އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިކެން ބޭނުންވާ އެންމެންނަށް އާރިފް އަކީ ލާމަސީލު ނަމޫނާއެއް

ހިކެން ބޭނުންވާ އެންމެންނަށް އާރިފް އަކީ ލާމަސީލު ނަމޫނާއެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 31 ސިކުންތު

• ރީތިވެގެން ލާން އުޅުނު ޓީޝާރޓުތަކާއި ގަމީސްތައް ކުރިން ނުލެވުނު
• ހަ މަސް ތެރޭގައި 34 ކިލޯ ލުއި ކޮށްލި
• ކެއުން ކޮންޓްރޯލް ކުރުމަށް، މަންމަ ކައިރީ ބުނެގެން ކާއެއްޗެހި ފިނި ކުރުވި (އެއީ އާރިފް އަކީ އެއްވެސް އިރަކު ފިނި ކޮށްފައި ހުންނަ ކާއެއްޗެހި ކާމީހަކަށް ނުވާތީ)

ރީތި ހަށިގަނޑެއް ލިބުމަކީ ކޮންމެ މީހަކު ވެސް ބޭނުން ވާނެ ކަމެކެވެ. ނަމަވެސް ރީތި ހަށިގަނޑެއް ހޯދުމަށް، ނުވަތަ ރީތި ހަށިގަނޑެއް ލިބިފައިވާނަމަ، އެ "ފިޒީގް" ދަމަހައްތަން މަސައްކަތް ކުރުމަކީ ގިނަ ބަޔަކަށް އުނދަގޫ ވެފައިވާ ކަމެކެވެ. މިކަމުގައި އެންމެ ގިނައިން މީހުންނަށް ކުރިމަތިވާ މައްސަލައަކީ ބަރުދަން ލުއި ކުރަން މަސައްކަތް ކުރުމެވެ. ކަސްރަތެއް ކުރަން ފެށި ކަމުގައި ވިޔަސް، މާގިނަ ދުވަހެއް ނުވެ އެކަން ހުއްޓާލައެވެ.

އާރިފް ރަޝީދު އަކީ އެފަދަ ހުރިހާ އެންމެންނަށް ހުރި ލާމަސީލު މިސާލެކެވެ. އުރީދޫ މޯލްޑިވްސްގެ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރުގައި ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރާ، އުމުރުން 27 އަހަރުގެ އާރިފް، އެކި ކަހަލަ ވޯކްއައުޓްސްކޮށް އޭނާގެ ހަށިގަނޑު ބެލެހެއްޓުމުގެ މަސައްކަތް ފެށީ މިއަހަރުގެ މާރޗް މަހުގެ ދެވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ހަ މަސް ތެރޭގައި އާރިފް ވަނީ އޭނާގެ ބަރުދަނުން 34 ކިލޯ ލުއި ކޮށްލާފައެވެ. އޭގެ ފަހުން މިއަދާއި ހަމައަށް 64 ކިލޯގައި ބަރުދަން ހިފަހައްޓާފައިވެއެވެ.



"މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި އާރިފް ވަނީ، ބަރުދަން ލުއިކުރުމަށް އޭނާ ކުރި ދަތުރުގެ ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ.

"ފުރަތަމަ ވޯކްއައުޓް ކުރަން ފެށީ މާރޗް މަހުގެ ދެވަނަ ދުވަހު. ފެށިއިރު ހުރި 98 ކިލޯ. މަސައްކަތް ކުރަމުން ގޮސް މިހާރު ހުންނަނީ 64 ކިލޯ." އާރިފް ބުންޏެވެ.
އާރިފް ބުނި ގޮތުގައި އޭނާގެ އަމާޒަކަށްވީ ހިކުމެވެ. ބަރުދަން ލުއިކޮށް ހިކުމަށް ކުރި މަސައްކަތުގައި އޭނާ އެންމެ ބޮޑަށް ޗެލެންޖު ކުރީ އަމިއްލަ ނަފްސަށާއި ފަލަ މީހުންނެއް ނުހިކޭނޭ، އެކަމެއް ނުވާނެއޭ ބުނި މީހުންނަށެވެ.

ދިރިއުޅުމަށް މިފަދަ ބޮޑު ބަދަލެއް ގެންނަން އާރިފް ނިންމީ އަމިއްލަ ސަބަބުތަކަކާއި ހެދި ކަމަށް އާރިފް ބުންޏެވެ.

"އަސްލު ޕަރސަނަލް ވަރަށް ގިނަ ކަންތައް ދިމާވި. މިސާލަކަށް ހަލަބޮލިކޮށް އުޅެން ޖެހޭ ގަނޑިތަކުގައި ހަލަބޮލި ނުވެވުން. ވަރަށް ރީތި ވެގެން ލާހިތުން އުޅޭ ޓީޝަރޓާއި ގަމީސްތައް ވެސް ހެޔޮވަރު ނުވުމުން ވެސް ބޭނުންވި ހިކެން."

ވޯކްއައުޓް ކުރުމަށް ވެސް އާރިފް ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ވޯކްއައުޓް ކުރަން ފެށީ މެޓްރޯފްލެކްސް ޖިމް ގެ ސިލްވަރ ޕެކެޖަކުންނެވެ. އެއީ މާރޗް މަހުގައެވެ. އެތަނުގެ ފްލޯ ޓްރެއިނަރސް ގެ އެހީއާއިއެކު ކޮންމެ ދުވަހަކު ހަށިގަނޑުގެ ވަކި ބަޔަކަށް ފޯކަސްކޮށްގެންނެވެ. އެގޮތަށް ދެމަސްވަރު ހިފަހައްޓާލުމަށްފަހު، އެދުވަސްކޮޅު ތަންކޮޅެއް އަތްމަތި ދަތިވުމުން ޕެކެޖު ދައްކޮށްފައި އެކަނި ވޯކްއައުޓް ކުރަން ފެށިކަމަށް އޭނާ ބުންޏެވެ.



އެކަނި ވޯކްއައުޓް ކުރަން ފެށި ހިސާބުން ބޮޑަށް ފޯކަސް ކުރީ ކާޑިއޯ އަށް ކަމަށާއި އެކަނި ވޯކްއައުޓް ކުރަން ފެށި ކަމުގައި ވިޔަސް ފްލޯ ޓްރެއިނަރސް ފެންނަ ހިސާބުގައި ތިބޭ ކަމަށާއި ކަމެއް ނުބައިކޮށް ކުރެވޭނަމަ ޓްރެއިނަރުން އެކަމެއް ބުނެދޭކަމަށް އާރިފް ބުންޏެވެ.

"ދުވާލަކަށް މަދުވެގެން 35 މިނެޓު ހޭދަ ކުރަން ކާޑިއޯ އަށް. އޭގެ އިތުރުން ދުވުމާއި އިންކްލައިން ހިނގުން ނުވަތަ ބައިސިކަލް ވެސް ޖައްސަން" އާރިފް ބުންޏެވެ.

ބަރުދަން ލުއިކުރުމަށް ކަސްރަތު ކުރުމުގެ އިތުރުން ކެއިންބުއިން ވަކި ގޮތަކަށް ބެހެއްޓުމަށް ވެސް އިސްކަންދޭން ޖެހެއެވެ. ކެއިން ބުއިމަށް ބަލަން ޖެހޭ ވަރަށް އަސްލު ނުބެލޭ ކަމަށް އާރިފް އެއްބަސްވިއެވެ. އެކަމަކު އެކަމަކީ ވެސް އޭނާ ފަރުވާ ކުޑަ ކޮށްލި ކަމެއް ނޫނެވެ.



"ކެއުމަކަށް އަސްލު ނުބެލޭ. ކެއުމާއި ހިސާބުން އަނެއްކާ ވެސް އަންނަނީ ފައިނޭންޝަލް މައްސަލަ.. އަސްލު ސިއްޙަތަށް ފައިދާ ކުރާ ނުވަތަ ޑައިޓުކުރަން ކާން ޖެހޭ ކާއެއްޗެހި ވަރަށް އަގު ބޮޑު. އެހެންވެ އަސްލު ކެއުމަށް ބަލަންޖެހޭ ވަރަށް ނުބެލޭ އަދިވެސް. ހަމަ އާދައިގެ ގޮތަށް ރިހާކުރާއި ބަތް ކަނީ. އެކަމަކު ކާވަރު މަދުކުރަން. ހެނދުނު ސައިބުއިމަށްފަހު ދެން ދުވާލަކު އެއްފަހަރު ކަނީ. ރޭގަނޑު ނިދުމުގެ ކުރިން ކެއުން ހަމަ އެއްކޮށް ހުއްޓާލިން. މަންމަގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަން ލިބުނު. ދެރަވެގެން ހުރެ ވެސް އަހަރެން ބުނީމަ މަންމަ ކާއެއްޗެހި ފްރިޖަށްލާ ފިނި ކުރާނެ. އެއީ އިނގޭނެ ފްރިޖަށްލާ ފިނި ކުރީމަ ނުކާނެކަން. މީގެ އިތުރުން ކަޅު ކޮފީ އާއި ފެން ވަރަށް ގިނައިން ބޮން. ހިކެން މަސައްކަތް ކުރާއިރު ގިނައިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެއް. ކަޅު ކޮފީއަކީ ވެސް ވަރަށް ރަނގަޅު އެއްޗެއް. އެއީ ކާއެއްޗެހި ފަސޭހައިން އަވަހަށް ހަޖަމު ކޮށްދޭ އެއްޗެއް"

މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ޖިމްއަށް ގޮސް ވޯކްއައުޓް ކުރުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު އާރިފް ހުރީ އޭނާ ބޭނުންވާ ވަރަށް، އޭނާގެ އިސްކޮޅާއި ގުޅޭ ވަރަށް ހިކިފައި ކަމަށް އޭނާ ބުންޏެވެ. އިތުރަށް ހިކެން މަސައްކަތް ނުކުރާ ކަމަށާއި މިހާރު ފޯކަސް ކުރަނީ ހަށިގަނޑު ވަކި ބައްޓަމެއްގައި ބަހައްޓަން ކަމަށް ވެސް އާރިފް ބުންޏެވެ.

މިފަދަ ބޮޑު ބަދަލެއް އައުމުން، މީހުންގެ ތެރޭގައި އުޅޭއިރު (ކުރިއާއި މިހާރާއި އަޅާބަލާއިރު) އެންމެ ފާހަގަ ކޮށްލެވޭ ތަފާތުތަކަކީ ކޮބާތޯ ސުވާލު ކޮށްލީމެވެ.

"މީހުން ވަރަށް ދިމާކުރޭ ކުރިން ފަލަވީމަ. ބައެއް މީހުން އެއިރު ކިޔާނެ އުމުރަކާއި ވެސް ނުގުޅެޔޭ، ބޮޑަށް ވައްތަރީ ތިން ކުދިންގެ ބައްޕައަކާއޭ. ހިކުނީމަވެސް ބައެއް މީހުންގެ ފާޑު ކިޔުން ލިބޭ. ސަކަ ހިނިގަނޑެއް ޖަހާލާފަ ބައެެއް މީހުން ބުނާނެ މަސްތުވާން ފެށީ ހެއްޔޭ. އެކަމަކު ލިބޭ ޕޮޒިޓިވް ކޮމެންޓްސް ވެސް މަދެއް ނޫން. ކާކު ކަން ނޭނގިފަވެސް ތިބޭ މިހާރު ބައެއް މީހުން"

ހަށިގަނޑު ރީތި ވެގެން ހަމަ ޔަގީނުންވެސް އެންމެ ގިނަ ތައުރީފެއް ލިބޭނީ އަންހެން ކުދީންގެ ފަރާތުންނެވެ. އެގޮތުން މިހާރު އާރިފް އަށް ބަލާފަ އަންހެން ކުދިން ބުނެ އުޅެނީ ކީކޭތޯ އާއި އަންހެން ކުދިން މިހާރު ގަޔާވާން އުޅޭތޯ ވެސް ސުވާލު ކޮށްލީމެވެ. މިސުވާލަށް ހިނިގަނޑެއް ޖަހާލާފައި އާރިފް ބުނީ:

"ރީއްޗޭ ކިޔާ ކުދިންވެސް އުޅޭ. ރީއްޗޭ އެބުނަނީ ކޮން ނިޔަތެއްގައި ކަމެއް ނޭނގެ. އެހެންވީމަ އެއީ ގަޔާވާންކަމެއް ނުވަތަ ހަމަ ކޮށްލާ ތައުރީފެއް ކަމެއް ނިންމާކަށް ނޭނގެ. އެކަމަކު އެންމެ ކުރީއްސުރެ ގާތް ރަޙުމަތްތެރިންގެ ގޮތުގައި ދިމާވެ އެއްކޮށް އުޅެފަ ތިބި އަންހެން ކުދިންގެ ފަރާތުން ވަރަށް ތައުރީފު ލިބޭ. ވަރަށް ގިނަ ކުދިން ބުނި ޕަރސަނަލް ޓްރެއިނަރ އަކަށް ވާންވީ ނޫންހޭ ވެސް. އެކަމަކު އެއީ ދެން ބޮޑަށް މަޖަލަކަށް، އެހެން އެބުނަނީ"

މިހާ ބޮޑު ބަދަލެއް ހާސިލް ކުރުމަށް ހިތްވަރުދޭނެ ބަޔަކުވެސް ތިބޭނެކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އާރިފް ބުނި ގޮތުގައި އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ދިނީ އޭނާގެ މަންމައެވެ.

"އަސްލު އެންމެ ބޮޑު ސަޕޯޓެއް ލިބުނީ މަންމަ ފަރާތުން. ދެން ފާހަގަ ކޮށްލަން މެޓްރޯފްލެކްސް ގެ ހުރިހާ ޕަރސަނަލް ޓްރެއިނަރސް ވެސް. އެމީހުން ވަރަށް ހިތްވަރު ދިން. ޙާއްސަކޮށް ސޮބާ، އިޝާން، އިއްބެ އަދި ފާލިހް. އެމީހުން ވަރަށް އެއްޗެހި ކިޔާދިން.

ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުމީ މަންމަ އަށް. މަންމަގެ އެންމެ ބޮޑު ސަޕޯޓެއް ލިބުނީ. ދެން ޝުކުރު އަދާ ކުރަން ބޭނުމީ މެޓްރޯފްލެކްސް ގެ ހުރިހާ ސްޓާފުންނަށް. ސޮބާ، އިޝާން، އިއްބެ، އައްކި، ފާލިހް، އަދި ޔާފިއު އަށް ވެސް"

އާރިފް ފަދައިން ބަރުދަން ލުއިކުރަން ބޭނުންވާ، އެހެންނަމަވެސް އެކަން ކުރަން ދަތިކަމަކަށް ވެފައި ތިބޭ މީހުން ވެސް ތިބޭނެ ކަމާއިމެދު ޝައްކެއް ނެތެވެ. އެފަދަ ހުރިހާ ފަރާތްތަކަށް އާރިފްގެ ފަރާތުން ދޭ މެސެޖަކީ:

"މީހާގެ ވިސްނުން ޕޮޒިޓިވް ކުރާށޭ. އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫނޭ. ހުރިހާވެސް ކަމަކީ އިންސާނާގެ ވިސްނުން. ރަނގަޅަށް ވިސްނިއްޖިއްޔާ މިހިސާބަށް އަންނާކަށް މާގިނަ ދުވަހެއް ނުވާނެ. ބައެއް މީހުންނަށް، މިކަން ކުރުން އަސްލު ބޮޑު ކަމަކަށް ވަނީ. އޯކޭ ވާނެޔޭ ހިތައް އަރަނީ. މިއީ ނުވާނެ ކަމެއް ކަމަށް ނުބަލާ، ހިތްވަރު ކޮށްގެން ކޮށްފިއްޔާ މިއީ އުނދަގޫ ކަމެއް ނޫން"

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ