އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރވޭ: ހަގީގީ ރައްޓެހިންނަކީ ކޮބާ؟

ސަރވޭ: ހަގީގީ ރައްޓެހިންނަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 46 ސިކުންތު

ރައްޓެހިންނަކީ މައިންބަފައިންނާއި އާއިލާއަށް ފަހު އަހަރުމެންނާއި ދެން އެންމެ ގާތްކޮށް އުޅޭ މީހުންނެވެ. އަދި ބައެއް ފަހަރު އަހަރުމެންގެ އާއިލާއަށްވުރެ ބޮޑަށް ރައްޓެހިންނަށް އަހަރުމެންގެ މިޒާޖާއި، އެކިއެކި ޙާލަތްތައް އެނގި ވިސްނެއެވެ. ރައްޓެހިން ޚާއްސަ ވަނީ މިހެންވެއެވެ.

ނަމަވެސް މިފަދަ "ކޮރަޕްޓު" ވަމުން އަންނަ ޒަމާނެއްގައި، ރައްޓެހިންގެ ތެރޭގައިވެސް އަހަރުމެންނަށް ހެޔޮ ގޮތް މެދުވެރިވުމަށް ނޭދޭ މީހުން އުޅެއެވެ. އެމީހުންނަކީ އަހަރުމެންގެ އެއްކުވެރިން ކަމަށް ހެދިގެން، އެހެން ނަމަވެސް ފަސްފަހަތުގައި އަހަރުމެންނާއި ދިމާލަށް އެއްޗެހި ކިޔާ "އެކުވެރިން" މަދެއް ނޫނެވެ. އަދި ކަމެއް ޖެހުނީމަ ނޫނީ އަހަރުމެންގެ މަތިން ހަނދާން ނުވާ، ކަމަކު އެދުމުން ވަރަށް ފަސޭހައިން ގެއްލޭ އެކުވެރިން ވެސް އަހަރުމެންގެ ތެރޭގައިވަނީ ހަލުވިކަމާއިއެކު ފެތުރިފައެވެ. މިފަދަ ރައްޓެހިންނަކީ ހަގީގަތުގައި ވެސް ތިމާގެ ރައްޓެހިންކަމާއިމެދު ސުވާލު އުފެދެއެވެ. އަދި ހަގީގީ ރައްޓެހިންނަކީ ކޮބާ ކަމާއިމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

އެހެންކަމުން، ސޯޝަލް މީޑިއާ މެދުވެރިކޮށް "މިއަދުނޫހުން" މިކަމާއިގުޅޭ ގޮތުން ސަރވޭ އެއް ހެދީމެވެ.

ސުވާލު: ހަގީގީ ރައްޓެހިންނަކީ ކޮބާ؟

އެޑީ (21އ.): "ކޮންމެ ދުވަހަކު ދިމާވެ ވާހަކަ ނުދެއްކިޔަސް ކަމެއް ޖެހޭ ވަގުތު އެންމެ ކައިރީގައި އަޅާލަން ތިބޭ މީހުން"

ތަސްލީމާ (21އ.): "ތިމާއަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެހީތެރިވެ، ހިތްވަރުދީ އުޅޭ މީހުންނަކީ ހަގީގީ ރައްޓެހިން. އެއީ ކިތަންމެ ދެރަ ކަމެއް ތިމާއާއި ކުރިމަތިވިޔަސް، އަދި ކިތަންމެ އުފާވެރި ކަމެއް ދިމާ ވިޔަސް ތިމާގެ ކަންކަމުގައި އެހީތެރިވެ ކަންތައްތައް ޙިއްސާކޮށް އުޅޭ މީހުންނަކީ ހަގީގީ ރައްޓެހިން. މިސާލަކަށް ތަސް ގެ ކޭސްއަށް ވިސްނާލާއިރު ތަސް ގެ ވެސް ބައިވަރު ރައްޓެހިން ތިބި. އެންމެ ދުރުގައި ހުރީ މުޒޫ. އެކަމަކު ކައިރީގައި ތިބި މީހުންނަށްވުރެ މުޒޫ މާބޮޑަށް ކެއާ ކުރި. ހުރިހާ ކަމެއް ޑީޓެއިލްކޮށް ވަގުތުން ވަގުތަށް އަހަމުން ދިޔަ. އެކަހަލަ މީހުންނަކީ އެއީ އަސްލު ރައްޓެހިން. ކައިރީގައި ނެތަސް ދުރުގައި ހުރެގެން ވެސް ތިމާއަށް އެކަން އިހުސާސް ކޮށްދިން"

ހައު (15އ.): "އެކަކު އަނެކަކަށް އެހީތެރިކަމަށް ބޭނުން ވެއްޖެ ހިނދު، އެކަމުން ތިމާއަށް އެއްވެސް ފައިދާއެއް ނުކުރި ކަމުގައި ވިޔަސް އެހީތެރިވެދޭ މީހުން. އެއީ ހަމައެކަނި ތިމާގެ ރައްޓެހި މީހާއަށްޓަކައި ހިތްވަރު ދިނުމަށްޓަކައި ކޮށްދޭ ކަމެއްގެ ގޮތުގައި އެހީތެރިވެ އެރައްޓެހި މީހާއަށްޓަކައި ހުރެދޭ މީހުން ހަގީގީ ރައްޓެހިންނަކީ"

އާޝީ (19އ.): "ތިމާ ނެތްތާނގައި ވެސް ތިމާއަށް ހެޔޮ އެދޭ މީހުން"

މިސްބާޙް (20އ.): "ތިމާއަށް ޓަކައި އަބަދުވެސް ކޮންމެ ކަމެއްގައި ވެސް ތިބޭ މީހުން. އަދި ކަމެއް ޖެހިއްޖެ ހާލަތެއްގައި، ފަސް ޖެހުމެއް ނެތި ތިމާއަށް އެހީތެރިވެދޭން ތިބޭ މީހުން. އެބައެއް ކައިރީގައި އެހީތެރިކަމަށް ނޭދެނީސްވެސް އެހީތެރިވެދޭ މީހުން. އަދި ތިމާއަށް އިޚުތިރާމްކޮށް، ތިމާއަށް ޖޯކު ނުޖަހާ މީހުން. ތިމާއަށް ހިތްވަރުދީ، ފަސްފަހަތުގައި ތިމާއަށް ގެއްލުމެއް ނުދީ ތިމާއަށް ކަންތައްތައް ކުރެވޭނެކަން ޤަބޫލު ކުރާ މީހުން"

އަލީ ރަމީޒު (25އ.): "ތިމާ މީހާގެ ލޯބިވެރިޔާ ބުނެގެން ވިޔަސް، ރައްޓެހިން ދޫކޮށް ނުލާ މީހުން. މީގެއިތުރުން ކޮންމެ ޙާލަތެއްގައި ވެސް ތިމާއާއިއެކުވާ މީހުން، މާއްދީ ގޮތުން ނޫން ކަމުގައިވިޔަސް ކަންކަމުގައި ތިމާއަށް އެހީތެރިވެދީ، އަދި އެމީހުން ތިމާއަށްޓަކައި ވާކަމާއި ތިމާ ދައްކާ ވާހަކަ ވެސް ކަނުލާ އަޑު އަހާނެ ކަމުގެ ރަނގަޅު އިޙުސާސް ދޭ މީހުން"

ފާތުން (35އ.): "ކަމެއް ބޭނުން ވީމަ ފެންނަ މީހުންނެއް ނޫން. އަބަދުވެސް ގުޅުން ބާއްވާ މީހުން. މިޒަމާނުގައި މެސެންޖަރ އާއި ވައިބަރ ވެސް ބޭނުން ކުރާއިރު ވާހަކަ ދެއްކެން ވާނެ އަސްލު"

އެމީ (40އ.): "ހަގީގީ ރައްޓެހިންނަކީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ތިމާއާއި އެކުވާ މީހުން. ދުވަހަކުވެސް ތިމާއަށްޓަކައި ބިޒީ ނުވާ މީހުން. ދިމާނުވާތާ ކިތަންމެ ގިނަ ދުވަހެއްވި ކަމުގައި ވިޔަސް، އަބަދުވެސް ތިމާއާއި އެކުވާކަން އިހުސާސް ކޮށްދެ މީހުން"

ގޮމޭ (28އ.): "ދިމާވިޔަސް، ނުފެނުނަސް އަނެކާގެ ބޭނުން ޖެހޭ ދުވަހު އެމީހަކަށް ވެވުނު ގޮތަކަށް، ނޫނީ އެންމެ ކުޑަމިނުން ތިމާ އެބަހުރިކަން ސާބިތު ކޮށްދޭ މީހާ.. އަނެއްމީހާ ޚަބަރު ނުވެޔޭ ކިޔާފަ ޚަބަރެއް ނުވެ ނުހުންނަ މީހުން.. އަނެކާ ފަރާތުން އެއްޗެއް ލިބޭނެ ކަމަށް ނޫނީ ފައިދާއެއް ވާނެ ކަމަށް ނުދެކި އެއީ ރައްޓެހިން ކަމަށް ދެކޭ މީހުން"

އީމާން (32އ.): "ތިމާގެ އަތުން އެއްޗެއް ނުލިބުނު ކަމުގައި ވިޔަސް، ތިމާއަށް އިޚުތިރާމް ކުރާ ހިތްހެޔޮ މީހުން. ޙަޔާތުގެ ދަތި ނޫނީ ހިތާމަވެރި ދުވަސްވަރުގައި އެއްބާރުލުންދޭ މީހުން"

އައިޝާ (34އ.): "ރައްޓެހިންނަކީ ކޮންމެ ކަމެއްގައި ޖެހުނަސް، ކޮންމެ ހާލެއްގައިވެސް ތިމާއަށްޓަކައި ތިބޭ ރަނގަޅު ރައްޓެހިން. ރަނގަޅު މަގު ދައްކާނެ"

މިއީ ހަގީގީ ރައްޓެހިންނަކީ ކޮބާ ކަމާއިމެދު ބައެއް މީހުން ދެކޭ ގޮތެވެ. އަޅުގަނޑުގެ ނަޒަރުގައި ހަގީގީ ރައްޓެހިންނަކީ ތިމާއަށް ސީދާ ވެގެންވާ ތެދުމަގު ދައްކައިދީ، ދީނީ ކަންކަމުގައި ވެސް ތިމާ ހޭލުންތެރި ކުރުވާ މީހުންނެވެ. ތިމާގެ ރަޙުމަތްތެރިޔާ ނުބައި މަގަކުން ދާނަމަ، އޭނާ ހުއްޓުވާ، ރަނގަޅު މަގަށް އެޅުވޭތޯ މަސައްކަތް ކުރާ މީހުންނެވެ. ތިމާގެ ރަޙުމަތްތެރިޔާއަށް ނުބައި ކަމެއް ކުރެވޭނަމަ، އެއީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާއާއި ދިމާލަށް ބުނާ މީހުންނެވެ. އެމީހަކީ ތިމާގެ އެންމެ ގާތް އެކުވެރިޔާއޭ އެހެންކަމުން އޭނާ ކުރާ ހުރިހާ ކަމެއްގައި އޭނާއާއި އެއްބައިވާން ވާނެ ކަމަށް ދެކުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު ގޯހެކެވެ. ރަޙުމަތްތެރިޔާއަށް ހެވެއްވާން އެދޭނަމަ، އޭނާއަށް ހެޔޮކަން ލިބޭނެ ގޮތް ދައްކާ އެކަން އަންގައިދިނުން މުހިންމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ