އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަވަނަ ފަހަރަށް ދިވެހި ލީގު ކާމިޔާބުކޮށް ނިއު ރޭޑިއަންޓަށް އޭއެފްސީގެ ޖާގައެއް.

ހަވަނަ ފަހަރަށް ދިވެހި ލީގު ކާމިޔާބުކޮށް ނިއު ރޭޑިއަންޓަށް އޭއެފްސީގެ ޖާގައެއް.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު



ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ޓީސީ އާބައްދަލުކޮށް 2-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައި ފުރަތަމަ ހަ މިނެޓު ތެރޭގައި ނިއު އިން ވަނީ ޓީސީކޮޅަށް ދެ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އެއީ މެޗުގެ ދެވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިން ލަނޑާއި މެޗުގެ ހަވަނަ މިނެޓުގައި ނިއުއަށް ކުޅުދޭ ސްޕެއިން ފޯވާޑު އެޑުރިއަން ގަލާޑޯ ޖަހައިދިން ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ލަނޑުގެ ލީޑަކުން ނިއު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޓީސީން ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެހެން ނަމަވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ބޭނުންނުކުރެވި ޓީސީއަށް ލަނޑެއް ކާމިޔާބުކުރެވޭނެ ގޮތެއް ނުވިއެވެ.

ޓީސީއިން ނަތީޖާ ބަދަލުކުރަން މަސައްކަތްކުރަމުން ދަނިކޮށް، ނިއު އިން ވަނީ މެޗުގެ 73 ވަނަ މިނެޓުގައި އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ސެންޓޭއެވެ.
3 ލަނޑުގެ ލީޑެއް ނިއު ނެގި ނަމަވެސް މެޗުގެ ނަތީޖާ ބަދަލުކުރުމަށް ޓީސީއިން ކުރަމުން އައި މަސައްކަތަކަށް ބަދަލެއް ނާދެއެވެ. އެ ގޮތުން މެޗުގެ 78ވަނަ މިނެޓުގައި ލަނޑެއް ޖަހައި ޓީސީއިން ވަނީ އުއްމީދު އާ ކޮށްފައެވެ.
މި ލަނޑު ޓީސީއަށް ކާމިޔާބުވީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ، ނިއު ރޭޑިއެންޓް ކުޅުންތެރިއެއްގެ ފައިގައި ޖެހި ގޯލު ތެރެއަށް ވަދެގެންނެވެ. އަދި 83ވަނަ މިނެޓުގައި ޓީސީ އިން ދެވަނަ ލަނޑު ވެސް ކާމިޔާބުކުރިއެވެ. މި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެއެވެ.

އެހެން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ޓީސީ ކޮޅަކަށް އަނބުރާ ނުލެވުނެވެ. މެޗު ނިމުނީ 2-3 ގެ ނަތީޖާއިން ނިއު ކުރީގައި އޮވެގެންނެވެ.

ލީގުގައި އަދި އިތުރު އެއް މެޗު ކުޅެން އޮތް ނަމަވެސް، މި މެޗު ނިއުއިން ކާމިޔާބުކުރުމާއެކު، ނިއުއަށް ލީގު ކަށަވަރުވީއެވެ. އެއީ ދެން ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ލީގު ތާވަލްގެ ދެވަނާގައި އޮތް ޓީސީއަށް ނިއުއާ އަރާ ހަމަނުވާނެތީއެވެ. މި މެޗުގެ ނަތީޖާއާއެކު ނިއުއިން ކުޅުނު 13 މެޗުން 37 ޕޮއިންޓް ލިބުނުއިރު، ޓީސީއަށް ލިބެނީ 29 ޕޮއިންޓެވެ.

މީގެ ކުރިން ލީގު އެންމެ ގިނައިން ހޯދުމުގެ ރެކޯޑު 5 ފަހަރު ލީގު ކާމިޔާބުކޮށްގެން ނިއުއާއި ވެލެންސިއާއިން އެއްވަރަކަށް ޙިއްޞާކުރަމުން ދިޔަ ނަމަވެސް މި ފަހަރުގެ ލީގު ކާމިޔާބުކުރުމާއެކު ދިވެހި ލީގު އެންމެ ގިނައިން ހޯދި ޓީމަކަށް ނިއު ވެގެންދިޔައީއެވެ. އެއީ 6 ފަހަރު ލީގު ކާމިޔާބުކޮށްގެންނެވެ. ނިއުއިން ލީގު ކާމިޔާބުކުރީ 2006، 2012، 2013، 2014، 2015 އަދި 2016ވަނަ އަހަރުއެވެ.

ދިވެހި ލީގު ކާމިޔާބުކުރުމާ ގުޅިގެން، އަންނަ އަހަރުކުޅޭ އޭއެފްސީ ކަޕްގެ ޖާގަވެސް ނިއުއަށް ލިބިގެން ދިޔައީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް