އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުގާބޭގެ ވެރިކަން ނިމުނުއިރު، ދުނިޔޭގެ އެންމެ ގިނަ ދުވަހު ވެރިކަން ކުރި މީހުން

މުގާބޭގެ ވެރިކަން ނިމުނުއިރު، ދުނިޔޭގެ އެންމެ ގިނަ ދުވަހު ވެރިކަން ކުރި މީހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

މުހައްމަދު އުސާމް

ޒިމްބާބުވޭގެ ކުރީގެ ރައީސް މުގާބޭގެ ދިގު ވެރިކަން އޭނާގެ އިސްތިއުފާގެ ސިޓީއާއެކު އިއްޔެވަނީ ނިމިފައެވެ.
މުގާބޭ ވަނީ 37 އަހަރުގެ ދިގު މުއްދަތަކަށް ޒިމްބާބުވޭގެ ވެރިކަން ކޮށްފައެވެ.

37 އަހަރަކީ ދިގު މުއްދަތެކެވެ. ދިރާސާކުރާ މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 37 އަހަރަކީ އާންމު އިންސާނެއްގެ ދިރިއުޅުމުގެ ދެބައިކުޅައެއްބައެވެ. މުގާބޭގެ ވެރިކަން ނިމުނުއިރު، ގައިމު ވެސް ދުނިޔޭގެ އެންމެ ގިނަ ދުވަހު ވެރިކަންކުރި އެކަކަށް މުގާބޭވާނެއެވެ.

މުގާބޭގެ ވެރިކަން ނިމި، އޭނާގެ އިސްތިއުފާގެ ޚަބަރުތައް ދުނިޔޭގެ އެކި ނޫސްތަކުގެ އެންމެ ފަލަ ސުރޫޚީއަށް އަރަމުންދާއިރު، ދުނިޔޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރި މީހުންނާ ބެހޭގޮތުން ގިނަ ކިޔުންތެރިން އެނގެން ބޭނުންވާނެހެން އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

މުގާބޭގެ އިސްތިއުފާގެ ޚަބަރު އިވުމާއެކު، އަޅުގަނޑަށް ވެސް އެންމެ ފުރަތަމަ ޚިޔާލަށް ގެނުވުނު އެއް ކަމަކީ މިއީއެވެ. ދުނިޔޭގެ އެންމެ ގިނަ ދުވަހު ވެރިކަން ކުރި މީހުންނަކީ ކޮބައިބާވައެވެ. އެންމެ ފަހުން މުގާބޭގެ ދިގު ވެރިކަން ނިމުނުއިރު، މުގާބޭއަށް މި ލިސްޓުން ލިބެނީ ކިތައްވަނަ ބާވައެވެ.
ދުނިޔޭގެ އެންމެ ގިނަ ދުވަހު ވެރިކަންކުރި މީހުންގެ ލިސްޓަށް ބަލާލަމާތޯއެވެ.

1. މުއަންމަރު އަލް ގައްޒާފީ (ލީބިޔާ)

ދުނިޔޭގެ އެންމެ ގިނަ ދުވަހު ވެރިކަންކުރި ލީޑަރެއްގެ ގޮތުގައި މިއަދާ ހަމައަށް ހުރީ 1969ވަނަ އަހަރުން 2011ވަނަ އަހަރަށް ލީބިޔާގައި ވެރިކަންކުރި ކުރީގެ މުއަންމަރު އަލް ގައްޒާފީއެވެ. ގައްޒާފީގެ ވެރިކަން ވަނީ 42 އަހަރުގެ ދިގު މުއްދަތަކަށް ދިގުދެމިގެން ގޮސްފައެވެ. ގައްޒާފީގެ ވެރިކަން ނިމުނީ 2011ވަނަ އަހަރު ލީބިޔާގައި ފެށި ދާޚިލީ ހަމަނުޖެހުންތަކުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ގައްޒާފީ އަވަހާރަކޮށްލުމާއެކެއެވެ. ގައްޒާފީ އަވާހަރަވިއިރު އޭނާގެ އުމުރުންވީ 69 އަހަރެވެ. ލީބިޔާގެ ވެރިކަމަށް އިސްވިއިރު، އޭނާގު އުމުރުންވީ އެންމެ 27 އަހަރެވެ.


2. އޮބިއަންގް މްބާސޮގޯ (އެކުޓޯރިއަލް ގައިނިއާ)

ގައްޒާފީ މަރުވުމާއެކު، އެކްޓޯރިއަލް ގައިނިއާގެ މިހާރުގެ ވެސް ރައީސް އޮބިއަންގް މްބާސޮގޯއަކީ މިއަދު ދުނިޔޭގައި ދިރިހުރި އަދި މިހާރު ވެސް ވެރިކަމުގެ ބާރުގައި ހުރި އެންމެ ގިނަ ދުވަހު ވެރިކަންކުރަމުން އަންނަ ރައީސެވެ. 75 އަހަރުގެ އޮބިއަންގް އެ ޤައުމުގެ ރައީސްކަމުގައި ހުންނެވިތާ މިހާރު 38 އަހަރުވީއެވެ. 1979ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އެ ޤައުމުގެ ވެރިކަމުގައި ހުންނެވީ ރައީސް އޮބިއަންގެވެ. އެންމެ ގިނަ ދުވަހު ވެރިކަން ކުރި މީހަކަށް ވުމަށް އަދި އިތުރު 4 އަހަރު ދުވަހު އެ ޤައުމުގެ ވެރިކަމުގައި ހުންނަން ޖެހޭނެއެވެ.

3. ރޮބާޓް މުގާބޭ (ޒިމްބާބްވޭ)

އިއްޔެގެ ވަގުތެއްގައި އިސްތިއުފާދިން ރައީސް ރޮބާޓް މުގާބޭއަށް މި ލިސްޓުން ލިބެނީ ތިންވަނައެވެ. މުގާބޭއަކީ ތިންވަނައަށް އެންމެ ގިނަ ދުވަހު ވެރިކަން ކުރި ރައީސެވެ. ޒިމްބާބްވޭގެ ރައީސްކަމަށް މުގާބޭ އިސްވީ 1987ވަނަ އަހަރުއެވެ. މުގާބޭގެ ވެރިކަން 37 އަހަރަށް ދިގުދެމި، އޭނާގެ ވެރިކަން މި ނިމުނީ މި 2017ވަނަ އަހަރުއެވެ. މުގާބޭގެ ވެރިކަން ނިމުނީ ހުރިހާ ބާރުތަކެއް އަދި އޭނާގެ އަމިއްލަ ޕާޓީން ވެސް އޭނާއާ ދެކޮޅަށް ނުކުމެ، ޤާނޫނު ހަދާ މަޖިލީހުން އޭނާ މަޤާމުން ދުރުކުރުމުގެ މަސައްކަތް ފެށިފައިވާ ދަނޑިވަޅުގައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، 93 އަހަރުގެ މުގާބޭ އިސްތިއުފާ ދިނީ ގޮސް ހުސްވުމުން ކަމުގައެވެ.

4. ޕައުލް ބިޔާ (ކެމެރޫން)

ކެމެރޫންގެ މިހާރުގެ ރައީސް ޕައުލް ބިޔާއަކީ ހަތަރުވަނައަށް ދުނިޔޭގެ ގިނަ ދުވަހު ވެރިކަން ކޮށްފައިވާ ރައީސެވެ. ކެމެރޫންގެ ރައީސްކަމުގައި ޕައުލް ހުންނަތާ 35 އަހަރުވީއެވެ. އުމުރުން 84 އަހަރުގެ ޕައުލް، ކެމެރޫންގެ ރައީސްގެ ގޮތުގައި ހުންނެވީ 1982ވަނަ އަހަރުން ފެށިގެންނެވެ.

ދުނިޔޭގެ އެންމެ ގިނަ ދުވަހު ވެރިކަންކޮށްފައިވާ މީހުންގެ ލިސްޓަށް ބަލާލުމުން ފާހަގަކޮށްލެވޭ ބައެއް ކަންތައް އެބަ ހުއްޓެވެ. އެ ގޮތުން، ދުނިޔޭގެ އެންމެ ގިނަ ދުވަހު ވެރިކަންކޮށްފައިވާ ހަތަރު ރައީސުން ވެސް ނިސްބަތްވަނީ ވެސް އެފްރިކާ ބައްރުގެ ޤައުމަކަށެވެ. އެއިން ކޮންމެ ރައީސެއް ވެސް 30 އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަން ކޮށްފައިވާކަމަވެ. ގައްޒާފީއާއި މުގާބޭގެ ވެރިކަން ނިމުނީ ވަރަށް ހިތިކޮށެވެ. މުގާބޭ އިސްތިއުފާދީ އޭނާގެ ވެރިކަން ނިމުނު ކަމުގައިވިޔަސް،އެހާ ދިގު މުއްދަތަކުން ފެށިގެން ވެރިކަމާއި ބާރުގަައި ދެމިހުރި ބައެއް ރައީސުން އަދިވެސް ތިބިކަމެވެ.




Advertisement

ކޮމެންޓް ކުރެއްވުމަށް