އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަހަރުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް މުސްޠަފާ ޙުސެެއިން އަށާއި އަސްލަމް ރަޝީދު އަށް

މިފަހަރުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް މުސްޠަފާ ޙުސެެއިން އަށާއި އަސްލަމް ރަޝީދު އަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

ދިވެހި ފިލްމު އެވޯޑްސްގެ ވަރަށް ވެސް މުހިންމު އެއް އެވާރޑް ކަމުގައިވާ "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" މިއަހަރު ދެ ބޭފުޅަކު ހާސިލް ކޮށްފައިވެއެވެ.

ދިވެހިފިލްމު އިންޑަސްޓްރީއަށް ޒަމާނުއްސުރެ ގިނަގުނަ ޙިކުމަތްތަކެއް ކުރައްވާފައިވާ ދެ ބޭފުޅަކު ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިން މިއެވޯޑް މިއަހަރު ޙާސިލް ކޮށްފައިވަނީ އަލްފާޟިލް މުސްޠަފާ ޙުސެއިން އާއި އަލްފާޟިލް އަސްލަމް ރަޝީދު އެވެ.



މުސްޠަފާ ޙުސެއިން އަކީ ތަޢުލީމީ ދާއިރާ އަށް ވެސް އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ތަފާތު ދާއިރާތަކުން ޤައުމު ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ މޭސްތިރިއެއް ކަމަށްވާ މުސްޠަފާ ޙުސެއިން، 1974 ވަނަ އަހަރު ދިވެހި ރާއްޖޭގެ އަޑުގެ ޚިދުމަތާއި ގުޅިވަޑައިގަތެވެ. އަދި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަށް ލިބުނު ކުރިއެރުމުގެ އެއް ހިއްސާދާރަކީ ވެސް މުސްޠަފާކަން ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ފިލްމީ ދާއިރާގައި ޒުވާނުން ބިނާ ކުރުމަށްތަކައި ތަޢުލީމާއި ތަމްރީނު ދިނުމުގައި ވެސް ޢަމަލީ ގޮތުން މުސްޠަފާ ޙުސެއިން ބައިވެރިވެ ވަޑައިގެންފައިވެއެވެ. މީގެއިތުރުން އަމިއްލަފުޅަށް ލަވަ ކިޔުމުގެ އިތުރުން ސްކޫލް ކުދިންނަށް ނެށުމާއި މޭކަޕް ކުރުންފަދަ ހުނަރުތައް ވެސް ދަސްކޮށްދެއްވިއެވެ. އަދި 2000 ގެ އަހަރުތަކުގައި 100 އަށްވުރެ ގިނަ ޓްރެވެލް ވީޑިއޯ ހައްދަވާ ޓީވީއެމް އާއި ވިލާ ޓީވީ މެދުވެރިކޮށް 24 އަށް ވުރެ ގިނަ ޑޮކިއުމެންޓަރީ ވެސް ހުށަހަޅާ ދެއްވާފައިވެއެވެ. ފިލްމީ ދާއިރާއަށް އެތަކެއް އައު އުފެއްދުންތަކެއް ވެސް މުސްޠަފާ ޙުސެއިން އުފައްދާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

"އަޅުގަނޑު މިމަސައްކަތް ކުރަން ފެށީ އެއްވެސް ފަރާތަކާއި ވާދަ ކުރަން ވެގެނެއް ނޫން. އަޅުގަނޑާއިއެކު މިހާތަނަށް މަސައްކަތްކުރި ހުރިހާ ދަރިވަރުންނާއި އަދި އަޅުގަނޑާއި އެކީ ޓީމެއް ގޮތުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުވެރިވަން" ލައިފްޓައިމް އެޗީވްމެންޓް އެވޯޑާއި ޙަވާލުވެލައްވަމުން މުސްޠަފާ ޙުސެއިން ވިދާޅުވިއެވެ.



ދިވެހި ފިލްމު އެވޯޑްސް 8 ގައި، ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިލެއްވި ދެވަނަ ފަރާތަކީ މައްޝޫރު ސްލޭމް ސްޓޫޑިއޯގެ ފައުންޑަރ ކަމަށްވާ އަސްލަމް ރަޝީދު އަށެވެ. އަސްލަމް ރަޝީދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާލީ މެންބަރުކަމުގެ އިތުރުން ދައުލަތުގެ އިސްމަޤާމުތަކެއް ފުރުއްވާ މުނިފޫހިފިލުވުމުގެ ދާއިރާއަށް ރީތި ޝާޚީ ނަންތަކެއް ހޯއްދަވާދެއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ފިލްމު އިންޑަސްޓްރީގެ ޙަޔާތަށް ރޯޝަން ކަމެއް ގެނެސްދެއްވި ކުޅަދާނަ ފަންނާނެކެވެ.

ގާތްގަނޑަކަށް 26 އަށް ވުރެ ގިނަ ފިލްމު އުފައްދާ، ސްކްރީން ކުރައްވާފައިވެއެވެ. އަދި ރާއްޖޭގައި ފާހަގަ ކުރެއްވި އުފެއްދުންތެރިކަމުގެ އަހަރު ސަރުކާރުން ދެއްވި، މުނިފޫހިފިލުވުމުގެ ދާއިރާއިން، އުފެއްދުންތެރި ކަމުގެ ޤައުމީ އިނާމުވެސް އަސްލަމް ރަޝީދު ވަނީ ހާސިލް ކުރައްވާފައެވެ. މީގެއިތުރުން ތިން ތަމްސީލު ޝޯއާއި ގިނަ އަދަދެއްގެ މިއުޒިކް ޝޯވ ރާވާ ހިންގުމުގެ އިތުރުން ބޭރުގެ މައްޝޫރު ފަންނާނުން ރާއްޖެ ގެނެސް ބޭއްވި ޝޯތަށް ރާވާ ހިންގުމުގައި ޢަމަލީ ގޮތުންވެސް ހަރަކާތްތެރިވެފައިވެއެވެ.

"އަޅުގަނޑަކީ ޢަމަލީގޮތުން ފިލްމު އުފެއްދުމާއި މަސައްކަތްތަކުގައި އުޅުނު މީހަކަށް ނުވާތީ، ވަރަށް ގިނަ ބައެއްގެ މަސައްކަތްތަކާއި އެހީތެރިކަމުގެ ސަބަބުން އަޅުގަނޑަށް މިއެވޯޑާއި ހިސާބަށް މިއާދެވުނީ. އެއީ ފިލްމެއް ކަމަށްވިޔަސް، ތަމްސީލެއް ކަމަށް ވިޔަސް މިއުޒިކް ޝޯއެއް ކަމަށް ވިޔަސް ކެމެރާގެ ކުރިމަތީގައާއި ކެމެރާގެ ފުރަގަހުގައި އަދި އެހެން ގޮތްގޮތުން ވެސް ވަރަށް ގިނަ ބަޔަކު މަސައްކަތް ކޮށްގެން އަޅުގަނޑުގެ ހުރިހާ ޕްރޮޑަކްޓެއްވެސް ނެރެވިފައިވާނީ. އެހެންކަމުން މިފުރުސަތުގައި އެހުރިހާ ބޭފުޅުންނަށް ވެސް ވަރަށް އިޚުލާސްތެރި ޝުކުރެއް އަދާ ކުރަން" ލައިފްޓައިމް އެޗީވްމެންޓް އެވޯޑާއި ހަވާލުވެލައްވަމުން އަސްލަމް ރަޝީދު ވިދާޅުވިއެވެ.

މުސްޠަފާ ޙުސެއިން އަށާއި އަސްލަމް ރަޝީދު އަށް ވެސް، ރޭ އޮލިމްޕަހުގައި ބޭއްވުނު "ދިވެހި ފިލްމު އެވޯޑްސް 8" ގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހަވާލު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް