އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވެރިޔާގެ ބައްޕައާއި މަގުމަތިން ދިޔަ އިތުރު ދެ ފިރިހެނަކު މަރާލުމަށް ފަހު،ފްރާންސްގެ ފުލުހަކު އަމިއްލަ ގަޔަށް ބަޑި ޖަހައި މަރުވެއްޖެ.

ލޯބިވެރިޔާގެ ބައްޕައާއި މަގުމަތިން ދިޔަ އިތުރު ދެ ފިރިހެނަކު މަރާލުމަށް ފަހު،ފްރާންސްގެ ފުލުހަކު އަމިއްލަ ގަޔަށް ބަޑި ޖަހައި މަރުވެއްޖެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ފްރާންސްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ފްރާންސްގެ ފުލުހަކު ވަނީ އޭނާގެ ލޯބިވެރިޔާގެ ބައްޕައާއި އިތުރު ދެ ފިރިހެނަކު މަރާލާފައެވެ. އަދި އެ މީހުން މެރުމަށް ފަހު، އަމިއްލަ ގަޔަށް ބަޑި ޖަހާ އެ ފުލުސްމީހާވެސް އަމިއްލައަށް މަރުވެފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. އަދި އެ ފުލުސްމީހާ ޑިއުޓީ ނިންމާލުމަށްފަހު އޭނާގެ ލޯބިވެރިޔާއާ ސާކެލޭސްގެ މަގަކުން ބައްދަލުކުރަން ދިޔަކަމަށެވެ.

އެ ތަނުގައި ތިބިގެން އެދެމީހުންގެ ދެމެދު ހިތްހަމަނުޖެހުން އުފެދި އައި ރުޅީގައި އެ އަންހެންކުއްޖާގެ މޫނަށް ބަޑި ޖެހިކަމަށްވެސް ފްރާންސްގެ ނޫސްތަކުގައި ލިޔެފައިވެއެވެ. އަދި މަގުމަތިން އެ މަންޒަރު ފެނިގެން، އޭނާ ހިފަހައްޓަން ދެ ފިރިހެނަކު ދިޔުމުން އެ ދެ ފިރިހެނުންގެ ގަޔަށްވެސް ބަޑިޖަހާ މަރާލީ ކަމަށެވެ.

މީގެ އިތުރުން އަންހެންކުއްޖާގެ ގެ ކައިރިއަށް ގޮސް އަންހެންކުއްޖާގެ ބައްޕަ ގަޔަށް ބަޑި ޖަހާ މަރާލިކަމަށް ވެއެވެ. ދެން އެ އަންހެންކުއްޖާގެ ދައްތަގެ ފަޔަށް ބަޑި ޖަހާފައި އެ އަންހެންކުއްޖާގެ ޢާއިލާގެ ކުއްތާވެސް މަރާލިކަމަށް ވެއެވެ. އަންހެންކުއްޖާގެ މަންމަގެ ކަރަށް އަނިޔާތަކެއް ވެސް ދީފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެ ފުލުސްމީހާގެ މަރުވެފައިވާ ހަށިގަނޑުފެނިފައިވަނީ އަންހެންކުއްޖާގެ ގެ ކައިރީގައި ހުންނަ ބަގީޗާއެއްގެ ތެރެއިންނެވެ. އަދި ހަށިގަނޑު ފެނުނުއިރު އޭނާ ގެންގުޅުނު ބަޑި އޭނާގެ އަތުގައި އޮތްކަމަށްވެސް މީޑިއާ ރިޕޯޓު ބުނެއެވެ.

މިހާރު، އޭނާ ރައްޓެހިވެގެން އުޅުނު އަންހެންކުއްޖާއާއި އޭނާގެ ދައްތައާއި މަންމަ ވަރަށް ސީރިއަސް ހާލަތުގައި ހޮސްޕިޓަލުގައި އެޑުމިޓުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. މި ހާދިސާއަށް ފަހު، ފްރާންސްގައި މި އަހަރު އަމިއްލައަށް މަރުވި ފުލުހުންގެ ޢަދަދު 45އަށް ވުރެ ގިނަވެގެން ގޮސްފައިވާ ކަމަށްވެސް ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް