އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އަހަރެންގެ ދަރިފުޅު މަރުވަނީ..."

"އަހަރެންގެ ދަރިފުޅު މަރުވަނީ..."


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

ކުންފުންޏެއްގައި މަސައްކަތް ކުރި ފިރިހެނަކަށް، އެއް ދުވަހު 1000 ޑޮލަރުގެ ބޯނަހެއް ލިބުނެވެ. އެއީ އެކުންފުނީގައި މަސައްކަތް ކުރި އެންމެންނަށް އެދުވަހު ދިން އެއްޗެކެވެ.

ފައިސާއެއް އަތައް އެރުމުން އެންމެންނަށް ވެސް ވާފަދައިން، އެފިރިހެން މީހާ ވެސް އެފައިސާ ޚަރަދު ކުރާނެ ގޮތް ތަކާއިމެދު ވިސްނަމުން ގެންދިޔައެވެ.

އޭނާ ހިތައް އެރިއެވެ. "އަހަރެންގެ އަންހެނުން ވަރަށް އުފާވާނެއެވެ. މިފައިސާއިން އަހަރެންގެ އަނބިމީހާއަށާއި ދަރިންނަށް ބައިވަރު އެއްޗެއްހި ގަންނާނަމެވެ."

އެފައިސާތައް ހިފައިގެން ގެއަށް ދިޔަމަގުމަތީގައި ތުއްތު ކުއްޖަކު އުރައިގެން ހުރި އަންހެނަކާއި ދިމާވިއެވެ. އެއަންހެން މީހާ ހުރީ ރޯންށެވެ. އޭނާއާއި ކައިރިވަމުން އަންހެން މީހާ ބުންޏެވެ.

"އަޚާއެވެ. އަހަރެންގެ ދަރިފުޅު މަރުވަނީއެވެ. ދަރިފުޅަށް ދޭނެ ބޭސް ގަނެވެން ވެސް އަހަންނަކަށް ނެތެވެ. އަހަންނަށް އެހީތެރިވެދޭށެވެ. އަހަރެންގެ ދަރިފުޅު މަރުވަނީ އެވެ."

އެއަންހެން މީހާގެ އާދެހުގެ އަޑުއަހާފައާއި އެތުއްތު ކުއްޖާ ފެނުމުން، ފިރިހެން މީހާއަށް ވަރަށް ފުން އަސަރެއް ކުރިއެވެ. އެހެންކަމުން، އިތުރު ވިސްނުމަކާއި ނުލާ ބޯނަހަށް ލިބުނު 1000 ޑޮލަރު އެއަންހެން މީހާއަށް ދިނެވެ.
ގެއަށް ދިޔުމަށްފަހު އެވާހަކަ އޭނާގެ އާއިލާއަށް ކިޔާދިނެވެ. އެވާހަކަތައް އަޑުއަހާފައި އޭނާގެ ދަރިން އޭނާއާއި ދިމާލަށް ބުންޏެވެ.

"ބައްޕާއެވެ. ބައްޕަ ތިހުރީ މޮޔަ ހެއްދިފައެވެ. އެއަންހެން މީހާ ދޮގު ހަދާފައި ބައްޕަ މޮޔަ ހެއްދީއެވެ." މިހެން ބުނެ އެކުދިން އޭނާއާއި ދިމާލަށް ހީ މަލާމަތް ކުރިއެވެ.

އޭނާގެ އާއިލާއިން އޭނާއާއި މެދު އެފަދައިން ކަންތައް ކުރުމުން، އެފިރިހެން މީހާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ.

އެރޭ އެންމެން އެއްކޮށް ޚަބަރު ބަލަނިކޮށް އައި ޚަބަރެކެވެ. އޭގައި ކިއީ މީހުން ހައްދައިގެން އެމީހުން އަތުން ފައިސާ އަތުލަމުން ދިޔަ އަންހެނަކު އަތުލައިގަތް ކަމަށެވެ. ޚަބަރުން ބުނިގޮތުގައި އެއަންހެން މީހާ ހުރީ ތުއްތު ކުއްޖެއް އުރައިގެންނެވެ. އަދި މީހުން ކައިރީގައި (ފައިސާ ހޯދުމަށް) އޭނާ ބުނަމުން ގެންދިޔައީ، އެތުއްތު ކުއްޖާ މަރުވަނީ ކަމުގައެވެ. އެކަމަކު އެކުއްޖާގެ ސިއްޙަތު ރަނގަޅު ކަމަށެވެ.

އެޚަބަރު އިވުމާއިއެކު އެ ފިރިހެން މީހާގެ ދަރިން އޭނާއާއި ދިމާލަށް އެނބުރިފައި ބުންޏެވެ. ކޮބާ ތިމަންނާމެން ބުނީމެއް ނޫންހެއްޔެވެ. އެއަންހެންމީހާ ބައްޕަ މޮޔަ ހެއްދީއެވެ.
އެހިނދު އެމީހާ އޭނާގެ ދަރިންނާއި ދިމާލަށް ބަލާލާފައި ބުންޏެވެ.

"މިއީ އަހަންނަށް މުޅި މިއަދު އެއްކޮށްވެސް އިވުނު އެންމެ އުފާވެރި ޚަބަރެވެ."

އޭނާގެ ދަރިން ބުންޏެވެ. "ބައްޕަ ތިކިޔަނީ ކީކޭ ހެއްޔެވެ؟ ފާޑެއްގެ މީހަކު ބައްޕަ މޮޔަ ހައްދާފައި ބައްޕަގެ އަތުން 1000 ޑޮލަރު ފޭރިގަތީމަ، އެކަން އެންމެ އުފާވެރި ޚަބަރަށް ވަނީ ކިހިނެއް ހެއްޔެވެ؟"

އެމީހާ ބުންޏެވެ. "އަހަރެންގެ ދަރިންނަށް އަދިވެސް ނުވިސްނޭ ހެއްޔެވެ؟ އެތުއްތު ކުއްޖާ މަރުވަނީކީ ނޫނެވެ. އަހަންނަށް އެންމެ މުހިންމީ އެކަމެވެ. އަހަރެން އެފައިސާ ދިނީވެސް އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށެވެ. އެކުއްޖާ މަރުވަނީކީ ނޫނެވެ. ސިއްޙަތު ރަނގަޅެވެ. އެހެންކަމުން އެޚަބަރު ވާނީ މުޅި މިއަދު އެއްކޮށް އަހަންނަށް އިވުނު އެންމެ އުފާވެރި ޚަބަރަށް ނޫން ހެއްޔެވެ؟"

އެމީހާ އެބުނި އެއްޗެއް އޭނާގެ ދަރިންނަށް ވިސްނުނީ އެހިސާބުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ