އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރެންގެ "ހުތުރު" އަނބިމީހާ ރީތިވީ ގޮތް!

އަހަރެންގެ "ހުތުރު" އަނބިމީހާ ރީތިވީ ގޮތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު

"އަހަންނަށް އަހަރެންގެ އަނބިމީހާ ވަރަށް ހުތުރެއެވެ. އޭނާ އަބަދުވެސް ހުންނަނީ މޫނުމަތި ތެޔޮވެފައި، ދެލޯ ވަޅުވަދެފައި، އަދި އިސްތަށިގަނޑުވެސް ހޭވިފައެވެ. ވަރަށް ގިނައިން ދާހިއްލުމުގެ ސަބަބުން އޭނާގެ ގައިން ނުބައި ވަސްވެސް ދުވައެވެ. އެހެންކަމުން އަހަރެން ހުންނަނީ އޭނާ ފެންނަ ހިސާބަށް ވެސް ދާން ފޫހިވެފައެވެ. އަހަރެން ބަލަނީ ވީހާވެސް ގިނައިން ބޭރުގައި އުޅެވޭތޯ އެވެ.

އަހަރެންގެ ގިނަ އެކުވެރިންގެ އަނބިން ތިބެނީ ވަރަށް ރީއްޗަށް ނަލަ ހެދިފައެވެ. އެކަހަލަ އަނތްބަކު ލިބެން އަހަރެން ވެސް ބޭނުންވިއެވެ. އަހަރުމެންގެ ދެދަރިން ތިބި ކަމުގައި ވިޔަސް، އަނބިމީހާ ވަރި ކުރަންވީއޭ އަހަރެންގެ ހިތައް އެރިއެވެ.

މިފަދަ ޚިޔާލުތަކެއް ކުރަން އެއް ރޭ ޕާކެއްގައި އިންދާ މެދު އުމުރުގެ މީހަކާއި އަހަންނާއި ދިމާވިއެވެ. އަހަރެން ފިކުރު ބޮޑުވެފައި އިނުމުން ވިސްނަނީ ކޮންކަމަކާއިތޯ އޭނާ ސުވާލު ކުރިއެވެ. އޭނާއަކީ އަހަރެން ނުދަންނަ މީހެއް ކަމުގައި ވިޔަސް، ސިކުނޑިއަށް ލުޔެއް ދިނުމަށްޓަކައި އަހަރެންގެ ވާހަކަތައް އޭނާއާއި ޙިއްސާ ކޮށްލީމެވެ.

އަނބިމީހާ އަބަދުވެސް ހަޑިކޮށް ހުންނާތީ، އޭނާ ރީތިވާން އެދޭކަމާއި، ރީތި އަނތްބެއް ލިބެން އެދޭކަމަށް އަހަރެން ބުނީމެވެ. އެމީހާ އަހަރެން ގާތު ބުންޏެވެ.

'ކަލޭގެ އަންހެނުން ރީތިވާނެ ގޮތެއް އަހަންނަށް އެނގެއެވެ. އެކަމަކު އެހެންވުމަށްޓަކައި ކަލޭ އަހަރެން މިބުނާ ގޮތަށް ހަފްތާއެއް ވަންދެން ކަންތައް ކުރަން ވާނެއެވެ.' އޭނާ ދެއްކި ހުރިހާ ވާހަކައެއް އަހަރެން އަޑުއަހާ، އޭނާ ބުނި ފަދައިން ކަންތައް ކުރަން ނިންމީމެވެ.

އޭގެ އަނެއް ދުވަހެވެ. ގެއަށް ދިޔައިރު އަނބިމީހާ ހުރީ ކައްކާށެވެ. އެހެންކަމުން އޭނާއަށް އެހީތެރިވުމަށްޓަކައި ސިންކުގައި ހުރި ބައެއް ތަށިތައް ދޮވެދީ ގޭތެރެ ފޮޅާ ދިނީމެވެ. އެކަންތައްތައް ކޮށްދިން އިރު ހިތައް އަރަމުން ދިޔައީ، މިއީ އެމީހާ ބުނި ކަންތައްތަކުން އެއް ކަންތަކޭ މިކަން އަހަރެން ކުރާތީ ދެން މާގިނައިރުތަކެއް ނުވެ އަހަރެންގެ އަންހެނުން ރީތި މީހަކަށް ވެދާނެޔޭއެވެ.

ބަދިގޭގައި އެހީވުމުގެ އިތުރުން، ކައި ނިމުމުން ވެސް ތަށިތައް ނަގަން އަނބިމީހާއަށް އެހީތެރިވެފައި، އޭނާ އަރާމުކޮށްލަން ފޮނުވާފައި އަހަރެން އަހަރުމެންގެ ދަރިން ބެލީމެވެ. އެކުދިންނަށް ކިޔަވާދީ، އެކުދިންނާއިއެކު ކުޅެ، އަނބިމީހާ އަރާމު ކުރި ވަގުތު އެކުދިންގެ ކަންތައްތައް ވެސް ކޮށްދިނީމެވެ. އަހަރެން ވަރަށް ވަރުބަލިވިއެވެ. ނަމަވެސް އެއީ ވެސް އެމީހާ ބުނި ކަމަކަށްވާތީ، އަނބިމީހާ ރީތި ކުރުމަށްޓަކައި އެކަން ވެސް އަހަރެން ކުރީމެވެ.

މިފަދައިން ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކު އަހަރެން ކަންތައްތައް ކުރީމެވެ. އޮފީހުން އައުމަށްފަހު ކޮންމެ ދުވަހަކުވެސް އުޅުނީ ގޭތެރޭ ކަންކަމުގައާއި ކުދިންގެ ކަންކަމުގައި އެހީތެރިވުމުގައެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކުވެސް އަހަރެން އޮފީހުން އަންނަނީ އަނބިމީހާއަށް ދިނުމަށްޓަކައި ކޮންމެވެސް ކަހަލަ ކުޑަ ހަދިޔާއެއް ހިފައިގެންނެވެ. އެއް ދުވަހު ފިނިފެންމަލެއް ގެނެސްދީފިއްޔާ އަނެއް ދުވަހު އޭނާއަށް އެންމެ މީރު ޗޮކުލެޓެއް ކަހަލަ އެއްޗެއް ގެންގޮސް ދެމެވެ. އަދި ކޮންމެ ދުވަހަކުވެސް އަނބިމީހާ އަރާމު ކުރަން ފޮނުވުމުގެ ކުރިން އޭނާ ގާތު ޝުކުރިއްޔާއޭ ބުނެ އޭނާގެ ދެއަތަށް ބޮސް ދެމެވެ. މިހުރިހާ ކަމެއްވެސް އަހަރެން ކުރީ ރީތި އަނތްބެއް ލިބުމަށްޓަކައި، އަހަރެންގެ އަނބިމީހާ ރީތި އަނތްބަކަށް ހެދުމަށެވެ. އަދި އަހަރެންގެ ރަޙުމަތްތެރިންނަށް ވެސް ފަޚުރުވެރިކަމާއިއެކީ އޭނާ ދެއްކުމަށެވެ.

ހަފްތާއެއް ވެއްޖެއެވެ. އެމީހާ ބުނި މުއްދަތު ހަމަވިއިރު، އަނބިމީހާއަށް ބަދަލުތަކެއް އައިސްފައިވާކަން އަހަންނަށް ފާހަގަވިއެވެ. އޭނާގެ ވަޅުވަދެފައިވާ ދެލޯ ހުރީ ރީތިވެފައެވެ. އިސްތަށިގަނޑުގައި އަބަދުވެސް ފުނާ އަޅާ ވަރަށް ވެސް ރީތި ގޮތްތައް ބޮލަށް ހަދާފައި ހުންނަކަން ފާހަގަވިއެވެ. އޭނާގެ ގައިން އެއްވެސް ދާވަހެއް ނުދުވައެވެ. އަބަދުވެސް ދުވަން ފެށީ މީރު ވަސްދުވާ ސެންޓެއްގެ ވަހެވެ.

މިހުރިހާ ކަމަކަށްވުރެ ބޮޑަށް އަހަންނަށް ފާހަގަވީ، އޭނާގެ މޫނު މައްޗަށް ވެރިވެފައިވާ އުފާވެރިކަމާއި އުޖާލާ ކަމެވެ. އޭނާގެ ހަށިގަނޑުވެސް ކުރިއަށްވުރެ ރަނގަޅުވެފައިވާހެން ހީވިއިރު، އަބަދުމެ ވަރުބަލިކޮށް ފެނުނު އެމޫނުމަތިން އަބަދުމެ ފެންނަން ހުރީ ހިނިތުންވުމެވެ.

އޭނާއަށް އައިސްފައިވާ ބަދަލުތައް ފެނުމުން، އަހަންނަށް ހުރިހާކަމެއް ވެސް ވިސްނުނެވެ. އަހަރެންގެ އަނބިމީހާ އެއްވެސް އިރަކު ހުތުރެއް ނޫނެވެ. ކުރިން އޭނާ އެފަދައިން ހުރީ ހުރިހާ ކަމެއް އެކަނިމާ އެކަނި ކުރަން ޖެހުމުން، އަބަދުމެވީ ވަރުބަލިކަމެއްގެ ސަބަބުންނެވެ. އޭނާގެ ދެލޯ ވަޅުވަދެފައި ހުރީ، އޭނާ އެވަރަށް އުޅުމުންވެސް އަހަންނަށް އޭނާއަށް ވަގުތު ނުދެވި، އޭނާގެ އެއްވެސް މަސައްކަތެއް ބަލައިވެސް ނުގަނެވުމުން އޭނާ ކުރި ހިތާމަތަކުގެ ސަބަބުންނެވެ. އަހަންނަށް ހުރިހާ ކަމެއް ވިސްނުމުން، އަމިއްލަ ނަފްސާއިމެދު ލަދުގަނެ ފެންކަޅިވިއެވެ.

އެރޭ އަނބިމީހާގެ ދެއަތަށް ބޮސް ދެމުން ޝުކުރިއްޔާ ގެ ބަދަލުގައި އަހަންނަށް ބުނެވުނީ އަހަންނަށް މާފު ކުރާށޭ އެވެ. އަދި އޭނާއަށް އެހީތެރިވުމުގައާއި ހުރިހާކަމެއްގައި ވެސް އަބަދުމެ އޭނާއާއިއެކު ވާނޭކަމަށް ވައުދުވީމެވެ. އޭގެ ފަހުން އަނބިމީހާއަށާއި ދަރިންނަށް އަބަދުވެސް އަހަރެން ވަގުތު ދިނީމެވެ. އެމީހުން ގޮވައިގެން ބޭރަށްވެސް ގޮސް އުޅުނީމެވެ. އެއްވެސް މީހަކަށް ދައްކާކަށް ނޫނެވެ. އުފާވެރި އާއިލާއެއް ދެމެހެއްޓުމަށެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ