އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިން ފުރިގެންވާ، އިސްލާމީ ރިވެތި ހަގީގީ ވާހަކައެއް

ލޯބިން ފުރިގެންވާ، އިސްލާމީ ރިވެތި ހަގީގީ ވާހަކައެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 44 ސިކުންތު

މިއީ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ދަރިކަނބަލުން ޒައިނަބު ބިންތު މުޙައްމަދު އާއި އެކަމަނާގެ ފިރިކަލުން އަބޫ އެލްއާސް އިބްނު ރަބީ ގެ ހަގީގީ ލޯބީގެ ވާހަކައެވެ. އަބޫ އެލްއާސްގެފާނަކީ ޒައިނަބު ގެފާނާއި ދެބެންގެ ދެދަރި ބޭފުޅެކެވެ. އެއީ ޚަދީޖަތު (ރަޟިޢަﷲ އަންހާ) ގެފާނުގެ ކޮއްކޯފުޅެއްގެ އިތުރުން ޤުރޭޝުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އިޚުލާސްތެރި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. އެކަލޭގެފާނު ދެކެ މާތް ރަސޫލާ (ޞޢޥ) ވަރަށް ބޮޑަށް ލޯބިފުޅުވެލެއްވިއެވެ.

ކީރިތި ރަސޫލާ މުޙައްމަދު (ޞޢޥ) އަށް ރަސޫލުކަން ލިބިވަޑައިގަތުމުގެ ކުރިން އެއްދުވަހު، އަބޫ އެލްއާސް އެކަލޭގެފާނު އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.

"ތިމަން ކަލޭގެފާނު ކަލޭގެފާނުންގެ ދޮށީ އަންހެން ދަރިފުޅާއި (ޒައިނަބުގެފާނާއި) ކައިވެނި ބައްލަވާގަންނަވަން ބޭނުންފުޅު ވެއެވެ"

ޖަވާބުގައި މާތް ނަބިއްޔާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވީ އެންމެ ފުރަތަމަ އެކަލޭގެފާނަށް ޖެހިވަޑައިގަންނަވާނީ އެކަމާއި ޤަބޫލުތޯ އެކަމަނާއި އަރިހުން އައްސަވަން ކަމަށެވެ. އެހެންކަމުން ރަސޫލާ (ޞޢޥ) ޒައިނަބުގެފާނު އަރިހުގައި ދެންނެވިއެވެ. "ތިޔަކަމަނާގެ ދެބެންގެދެދަރި އަބޫ އެލްއާސް، ކަމަނާއާއި ކައިވެނި ބައްލަވައިގަންނަވަން ތިމަންކަލޭގެފާނު އަރިހުން އެދިލައްވަވައިފިއެވެ. އޭނާއަކީ ޒައިނަބުގެފާނުގެ ފިރިކަލުން ކަމުގައި ހެއްދެވުމަށް އެއްވެސް އިއުތިރާޒެއް އެބައޮތްތޯއެވެ؟"

ބައްޕާފުޅު އެހެން އެއްސެވުމުން ޒައިނަބުގެ ފާނުގެ މޫނުފުޅު ލަދުންވެތިކަމުން ރަތްވެ އެކަމަނާ ހިނިތުންވެލިއެވެ. އެހެންކަމުން ޒައިނަބުގެފާނާއި އަބޫ އެލްއާސް ގެ ކައިވެނި ކުރެވުނެވެ. އެދެމަފިރިކަނބަލުންގެ ހަގީގީ ލޯބި ފެށުނެވެ. އެދެމަފިރިކަނބަލުންނަށް ދެ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެއީ އަލީ އާއި އުމާމާ އެވެ.

އޭގެފަހުން، އަބޫއެލްއާސް މައްކާއިން ބޭރަށް ފުރާވަޑައިގެން ވަނިކޮށް، މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އަށް ރަސޫލުކަން ލިބިވަޑައިގެންނެވިއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އަބޫއެލްއާސް ގެފާނު އެނބުރި ވަޑައިގެންނެވިއިރު އަނބިކަނބަލުން ޒައިނަބުގެފާނު އިންނެވީ އިސްލާމްދީން ޤަބޫލު ކުރައްވާ މުސްލިމަކު ކަމުގައިވެ ލައްވަވާފައެވެ. އެކަލޭގެފާނު ފެނިވަޑައިގެންނެވުމުން "އުފާވެރި ޚަބަރެއް އެބައޮތް" ކަމުގައި ދެންނެވުމުން، އަބޫއެލްއާސްގެފާނު އިންތަނުން ތެދުވެ ވަޑައިގެން ޒައިނަބުގެފާނާއި ދުރަށް ދާން ފެއްޓެވިއެވެ. އެކަމާއި ހައިރާންފުޅުވެ ވަޑައިގެން އެކަލޭގެފާނުގެ ފަހަތްޕުޅުން ހިންގަވަމުން ޒައިނަބުގެފާނު ވިދާޅުވިއެވެ.

"ތިމަންކަމަނާގެ ބައްޕާފުޅަށް ރަސޫލުކަން ލިބިވަޑައިގެންފިއެވެ. އެހެންކަމުން ތިމަންކަމަނާ ވެސް މުސްލިމަކު ކަމުގައި ވެއްޖައީމުއެވެ."

އަނބިކަނބަލުންގެ މިހެން ދެންނެވުމުން ޖަވާބުގައި އަބޫއެލްއާސްގެފާނު ވިދާޅުވިއެވެ "މުސްލިމަކަށްވުމުގެ ކުރިން ތިމަން ކަލޭގެފާނާއި އެންމެ ފުރަތަމަ މަޝްވަރާ ނުކުރެއްވެވީ ކީއްވެތޯއެވެ؟" ދީނާއި މެދު އެދެމަފިރި ކަނބަލުންގެ ދެމެދު ދެބަސްވުންތަކެއް އެހިނދު ކުރިމަތިވިއެވެ.

"ތިމަންކަމަނާގެ ބައްޕާފުޅުގެ ބަސްފުޅާއި އެކަލޭގެފާނު ގޮވާލެއްވި ގޮވަލެއްވުމަށް ތިމަންކަމަނާއަކަށް ދެބަހެއް ނުވެވޭނެއެވެ. އެކަލޭގެފާނަކީ ދޮގު ހައްދަވާ ބޭފުޅެއް ނޫނެވެ. އެކަލޭގެފާނަކީ އެންމެ އިހުލާސްތެރި، ތެދުވެރި އަދި އިތުބާރުކުރެވޭ ބޭފުޅާއެވެ. އިސްލާމްދީން ޤަބޫލުފުޅު ކުރެއްވީ ތިމަން ކަމަނާ އެކަންޏެއް ނޫނެވެ. ތިމަންކަމަނާގެ މަންމާފުޅާއި، ކޮއްކޯފުޅުމެން އަދި ތިމަންކަމަނާގެ ދެބޭންގެ ދެދަރި އަލީ ބިން އަބީ ޠާލިބުގެފާނާއި، ކަލާގެ ދެބެންގެދެދަރި އުޘްމާން ބިން އައްފާނު ވެސް މުސްލިމުން ކަމުގައި ވެއްޖެއެވެ. އަދި ކަލާގެ އެކުވެރި އަޚް އަބޫ ބަކުރުގެފާނު ވެސް މުސްލިމަކު ކަމުގައި ވެއްޖެއެވެ." ޒައިނަބު ގެފާނު ވިދާޅުވިއެވެ.

"ނަމަވެސް ތިމަންކަލޭގެފާނާއި ދިމާލަށް، ތިމަންކަލޭގެފާނުންގެ އަނބިކަނބުލޭގެ ރުއްސެވުމަށް ޤައުމުގެ މީހުންނާއި ކާބަފައި ދީން ދޫކޮށްލެއްވެވީއޭ، މީހުން ބުނަން ބޭނުންފުޅެއް ނޫވެއެވެ. ކަމަނާގެ ބައްޕާފުޅަކީ ދޮގުވެރިއެއްކަމަށް ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ހާލަތު ވިސްނިވަޑައިގެންފާނަންތޯ އެވެ" އަބޫއެލްއާސް މިހެން ވިދާޅުވުމުން ޒައިނަބުގެފާނު ވިދާޅުވިއެވެ.

"ތިމަންކަމަނާއަށް ވުރެ ބޮޑަށް ކަލާގެ ހާލަތު ވިސްނިވަޑައިގަންނަވާނެ އެހެން މީހަކު ނުހުންނަވާނެއެވެ. ޙައްޤުވެގެންވާ ތެދުމަގު ލިބުމަށް ދާންދެން ވެސް ތިމަންކަމަނާ ކަލާއާއިއެކު ވާނަމެވެ" އެކަމަނާގެ އެވައުދުފުޅު 20 އަހަރު ވަންދެންވެސް އެކަމަނާ ހިފެހެއްޓެވިއެވެ.

ނަމަވެސް އަބޫއެލްއާސް ދެމިހުންނެވީ އިސްލާމްދީން ޤަބޫލުފުޅު ނުކުރައްވަވާ ބޭފުޅެއް ކަމުގައެވެ. ހިޖްރަކުރުމުގެ ވަގުތު ޖެހުމުން، ފިރިކަލުންނާއިއެކު ހުންނެވުމުގެ ހުއްދައަށް ޒައިނަބުގެފާނު އެކަމަނާގެ ބައްޕާފުޅު އަރިހުން އެދިލެއްވިއެވެ. ޖަވާބުގައި މާތް ނަބިއްޔާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވީ ފިރިކަލުންނާއި ދެދަރިކަލުންނާއި އެކު ޒައިނަބުގެފާނު މަޑުކުރެއްވުމަށެވެ.

އެހެންކަމުން ޒައިނަބުގެފާނު ހުންނެވީ މައްކާ ގައެވެ. ބަދްރު ހަނގުރާމައިގެ ވަގުތާއި ޖެހެންދެންނެވެ. ބަދްރު ހަނގުރާމައިގާ މުސްލިމުންނާއި ދެކޮޅަށް މުޝްރިކުންނާއިއެކު އަބޫއެލްއާސްގެފާނު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޒައިނަބުގެފާނަށް އެދުވަސްކޮޅުވީ ހިތާމައާއި ބިރުވެރިކަމުން ފުރިގެންވީ ދުވަސްތަކަކަށެވެ. އެކަމަނާ މާތް ﷲ އަށް ދުޢާ ދެންނެވިއެވެ.

"ޔާ ﷲ. އެއްދުވަހުގެ އިރު އަރާ ހިނދު ތިމަން ކަމަނާގެ ދެ ދަރިކަލުން ޔަތީމު ވެދާނެތީ ތިމަންކަމަނާ ބިރުފުޅުގަންނަ ފަދައިން ތިމަންކަމަނާގެ ބައްޕާފުޅު އަވަހާރަވެދާނެތީ ވެސް ތިމަންކަމަނާ ބިރުފުޅުގަނެއެވެ"

ބަދުރު ހަނގުރާމަ ފެށިގެން ނިމުނީ މުސްލިމުންނަށް ނަސްރު ލިބި ވަޑައިގެންނެވެ. އަދި މުސްލިމުން އަބޫއެލްއާސްގެފާނު ހައްޔަރު ކުރެއްވިއެވެ. އެޚަބަރު ޒައިނަބުގެފާނަށް ލިބިލެއްވުމުން، ފިރިކަލުން މިނިވަން ކުރެއްވުމުގެ އުޖޫރައެއްގެ ގޮތުގައި އެކަމަނާގެ މަންމާފުޅު އެކަމަނާއަށް ދެއްވި ހާރުކޮޅެއް، އަބޫއެލްއާސް ގެ އަޚެއްގެ އަތްޕުޅުން މާތް ނަބިއްޔާ (ޞޢޥ) އާއި ހަވާލު ކުރެއްވިއެވެ.

ނަބިއްޔާ (ޞޢޥ)، ހައްޔަރުކުރެއްވުނު މުޝްރިކުންނަށް އުޖޫރަތައް ނަންގަވާ، މުޝްރިކުން މިނިވަން ކުރައްވަމުން ގެންދެވިއިރު، ޚަދީޖަތުގެފާނުގެ ހާރުކޮޅު ފެނިވަޑައިގެންނެވިއެވެ. އެހާރުކޮޅު ނަންގަވާފައި އެއީ ކޮންބޭފުޅެއްގެ އުޖޫރައެއްތޯ އެއްސެވުމުން އެއީ އަބޫއެލްއާސް އިބްނު ރަބީ ގެ އުޖޫރަ ކަމުގައި އަސްޙާބު ބޭކަލަކު އެކަލޭގެފާނު އަރިހު ދެންނެވިއެވެ.

އެހިނދު އެކަލޭގެފާނު ކީރިތިކުރައްވާ ޙަދީޘްފުޅު ކުރެއްވިއެވެ. "މިއީ ޚާދީޖަތުގެފާނުގެ ހާރުކޮޅެވެ". އެކަލޭގެފާނަށް ވެވަޑައިގަތް ގޮތް ފެނިފައި އަސްޙާބު ބޭކަލުންވެސް ހުންނެވީ ހައިރާންފުޅުކަމާއިއެކު އެކަލޭގެފާނާއި ދިމާލަށް ބައްލަވާށެވެ.

ގިނަ ވަގުތުކޮޅަކަށް ހަނު ހުންނެވުމަށްފަހު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ.

"މީސްތަކުންނޭވެ. އަބޫއެލްއާސް ގެފާނަކީ ތިމަންކަލޭގެފާނުންގެ ޅީދަރިކަލުންނެވެ. މިހާރުކޮޅު އަނބުރާ ތިމަންކަލޭގެފާނުންގެ ދަރިކަލުންނަށް ދެއްވާ، އަބޫއެލްއާސް ގެފާނު މިނިވަން ކުރެއްވުމުގައި ތިޔަބޭކަލުންގެ ރުހިވަޑައިގަތުން ތިމަންކަލޭގެފާނަށް ލިބިވަޑައިގަންނަވާފާނެ ތޯއެވެ؟" ޖަވާބުގައި އެބޭކަލުން ވިދާޅުވިއެވެ. "އާދޭހެވެ. މާތް ނަބިއްޔާ (ޞޢޥ) އެވެ."

މާތް ނަބިއްޔާ (ޞޢޥ) އެހާރުކޮޅު އަބޫއެލްއާސް ގެއަތްޕުޅަށް ދެއްވާ، ޚަދީޖަތުގެފާނުގެ ހާރުކޮޅު އެއްވެސް ފަރާތަކަށް ނުދިނުމަށް ޒައިނަބުގެފާނަށް ދެންނެވުމަށް އެދިލެއްވިއެވެ. އަދި އަބޫއެލްއާސްގެފާނާއި އެކަހެރިވެލައްވާ ޙަދީޘްފުޅު ކުރެއްވިއެވެ.

"އަބޫއެލްއާސް އެވެ. މާތް ﷲ ތިމަންކަލޭގެފާނަށް އަމުރު ކުރައްވަނީ މުސްލިމަކާއި މުޝްރިކަކާއި ވަކިކުރެއްވުމަށެވެ. އެހެންކަމުން، ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުންގެ ދަރިކަލުން ޒައިނަބު، އަނބުރާ ދެއްވަވާފާނަންތޯ އެވެ" ރަސޫލާ (ޞޢޥ) މިހެން ޙަދީޘްފުޅު ކުރެއްވުމުން ހިތާއި ދެކޮޅަށް އަބޫއެލްއާސް ގެފާނު އެކަމާއި އެއްބަސްވެ ވަޑައިގެންނެވިއެވެ.

މައްކާގެ ދޮރުކޮޅު ކައިރީގައި ޒައިނަބުގެފާނު އެކަމަނާގެ ފިރިކަލުންގެ އިންތިޒާރުގައި ހުންނެވިއެވެ. އެކަމަނާއާއި އަރާ ހަމަވެފައި އަބޫއެލްއާސްގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ކަމަނާއާއި މިދުރަށް ދަނީ އެވެ"

ކޮންތަނަކަށްތޯ ސުވާލު ކުރެއްވުމުން އެކަލޭގެފާނު ވިދާޅުވީ "ދަނީ ތިމަންކަލޭގެފާނެއް ނޫނެވެ. ކަމަނާއެވެ. ކަމަނާގެ ބައްޕާފުޅު އަރިހަށެވެ. ކަމަނާއަކީ މުސްލިމެއް ކަމުގައިވާތީ، ތިމަންމެން ދެމަފިރިން ވަކިވާން ޖެހިއްޖެއެވެ" އަބޫއެލްއާސް ގެފާނު މިހެން ދެންނެވުމުން މުސްލިމަކަށްވެ އެކަމަނާއާއިއެކު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާނަންތޯ އެއްސެވުމުން އެކަމާއި އަބޫއެލްއާސް އިންކާރު ކުރެއްވެވިއެވެ.

އެހެންކަމުން ޒައިނަބުގެފާނު އެކަމަނާގެ ދެދަރިކަލުންނާއިގެން ރަސޫލާ (ޞޢޥ) ގެ އަރިހަށް މަދީނާ އަށް ޙިޖުރަ ކުރެއްވެވިއެވެ. ޙިޖުރަ ކުރެއްވުމަށްފަހު ހަ އަހަރު ވަންދެން އެހެން ބޭފުޅަކާއި ކައިވެނި ބައްލަވާ ނުގެން، އެކަމަނާ އިންނެވީ އަބޫއެލްއާސްގެ ފާނުގެ އިންތިޒާރުގައެވެ.

ހަ އަހަރަށްފަހު އަބޫއެލްއާސް މައްކާއިން ސީރިއާ އަށް ދަތުރު ކުރެއްވިއެވެ. އެދަތުރުފުޅުގައި ރަސޫލާ (ޞޢޥ) ގެ ބައެއް އަސްޙާބު ބޭކަލުން އެކަލޭގެފާނުންގެ ފަހަތްޕުޅުން ދާންފެށުމުން، އެމީހުންގެކިބައިން ސަލާމަތްވެ ވަޑައިގެން ފިއްލެވިއެވެ. ނަމަވެސް އެދަތުރުފުޅުގައި އެކަލޭގެފާނު ގެންދެވި މުޝްރިކުންގެ ފައިސާތަކަކާއި ބައެއް މުދާތައް ރަސޫލާ (ޞޢޥ) ގެ ގެ އަސްޙާބު ބޭކަލުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.

އެކަލޭގެފާނު ޒައިނަބުގެފާނުގެ ގެކޮޅު ހުރިތަނެއް އަހާއޮޅުން ފިލުއްވައިގެން، އެގެކޮޅަށް ވަޑައިގެންނެވިއެވެ. ޒައިނަބުގެފާނުގެ ގެކޮޅުގެ ދޮރުގައި ޓަކި ޖެއްސެވުމުން، އެކަމަނާ ދޮރުހުޅުއްވަވާ، އަބޫއެލްއާސް ގެފާނު ވަޑައިގެންނެވީ މުސްލިމެއް ކަމުގައި ވެގެންތޯ އެއްސެވިއެވެ. ޖަވާބުގައި އެކަލޭގެފާނު ދެންނެވީ ނޫނެކޭއެވެ. އެކަލޭގެފާނު ވަޑައިގަތީ ހިމާޔަތް ހޯދެއްވުމަށެވެ. މުސްލިމެއްކަމުގައި ވެދާނަންތޯ އެހުމުން ވެސް ޖަވާބުގައި ދެންނެވީ ނޫނެކޭއެވެ. އެކަމާއި ހިތާމަފުޅު ކުރައްވާ ޙާލުވެސް ޒައިނަބުގެފާނު ވިދާޅުވިއެވެ.

"ތިމަންކަމަނާގެ ދަރީންގެ ބައްޕާފުޅާއެވެ. ހާސް ނުވާށެވެ. މިގެކޮޅަށް މަރުޙަބާއެވެ."

އެރޭގެ ފަތިސް ނަމާދު ވަގުތަށްފަހު ރަސޫލާ (ޞޢޥ) އެކަލޭގެފާނުގެ އަސްޙާބުބޭކަލުން އަރިހު އިންނެވިއިރު، މިސްކިތް ތެރެއިން ޒައިނަބުގެފާނު ވިދާޅުވި އަޑުއިވުނެވެ.
"ތިމަންކަމަނާ އަބޫ އެލްއާސް އިބްނު ރަބީ އަށް ހިމާޔަތްކަން ދެއްވަވާފީމެވެ"

އެކަމަނާ މިހެން ބުނި އަޑު އިވުމުން ރަސޫލާ (ޞޢޥ) އެކަލޭގެފާނުގެ އަސްޙާބު ބޭކަލުންނަށް ޙަދީޘްފުޅު ކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް އިވި ވަޑައިގަތް އެއްޗެއް ތިޔަ ބޭކަލުންނަށް ވެސް އިވި ވަޑައިގެންނެވި ތޯއެވެ؟" ޖަވާބުގައި އެބޭކަލުން ދެންނެވިއެވެ. "އާދޭހެވެ. މާތް ރަސޫލާއެވެ."

އެހިނދު ޒައިނަބުގެފާނު ވިދާޅުވިއެވެ.

"އަބޫއެލްއާސް އަކީ ތިމަންކަމަނާގެ ދެ ދަރީންގެ ބައްޕާފުޅެވެ. އެހެންކަމުން ތިމަންކަމަނާ އޭނާ އަށް ހިމާޔަތްކަން ދެއްވަވާފީމެވެ"

އެހިނދު ރަސޫލާ (ޞޢޥ) ތެދުވެ ވަޑައިގެން އެކަލޭގެފާނުގެ އަސްޙާބު ބޭކަލުންނަށް ޙަދީޘްފުޅު ކުރެއްވިއެވެ. "އޭމީސްތަކުންނޭވެ. އަބޫއެލްއާސް ގެފާނަކީ ވަރަށް ވެސް ރަނގަޅު ޅީދަރިފުޅެއްކަމާއިމެދު ތިމަންކަލޭގެފާނު ހެކިވަމެވެ. އެކަލޭގެފާނު ދުވަހަކުވެސް އެކަލޭގެފާނުގެ އެއްވެސް ވައުދުފުޅަކާއި ޚިލާފުވެ ނުލައްވައެވެ. އެހެންކަމުން ތިޔަ ބޭކަލުން އެކަމާއި ޤަބޫލުފުޅު ވެލައްވަވާނަމަ، އެކަލޭގެފާނުގެ މުދަލާއި ފައިސާ އެކަލޭގެފާނަށް އަނބުރާ ރައްދުކުރައްވާ އެކަލޭގެފާނު އަނބުރާ މައްކާއަށް ފޮނުއްވުމަށް ތިމަންކަލޭގެފާނު ބޭނުންފުޅުވެއެވެ. ނަމަވެސް އެކަމާއި ތިޔަބޭކަލުން ދެބަސްވެ ވަޑައިގެންފިނަމަވެސް ތިމަންކަލޭގެފާނު ތިޔަބޭކަލުން ކުށްވެރިއެއް ނުކުރައްވަވާނަމެވެ." ރަސޫލާ (ޞޢޥ) ގެ ނިންމެވުމަށް އެއެންމެހާ ބޭކަލުން ތާއީދު ކުރައްވާ އަބޫއެލްއާސް ގެފާނުގެ މުދަލާއި ފައިސާތައް އަނބުރާ ރައްދު ކުރެއްވުމަށް އެއްބަސްވެލެއްވިއެވެ.

އެހިނދު ރަސޫލާ (ޞޢޥ) ޒައިނަބުގެފާނަށް ޙަދީޘްފުޅު ކުރެއްވިއެވެ.

"އޭ ޒައިނަބު އެވެ. ތިމަންކަލޭގެފާނުމެން ކަމަނާ ހިމާޔަތް ދެއްވެވި މީހާ މިނިވަން ކުރައްވައިފީމެވެ. ނަމަވެސް އޭނާ ކަމަނާއާއި ކައިރިވިޔަ ނުދެއްވައްޗެވެ. އެހެނީ ކަމަނާއަށް އޭނާ ޙަރާމް ވާނެއެވެ."
"އާދޭހެވެ ބައްޕާފުޅާއެވެ. ތިމަންކަމަނާ ބައްޕާފުޅު އެންގެވިގޮތަށް ކަންތައް ކުރައްވާނަމެވެ" ޒައިނަބުގެފާނު ވިދާޅުވިއެވެ.

އެކަމަނާ އަބޫއެލްއާސް ގެފާނު އަރިހަށް ވަޑައިގެން ދެންނެވިއެވެ. "އޭ އަބޫ އެލްއާސް އެވެ. ކަލާ ތިމަންކަމަނާމެން މަތީން ހަނދުމަފުޅު ނުވަނީތޯއެވެ؟ މުސްލިމަކަށްވެ ތިމަންކަމަނާއާއި ދެދަރީންނާއިއެކު ދިރިއުޅުއްވަން ބޭނުންފުޅު ނުވަނީތޯއެވެ؟ ފަހެ އިސްލާމްދީން ޤަބޫލުފުޅު ނުކުރެއްވުމުގެ ސަބަބުން ކަލާއާއި ތިމަންކަމަނާ މިވަނީ ވަކިވެ ވަޑައިގެން ތިއްބަވަން މަޖުބޫރުވެލައްވާފައެވެ" ޒައިނަބުގެފާނުގެ އެބަސްފުޅުތަކުން އަބޫއެލްއާސްގެފާނަށް އަސަރުކުރި ކަމުގައިވިޔަސް، އިސްލާމްދީން ޤަބޫލުފުޅު ކުރައްވަން ދެކޮޅު ހެއްދެވިއެވެ. އަދި އެކަލޭގެފާނުގެ ފައިސާއާއި މުދާތަކާއިގެން އަނބުރާ މައްކާއަށް ވަޑައިގެންނެވިއެވެ.

ނަމަވެސް މައްކާއަށް ދިޔުމަށްފަހު، އެކަލޭގެފާނު ގެންދެވި މުދާތައް އަނބުރާ އޭގެ ވެރިފަރާތްތަކަށް ރައްދުކުރައްވާ އަބޫއެލްއާސް ގެފާނު ވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ. މިއޮތީ ތިޔަބައިމީހުންގެ ފައިސާތަކާއި މުދާތަކެވެ. އެއްވެސް މީހަކަށް އެއްވެސް އެއްޗެސް ރައްދު ނުކުރެވި އެބަހުންނެވި ތޯއެވެ." ޖަވާބުގައި އެމީހުން ދެންނެވިއެވެ. "ނޫނެކެވެ. އަބޫ އެލްއާސްއެވެ. ތިމަންމެންގެ ހުރިހާ މުދަލެއް އަނބުރާ ލިބިލައްވައިފިއެވެ. އެކަމަށް ކަލޭގެފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ"

އެހެންކަމުން އަބޫއެލްއާސްގެފާނު ވިދާޅުވިއެވެ. "މާތް ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދު (ޞޢޥ) އަކީ އެކަލާނގެ ރަސޫލާ ކަމަށް އަޅު ހެކިވަމެވެ."

މުސްލިމަކަށްވުމަށްފަހު ލަސްނުކުރައްވާ އެކަލޭގެފާނު ވަޑައިގެންނެވީ މަދީނާއަށެވެ. ރަސޫލާ (ޞޢޥ) އަރިހަށް ވަޑައިގެން ދެންނެވިއެވެ. "މާތް ރަސޫލާއެވެ. ކަލޭގެފާނު އިއްޔެ ތިމަންކަލޭގެފާނު މިނިވަން ކުރެއްވެވިއެވެ. މިއަދު ތިމަންކަލޭގެފާނު އެނބުރި މިވަޑައިގެންނެވީ ﷲ ފިޔަވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި އަދި ކަލޭގެފާނަކީ އެކަލާނގެ ރަސޫލާކަމަށް ހެކިވެ، އިސްލާމްދީން ޤަބޫލުފުޅު ކުރައްވަވައިގެންނެވެ."

އަބޫއެލްއާސް އިސްލާމްވި ޚަބަރު އިވިވަޑައިގެންނެވުމުން ރަސޫލާ (ޞޢޥ) ވަރަށް ބޮޑަށް އުފާފުޅުކުރެއްވިއެވެ.

އެކަލޭގެފާނު އަރިހުން އަބޫއެލްއާސްގެފާނު ދެންނެވިއެވެ.

"ތިމަންކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކަނބަލުން ޒައިނަބުގެފާނާއި ކައިވެނި ކޮށްދެއްވަފާނަންތޯއެވެ؟"

އުފާފުޅުން ރަސޫލާ (ޞޢޥ) ހިނިތުންވެލައްވާ، އެކަލޭގެފާނާއިއެކު ދުރުވުމަށް އެދިލެއްވިއެވެ. އަދި ޒައިނަބުގެފާނުގެ ގެކޮޅަށް ވަޑައިގެން، ޙަދީޘްފުޅު ކުރެއްވިއެވެ.

"އޭ ޒައިނަބު އެވެ. ކަމަނާގެ ފިރިކަލުން އަބޫއެލްއާސްގެފާނު އިސްލާމްވެ ވަޑައިގެންފިއެވެ. އަދި ކަމަނާއާއި އަލުން ކައިވެނި ކުރެއްވުމަށް އެދިލައްވައެވެ." ބައްޕާފުޅު އެހެން ޙަދީޘްފުޅު ކުރެއްވުމުން، އޭގެ 20 އަހަރަށްވުރެ ގިނަ ދުވަސްކުރިން، އެންމެ ފުރަތަމަ އަބޫއެލްއާސްގެފާނާއި ކައިވެނި ކުރެއްވުމަށް އެއްސެވުމުން އެކަމަނާ ލަދުފުޅުގަތް ފަދައިން، އެފަހަރުވެސް އެކަމަނާ ލަދުފުޅުން ހިނިތުންވެލެއްވިއެވެ.

ނަމަވެސް ހިތާމައަކީ، އޭގެ އެއްއަހަރު ފަހުން ޒައިނަބުގެފާނު މިދުނިޔެ ދޫކުރައްވާ އަވަހާރަވިއެވެ. އެކަމަނާ އަވަހާރަވުމުން، އަބޫއެލްއާސް ގެފާނު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ. އެމަންޒަރު ދުށް އެންމެންވެސް ހުންނެވީ ދެރަފުޅުން ކީރިތި ކުރެއްވިއެވެ.

ޒައިނަބުގެފާނު އަވަހާރަވީ ވަގުތު، އަބޫއެލްއާސްއަށް ވަމުންދިޔަ ގޮތް ފެނިވަޑައިގެންނެވުމުން، ރަސޫލާ (ޞޢޥ) ވެސް ހުންނެވީ ވަރަށް ބޮޑަށް ހިތާމަފުޅުން ކީރިތި ކުރެއްވޭ ޙާލުކޮޅުގައެވެ. މާތް ރަސޫލާ (ޞޢޥ) އަށް އެމަންޒަރު ފެނިވަޑައިގެންނެވުމުން ހަނދުމަފުޅުވީ ޚަދީޖަތުގެފާނު އަވަހާރަފުޅުވީ ދުވަސްމަތީންނެވެ.

ޒައިނަބުގެފާނުގެ ހަށިކޮޅާއި ގާތްވެލައްވާ، އެތަނުގައި ތިބި އަންހެންވެރީންނަށް ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. "އެކަމަނާގެ ހަށިކޮޅު ތިން ފަހަރު ދޮވެލައްވަވާށެވެ. އަދި ތިންވަނަ ފަހަރު ދޮވެލެއްވުމަށްފަހު ހަށިކޮޅުގައި ކާފޫރު އުނގުޅުއްވަވާށެވެ" ޒައިނަބުގެފާނުގެ ކަށުނަމާދުގައި އިމާމުވެ ހުންނެވީ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އެވެ. އެކަމަނާ ވަޅުލެއްވުމަށްފަހު އަބޫއެލްއާސްގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ އަލީ އާއި އުމާމާ އަރިހަށްގޮސް ދެ ދަރިކަލުންނަށް ބޮސް ދެއްވާ، ކީރިތި ކުރައްވަވަން ފެއްޓެވިއެވެ. އެކަލޭގެފާނަށް ހަނދުމަފުޅުވީ ޒައިނަބުގެފާނު މަތީންނެވެ.
ޒައިނަބުގެފާނާއި ވަކިވުންވީ އަބޫއެލްއާސްގެފާނަށް ބަރުދާސް ކުރެވޭވަރަށްވުރެ ބޮޑު ހިތާމަފުޅަކަށެވެ. އެކަލޭގެފާނު މަސަލަސް ކުރުވޭތޯ މާތް ނަބިއްޔާ (ޞޢޥ) މަސައްކަތް ކުރައްވާއިރު، އެކަލޭގެފާނަށް ވެސް ކީރިތި ކުރެއްވެވޭކަން މީސްތަކުންނަށް ވަނީ ފެނިވަޑައިގެންފައެވެ.

އަބޫއެލްއާސް ވިދާޅުވަމުން ގެންދެވިއެވެ. "ޒައިނަބުގެފާނާއި ނުލާ ދިރިއުޅުއްވަން ތިމަންކަލޭގެފާނަށް ވަރަށް އުނދަގޫފުޅެވެ". އެކަލޭގެފާނު އަވަހާރަވީ، ޒައިނަބުގެފާނު އަވަހާރަވިތާ އެއް އަހަރުފަހުންނެވެ.

މާތް ﷲ ޒައިނަބު (ރަޟިއަﷲ އަންހާ) ގެ ހިތްވަރާއި ކެތްތެރިކަމަށްޓަކައި އެކަމަނާއަށް ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވާފާނދޭވެ. އާމީން

**މަސްދަރު- އޯބިޓް އިސްލާމް**

Advertisement

ކޮމެންޓް ކުރެއްވުމަށް







Aishaa 2017-11-19 06:23:16

Varah ves ibrai theri loabin furigen vaa vaahaka eh.


މަރިޔަމް ވަހީދާ