އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މިތުރު" އިން ތަޢާރަފްވެ ފިލްމީ ދާއިރާއާއި ރިޝްމީ ގުޅުނީއެދާއިރާއަށް ތަފާތެއް ގެންނަން، އެކަން ހާސިލްވެސް ކޮށްފި

"މިތުރު" އިން ތަޢާރަފްވެ ފިލްމީ ދާއިރާއާއި ރިޝްމީ ގުޅުނީއެދާއިރާއަށް ތަފާތެއް ގެންނަން، އެކަން ހާސިލްވެސް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 14 ސިކުންތު

އައިޝަތު ރިޝްމީ އޭ ބުނުމުން އެއީ ކާކުކަމެއް ނޭނގޭނެ މީހަކު މިހާރު ހަމަޔަގީނުން ވެސް މަދުވާނެއެވެ.

ރާއްޖޭގެ އިތުރުން މުޅި ދެކުނު އޭޝިއާގައި ވެސް ވަނީ އޭނާގެ ނަމާއި ކުރާ ހުނަރުވެރި މަސައްކަތްތައް ހާމަވެ މަޝްހޫރު ވެފައެވެ. އެކަން މިއަހަރުގެ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ޝްރީ ލަންކާގެ ކޮލޮމްބަރ ގައި ބޭއްވުނު، ސާކް ފިލްމު ފެސްޓިވަލުން ވެސްވަނީ ހާމަ ވެފައެވެ.



ޝްރީ ލަންކާގެ އެފެސްޓިވަލް ނިންމާލުމަށްފަހު، ރިޝްމީ އެނބުރި ރާއްޖެ އައީ ސާކް ފިލްމު ފެސްޓިވަލްގެ ފަޚުރުވެރި އެއް އެވޯޑް ހިފައިގެންނެވެ. ސާކް ގެ އެހެން ހުރިހާ ޤައުމަކާއި ވާދަކޮށް، މިރީޖަންގެ އެންމެ މޮޅު ބަޠަލާކަމުގެ އެވޯޑް ހިފައިގެންނެވެ. އޭނާ ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ވިޝްކާ" އިންނެވެ.

ރިޝްމީ އަށް ލިބުނު ކާމިޔާބީއާއި ކުރި ބުރަ މަސައްކަތްތައް ފާހަގަވެ ބަލައިގަތީ ހަމައެކަނި ސާކް ފިލްމު ފެސްޓިވަލް އަކުން ނޫނެވެ. މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ޔޫތު މިނިސްޓްރީ އާއި އެންސީއޭ ގެ ފަރާތުން އިންތިޒާމް ކޮށްގެން އޮލިމްޕަހުގައި ބޭއްވި "ދިވެހި ފިލްމު އެވާޑްސް 8" ގައި، ސާކް ފިލްމު އެވާޑްސް އިން ރިޝްމީ ހޯދި ކާމިޔާބީ ފާހަގަކޮށް، އޭނާއަށް ހަނދާނީ ފިލައެއް ދީފައިވެއެވެ. މިފިލާ ރިޝްމީ އާއި ހަވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އެވެ.

ހަނދާނީ ފިލާއާއި ހަވާލުވުމަށް ފަހު އޯޑިއެންސާއި ވާހަކަ ދައްކަމުން ރިޝްމީ ބުނެފައިވަނީ، އޭނާ ދިވެހި ފިލްމީ ދާއިރާއަށް އައީ، މިދާއިރާއަށް "ތަފާތެއް" ގެންނަން ކަމަށެވެ. އޭނާ ކުޅެފައިވާ އެކިއެކި ފިލްމުތަކާއި ތަފާތު ރޯލުތަކަށް ބަލާލުމުން، އެކަން ހާސިލްވެސް ކޮށްފިކަން ދޭހަވެއެވެ.

ފިލްމީ ދާއިރާއަށް އެންމެ ފުރަތަމަ ރިޝްމީ ތަޢާރަފްވެފައިވަނީ އޭނާގެ އުމުރުން އެންމެ އަށް އަހަރުގައި، 1993 ވަނަ އަހަރު ރިލީޒްވި ދިވެހި ފިލްމު "މިތުރު" އިންނެވެ. އޭނާގެ ކޮއްކޮ މަރިޔަމް އައްޒަ އާއި އެކީ އެފިލްމުގެ ލަވައެއްގައި ނެށުންތެރިއެއްގެ ގޮތުންނާއި ކޯރަސް ލަވަކިޔުންތެރިއެއްގެ ގޮތުން ބެކްގްރައުންޑް ގައި އޭނާ ހަރަކާތްތެރިވިއެވެ.



އޭގެ ފަހުން އުމުރުން 10 އަހަރުގައި ގިޔާސް އަދި އައްޒަ އާއި އެކު ލަވައަކުން އޭނާ ފެނުނެވެ.

ޅައުމުރަށްފަހު، ސާނަވީ ތަޢުލީމާއި އޭލެވެލް ނިންމުމަށްފަހު، މިހާރުގެ ކުޅަދާނަ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ރަވީ ފާރޫޤް އާއިއެކު "ޑިންގް ޑިންގް ޑިންގް" ކިޔާ ލަވައެއްގައި ރިޝްމީ ހަރަކާތްތެރިވިއެވެ. އެލަވަވީ އެދުވަސްކޮޅު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ލަވައަކަށެވެ.

އޭގެ ފަހުން ބެލުންތެރިންނަށް ރިޝްމީ އެނގެން ފެށިއެވެ. އެންމެ ފުރަތަމަ އެނގެން ފެށީ ފިލްމީތަރި އައިމިނަތު ރަޝީދާ (އައިންތު) ގެ ދަރިފުޅުގެ ގޮތުގައެވެ. ނަމަވެސް ރިޝްމީގެ އަމިއްލަ ހުނަރާއި ބުރަ މަސައްކަތްތަކުން، އޭނާއަކީ އައިންތުގެ ދަރިފުޅުގެ އިތުރުން ކުޅަދާނަ ބަޠަލާ ރިޝްމީ ކަންވެސް ގިނަ މީހުންނަށް ވަނީ އެނގެން ފަށާފައެވެ. ގިނަ ވިޑިއޯ ލަވަތަކަކުން ރިޝްމީގެ ފަރި ހަރަކާތްތައް ވަނީ ފެނިފައެވެ.

އެކްޓިންގ ގެ އިތުރުން ގިނަ އަދަދަކަށް ޕްރޮޑަކްޝަން ގެ މަސައްކަތްތައް ކޮށްފައިވާ ރިޝްމީ، ގިނައިން މަސައްކަތް ކޮށްފައިވަނީ އޭނާގެ އާއިލީ ޕްރޮޑަކްޝަން އެއް ކަމަށްވާ "ޔާރާ ޕްރޮޑަކްޝަންސް" ގެ އުފެއްދުންތަކުގައެވެ.



އެގޮތުން ޔާރާ ޕްރޮޑަކްޝަންއިން އުފެއްދި، އަދި ރިޝްމީ ކޯ-ޑައިރެކްޓް ކޮށްފައިވާ ބިރުވެރިފިލްމު "ހުކުރު ވިލޭރޭ" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ހޫނު ތަރުހީބެއް ލިބުނު ފިލްމެކެވެ. ފިލްމުގެ މަންޒަރުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ސިއްސުވާލި އެއް މަންޒަރަކީ ރިޝްމީ ރޯމަސް ކާތަން ފެންނަ މަންޒަރެވެ. އެމަންޒަރު ކުޅުމަށް އޭނާއަށް ކެރުނުކަމާއި މަންޒަރު ދައްކުވައިދިން މޮޅުކަމަށް ގިނަ މީހުން ވަނީ ސަނާ ކިޔާފައެވެ.

އެފިލްމުގެ އިތުރުން، ޑާކް ރެއިން އެންޓަރޓެއިންމެންޓްގެ ފިލްމު "މިކޮއެ ބައްޕަ ބައޭ ބައޭ" އަކީ ވެސް ރިޝްމީ ގެ ތަފާތު އެކްޓިންގ އެއް ފެނުނު ފިލްމެކެވެ. ސައިކޮލޮޖިކަލީ ގޮތުން ފުން އަސަރުތަކެއް ކޮށްފައިވާ އަންހެނެއްގެ ނުރައްކާތެރިކަން ވަރަށް ފުރިހަމައަށް އެފިލްމުގައި އޭނާ ދައްކުވައިދެއެވެ. އެފިލްމުން ބެލުންތެރިންގެ ލޮލުގައި އަޅައިގަތް އެއް މަންޒަރަކީ، ފިލްމީ ތަރި މުޙައްމަދު މަނިކު ހަބަރު ހުސްވެފައި އޮއްވާ ކޮނޑަށް ލައިގެން ސިޑިން އަރާ މަންޒަރެވެ. ރިޝްމީ އަށް މަނިކު އުފުލުނު ކަމޭ، ބަރެއް ނޫންހޭ، ތިއޭޓަރ ތެރެއިން މީހުންތަށް އެހި އަޑު އެހީމެވެ.

މުޅި ދިވެހި ފިލްމު އިންޑަސްޓްރީ ގައި ވެސް އެންމެ ބޮޑު ތަފާތެއް ފެނިފައިވާ އެއް ފިލްމަކީ، މިއަހަރުގެ މާރޗް މަހު ރިލީޒް ކުރެވުނު ފިލްމު "ވިޝްކާ" އެވެ. މިއީ ޒަމާނުއްސުރެ ދިވެހިން ކުޅެމުން އަންނަ ލޯބީގައި އާވާރާވެފައިވާ މަންޒަރުތައް ދައްކުވައިދޭ ފިލްމުތަކާއި މުޅިންވެސް ތަފާތު ފިލްމެކެވެ. ރިޝްމީ ޕްރޮޑިއުސްކޮށް ރަވީ ޑައިރެކްޓް ކޮށްފައިވާ ފިލްމު "ވިޝްކާ" ގައި ލީޑް ރޯލުން ފެންނަނީ އެ ދެފަންނާނުންގެ އިތުރުން އަޙުމަދު ސައީދު އެވެ.



މިހާރު ރާއްޖޭގައި އާންމުވަމުން އަންނަ ކުށް ކުރުމާއި ކުށް ކުރުވުމުގެ ސްކްރިޕްޓަކަށް ބިނާކޮށް، އެފަދަ މީހުންނާއި ކުރިމަތިވާ ކަންތައްތަކެއް ދައްކުވާދީފައިވާ "ވިޝްކާ" އަކީ ހަމަ ޔަގީނުންވެސް ވަރަށް ތަފާތު ފިލްމެކެވެ. އަދި ހަމަ އެހާމެ މޮޅު ފިލްމެއް ވެސް މެއެވެ.

އެހެންކަމުން ދާއިރާއަށް އައިސް، ދިވެހި ފިލްމީ ދާއިރާއަށް ވަރަށް ވެސް ފުރިހަމަ ތަފާތެއް ރިޝްމީ ގެނެސްފިކަން ހަމަ ޔަގީނުންވެސް އަޅުގަނޑު ޤަބޫލު ކުރަމެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިއަށްވުރެ ބޮޑެތި ތަފާތުތަކާއި ހެޔޮ ބަދަލުތައް ދިވެހި ފިލްމީ ދާއިރާއިން ފެންނާނެ ކަމަށް އުންމީދުވެސް ކުރަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ