އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިޔަމުން ލިޔަމުން އިސްލާހުވި ޚަދީޖާ!

ލިޔަމުން ލިޔަމުން އިސްލާހުވި ޚަދީޖާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ޚަދީޖާ އަކީ ކުރިން ދީނުގެ ކަންކަމަށް އެއްވެސް ވަރަކަށް އަހައްމިއްޔަތުކަމެއް ދިން މީހެއް ނޫނެެވެ.

ޔޫރަޕު މީހުން ފަދައިން ހެދުން އެޅުމާއި، ދިރިއުޅުމުގެ ވައްޓަފާޅި ވެސް ގެންގުޅުނީ އެފަދަ ގޮތަކަށެވެ. ބައްޕައަކީ މުއްސަންޖަކަށް ވުމުން އުމުރުން 24 އަހަރު ފުރުމާއި ހަމައަށް ވެސް އަމިއްލައަށް ވަޒީފާއެއް އަދާ ކުރާކަށް ނުވިސްނައެވެ. އޭނާގެ ކަމަކީ މެންދުރުފަހު ތިނެއް ޖެހުމާއި ހަމަޔަށް ނިދުމާއި ހަވީރު ގަޑީގައި އެއްދުވަހު ޖިމްއަށް އަނެއް ދުވަހު ޒުމްބާ ކުލާހަށް ދިޔުމެވެ. ރޭގަނޑުގެ ކެއުން އަބަދުވެސް ކަނީ ބޭރުންނެވެ. ރައްޓެހިންނާއިއެކު ކޮފީތަކަށާއި ކުލަބުތަކަށް ދިޔުމުގެ އިތުރުން ދަންވަރު ގަޑީގައި ސައިކަލުބުރު ޖަހަން ދެއެވެ. ގިނަ ދުވަސް ދުވަހު ގެއަށް ވަންނަނީ އަނެއް ދުވަހަށް އިރުއަރާ ފަހުންނެވެ.

ޚަދީޖާ ހެދުން އަޅާ އުޅުނީވެސް ޒަމާނީ ފެންވަރަށް، ރަނގަޅަށް އައުރަ ނިވާ ނުކޮށެވެ. އަތް ކެނޑި އެއްޗެހި ލައިގެން އުޅުމާއި ކުރު ހެދުންލުމަކީ އޭނާގެ އާދައަކެވެ. އޭނާ މޭކަޕް ނުކޮށް ހުއްޓާ ދުވަހަކުވެސް އެއްވެސް މީހަކަށް ފެނިފައެއް ނުވެއެވެ.

އޭނާގެ ދިރިއުޅުން ބަދަލުވާން ފުރަތަމަ ފެށީ އެކުވެރިއަކާއި މެދު އުފެދުނު ހަސަދަވެރި ކަމަކުންނެވެ. ނޫސްވެރިއަކަށްވެ، އެކިއެކި މަޖައްލާތަކަށް އެއެކުވެރިޔާ ލިޔަން ފެށުމުން މީހުންގެ މެދުގައި އެއެކުވެރިޔާ މަޝްހޫރުވާން ފެށިއެވެ. އަދި އެކަމާއިމެދު ޚަދީޖާގެ ހިތުގައި ހަސަދަވެރިކަމުގެ ހުޅުރޯވެ ގަދަޔަށް އަނދަން ފެށިއެވެ. އޭނާ ވެސް ބޭނުންވީ އެކުވެރިޔާ ފަދައިން މަޝްހޫރު ވާށެވެ. ކޮންމެވެސް މަޖައްލާއަކަށް ލިޔާށެވެ.

އެހެންކަމުން ލިޔުންތެރިކަމާއި ގުޅޭ ވަޒީފާއެއް ލިބޭތޯ ޚަދީޖާ މަސައްކަތް ކުރިއެވެ. ނަމަވެސް މާލޭގެ ބޮޑެތި މީޑިއާތަކުގައި އެދުވަސްވަރު ހުސް ވަޒީފާއެއް ނެތުމުން، އޭނާއަށް އެފުރުސަތެއް ނުލިބުނެވެ. އިންޓަވިއު އަށް ގެންދިޔަ ތަންތަނުންވެސް އޭނާ ވީ "ރިޖެކްޓް" އެވެ.

އެހެން އުޅެނިކޮށް އެއިރު އޮތް އިންލައިން މެގަޒިން އަކަށް، ލިޔުމުގެ ފުރުސަތު ޚަދީޖާއަށް ލިބުނެވެ. އެއީ މަޝްހޫރުތަނަކަށް ނުވުމުން ޚަދީޖާގެ ހިތް ނުތަނަވަސްވި ކަމުގައިވިޔަސް، ލިޔަން ފުރުސަތު ލިބުމުން އޭނާ އުފާވިއެވެ.

ތަފާތު އެކިއެކި ރިޕޯޓުތަކާއި އާޓިކަލްތައް ޚަދީޖާ ލިޔަން ފެށިއެވެ. ނަމަވެސް އޭނާގެ އެއްވެސް ލިޔުމަކަށް އެހާ ބޮޑު ތަރުޙީބެއް ކިޔުންތެރިންގެ ފަރާތަކުން ނުލިބުނެވެ. އެކަމާއި އޭނާ ވަރަށް މާޔޫސްވިއެވެ.

ލިޔާނެ އެއްޗެއް ހޯދަން އޮފީހުގައި އެއްދުވަހު އިންދާ އޭނާއަށް ފެނުނީ ދީނީ ޢިލްމުވެރިއެއްގެ ވާހަކަ ކޮޅެކެވެ. ޙައްޖުވުމާއި ބެހޭ ގޮތުންނެވެ. އިރުކޮޅަކު ވިސްނާލުމަށްފަހު، އެވާހަކަ ކޮޅު ތަރުޖަމާކޮށް ލިޔުމަށް ޚަދީޖާ ނިންމިއެވެ. އެދުވަހު އޭނާ އެކަން ކުރީ އެއްވެސް ވަރަކަށް އެލިޔުމަށް ތަރުހީބެއް ލިބޭނެ ކަމަކަށް ނޫނެވެ. އަދި ލިޔާ އެއްޗަކާއި މެދު މާބޮޑު ފަރުވާތެރިކަމެއް ބަހައްޓާފައެއް ވެސް ނޫނެވެ.

އޭގެ އަނެއް ދުވަހު އޮފީހަށް ދިޔުމުން، އޮފީސް ވެރިމީހާ ޚަދީޖާއަށް މަރުޙަބާ ކިޔާ ވަރަށް ބޮޑަށް ސަނާ ކިޔެވެ. އޭނާ ލިޔުނު ދީނީ އާޓިކަލް ގިނަ ބަޔަކަށް ކަމުގޮސް، އެއް ހާހެއްހާ މީހުން އެލިޔުން އެކި މީހުންނާއި ހިއްސާވެސް ކުރިކަމަށް ބުންޏެވެ. ޚަދީޖާއަށް ލިބުނީ އޭނާ ހީވެސް ނުކުރާކަހަލަ ބޮޑު އުފަލެކެވެ. އެހެންކަމުން ދެން ވެސް ދީނީ ލިޔުމެއް ލިޔަން އޭނާ ގަސްދުކުރިއެވެ.

އޭނާ ލިޔަން ފެށިއެވެ. ނަމާދު ކުރުމާއި، ނަމާދު އަޅައިފި މީހަކަށް ވާނޭ ގޮތާއިމެދުއެވެ. އެވާހަކަތައް ތަރުޖަމާ ކުރި އިރު، އެވާހަކަތަކާއިމެދު ޚަދީޖައަށް ވިސްނެން ފެށިއެވެ. މަރުވުމަށްފަހު ކަށްވަޅުގެ އަޒާބު ލިބޭނެ ކަމާއި، ފުރާނައަށް ވާނޭ ގޮތްތައް ކިޔާފައި ޚަދީޖާގެ ހިތް ބިރުގަންނަން ފެށިއެވެ. އޭނާ އަށް ވެސް ވާނީ އެހެންނޭ ހިތައްއަރާފައެވެ. އިސްލާޙުވެ ތައުބާވުމަށް ޚަދީޖާ ވިސްނަމުން ގެންދިޔައެވެ.

އޭނާގެ މުޅި ދިރިއުޅުން ބަދަލުވީ، ޞާލިޙު އަޅަކަށް ލިބޭނެ ނިޢުމަތްތައް ލިޔުމަށްފަހުއެވެ. އެނިޢުމަތްތަކާއި ބަރަކާތް ޚަދީޖާ ވެސް ބޭނުންވިއެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް ނަމާދުކުރަންފަށާ، ކުރެވުނު ފާފަތަކަށް ތަޢުބާވިއެވެ. ބުރުގާވެސް އަޅާ ގަޔަށް ދޫ ދިގު ހެދުންލާ، ރަނގަޅަށް އައުރަ ނިވާކުރިއެވެ. އޭނާގެ މުޅި ޙަޔާތް ނަމާދު ކުރުމުގަޔާއި އެކަލާނގެއަށް ޛިކްރު ކުރުމުގައި ހޭދަ ކުރިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ފުއާދު 2017-11-22 00:26:19

ޙަދީޖާޔަށް ސުވަރުގެ މިންވަރުކުރައްވާށި އާމީން


މަރިޔަމް ވަހީދާ