެ.

"ނަމާދަށް ދާން އުޅެނިކޮށް ބޮލަށް ފާޑެއްގެ އެނބުރުމެއް އެރީ. ނޭނގެ ވީ ގޮތެއް ވެސް. ކައިގެން ދާނަން މިސްކިތައް" ޔޫސުފް މިހެން ބުނުމާއިއެކު ކަމަނަގެ އަތުގައި އޮތް އުނދުޅި މޭޒުމައްޗަށް ވެއްޓުނެވެ.

"ތިހާ ބޮލުގައި ރިއްސާއިރު ބޭރަށް ނުދާންވީއެއްނު" ޔޫސުފް ނަމާދަށް ގޮސްދާނެތީ ކަމަނަ ބުންޏެވެ.

"ދޮގެއް ނަމާދު ކުރަން ވާނެ. ނަމާދު ނުކޮށް ހުރުމަކީ ވަރަށް ގިނަ ގެއްލުމާއި ކުރިމަތިވާނެ ކަމެއް. ދަރިފުޅު މާބޮޑަށް ބޯއަނބުރަންޏާ ގެކައިރި މިސްކިތައް ދޭ އިނގޭ. އެހެންނޫނީ ގޭގައި ނަމާދު ކޮށްލާ" ޔޫސުފްގެ މަންމަ މިހެން ބުނުމުން ކަމަނަ ވަރަށް ރުޅިއައެވެ. އޭނާގެ މަންމަ އަށް ކޮންމެވެސް ކަހަލަ ގެއްލުމެއް ދޭން ވެސް ހިތައް އެރުވިއެވެ.

"މިސްކިތައް ދާނީ. ގޭގައި ކޮށްފިއްޔާ އަބަދުވެސް ދެން ގޭގައި ކުރާ ހިތްވާނީ" ޔޫސުފް ބުންޏެވެ. މަންމައާއި ކަމަނައާއި ދެމެދު ނުރުހުންތަކެއް ވާހެން ޔޫސުފް އަށް ވެސް އިޙުސާސް ކުރެވުނެވެ.

ކައި ނިމިގެން ޔޫސުފް ނިކުތީ ބޭރަށެވެ. ނަމާދަށް ދިޔުމަށެވެ. ވުޟޫ ނުކޮށް ބޭރަށް ނިކުތީ މިސްކިތުން ވުޟޫ ކޮށްލާނީއޭ ހިތައް އަރާފައެވެ. ޔޫސުފްގެ ފަހަތުން ކަމަނަ ދިޔަކަމެއް އޭނާއަކަށް ނޭނގެއެވެ. ކަމަނަ ދިޔައީ އޭނާއަށް ނުފެންނަ ގޮތަށެވެ. އަދި މިސްކިތައްދާ މަގު ޔޫސުފް އަށް އޮޅުވާލިއެވެ.

ގެއިން ނިކުމެގެން ހިނގާތާ ސާޅީސް ފަސް ވަރަކަށް މިނެޓުވިއެވެ. ޔޫސުފް އަކަށް މިސްކިތެއް ނުފެނުނެވެ. އޭނާއަށް ހިނގެނީ ވަރަށް އަނދިރި ހިސާބަކުންނެވެ. ގެތަކެއް ހުރި ކަމުގައި ވިޔަސް މީހެއް ނުފެނެއެވެ. އެއީ ރަށުގެ ކޮން ފަޅިއެއް ކަމެއް ވެސް ޔޫސުފް އަކަށް ނޭނގުނެވެ.

"ފުރޭތަ ގޮވައިގެން ހިނގަނީ.. ހާހާހާހާހާހާ.. ފުރޭތަ ގޮވައިގެން ހިނގަނީ... ނުފެންނާނެ.. ކިތަންމެ ވަރަކަށް ހިނގިޔަސް ނުފެންނާނެ.. ފުރޭތަ ކައިރީ އަހާ.. ހާހާހާހާހާ" ޔޫސުފް އާއި މާދުރު ނޫން ހިސާބަކުން އަންހެނަކު މިހެން ކިޔާފައި ހޭއަޑަށް ޔޫސުފް ސިއްސައިގެން ގޮސް ބަލާލިއެވެ. އެއިރު ގެއެއްގެ އޮޅިގަނޑުގައި ވިއްސަކަ އަހަރު ފުރިފައިވާ އަންހެން ކުއްޖަކު އިށީންދެގެން އިނެވެ. އޭނާ އެހެންކީއިރު އިނީ ޔޫސުފް އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ޔޫސުފް ފެނުމުން"ފުރޭތައާއި އެކީ ހިނގަނީ" އޭ ބުނެ ބޮޑަށް ހެން ފެށިއެވެ. އެއީ ދުނިޔެއިން މޮޔަވެފައި ހުރި ކުއްޖެއްކަން އެހިސާބުން ޔޫސުފް އަށް ވިސްނުނެވެ.

ކުއްލިއަކަށް އެއަންހެން ކުއްޖާ އޭނާގެ ވާތް ފަރާތަށް ބަލާލާފައި ބިރުން ދެލޯބޮޑުވެ ރޯން ފަށާފައި އަވަހަށް އެތަނުން ތެދުވެ ދުއްވައިގަތެވެ. އެމަންޒަރު ބަލަން ހައިރާން ކަމާއިއެކީ ޔޫސުފް ހުއްޓެވެ.

ވާނުވާއެއް ނޭނގިފައެވެ. ޔޫސުފް އަށް ނޭނގުނު ނަމަވެސް، އެއަންހެން ކުއްޖާ ޔޫސުފް އަށް ދެއްކީ ކަމަނަ އެވެ. ނަމަވެސް ފުރޭތައާއި އެކީ ހިނގަނީ އޭ ބުނެ ކަމަނަ ގެ ވާހަކަ ޔޫސުފް ގާތު ބުނުމުން، ކަމަނަ ރުޅިއައިސްގެން އެއަންހެން ކުއްޖާގާތަށް ދިޔައީއެވެ. އޭނާ ބިރުން ރޯން ފަށާފައި އެތަނުން ދިޔައީ އެހެންވެއެވެ.

ހިނގާ ހިނގާ ވެސް މިސްކިތެއް ނުފެނުނޭ ދެން އެހެންވީމަ ގެއަށް ދާނީ އޭ ހިތައް އަރާ ޔޫސުފް އައި ކޮޅަށް ހިނގައިގަތެވެ. ގެއަށް ދާންވީ މަގު އެވަގުތު ޔޫސުފް އަށް ކުއްލިއަކަށް ފެނުނެވެ. ހައިރާން ކުރުވަނިވި ކަންތައްތަކެއް ދިމާވި ކަމުގައި ވިޔަސް، އެދުވަހަކީ ޔޫސުފް އަށް ވަރަށް ވަރުބަލި ދުވަހަކަށް ވުމުން ޔޫސުފް ނިންމީ އަނބުރާ ގެއަށް ގޮސް އަރާމު ކޮށްލާށެވެ.

ގެއަށް ގޮސް މަންމަ ކޮޓަރީގައި އައިދަން ނިންދަވާފައި، ކަމަނަ އާއި ޔޫސުފް ވެސް ދިޔައީ ނިދާށެވެ. ޔޫސުފް އަށް ނިދިޖެހުމަށްފަހު، ކަމަނަ ގެއިން ނިކުމެގެން ދިޔަ ކަމެއް އޭނާއަކަށް ނޭނގެއެވެ.
އޭގެ އަނެއް ދުވަހެވެ. އޮފީހަށް ދާން ތައްޔާރު ވެގެން ޔޫސުފް ނިކުތްއިރުވެސް އައިދަން އަށް އޮތީ ނިދިފައެވެ. އެހެންކަމުން މަންމަ އާއި ކަމަނަ އާއިއެކު ސައިބޮއެގެން، އައިދަން އާއި ވާހަކަ ދައްކަން ފަހުން ގުޅާނެ ކަމަށް ބުނެ ޔޫސުފް އޮފީހަށް ދިޔައެވެ.

ޔޫސުފް އަކީ އޮފީސް މީހުންނާއި މާގިނައިން ވާހަކަ ދައްކާ އުޅޭ މީހަކަށް ނުވި ކަމުގައި ވިޔަސް، އެންމެންނާއި ވެސް އެކުވެރި މީހެކެވެ. އޮފީހުގައި އުޅޭ މީހުންނާއި ގާތް ގުޅުމެއް ނުބޭއްވި ކަމުގައި ވިޔަސް، އެންމެންގެ ވެސް ހާލު އަހުވާލު ބަލާހަދައެވެ. އެދުވަހު ޔޫސުފް އޮފީހަށް ވަތްއިރު އޮފީހުގެ މާހައުލު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަނީ ހާސް ކަމެވެ.

"ޔޫސުފް.. ޔޫސުފް.. އިނގޭތަ މިއުޅެނީ ވަރަށް ދެރަ ކަމެއް ވެގެންނޭ" ޔޫސުފް ފެނުމުން އޭނާއާއިއެކު މަސައްކަތް ކުރާ އުސްމާން ބުންޏެވެ.

"ކިހިނެއްވީ؟ ކީއްވެ އެންމެން މާހާސްވެފަ އެތިބީ؟" އެންމެންގެ މޫނަށް ބަލާލަމުން ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށް ޔޫސުފް އެއްސެވެ.

"ހާސް ވާނެއްނު. އަޑެއް ނާހަންތަ ރަށު ތެރޭގައި ވެގެން އުޅޭ ކަންތައްގަނޑެއް؟ މިއޮފީހުގެ ބަޖެޓް ސެކްޝަންގައި މަސައްކަތް ކުރޭނު ދޯ އަސްލަމް އެއް..؟ ރޭއްސުރެ އޭނަ ގެއްލިގެން އެބައުޅޭ." ވަރަށް ހާސްވެފައި އަސްލަމް ގެ ވާހަކަ އުސްމާން ކިޔާދިނެވެ.

"އޭނ.. ގެއްލިގެންނޭ؟ ކިހިނެއް އިނގެނީ ގެއްލުނީ ކަމެއް؟ ތާކަށް ދިޔައީ ކަމަށް ވެދާނެއްނު" އެރަށުގައި ދުވަހަކުވެސް އެފަދަ ކަމެއް މީގެ ކުރިން ހިނގާފައި ނުވާތީ، ޔޫސުފް އެކަމާއި ވަރަށް ބޮޑަށް ހައިރާންވިއެވެ.

"އިއްޔެ ހަވީރު އޭނަ ބިޓު ގޮވައިގެން އުޅުންތަން ރަށުގެ ބައެއް މީހުންނަށް ފެނިފަ ވަނީ. އެކަމަކު އިރުއޮއްސުމަށްފަހު އެކަކަށް ވެސް ނުފެނޭ. އޭނަގެ މަންމަ ބުނީ މުޅި ރޭ އެއްކޮށް ގެއަކަށް ވެސް ނުދެޔޯ. މީގެ އެންމެ ބިރުވެރި ކަމަކީ...." އެހިސާބަށް ބުނެފައި އުސްމާން ހިންދިރުވާލިއެވެ. އަދި ވަރަށް ބިރުން ހުރެ ދެކޮޅު ބަލާލާފައި ތަންކޮޅެއް ސިއްރު ސިއްރުން ޔޫސުފް ގާތު ބުންޏެވެ.

"އޭނަގެ ބިޓު... ރޭގަ މީހުންނަށް ފެނުންއިރު... އެކުއްޖާ ހުރީ ދުނިޔެއިން މޮޔަވެފަ.. އޭނަގާތު އަސްލަމް ކޮބާތޯ މީހުން އެހުމުން ހީހީފަ ކިޔޯ ފުރޭތަ ފުރޭތަ، ޖިންނި ފުރޭތަ އޭ.. ރަށު އެންމެން ތިބީ ބިރުން ހުމާ.. އެކަމަކު މިއަދު މެންދުރު 12:00 ޖެހުމުގެ ކުރިން އަސްލަމްގެ ޚަބަރެއް ނުވެއްޖިއްޔާ ނަމާދަށްފަހު ރަށު މީހުން އޭނާ ހޯދަން ނިކުންނަން ބުނެފައިވަނީ ކައުންސިލުން" އުސްމާން ވަރަށް ބިރުން ކިޔާދިނެވެ.

"އެކަމަކު މިރަށަކީ މީގެ ކުރިން ތިކަހަލަ ކަމެއް ދުވަހަކުވެސް ވީރަށެއް ނޫނެއްނު.. ޔަގީންތަ އޭނަ ރޭގައި ކައިރި ރަށަކަށް ދިޔައީކީ ނޫންކަން؟" ޤަބޫލުކުރަން ދަތިވެގެން ޔޫސުފް އަށް އެހެން ބުނެވުނުއިރު، އޭނާ ހަނދާންވީ އޭގެ ކުރީ ރޭ އޭނާއާއި ދިމާވި ސިކުނޑި ހަމަނުޖެހޭ އަންހެން ކުއްޖާ މަތިންނެވެ. އެކުއްޖާ ވެސް ކިޔަމުން ދިޔައީ ފުރޭތައެއްގެ ވާހަކައެވެ. އަނެއްކާ އެއީ އަސްލަމް ރައްޓެހިވެގެން އުޅުނު ކުއްޖާ ބާއޭ ޔޫސުފް ހިތައް އެރިއެވެ.

"ތިހެން ވެސް ކައުންސިލުން އެހިއޭ، އެކަމަކު އޭނަގެ މަންމަ ބުނީ އެއްވެސް އެއްޗެއް ވެސް ގެންގޮއްސަ ނެތޯ، އަސްލަމް އަކީ ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ރަށުން ބޭރަށް ދިޔަޔަސް އޭނާގެ ލެޕްޓޮޕް ހިފައިގެން ނޫނީ ނުދާ މީހެކޭ އޭނަގެ މަންމަ ބުނި. އަދި ބުނި ފޯނު ޗާޖަރު ވެސް ބާއްވާފައޭ ދިޔައީ، އެއީ ދަތުރެއް ކުރަންޏާ އަބަދުވެސް އަސްލަމް ގެންދާ ދެ އެއްޗޭ ވެސް ބުނި. އެހެންވީމަ އެހެނެއް ވެސް ނެތެއްނު ބުނެވޭކަށް. އޭގެ އިތުރުން ބަނދަރު މައްޗަށް އޭނާ ދިޔަތަން ވެސް ނެތް އެކަކަށް ވެސް ފެނިފައެއް. މިރަށް ކައިރީގައި އޮތް ރަށަކުން ވަރަށް ފަހަކާއި ޖެހެންދެން ވެސް އެގޮތަށް މީހުން ގެއްލުނު ޚަބަރު ލިބުން. އެކަމާއި ހެދި ބިރުން އެރަށު މީހުން ގެއިން ބޭރަށް ވެސް ނުނިކުމޭ އިރުއޮއްސުމަށްފަހު." އުސްމާން ގެ އެވާހަކަތައް ކަނުލާ އަޑުއަހަން ޔޫސުފް އިނެވެ.

މެންދުރު ނަމާދު ވަގުތުވެ ހިނގައްޖެއެވެ. ކޮންމެ ގެއަކުން ވެސް ދެމީހުންވަރު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވުމަށް ތާޅަފިލިން ގޮވުުމުން، ޔޫސުފް ވެސް އެތަނަށް ދިޔައެވެ. އޭނާގެ އޮފީސް މީހުންނާއިއެކު އެވެ. އެންމެންވެސް އެތަނަށް އެއްވުމުން، އަސްލަމް ގެއްލިގެން އުޅޭކަމުގެ ހިތާމަވެރި ޚަބަރު ރައްޔިތުންނާއި ހިއްސާ ކުރުމަށްފަހު ދެންނެވީ އޭނާ އަދިވެސް ގެއަށް ނުދާތީ އާއި ވީނުވީ ތަނެއް ނޭނގުމުގެ ސަބަބުން ރަށުގެ ރައްޔިތުން އެއްވެގެން އޭނާ ހޯދަން ނިކުތުމަށެވެ. އެކަމުގައި އެންމެންވެސް އެއްބާރުލުން ދިނުމަށް ކައުންސިލް ރައީސް އެދިލެއްވިއެވެ.

ޔޫސުފް ވެސް ނިންމީ އެކަމުގައި ބައިވެރިވާށެވެ. އަސްލަމް އަކީ ޔޫސުފްގެ އޮފީސް މީހަކަށް ވެސް ވާތީ އާއި އެކީގައެވެ. ކައުންސިލުން ނިންމީ އެދުވަހުގެ މެންދުރު އެކަކުން މެންދުރުފަހު ތިނެއް ޖަހަންދެން ރަށުގެ އުތުރު ފަރާތުގައި އަސްލަމް ހޯދުމުގެ މަސައްކަތް ހިންގުމަށެވެ. އެވަގުތުކޮޅުގައި އަސްލަމް ނުފެނިއްޖެނަމަ، ތިނަކުން ހަތަރަކަށް ހުސްވަގުތުކޮޅެއް ނެގުމަށްފަހު، ހަތަރަކުން ހައެކަށް އަނެއްކާވެސް އުތުރު ސަރަޙައްދު ބަލާ، އެވަރުން ވެސް ނުފެނިއްޖެނަަމަ ދެން އެރޭ އަށަކުން އެގާރަ ޖަހަން ދެން ރަށުގެ ދެކުނު ފަރާތު ވަލުތެރެ ބެލުމަށެވެ. އެގަޑީގައި ދާނީ ކޮންމެ މީހަކުވެސް ދަނޑި ގަނޑެއްގައި އަލިފާން ޖަހައިގެން ނުވަތަ ބޮޑު ޓޯޗު ބައްތިއެއް ވިޔަސް ހިފައިގެން ކަމަށް ވެސް ކައުންސިލް ރައީސް އިރުޝާދު ދެއްވިއެވެ.

ކަންތައްތައް ރޭވުނު ގޮތަށް ކުރިއަށް ގެންދެވުނެވެ. މެންދުރު ތިނަކާއި ހަމައަށް ރަށުގެ އުތުުރު ސަރަޙައްދުގެ އެއްބައި ހޯދާ ބެލިއިރުވެސް އަސްލަމް އެއް ނުފެނުނެވެ. އެއްގަޑީރު ވަންދެން އެންމެން ހުސްވަގުތު ކޮޅެއް ނެގުމަށްފަހު ހަތަރެއް ޖެހުމަށްފަހު އަނެއްކާވެސް އެސަރަޙައްދު ހޯދަން ފެށިއެވެ. ވަލުތެރެއާއި ފަޅުގެތަކާއި ހުރިހާ ތަނެއް ހޯދިއިރުވެސް އެކަކަށްވެސް އަސްލަމް ނުފެނުނެވެ. ހައެއް ޖެހިއިރު އުތުރު ސަރަޙައްދު އެއްކޮށް ހުރީ ބަލާ ނިމިފައެވެ. އެހެންކަމުން ދެން އެންމެންވެސް ތައްޔާރު ވެގެން އެރޭ އަށެއް ޖެހިއިރު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވިއެވެ. ޔޫސުފް ވެސް ޓޯޗެއް ހިފައިގެން އުސްމާނާއިއެކު އެތަނަށް ދިޔައެވެ. އެދުވަހު އެކަމުގައި އުޅެން ވެގެން، ޔޫސުފް ގެއަކަށް ނުދެއެވެ. ހެނދުނު އޮފީހަށް ދިޔަގޮތަށް އުޅުނީ އުސްމާނާއިއެކު އެކަމުގައެވެ.

ދެކުނު ފަރާތް ހޯދެން ފެށިއެވެ. އެންމެ ފުރަތަމަ ވެސް އެންމެން ވަނީ ވަލު ތެރެއަށެވެ. އެމީހަކަށް ކިޔުނުހާ ހެޔޮ އެއްޗެއް ކިޔަމުންނެވެ. އެހެން ދަނިކޮށް، ނިކަގަހެއްގެ ތަންކޮޅެއް އުސް ހިސާބެއްގައި އެއްޗެއް އެލުވާފައި ހުރިހެން ހީވެގެން އެންމެން އެދިމާލަށް އަލި ކުރިއެވެ. ރަނގަޅަށް ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އެގަހުގައި އެލުވާފައި ހުރީ، އަސްލަމް ގެ ފުރާނަ ނެތް މަސްގަނޑެވެ. އޭނާގެ މުޅި ހަށިގަނޑުން ލޭހުސްވެގެން ހުދުވެފައިވާއިރު، ދެލޯހުރީ ބޮޑުވެފައެވެ. އެމަންޒަރު ފެނިފައި އެއްބަޔަކު ހޭނެތިގެން ވެއްޓުނެވެ. އަނެއްބަޔަކު ބިރުން ގޮސް ހަޅޭއްލަވަން ފެށިއެވެ. ޔޫސުފްއާއި އުސްމާން ހުރީ ބިރުންގޮސް ގުޑިލަންވެސް ނޭނގިފައެވެ.

(އަދި ނުނިމޭ.. ހަތްވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ