އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައިފް ސްޕޯޓިން ކްލަބް ބަލިކޮށް ޓީސީއިން ރަށުން ބޭރު ލެގު ކާމިޔާބުކޮށްފި

ސައިފް ސްޕޯޓިން ކްލަބް ބަލިކޮށް ޓީސީއިން ރަށުން ބޭރު ލެގު ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އޭއެފްސީކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަންގްެލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް ބަލިކޮށް ޓީސީއިން ރަށުން ބޭރު ލެގު ކާމިޔާބުކޮށްފިއެވެ.

ބަންގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ޓީސީއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 23 ވަނަ މިނެޓުގައި ޓީސީއަށް ކުޅޭ ކިރިގިސްތާނު މިޑްފިލްޑަރު އަނަޓޯނީ ވަލްޝިޗޭވްއެވެ.

މެޗުގެ ފުރަތަމާ ހާފުގައި ޓީސީގެ ފޯވާޑް ލައިންގެ ފަރާތުން ހަލުވި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޓީސީއިން ދިޔައީ ކައުންޓާ އެޓޭކްތަކުގައި ސައިފްގެ ޑިފެންސް ލައިނަށް ނުރައްކާ ކުރަމުންނެވެ. ޓީސީގެ ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ ކުރި ކައުންޓާ އެޓޭކެއްގައެވެ.

އެހެން ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ޓީސީގެ ފޯވާޑް ލައިންގެ ކުޅުން ފެނިގެން ގޮސްފައިވަނީ ވަރަށް ދަށްކޮށެވެ. ދެވަނަ ހާފުގައި ކުރިއަށް ޖެހިގެން ބޮޑަށް ކުޅުނީ ސައިފުންނެވެ. އެ ގޮތުން، މި ހާފުގައި ސައިފަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޓީސީގެ ބެލަރޫސް ގޯލްކީޕަރު އަސްނިސްގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ ދެވަނަ ހާފު ފެށީ ދިވެހި ގޯލްކީޕަރު އިބްރާހިމް ނަދީމާއެކުއެވެ.

ރާއްޖޭގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާ ލެގު އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ. ޕްރިލިމިނަރީ ބުރު ކާމިޔާބުކުރާ ދެ ޓީމު ބައްދަލުކުރަން ޖެހޭނީ މުބާރާތުގެ ޕްލޭއޮފް ބުރުގައެވެ. މުބާރާތުގެ ދެކުނު އޭޝިއާ ޒޯންގެ ގްރޫޕްގެ ފަހު ޖާގަ ލިބިގެންދާނީ ޕްލޭއޮފް ބުރު ކާމިޔާބުކުރާ ޓީމަކަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް