އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުކުރާނެ ވަގުތު ނުދިނުމުން މަހަކު 8000 ޑޮލަރު ލިބެމުން އައި ވަޒީފާ ދޫކޮށްލި ސެކެޓްރީއަށް 36 މިލިއަން ޑޮލަރުގެ ކުންފުންޏެއް!

ނަމާދުކުރާނެ ވަގުތު ނުދިނުމުން މަހަކު 8000 ޑޮލަރު ލިބެމުން އައި ވަޒީފާ ދޫކޮށްލި ސެކެޓްރީއަށް 36 މިލިއަން ޑޮލަރުގެ ކުންފުންޏެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 39 ސިކުންތު

ޝެރީނާ އަކީ ވިޔަފާރީގެ ދާއިރާއިން އެންމެ މައްޗަށް ކިޔަވައިގެން ހުރި ޒުވާން ޤާބިލު އަންހެން ކުއްޖެކެވެ. އޭނާގެ ފުރަތަމަ ވަޒީފާއަކީ ދުބާއީގެ ކުންފުންޏެއްގެ ކޮމްޕެނީ ސެކެޓްރީ ކަމެވެ. ރަނގަޅު މުސާރައެއް ވެސް ލިބެއެވެ. މަހަކު 8000 ޑޮލަރެވެ.

ވަޒީފާގެ މަސްއޫލިއްޔަތު ބުރަވަމުން އައިސް ނަމާދުކޮށްލާނެ ވަގުތު ނުލިބެން ފެށުމުން ޝެރީނާ އެކަމުގެ ޝަކުވާ ކުރަން ފެށިއެވެ. ނަމާދު ވަގުތު ޖެހުމުން އެންމެ 15 މިނިޓް ލިބޭނެ ގޮތެއް ހަދައިދިނުމަށެވެ. އެ ވަގުތުކޮޅު އޭނާއަށް ގޮވައި އުނދަގޫ ނުކުރުމަށެވެ.

ޝެރީނާ ބުނަމުން އައީ ނަމާދުވަގުތު ޖެހުމުން ނަމާދުނުކޮށް މަސައްކަތް ކުރަން އޭނާއަށް އުނދަގޫ ކަމަށެވެ. އޭނާއަކީ އުމުރުން 10 ވަރަކަށް އަހަރުން ފެށިގެން ޤަވާއިދުން ނަމާދުކުރަމުން އަންނަ އަންހެނަކަށްވާތީ ނަމާދު ނުކުރެވުމަކީ އޭނާއަށް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ނަމާދު ނުކޮށް މަސައްކަތްކުރަން ޖެހުމުން މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ކަމަށެވެ.

ޝެރީނާގެ ވެރިން ނޫނުކޭ ނުބުނެއެވެ. ބުނަނީ އެކަން އެގޮތަށް ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް އަމަލުން އެކަން ހަމަޖައްސައެއް ނުދެއެވެ. ޝެރީނާގެ އެދުމަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.

ދުވަސްތައް ދިގުލައިދާން ފެށުމުން ޝެރީނާ ނިންމީ މަޤާމުން އިސްތިއުފާދޭށެވެ. އެހެންކަމުން ޤަވާއިދުން ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު ޝެރީނާ މަޤާމުން އިސްތިއުފާ ދިނީއެވެ.

ޝެރިނާ ވަޒީފާއެއް ހޯދަން ކުންފުނިތަކަށް ސިޓީ ފޮނުވަމުން ގެންދިއައެވެ. ނަމަވެސް އޭނާއަށް ކުންފުނިން ދިން ވަޒީފާއިން ވަކިވި ލިޔުމަށް ބަލާފައި ވަޒީފާ ދޭން ކުންފުނިތަކުން ދިއައީ ޖެހިލުންވަމުންނެވެ.

ޝެރީނާގެ އުންމީދު ނަގައެއް ނުލައެވެ. އޭނާއަށް ރަނގަޅު ގޮތެއް މާތް ﷲ މެދުވެރިކޮށް ދެއްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އަބަދުވެސް އޮވެއެވެ. ޝެރީނާ ޤަބޫލުކުރަނީ މިކަންކަމަކީ އޭނާއަށް ކުރިމަތިވާ އިމްތިޙާނެއް ކަމަށެވެ.

އެގޮތުގައި ދުވަސްތައް ދިގުލައިދާން ފެށުމުން އަތްމަތި ދަތިވެ އަމިއްލަ ބޭނުންތައް ފުއްދައިލެވެން ނެތް ހާލަތަށް ދިއުމުން ވެސް ޝެރީނާ އޭނާގެ ހާލަތު މައިންބަފައިންނަކަށް ނުއަންގައެވެ.

ޝެރީނާއަށް ހަމްދަރުދީ ވީ އޭނާގެ ރަޙްމަތްތެރިއެކެވެ. އޭނާގެ ރެސްޓޯރަންޓުން ޝެރީނާއަށް ވަޒީފާއެއް ދިނެވެ. ނަމަވެސް މުސާރައަކީ މަހަކު 4000 ޑޮލަރެވެ. ކުރިން ލިބެމުން އައި މުސާރައިގެ ދެބައިކުޅައެއް ބައެވެ.

ޝެރީނާ އެ ވަޒީފާ ޤަބޫލުކުރިއެވެ. ވަޒީފާއެއް ނުލިބި ހުރުމަށްވުރެ އެގޮތް ވެސް ރަނގަޅުވީމައެވެ. ނަމަވެސް ޝެރީނާ ޝަރުޠެއް ކުރިއެވެ. އޭނާއަށް ރަނގަޅު ވަޒީފާއެއް ލިބިއްޖެ ނަމަ އެއްވެސް ޝަރުޠަކާއި ނުލައި ދޫކޮށްލައި ދިނުމެވެ.

ޝެރީނާގެ މަސައްކަތަކީ ވިޔަފާރި މެނޭޖްކުރުން ނަމަވެސް ޝެރީނާ ގިނައިން އިންނަނީ އޮފީހުގެ ބޮޑު ގޮނޑީގައެއް ނޫނެވެ. ހުސްވަގުތެއް ލިބޭއިރަށް ސަރވިސް އޭރިއާއަށް ގޮސް ކަންކަން ހިނގާ ގޮތް ބަލައެވެ. ކަސްޓަމަރ ކެޔެރ މެނޭޖަރެއް ފަދައިންނެވެ.

އެއް ދުވަހުގެ މެންދުރު ވަގުތެވެ. ނަމާދުވަގުތު ޖެހުމުން ނަމާދުކޮށް މާތް ﷲ އަށް ދުޢާކުރުމަށްފަހު ސަރވިސް އޭރިއާއަށް ދިއައެވެ. އެއިރު އެތަނުގެ ވީއައިޕީ މޭޒެއްގައި 3 ފިރިހެނަކު ވަރަށް ރަސްމީ ސިފައެއްގައި ތިބިތަން ފެނުނެވެ.

އެއީ ޚާއްޞަ ބައެއްކަން ވިސްނުމުން އެމީހުންގެ އޯޑަރުގެ ކަންތައްތައް އޮތް ގޮތެއް ކައުންޓަރުން ބަލައިލިއެވެ. އެއަށްފަހު ގޮސް ވަރަށް އަދަބުވެރިކަމާއިއެކު ބުންޏެވެ. "މަޢާފްކުރައްވާށެވެ. ބަދިގެތެރެއިން ކުޑަ ޓެކްނިކަލް ކަމެއް ދިމާވެގެން އުޅޭތީ އަދި ކުޑަ ވަގުތުކޮޅެއް ނަގައިފާނެއެވެ."

އެމީހުންނަށް ޝެރީންގެ ވާހަކަ ވަރަށް ކަމުދިއައެވެ. އަދި ވިޒިޓިންގ ކާޑު ބަދަލުކުރުމަށްފަހު ވަނަވަރު އޮޅުންފިލުވަން ފެށިއެވެ. ޝެރީނާ ފަދަ ތައުލީމީ ކުއްޖަކު މިހައި އާދައިގެ ވަޒީފާއެއް އަދާކުރަންޖެހުނު ސަބަބު އޮޅުންފިލުވަން ފެށިއެވެ.

ޝެރީނާ އޭނާގެ ވާހަކަތައް ކިޔައިދިނެވެ. ކިތަންމެ އާދައިގެ ވަޒީފާއެއް ނަމަވެސް މަސައްކަތްކުރަންޖެހުނު ސަބަބުތައްވެސް ކިޔައި ދިނެވެ.
އެމީހުން ކައި ނިމިގެން ދިއައީ ޝެރީނާއަށް ފަސޭހަ ވަގުތަކު އެމީހުންގެ އޮފީހަށް ގޮސް އެމީހުންނާއި ބައްދަލުކުރަން އެދިފައެވެ.

ޖެހިގެން އައި ދުވަހު ޝެރީނާ އެމީހުންނާއި ބައްދަލުކުރިއެވެ. ބައްދަލުވުމުގައި އެމީހުން ޝެރީނާއަށް ހުށަހެޅީ އެއިރު ގެއްލުންވަމުން އައި އެމީހުންގެ ކުންފުންޏެއް ހިންގުމެވެ. ތަފާތު ޝަރުތަކާއިއެކުގައެވެ. ކުންފުނި ހިންގައި ފައިދާ ހޯދަމުން ގޮސް ކުންފުނީގެ ކެޕިޓަލްކަމަށްވާ 36 މިލިއަން ޑޮލަރު ހޯދައި ދެއްކުމުން ޝެރީނާއަށް ކުންފުނި އެކުގައި ހަދިޔާކުރާ ގޮތަށެވެ.

ކުންފުނީގެ ހާލަތު އެނގޭ ލިޔުންތައް ހިފައިގެން ޝެރީން ދިއައީ ގެއަށެވެ. ގެއަށް ގޮސް ރަނގަޅަށް ދިރާސާކުރަން ފެށިއެވެ. އެކަން އޭނާއަށް ކުރެވޭނެ ގޮތެއް އޮތްތޯ ވިސްނަން ފެށިއެވެ.

3 ދުވަސް ފަހުން ޝެރީނާ އެނބުރި ގޮސް ބުނީ މަސްއޫލިއްޔަތާއި ހަވާލުވާން ތައްޔާރު ކަމަށެވެ. ނަމަވެސް ޤާނޫނީ ގޮތުން ބާރުލިބޭ އެއްބަސްވުމަކާއިއެކުގައި ކަމަށެވެ.

އެއްބަސްވުން އެކުލަވައިލުމަށްފަހު ޝެރީނާ ކުންފުންޏާއި ހަވާލުވިއެވެ. ކުންފުނި ހިންގަން ފެށި ފުރަތަމަ އަހަރުވެސް ގެއްލުން ކުޑަކުރެވުނެވެ.

ރެއާއި ދުވާލު ކުރި މަސައްކަތުން 7 އަހަރު ތެރޭގައި ޝެރީނާ 30 މިލިއަން ޑޮލަރުގެ ފައިދާ ހޯދިއެވެ. ކުންފުނި އަމިއްލަކުރަން އަދިވެސް އިތުރު 6 މިލިއަން ޑޮލަރު ބޭނުންވެއެވެ.

އެކަމުގެ ފިކުރުގައި ހުއްޓާ ގްރޫޕުގެ ބައްދަލުވުމަކަށް ޝެރީނާ ގެންދިއައެވެ. އެ ބައްދަލުވުމުގައި ޝެރީނާއަށް ހުށަހެޅީ ލޯނެއް ހޯދައިގެން ނަމަވެސް އިތުރު 3 މިލިއަން ޑޮލަރު ގްރޫޕަށް ދެއްކުމަށެވެ. އެފައިސާ ދައްކައިފިނަމަ ކުންފުނި ޝެރީނާއަށް މިލްކު ކޮށްދޭ ގޮތަށެވެ.

ޝެރީނާ އެކަމުގެ މަޝްވަރާތައް ބޭންކަރުންނާ ކުރުމުން އެކަމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. ބޭންކަރުން ތިބީ ޝެރީނާއަށް އެހީވެދިނުމަށް ތައްޔާރަށެވެ. އެހެންކަމުން އެވަރުގެ ލޯނެއް ނަގައި ކުންފުނި ޝެރީނާ މިލްކުކުރިއެވެ. ޖެހިގެން އައި ދެ އަހަރު ނިމުނުއިރު ޝެރީނާ ވަނީ ލޯނުވެސް ދައްކައި ކުންފުންޏަކީ އޭނާގެ އަމިއްލަ ކުންފުންޏަކަށް ހަދައިފައެވެ.

ޝެރީނާގެ އަމިއްލަ ކުންފުންޏަށް އަހަރު ފުރިގެން ބޭއްވި ހަފްލާގައި ގިނަ ކަންތައްތަކެއް ޝެރީނާއަށް އެނގިގެން ދިއައެވެ. ހަޤީޤަތުގައި ކުންފުނި ހިންގަން އޭނާ އާއި ހަވާލުކުރީ އެކުންފުންޏަކީ ފައިދާ ނުހޯދޭނެކަމުގެ ބޮޑު ޔަޤީންކަމެއް ވެރިންނަށް އޮތުމުން ކަމެވެ. ކުރީގެ ވެރިން އޭނާ އާއި ކުންފުނި ހަވާލުކުރީ އޭނާގެ ތަޤްވާވެރިކަން ބޮޑުކަމުން މާތް ﷲ ހާލަތު ބަދަލުކޮށް ދެއްވައިފާނެ ކަމުގެ އުންމީދެއް އެމީހުންނަށް ލިބުމުން ކަމެވެ.

އެމީހުންގެ ވިސްނުން މިހާރު މިވަނީ ހަޤީޤަތަކަށް ވެފައެވެ. 9 އަހަރު ތެރޭގައި ކަންކަން މިވަނީ ވެނިމިފައެވެ. އެކަން އެމީހުންނަށް ވެގެން ދިއައީ ފެނިގެންދިއަ މުއުޖިޒާތަކަށެވެ.

ޝެރީނާގެ ވާހަކަ ނޫސްތަކުގައި ލިޔުނީ ވަރަށް ޝައުޤުވެރި ގޮތަކަށެވެ. ޝެރީނާއަކީ އަތުގައި ލޯލާރިއެއް ނެތި މިލިއަނަރަކަށްވި އަންހެނެއްގެ ގޮތުގައެވެ. ގެއްލުންވާ ވިޔަފާރިތައް ކޮޅަށް ޖެހުމުގެ ޤާބިލުކަން ލިބިފައިވާ ނަމޫނާ އަންހެނެއްގެ ގޮތުގައެވެ. ޒުވާން ބިޔަ ސިކުނޑިއެއްގެ ގޮތުގައެވެ.

ޝެރީނާ ހަމްދުކުރަނީ މާތް ﷲ އަށެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ކަނޑުވެފައި އޮތް ނަވަކަށް ނިޔާމަ ދަތުރެއް ލިބުނީ މާތް ﷲ ގެ ދީލަތިވަންތަކަމުންނެވެ. އޭނާ ކުރާ ނަމާދުގެ ބަރަކާތުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް