އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ޕަދްމާވަތީ" މިވަރުން ރިލީޒް ކުރެވޭނެބާ؟ މިހާރު ގުޖްރާތުގައި ވެސް އެޅުވުން މަނާ ކޮށްފި

"ޕަދްމާވަތީ" މިވަރުން ރިލީޒް ކުރެވޭނެބާ؟ މިހާރު ގުޖްރާތުގައި ވެސް އެޅުވުން މަނާ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ގާންދީނަގަރް- މަޝްހޫރު ބޮލީވުޑް ޑައިރެކްޓަރ/ޕްރޮޑިއުސަރ ސަންޖޭ ލީލާ ބަންސާލީ އެންމެ ފަހުން އުފެއްދިފިލްމު "ޕަދްމާވަތީ" ރިލީޒް ކުރުމުގެ ކުރިންވެސް ބޮޑެތި މައްސަލަތަކަކާއި ކުރިމަތިވެފައިވާ އިރު، އެޤައުމުގެ ބައެއް އަވަށްތަކުން މިހާރުވެސް ދަނީ އެއަވަށްތަކުގައި މިފިލްމު އެޅުވުން މަނާކުރަމުންނެވެ.

އެގޮތުން މިފިލްމާއިމެދު އެންމެ ބޮޑު މައްސަލަތަކެއް ޖެއްސި ރާޖަސްތާނުންނާއި މަދްޔަ ޕްރަދޭޝް ގެ އިތުރުން މިހާރު ގުޖްރާތުން ވެސް ވަނީ އެފިލްމު އެޅުވުން މަނާކޮށްފައެވެ. މިތިން އަވަށަކީވެސް އެޤައުމުގެ ބީޖޭޕީ ޕާޓީ އިން ހިންގަމުންދާ ތިން އަވަށެވެ.

ގުޖްރާތުގެ ޗީފް މިނިސްޓަރ ވިޖޭ ރޫޕާނީ މިއަދު ބުނެފައިވަނީ ގުޖްރާތުގައި "ޕަދްމާވަތީ" އެޅުވުމުގެ ހުއްދަ ދެވެން ނެތް ކަމަށާއި އެފިލްމަކީ އެޤައުމުގެ ރާޖްޕޫތު ދަރިފަސްކޮޅުގެ އިހުސާސްތަކާއި ކުޅެލައި ގެއްލުންދީފައިވާ ފިލްމެއް ކަމަށެވެ. މިނިސްޓަރ ރުޕާނީ ބުނެފައިވަނީ އެންމެންނަށް ވެސް މިނިވަން ޚިޔާލު ހުށަހެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް ޤަބޫލު ކުރާ ކަމަށާއި އެހެންނަމަވެސް ތާރީޚާއި އެފަދައިން ކުޅެލައި ތާރީޚުގައި ހިނގާފައިވާ ކަންތައްތައް އެފަދަ ހަގީގަތެއް ނެތް ގޮތަށް ހުށަހެޅުމަކީ ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ.

ސަންޖޭ ލީލާ ބަންސާލީ ގެ ފިލްމު "ޕަދްމާވަތީ" އުފައްދާފައިވަނީ 190 ކްރޯޑް ރުޕީސް ގެ އަގުބޮޑު ބަޖެޓަކުންނެވެ. ނަމަވެސް ފިލްމުގެ ފުރަތަމަ ޓްރެއިލަރ ބެލުންތެރިންނަށް ދައްކާލި ހިސާބުން ފެށިގެން، ރާޖެސްތާނުގެ ކަރްނީ ސޭނާ ގްރޫޕުން ވަނީ މިފިލްމާއިމެދު ނުރުހުން ފާޅުކޮށް، ތިއޭޓަރުތަކުގައި "ޕަދްމާވަތީ" އަޅުވައިފިނަމަ އެތިއޭޓަރުތަކުގައި ރޯކޮށްލާނެ ކަމަށް ބުނެ، އަދި ފިލްމުގައި ރާނީ ޕަދްމާވަތީ ގެ ރޯލުން ފެންނަ ދިޕިކާ ޕަޑުކޯން އާއި ޕްރޮޑިއުސަރ ސަންޖޭ ލީލާ ބަންސާލީގެ ބޯކަނޑާލާ މީހަކަށް 10 ކްރޯޑް ރުޕީސްގެ އިނާމެއް ދޭނެ ކަމަށް ވެސް ބުނެފައެވެ.

ކަރްނީ ސޭނާ ގްރޫޕުން ބުނެފައިވަނީ 13 ވަނަ ޤަރުނުގެ އިންޑިއާގެ ރާނީ އެއް ކަމަށްވާ ރާނީ ޕަދްމާވަތީ ގެ ނަމަށް ސަންޖެ ލީލާ ބަންސާލީ ގެ ފިލްމުގައި ހުތުރު އަރުވާފައިވާ ކަމަށެވެ. އެފިލްމުގައި ދައްކުވައިދެނީ ސުލްތާން އަލާއުއްދީން ޚިލްޖީ އާއި ރާނީ ޕަދްމާވަތީ، ފަހުން ލޯބީގެ ގޮތުން ގުޅޭ މަންޒަރު ކަމަށާއި، ނަމަވެސް ތާރީޚުގައި އެކަން ހިނގާފައިވާ ގޮތަކީ، ހަނގުރާމައިގާ ރާނީގެ ފިރިކަލުން މަރުވުމުން ޕަދްމާވަތީ އަމިއްލައަށް ގައިގާ އަލިފާން ރޯކޮށްލައިގެން މަރުވުން ކަމަށެވެ. އެއީ ރާނީ ޕަދްމަވަތީގެ ރީތިކަމުގެ އަވައިގާ ޖެހިގެން އަލާއުއްދީން ޚިލްޖީ ޕަދްމަވަތީ ހާސިލް ކުރަން އުޅުމުން، އޭނާ ކައިރިއަށް ނުދިއުމަށްޓަކައި ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.

ފިލްމު "ޕަދްމާވަތީ" ގައި ހަރަކާތްތެރި ވެފައިވަނީ ދިޕިކާ ގެ އިތުރުން ރަންވީރް ސިންގް އާއި ޝާހިދު ކަޕޫރު އެވެ. މިފިލްމު ރިލީޒްކުރުން މަނާ ކުރުމަށް އެދި ކަރްނީ ސެނާ ގްރޫޕުން އެޤައުމުގެ ސުޕްރީމް ކޯޓަށް ދެފަހަރަށް މައްސަލަ ހުށަހެޅުމުން ވެސް، އެމައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ ފިލްމު އެޅުވުމާއި އެޅުވުން މަނާކުރުން ނިންމާނީ ސެންސަރ ބޯޑުން ކަމަށެވެ. ފިލްމު ޕްރޮޑިއުސް ކުރި ވިއަކޮމް-18 ން ބުނެފައިވަނީ، އެމައްސަލަތަކުގެ ސަބަބުން މިފިލްމު ރިލީޒް ކުރުން އަންނަ އަހަރަށް ފަސް ކުރެވިފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







C 2017-11-22 21:30:49

Vccccc cc


މަރިޔަމް ވަހީދާ