ހުއްޓުމެއް ނެތި އުފުލެމުންދާ މާލޭގެ ކުލި – ސަބަބަކީ ކޮބާ؟ ހައްލަކީ ކޮބާ؟
ހުއްޓުމެއް ނެތި އުފުލެމުންދާ މާލޭގެ ކުލި – ސަބަބަކީ ކޮބާ؟ ހައްލަކީ ކޮބާ؟
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 48 ސިކުންތު
މިއީ އެއްގޮތަކަށް ވެސް ދިވެހިންގެ ތެރޭގައި އާ ވާހަކައެއް ނޫނެވެ. ދިވެހިރާއްޖޭގެ އެންމެންގެ ތެރޭގައި އަބަދުހެން ދެކެވޭ އެއް ވާހަކައެވެ. މާލޭގެ ކުއްޔެވެ. މާލޭގައި ދިރިއުޅޭ ރާއްޖެތެރޭ ދެމަފިރިންގެ ދެމެދު ވެސް އާންމުކޮށް ދެކެވޭ އެއް ވާހަކައަކީ މާލޭގެ ކުއްޔެވެ. ރަށްފުށުން ލިބެން ނެތް ތައުލީމެއް ހޯދަންވެގެން މާލެއަށް ދާންޖެހޭ ކުއްޖާއާއި އޭނާގެ މައިންބަފައިންނާ ދެމެދު ވެސް އާންމުކޮށް ދެކެވޭ އެއް ވާހަކައަކަށް ވާނީ މާލޭގެ ކުއްޔެވެ. ޢާއިލާގެ މެންބަރަކު ކުއްލިއަކަށް ބަލިހާލު ބޮޑުވެގެން މާލެއަށް ފުރަންޖެހުމުން މުޅި އެ ޢާއިލާގެ ތެރޭގައި ވެސް ދައްކާނެ އެއް ވާހަކައަކީ މާލޭގެ ކުއްޔެވެ. މާލޭގެ ތަންތަނުގެ ކުލީގެ އަގުބޮޑު ވާހަކައެވެ. ދުވަހަކަށް ފަހު ދުވަހެއް، ކުލީގެ އަގުބޮޑުވަމުންދާ ވާހަކައެވެ. ކުރާ މަސައްކަތުން ލިބޭ މުސާރައަށްވުރެ ވެސް ކުލީގެ އަގުބޮޑު ވާހަކައެވެ. ކުލީގެ އަގުބޮޑުކަމުން ޚަރަދުތައް ދެކޮޅު ނުޖެހޭ ވާހަކައެވެ.
މިއަދުނޫހުގެ ފަރާތުން ސޯޝަލް މީޑިއާ މެދުވެރިކޮށް އެކި ފަރާތްތަކާ ސުވާލުކޮށްގެން ކުރި ސާވޭއެއްގެ މައްޗަށް 26 އޮކްޓޯބަރު 2017ގައި ލިޔެފައިވާ ލިޔުމުން ވެސް ފާހަގަކުރެވުނު އެއް ކަމަކީ މާލޭގައި ދިރިއުޅެން އެންމެ ދަތިވާ އެއްކަމެއްގެ ގޮތުގައި ގިނަ މީހުން ބުނެފައިވަނީ މާލޭގެ ކުލިކަމުގައެވެ. މާލޭގެ ގޭގެއިން އެޕާންޓްމެންޓެއް ވިޔަސް އަދި ކޮޓަރިއެއް ވިޔަސް ކުއްޔަށްދޭ އަގުބޮޑު ވާހަކަ ސުވާލުކުރި ހުރިހާ ފަރާތްތަކުންހެން އެއްބަސްވިއެވެ. ހަޤީޤަތުގައި ވެސް އެ ޝަކުވާކުރާ ވަރަށް ހަމަ މާލޭގެ ތަންތަން ކުއްޔަށްދޭ އަގުބޮޑެވެ. މާލޭން ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު އެވެރޭޖްކޮށް ކުއްޔަށް އުޅެނީ 1500 އާއި 2000 އެމެރިކާ ޑޮލަރާ ދެމެދުގައެވެ. އެއީ ދުނިޔޭގެ ދިރިއުޅުމުގެ ޚަރަދުތައް އެންމެ ބޮޑުކަމަށް ތަފާސް ހިސާބުތަކުން ދައްކާ ސިންގަޕޫރާ ދާދި އެއްވަރެއްގެ އަގެކެވެ. ސިންގަޕޫރުން ވެސް 'ސިޓީ ސެންޓަރ' ގެ ބޭރުން 3 ކޮޓަރީގެ އެޕާޓްމެންޓްތައް އެވެރެޖްކޮށް ކުއްޔަށް އުޅޭ އަގަކީ 2000 އާއި 2200 އެމެރިކާ ޑޮލަރާ ދެމެދުއެވެ. ސިންގަޕޫރާއި މާލެއަށް ވުރެ ވެސް ކުލި އަގު ބޮޑުކޮށް އުޅޭ ސިޓީތަކަކީ މުޅި ދުނިޔޭގައި ހުރި އެންމެ ޚިދުމަތްތައް ގިނަ އަދި ރަނގަޅު ސިޓީތަކެވެ. އެހެންވުމުން މާލޭގެ ކުލީގެ އަގު ޙަޤީޤަތުގައި ވެސް ފުދޭވަރަކަށް ހަމަ ބޮޑެވެ.
މާލޭގެ ކުލި ދަނީ ހުއްޓުމެއް ނެތި ދުވަހެއް ދުވަހަކަށް ފަހު، އުފުލެމުންނެވެ. ދިވެހިރާއްޖޭގެ ކޮންޒިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ ހިސާބުތައް ދައްކާ ގޮތުންނަމަ، 2014-2015 ވަނަ އަހަރުގެ ގެދޮރުގެ ކުލިވަނީ %3.52 އުފުލުނެވެ. އަދި 2015-2016 ވަނަ އަހަރު ކުލި ވަނީ %3.76 މަތިވެފައެވެ. އެގޮތުން މާލޭގެ ކުލި %1.09 އިތުރުވިކަމަށް ދައްކައެވެ. ހުއްޓުމެއް ނެތި މާލޭގެ ކުލި އުފުލެމުން އެ ދަނީ ކީއްވެ ހެއްޔެވެ؟ އުފުލެމުންދަނީ އެއްވެސް ސަބަބެއް ނެތި ހެއްޔެވެ؟ ނޫނީ އެކަމުގެ ފަހަތުގައި ސަބަބެއް ހަމަ އެބޮތް ހެއްޔެވެ؟ ސަބަބުތަކެއް ވާނަމަ އެ ސަބަބުތައް ނައްތާލައި އެކަމަށް ހައްލެއްނެތް ހެއްޔެވެ؟ މިއީ ހައްތަހާ ވެސް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންހެން ޖަވާބު ބޭނުންވެފައިވާ ސުވާލުތަކެކެވެ.
އިޤްތިޞާދީ ޢިލްމުގައި ބުނާގޮތުން ނަމަ ބާޒާރެއްގައި އެއްޗެއްގެ އަގު (ޕްރޮޑަކްޓް ޕްރައިސް) ގެ ސަބަބަކީ އެ އެއްޗެއްގެ 'ސަޕްލައި' އަދި 'ޑިމާންޑް' އެވެ. 'ޑިމާންޑް' އަކީ އާންމުންގެ ތެރޭގައި އެ އެއްޗެއް ގަންނަން ބޭނުންވެފައިހުރި މިންވަރެވެ. 'ސަޕްލައި' އަކީ އެ އެއްޗެއް 'ޑެމާންޑް' ކުރާ ފަރާތްތަކަށް އެ އެއްޗެއް އުފައްދާ ފަރާތްތަކުން ފޯރުކޮށްދޭ ނުވަތަ ފޯރުކޮށްދެވޭނެ އަދަދެވެ. އެ އެއްޗެއްގެ 'ޑެމާންޑް' މަތިނަމަ އެ އެއްޗެއްގެ އަގު އުފުލޭނެކަމަށް އިޤްތިޞާދި ޢިލްމުގައި ބުނެއެވެ. އެއީ އެ އެއްޗެއް ގަންނަން އާންމުން ބޭނުންވެފައި ހުރި މިންވަރު ބޮޑުކަމުންނެވެ. އެ އެއްޗެއްގެ އަގު ކިތަންމެ ބޮޑުކަމުގައިވީ ނަމަވެސްމެއެވެ. އެހެންވުމުން އުފެއްދުންތެރިންނަށް ނުވަތަ ވިޔަފާރިވެރިންނަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އެ އެއްޗެއް ބޮޑު އަގުގައި ވިއްކާލުމެވެ. ނަތިޖާއެއްގެ ގޮތުން 'ޑިމާންޑް' ބޮޑު ތަކެތީގެ އަގު އެ ކުރާ 'ޑެމާންޑް' އާ އެއްވަރަށް އުފުލެމުން ދެއެވެ. އެ އެއްޗެއްގެ 'ސަޕްލައި' އިތުރުވާނަމަ އަގު ތިރިވާކަމަށް އިޤްތިޞާދީ ޢިލްމުގައި ބުނެއެވެ. ހަމަ އެ ބީދައިން، 'ސަޕްލައި' ދަށްވާކަމަށްވާނަމަ، އަގު އުފުލިގެންދާނެކަމަށް ވެސް އިޤްތިޞާދީ ޢިލްމުގައި ބުނެއެވެ. ސަބަބަކީ މަދު އެއްޗެއް ކުޑަ އަގަކަށް ވިއްކާނަމަ ލިބޭ ފައިދާ އަދި އިތުރަށް ކުޑަވާނެތީ، ވިޔަފާރިވެރިން އާންމު ގޮތެއްގައި ވިއްކާ ތަކެތީގެ ތެރެއިން 'ސަޕްލައި' ކުޑަކޮށް ފޯރުކޮށްދެވޭ ތަކެތި ވިއްކާނީ ބޮޑު އަގެއްގައެވެ. އެހެންނޫންނަމަ، ކުރާ ވިޔަފާރީގައި ގެއްލުންވުމުގެ ފުރުސަތު ބޮޑުވާނެކަމަށް ދެކެވޭތީއެވެ.
މި އިޤްތިޞާދީ 'ތެއޮރީ' ނުވަތަ ޚިޔާލު ޙަޤީޤީ ދިރިއުޅުމުގެ ކަންކަމަށް ފެތޭ މިންވަރު އަޅުގަނޑަށް އިހުސާސްކޮށްލެވުނީ މާލޭގެ ކުލީ އަގާ ދޭތެރޭ ވިސްނާލުމުންނެވެ. މި 'ތިއަރީ' އާ 'ރިއަލިޓީ' އާ ހުރި ގުޅުމުގެ ބޮޑުކަން ހިތަށް ވަޒަންކޮށްލެވުނީ ދެނެވެ. ފުރަތަމަ ހިތަށް އަރުވާލެވުނީ މާލޭގެ އެޕާންމެންޓްތަކާއި ކޮޓަރިތަކަށް އޮތް 'ޑެމާންޑް' އާ ދޭތެރެއެވެ. ރާއްޖޭތެރޭގައި ދިރިއުޅޭ މީހުން މާލޭގެ ބިމަށް 'ޑެމާންޑް' ކުރާ މިންވަރާ މެދުގައެވެ. ރާއްޖޭގެ ބިންތަކުގެ ނިސްބަތުން މާލެއަށްވުރެ ބިން ބޮޑު ކިތަންމެ ރަށެއް ހުރިކަމުގައި ވިޔަސް ރާއްޖޭގެ ގިނަ މީހުން ދިރިއުޅެނީ މަލޭގައެވެ. ސަބަބަކީ އަމިއްލަ ރަށުން އިތުރަށް ކިޔެވެން ނެތުމުންނެވެ. ރަނގަޅު ބޭސްފަރުވާއެއް ލިބެން ނެތުމުންނެވެ. ވަޒީފާގެ ފުރުސަތުތައް މަދުކަމުންނެވެ. އާމްދަނީ އިތުރުކުރެވޭނެ މަގެއް ނެތުމުންނެވެ. އެހެންވުމުން، މާލޭގައި ލިބެން ހުންނަ ވަސީލަތްތަކާއި ޚިދުމަތްތަކާއި ފުރުސަތުތައް ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރަށްތަކުގައި އާންމުކޮށް ލިބެން ނެތުމުން އެ ރަށްތަކުގެ ގިނަ މީހުން ދިރިއުޅެނީ ވެރިރަށް މާލޭގައެވެ. މާލޭގެ ކޮންމެވެސް ގެއެއްގެ އެޕާންޓްމެންޓެއް ކުއްޔަށް ނަގައިގެންނެވެ. ނޫނީ ކޮޓަރިއެއް ކުއްޔަށް ނަގައިގެންނެވެ. ކުލީގެ އަގު ބޮޑު ވިޔަސް، ކުޑަ ވިޔަސް، ގިނަ ރައްޔިތުންނަށް އިތުރު 'ޗޮއިސް' އެއް ފެންނަން ނެތުމުން، ކޮންމެ އަހަރަކު މާލެއިން ތަނެއް ކުއްޔަށް ހިފައިގެން ދިރިއުޅުން ބަދަލުކުރަނީ ރާއްޖެތެރޭގެ ކިތައް ޢާއިލާ ހެއްޔެވެ؟ އެ މީހުން، މާލޭގެ ތަންތަނަށް ކުރާ 'ޑެމާންޑް' ކުޑަ ހެއްޔެވެ؟ ސިކުނޑިއަށް ގެނެވޭވަރަށްވުރެ ވެސް މައްޗެވެ. އިޤްތިޞާދީ ޢިލްމުން ޖަވާބެއް ދޭނަމަ މާލޭގެ ތަންތަނަށް، ރާއްޖެތެރޭގެ މީހުންގެ ފަރާތުން އޮތީ 'އިންއެލާސްޓިކް ޑެމާންޑް' އެކެވެ.
'އިންއެލާސްޓިކް ޑެމާންޑް' ގެ މާނައަކީ ހައްދެއް އަދި ހިފެހެއްޓުމެއްނެތް އިތުރުވަމުންދާ 'ޑެމާންޑް' ތަކެވެ. އަގު ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެ ކުރާ ބޮޑު 'ޑެމާންޑް' އަށް ބަދަލެއް ނާންނާނޭކަމެވެ.
ދެން އޮތީ 'ސަޕްލައި' ގެ ވާހަކައެވެ. ރާއްޖެތެރޭގެ މީހުންނާއި ރައްޖޭގެ ވިޔަފާރިވެރިން މާލޭގެ ބިމަށް ކުރާ ހައްދެއްނެތް 'ޑެމާންޑް' ގެ ސަބަބުން މާލެ ތޮއްޖެހުނީ ނޫންތޯއެވެ. 'ސަޕްލައި' ގާތްގަނޑަކަށް ހުސްވީނު ހެއްޔެވެ؟ މާލެ ތޮއްޖެހުމުގެ ސަބަބުން އެކަން ހައްލުކުރަން ހުޅުމާލެއާއި ވިލިމާލެ ސަރުކާރުން ތަރައްޤީ ކުރިއެވެ. އެ ހިސާބުން 'ސަޕްލައި' އަށް ހައްލެއް ލިބިގެންދާނެކަމަށް ގިނަ ބަޔަކު ދެކުނެވެ. އެހެންނަމަވެސް ހުޅުމާލެ ތަރައްޤީކުރަން ފެށުނުތާ 12ވަރަކަށް އަހަރުވީއެވެ. އެހެންނަމަވެސް އެ 'ސަޕްލައި' އަށްވުރެ ވެސް 'ޑެމާންޑް' މާ ބޮޑުކަމަށް ފެނެއެވެ. އެއިން އެނގިގެންދަނީ މާލޭގެ ތަންތަނަށް އޮތީ ހައްދެއްނެތް 'ޑެމާންޑް' އަކާ އެ 'ޑެމާންޑް' ފުރިހަމަކޮށްދޭ ވަރަށްވުރެ މާލޭގެ ބިމުން ލިބެން އޮތް 'ސަޕްލައި' ކުޑަކަމެވެ.
ހިފެހެއްޓުމެއް ނެތި އުފުލެމުންދާ މާލޭގެ ކުލީގެ ސަބަބަކީ އަޅުގަނޑު ދެކޭގޮތުގައި ހަމަ މާލޭގެ ބިމުގެ 'ޑެމާންޑް' އާއި 'ސަޕްލައި' އެވެ. މާލޭގެ ބިމަށް އޮތީ ހިފެހެއްޓުމެއްނެތް އަދި ހައްދެއްނެތް 'ޑެމާންޑް' އެކެވެ. އެ 'ޑެމާންޑް' ފުރިހަމަކޮށްދެވޭ ވަރަށްވުރެ މާލެއާއި ކައިރި ރަށްތަކުގެ ބިމުގެ ޖާގަކުޑަވުމުން އެހާވަރުގެ ބޮޑު 'ސަޕްލައި' އެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން މާލޭގެ ކުލީގެ އަގު ދިޔައީ ދުވަހަކަށް ފަހު، ދުވަހެއް އުފުލެމުންނެވެ.
ސަބަބުތައް ނައްތާލައި އުފުލެމުންދާ މާލޭގެ ކުއްޔަށް ހައްލެއް އެބަ އޮތް ހެއްޔެވެ؟ މިކަމާމެދު ފުޅާ ދާއިރެއްގައި ބަހުސް ކުރެވިފައި ނެތް ނަމަވެސް ކޮންމެވެސް މިންވަރަކަށް މި ކަމަށް އޮތް ހައްލާމެދު ސޯސަލް މީޑިއާގައި ވާހަކަދެކެވިފައިވާ މަންޒަރުތައް ފެނެއެވެ. ބައެއް އިސްވެރިންގެ ޕޯސްޓްތަކާއި ސްޓޭޓަސްތަކާއި ޓްވީޓްތަކުން ވެސް ފެނިގެންދެއެވެ. އަދިވެސް ސޯސަލް ހައުސިންގް އިތުރުކޮށް، މާލޭ ސަރަހައްދުން ސަޕުލައި ގިނަކުރުމެވެ. ނޫނީ މާލެއަށް އެކުރާ ޑެމާންޑް ރާއްޖެތެރެއިން ލިބޭނެ ގޮތް ހެދުމެވެ. ނޫނީ ޤާނޫނަކުން ކުއްޔަށް ދެވޭނެ އެންމެ ކުޑަ އަގު ކަނޑައެޅެމެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން ތިބީ މިކަމަށް ހައްލެއް ލިބެން ބޭނުންވެފައިކަން ޔަޤީނެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
18 ނޮވެމްބަރ 2017