އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން ކަމުގައިވިޔަސް، މިއީ އިސްލާމްދީނުގައި ހަރާމް ކަންކަން!

ދެމަފިރިން ކަމުގައިވިޔަސް، މިއީ އިސްލާމްދީނުގައި ހަރާމް ކަންކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 11 ސިކުންތު

ކައިވެނީގެ މަތިވެރި ގުޅުމުން ގުޅިފައިވާ ދެމަފިރިންނަށް ވެސް ޖިމާއުވުމުގައި ހަލާލް ކުރެވިފައިވާ ގޮތްތަކާއި ހަރާމް ކުރެވިފައިވާ ގޮތްތައްވެއެވެ.

ނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި ކައިވެނި ކޮށްގެން އުޅޭ ދެމަފިރިއަކަށް ކޮންމެ އިރަކު ކޮންމެފަދަ ގޮތަކަށް ވެސް ޖިމާއު ވެވިދާނެއެވެ. އެއީ ގޯހެކެވެ. ކައިވެނި ކޮށްގެން އުޅޭ ކަމުގައި ވިޔަސް އިސްލާމް ދީނުގައި ޙަރާމްވާ ކަންކަން ހުރެއެވެ.

ފަހު ޒަމާނުގައި ބޭނުން ކުރަމުން އަންނަ ބައެއް ވަސީލަތް ތަކުގެ ސަބަބުން ކައިވެނީގެ މާތް ގުޅުމަށް ވަނީ ބުރޫ އަރާފައެވެ.

ދެމަފިރިންނަށް ވިޔަސް މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

• ޖިމާއުވުމަށް އަނބިމީހާގެ ފުރަގަސް ފަރާތް ބޭނުން ކުރުން

ތިމާގެ އަނބިމީހާއާއިއެކު ޖިމާއުވުމަށް އިސްލާމްދީނުގައި އަންގަވާފައިވެއެވެ. ނަމަވެސް މިޒަމާނުގައި ބައެއް މީހުން، އެކަމުން ހައްދުން ނައްޓާ، ޖިމާއުވުމަށްޓަކައި ފުރަގަސް ފަރާތް ވެސް ބޭނުން ކުރެއެވެ. މިއީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެކެވެ. މިކަން ހާމަ ކުރައްވަމުން އިބްނު އައްބާސް (ރަޟިއަﷲ އަންހު) ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގާ ވެއެވެ. "މާތް ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވިއެވެ. 'ފަހެ ތިޔަބައިމީހުންގެ ތެރެއިން، އަނބިންނާއި ޖިމާއުވުމަށްޓަކައި އެއަނބިންގެ ފުރަގަސް ފަރާތް ބޭނުން ކުރައްވާ މީސްތަކުންނާއި ދިމާލަށް މާތް ﷲ ބައްލަވާ ވޮޑިގެން ވެސް ނުވެއެވެ.' " (ސަޙީޙް ތިރްމިދީ 1165)

• ޙައިޟު ދުވަސްވަރު ޖިމާއުވުން

އަނބިމީހާ ޙައިޟުވެ އިންނަ ދުވަސް ވަރު ޖިމާއުވުން ވެސް ހަރާމެވެ. އަދި ވިހެއުމަށްފަހު އެއް މަސް ދުވަސް ވަންދެން (ލޭ އައުން ކެނޑި، ވިހާ ގަދަވަންދެން) ވެސް ޖިމާއުވުން ޙަރާމް އެވެ. އިސްލާމްދީނުގައި އަންގަވާފައިވަނީ، އަނބިމީހާ ޙާއިޟު ވެ އިންނަ ދުވަސްވަރުގައާއި ވިހައިގެން ލެފައިބާ ދުވަސްވަރު ޖިމާއު ނުވެ، ލޭ ކެނޑި އަނބިމީހާ ހިނައިގަނެ ޠާހިރުވުމުން މެނުވީ އެދެމަފިރިން ޖިމާއު ނުވުމަށެވެ.

ކީރިތި ޤުރްއާންގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގާ ވެއެވެ.

"އަދި ޙައިޟު އާއިމެދު ކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބިނެވި) ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާއި ދުރުހެލިވާށެވެ! (އެބަހީ: ޖިމާޢު ނުވާށެވެ) އަދި އެކަނބަލުން ހިނައި ޠާހިރު ވެއްޖައުމަށްދާންދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތް ނުވާށެވެ! ފަހެ އެކަނބަލުން ހިނައި ޠާހިރު ވެއްޖެނަމަ، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ. (އެބަހީ ޖިމާއުވުން ހުއްދައެވެ). ހަމަކަށަވަރުން ގިނަގިނައިން ތައުބާ ވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެ ވެސް އެކަލާނގެ ލޯބިވެ ވޮޑިގެންވެއެވެ" (ޤުރްއާން 2:222)

ޙައިޟުގެ ދުވަސްވަރު ޖިމާއު ވުމަކީ އަނބިމީހާގެ ސިއްޙަތައް ގެއްލުން ވެދާނެ ކަމެއް ކަމަށާއި ރަނގަޅަށް ލޭއައުން ނުހުއްޓެނީސް ޖިމާއުވެގެން އަނބިމީހާ ބަލިވެ އިނދެއްޖެނަމަ، ލިބޭ ދަރިފުޅަށް ޖިސްމާނީ ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމަށް ސިއްހަތާއި ބެހޭ މާހިރުން ބުނެފައިވެއެވެ.

• ރޯދައަށް ހުރެ ޖިމާއުވުން

ކައިވެނި ކޮށްގެން ތިބެ، އެކަކު އަނެކަކަށް ޙަލާލްވި ކަމުގައި ވިޔަސް، ރޯދައަށް ތިބެ ޖިމާއުވުން ދެމަފިރިންނަށް ވެސް ހަރާމެވެ. ގިނަ މުސްލިމު ދެމަފިރިންނަށް މިކަމުން ދުރުވެ ކެތްތެރިވާން އެންމެ އުނދަގޫ ވަނީ ބަރަކާތްތެރި ރަމަޟާން މަހުއެވެ. އެމައްސަރުގައި 30 ދުވަހު ރޯދައަށް ހުންނަން ޖެހުމުން، ރޯދައަށް ހުންނަ ވަގުތު ޖިމާއުވުން ހަރާމެވެ. ނަމަވެސް ރޯދަ ވީއްލުމަށްފަހު، އަނެއްކާވެސް އެމީހެއްގެ އަނބިމީހާ އެމީހަކަށް ހުއްދަކަމަށް މާތް ﷲ އަންގަވާފައިވެއެވެ.

"ރޯދަޔަށް ތިބޭ ރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށް ގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައި މީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޚިޔާނާތްތެރި ވަމުން ދިޔަކަން ﷲ ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލައްވާ ތިޔަބައިމީހުންގެ ކިބައިން ޢަފޫ ކުރައްވައިފިއެވެ. ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާއި ބީހިއުޅޭށެވެ (އެބަހީ ޖިމާއުވުން ހުއްދަ ކުރައްވައިފިއެވެ). އަދި ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާގޮތް އެދޭށެވެ. އަދި ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ! ފަޖްރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަނދިރިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ! އަދި ތިޔަބައިމީހުން މިސްކިތްތަކުގައި އިޢުތިކާފް އަށް ތިބޭއިރު އެކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ! (އެބަހީ ޖިމާއު ނުވާށެވެ!) އެއީ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ އެ އިންތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! (އެބަހީ އެއިންތައް ފަހަނައަޅާ ނުދާށެވެ!) އެފަދައިން ﷲ، އެކަލާނގެ އާޔަތްތައް މީސްތަކުންނަށް ބަޔާން ކޮށްދެއްވަނީ އެއުރެން ތަގްވާވެރި ވުމަށްޓަކައެވެ." (ޤުރްއާން 2:187)

ތިމާގެ ދަރިންނަށް އިސްލާމީ މިފަދަ ހަމަތައް އުނގަންނައި ދިނުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބު ކަމެކެވެ. ދަރިން ބޮޑުވުމުން، ހިނައި ޠާޙިރުވާނެ ގޮތްތައް ކިޔާދޭ ފަދައިން، އިސްލާމްދީނުގައި މިފަދައިން ޙާލާލްކޮށް އަދި ޙަރާމް ކުރައްވާފައިވާ އެންމެހާ ކަންކަން ވެސް، އެއްވެސް ލަދެއްނެތި މައިންބަފައިން ކިޔާދޭން ވާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ