އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީޗަރެއްގެ ދާއިރާ ނިމުނު ހިތި ގޮތް!

ޓީޗަރެއްގެ ދާއިރާ ނިމުނު ހިތި ގޮތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 41 ސިކުންތު

މިއީ މީގެ ހަތް ވަރަކަށް އަހަރުކުރީގެ ވާހަކައެކެވެ. އަތޮޅު ތެރޭގެ ރަށެއްގައި ގާތްގަނޑަކަށް ފަސް އަހަރު ވަންދެން މަސައްކަތް ކުރި އާންޓީއެއް (ޕްރީ ސްކޫލް ޓީޗަރެއް)ގެ ވާހަކައެވެ. އަމިއްލަ ދިރިއުޅުމަށް ވެސް މާބޮޑު އަހައްމިއްޔަތު ކަމެއް ނުދީ އެއާންޓީ ގިނަ ވަގުތު ހޭދަ ކުރީ ކުދިންނަށް ކިޔަވާ ދިނުމުގައާއި ސްކޫލްގެ އެކިއެކި ހަރަކާތްތަކުގައެވެ.

ޕްރީ ސްކޫލް ޓީޗަރަކަށް ވުމުގެ ޝައުޤުވެރިކަން އޭނާގެ އުފެދުނީ، ސާނަވީ ތަޢުލީމް ހާސިލް ކުރަމުން ދިޔަ ދުވަސްކޮޅު އޭނާގެ އަމިއްލަ ކޮއްކޮމެން ސްކޫލް ނިމިގެން ގެއަށް ގޮސް، ސްކޫލުގައި އެދުވަހު ކުރި ކަންތައްތަކުގެ މަޖާ ވާހަކަތައް ކިޔާދީ އާންޓީމެންގެ ރަނގަޅު ވާހަކަތައް ވެސް ކިޔާދޭ އަޑު އިވުމުންނެވެ. އޭނާވެސް ބޭނުންވީ އެފަދައިން އާންޓީއަކަށްވެ، އޭނާ ކިޔަވާދޭ ކުދިން އެއާންޓީ ދެކެ ލޯބިވުމެވެ.

އެހެންކަމުން ރަށުން އޯލެވެލް ނިންމުމަށްފަހު މާލެގޮސް ޕްރީސްކޫލް ޓީޗިންގ އެޑްވާންސް ކޯސް ހެދިއެވެ. އެއް އަހަރު ދުވަހުގެ އެކޯސް ނިންމުމަށްފަހު އަނބުރާ ރަށަށް ގޮސް ރަށުގެ ޕްރީ ސްކޫލުން ވަޒީފާ ހޯދާ އެންމެ ފުރަތަމަ އެލްކޭޖީ ކްލާހުގެ އެސިސްޓެންޓް ޓީޗަރެއްގެ މަޤާމުގައި ހުރެފައި، އޭގެ ޖެހިގެން އައި އަހަރު ޔޫކޭޖީ ކުލާހުގެ ކުލާސް ޓީޗަރެއްގެ މަގާމު އަދާ ކުރިއެވެ.

އޭނާގެ ދަރިވަރުންނަކީ އަމިއްލަ ދަރިން ފަދައިން ދެކި އެކުދިން ޝައުގުވެރިވާނެ ފަދަ އެކި އުކުޅުތައް ބޭނުން ކޮށްގެން ކިޔަވާ ދިނުމުގައި އުފާވެރިކަމާއިމެކު ހަތަރު އަހަރު ހޭދަކުރެވުނެވެ. ނަމަވެސް ފަސްވަނަ އަހަރުވީ އެއާންޓީއަށް ކުރިމަތިވި އެންމެ ހިތްދަތި އަހަރު ކަމަށެވެ.

އެއަހަރު އެސްކޫލްގެ ކޮންސެޓް ބާއްވާ ދުވަސް ކައިރިވުމުން، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން، ޑާންސާއި ޑްރާމާގައި ބައިވެރިވާން ބޭނުންވާ ކުދިން ނެގުނެވެ. އެއަހަރު އެއާންޓީ ހުރީ ކުދިންނަށް ޑްރާމާ ޕްރެކްޓިސް ކޮށްދިނުމާއި ހަވާލު ވެގެންނެވެ. އެހެންކަމުން، ކޮންމެ ކުއްޖަކަށް ވެސް ހިތުން ދަސްކުރަން ފަސޭހަ މަދު ޑައިލޮގްތަކެއް ދެވުނެވެ. އަދި ފުދޭވަރަކަށް ގިނައިން އިތުރު ގަޑީގައި ޕްރެކްޓިސް ވެސް ކުރުވިއެވެ. އެތަނުން އެއްކުއްޖަކީ އެހާ ފަސޭހައިން އެޑައިލޮގްތައް ދަސްވި ކުއްޖެއް ނޫނެވެ. އެހެންކަމުން ޕްރެކްޓިސް އަށް ގަވައިދުން ގެނެސް ދިނުމަށްވެސް އެކުއްޖާގެ ބެލެނިވެރިން ގާތު އާންޓީ އެދެމުން ދިޔައެވެ. އެހެންނަމަވެސް ޕްރެކްޓިސް އަށް ސްކޫލަށް ދިޔަ ދުވަހަށްވުރެ ގިނައި ނުދާ ދުވަހެވެ.

އެގޮތުގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް ކޮންސެޓް އޮންނަ ދުވަސް ވެސް ޖެހުނެވެ. އޭނާގެ ދަރިވަރުން ހުށަހަޅާދޭ ޑްރާމާ ކުޅެމުން ދިޔައިރު އެދަރިވަރުގެ ރޯލާއި ޖެހުމުން ކިޔަންވީ ޑައިލޮގްތައް އެކުއްޖާއަށް ނޭނގުނެވެ.

އެކަމާއި އެކުއްޖާ ވަރަށް ބިރުގަނެ ފެންކަޅިވިއެވެ. އެހެންކަމުން އެކަމުން ދަރިވަރު ސަލާމަތް ކުރުމަށްޓަކައި އާންޓީ ސްޓޭޖަށް އެރިއެވެ. އަދި އެކުއްޖާގެ އަތުގައި ހިފައިގެން ހުރެ އެކުއްޖާގެ ޑައިލޮގްތައް އާންޓީ ކިޔާދިނެވެ.

ދަރިވަރުލައްވާ ހަމައެކަނި ކުޅުވީ ހަރަކާތްތަކެވެ. ޑްރާމާ ނިމުމުން އެދަރިވަރުންނަކީ ތުއްތު ކުދިން ކަމުގައިވާތީ އެފަދަ ކަންތައް ވެސް ވެދާނެކަން ލީޑިންގ ޓީޗަރ ވެސް އޯޑިއެންސް އަށް ވިސްނާދެއްވިއެވެ.

ހުރިހާ ކަމެއްވެސް ރަނގަޅަށް ގޮސްފައި އަދި ހަމަޖެހިފައިވަނިކޮށް، ބޮޑު ކަންތައްގަނޑަކަށް އެކަން ހަދާލީ އެދަރިވަރުގެ ބައްޕައެވެ. އޭނާ ކުއްވެރިކުރީ އެއާންޓީ އެވެ. ކުއްޖާގެ ބައްޕަ އާންޓީގެ މައްޗަށް ތުހުމަތު ކުރީ ދަރިވަރަށް ދަސް ނުކުރެވޭވަރުގެ ދިގު ޑައިލޮގް ދިން ކަމަށާއި އެހެން ކުދިންނާއި އެދަރިވަރު ތަފާތުކޮށް ގަސްތުގައި އެކުއްޖާ ލަދުގަންނަވާލީ ކަމަށެވެ. އެދަރިވަރުގެ ބައްޕައަށް ވިސްނާދެވޭތޯ އާންޓީ އާއި ސްކޫލްގެ އިސްވެރިން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ.

އެދުވަހަށް ފަހު އެދަރިވަރު ސްކޫލަކަށް ނުފޮނުވައެވެ. އެމީހުން ބުނަމުން ދިޔައީ އެއާންޓީއަކީ ޓީޗަރަކަށްވުމުގެ ކުފޫ ހަމަވާ ޓީޗަރެއް ނޫން ކަމަށާއި އެއާންޓީ ސްކޫލުގައި މަސައްކަތް ކުރާހާ ހިނދަކު އެދަރިވަރު ސްކޫލަށް ނުފޮނުވާނެ ކަމަށެވެ.

އެކުއްޖާގެ ބައްޕައަކީ ރަށުގެ ނަންހިނގާ ވެރިއަކަށްވުމުން، އެމީހާ އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ރަށުގެ ވަރަށް ގިނަ ބަޔަކު އެވާހަކަތަކަކީ ތެދެއްކަމަށް ޤަބޫލު ކުރިއެވެ. އަދި އެއާންޓީ ކިޔަވާދިން ކުލާހުގެ ގިނަ ކުދިން ސްކޫލަށް ނުގެންނަން ވެސް ފެށިއެވެ.

އެކަމާއި އެއާންޓީ ވަރަށް ދެރަވިއެވެ. އޭނާގެ ސަބަބުން ތުއްތު ކުދިންތަކެއް ތައުލީމު ލިބުމުން މަހުރޫމުވާން ބޭނުން ނުވާތީ، ހިތް ފަޅައިގެންދާ ހާލު އޭނާ ސްކޫލުގެ ވަޒީފާއިން އިސްތިއުފާދީ އެސްކޫލުން ވަކިވިއެވެ. އަދި އަމިއްލަ ރަށް ވެސް ދޫކޮށްލާފައި ފިރިމީހާގެ ރަށަށް ބަދަލުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ