އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަނަ (11 ވަނަ ބައި)

ކަމަނަ (11 ވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 56 ސިކުންތު

ނަމަވެސް.. ޔޫސުފް ގެ ފޯނަކު މުދިންބެގެ ނަންބަރެއް ނެތެވެ. އެނަންބަރު ކޮންމެވެސް މީހަކު ވަނީ ފުހެލާފައެވެ.

ޔޫސުފް ވަރަށް ހާސްވިއެވެ. ގޮތް ހުސްވިއެވެ.

ހޮސްޕިޓަލުގައި އައިދަން އެކަނި ބާއްވާފައި ޔޫސުފް އަށް ދެވޭކަށް ވެސް ނެތެވެ. ދެން ހަދާނީ ކިހިނެއްބާއޭ، މުދިންބެ ސަލާމަތް ކުރާނީ ކިހިނެއްބާއޭ ހިތައް އަރާ ޔޫސުފް ހޮސްޕިޓަލުގެ ވޯޑުގައި ދެކޮޅަށް ހިނގަމުން ދިޔައެވެ.
އެހާސްކަމުގައި ހުއްޓާ ވިއްސަކަ މިނެޓު ފަހެވެ. ޔޫސުފްއަށް މީހަކު ގޮވާލުމުން ބަލާލިއިރު ކައިރީގައި އޭނާގެ މަންމަ ހުއްޓެވެ. ޔޫސްފްގެ މަންމަ ބުނީ، އައިދަން އެޑްމިޓު ކޮށްފައި އޮތުމުގެ ސަބަބުން ޔޫސުފްގެ މަންމައަށް ނުނިދުމުން، އައިދަން ކައިރިއަށް ހޮސްޕިޓަލަށް ދިޔައީ ކަމަށެވެ.

އެފަދަ ވަގުތެއްގައި ޔޫސުފްގެ މަންމަ ފެެނުމުން ވީއުފަލެއް ޔޫސުފް އަށް ބުނެދޭން ވެސް ނޭނގުނެވެ. މަންމަ ގާތު ވަރަށް މުހިންމު ތަނަކަށް ގޮސްލާފައި އެބަ އަންނަމޭ ބުނެ، އައިދަން ގާތު މަންމަ ބައިންދާފައި ޔޫސުފް އަވަހަށް ދިޔައީ މުދިންބެގެ ގެއަށެވެ.

ދުއްވުނުހާ ބާރަކަށް ދުއްވާފައި މުދިންބެގެ ގެއަށް ސައިކަލުގައި ޔޫސުފް ގޮސް މަޑުކޮށްލާފައި ދުވެފައި ކަހަލަ ގޮތަކަށް އެގޭގެ ދޮރާއި ހަމައަށް ދިޔައެވެ. ދޮރު ތަޅުލާފައި ހުރުމުން ވަރަށް ބާރަށް ދޮރުފަތުގައި ޓަކި ޖެހިއެވެ. އެއިރު ޔޫސުފްގެ ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ. އޭނާއަށް އެތަނަށް ދެވުނީ ވަގުތު ފާއިތުވުމުން ބާއޭ ވެސް ހިތައް އަރާ އޭނާގެ ހާސްކަން އިތުރުވިއެވެ.

ވަރަށް ގިނައިރު ދޮރުގައި ޓަކި ޖެހުމަށްފަހު ދޮރު ނުހުޅުވުމުން، ކޮންމެގޮތެއް ވިޔަސް ވީގޮތް ބެލުމަށްޓަކައި ޔޫސުފް ނިންމީ މުދިންބެގެ ގޭ ދޮރު ވައްޓާލާށެވެ. އެހެންނަމަވެސް ހަމައެވަގުތު މުދިންބެ ދޮރު ހުޅުވާފައި ހައިރާންކަމާއިއެކު ޔޫސުފް އާއި ދިމާލަށް ބަލައިލާފައި އެހާ ދަންވަރު އެތަނުގައި ކީއްކުރަނީތޯ އެއްސެވެ.

"މުދިންބޭ.. މުދިންބެއަށް އެއްވެސް ގޯނާއެއް ކުރިތަ؟" ވަރަށް ހާސްވެފައި ހުރެ ޔޫސުފް މިހެން އެހުމުން ކޮންމެވެސް ކަންތައްގަނޑެއް ވެއްޖެކަން މުދިންބެއަށް އެނގުނެވެ. އެހެންކަމުން ގޭތެރެއަށް ޔޫސުފް ވައްދާފައި ވެގެން އުޅޭ ގޮތް ކިޔާ ދިނުމަށް މުދިންބެ ބުންޏެވެ.

"ކަމަނަ... އަހަންނަށް އެނގިއްޖެ ކަމަނަ އަކީ އިންސާނެއް ނޫންކަން. އޭނަ ހުރީ ވަރަށް ރުޅި އައިސްފަ. މީގެ ބައިގަޑީރެއްހާއިރު ކުރިން ހޮސްޕިޓަލަށް ދިޔަ. ބުނީ އަހަންނާއި އޭނައާއި ދެމެދަށް ވަންނަން އުޅޭ ކޮންމެ މީހަކަށް ގޯނާ ކުރާނަމޭ، މުދިންބެ އަށް ވެސް ގޯނާ ކުރާނަމޭ.. އެހެންވެ އަހަރެން ހާސްވެގެން މިއައީ މުދިންބެއަށް ކަމެއް ކުރިތޯ ބަލަން.."

"ކަމަނަ އަދި އަހަންނާއި ދިމާލަކަށް ނާދޭ. އެކަމަކު އަހަރެން ވަރަށް އުފާ ކޮށްފިން ޔޫސުފް އަށް ހުރިހާ ކަމެއް އެނގުނީމަ. ޔޫސުފް އާއި ޖިންނިއެއް އަވަލައިގެން އުޅޭކަމަށް އަހަންނަށް ޝައްކުވި އުސްމާން އާއިއެކީ ފެނުން އިރުވެސް، އެކަން ޔަގީންވީ ކަމަނަ ފެނުނީމަ.. "

"އަހަންނަށް ވެސް ވަރަށް ގިނަ ކަންތައްތަކަކާއިހެދި ޝައްކުވީ. ބޮޑަށް ޝައްކުވީ ދަރިފުޅު ބުނި އެއްޗަކުން.. މުދިންބޭ، ކިހިނެއް އެއެތީގެ ކިބައިން ސަލާމަތްވާނީ؟ މިހާރުވެސް އަހަރެންގެ ދަރިފުޅަށް އެއެތި ގޯނާއެއް ކޮށްފި.. ކިހިނެއް ސަލާމަތް ކުރާނީ؟" ޔޫސުފް ބޭނުންވީ ވީއެންމެ އަވަހަކަށް އެޖިންނީގެ ކިބައިން ސަލާމަތް ވުމަށެވެ.

"ހާސްނުވޭ. މުދިންބެ މިހާރު ވެސް މީހަކާއި ތިކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފިން. އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު ހައެއް ޖަހާއިރު އޭނަ ހުންނާނީ މިރަަށުގައި. އޭނާ ބުނި ވީއެންމެ އަވަހަކަށް މިކަންތައްގަނޑުން ސަލާމަތް ކޮށްދޭނަމޭ." މުދިންބެގެ އެބަސްތަކުން ޔޫސުފް ހިތްހަމަ ޖެހުނެވެ.

"މުދިންބޭ.. ކަމަނަ މިރޭ ދިޔައީ އެންމެންނަށް ވެސް ގޯނާ ކުރާނެ ކަމަށް ބުނެފަ. އެހެންވެ އަހަރެން ހީކުރީ މުދިންބެއާއި ދިމާލަށޭ އަންނާނީ... އެކަމަކު.. މުދިންބެއަށް އޭނާ އަދި ހަމަލާ ނުދެންޏާ އަދި އަހަރެންގެ މަންމަ އަށް ވެސް ހަމަލާއެއް ނުދީ ދަރިފުޅަށް ވެސް އިތުރު ހަމަލާއެއް ނުދެންޔާ ދެން ކާކަށްބާ އޭނަ ހަމަލާދޭނީ...." މިހެން ބުނެ ވިސްނާލަން އިނދެފައި މުދިންބެ އަށާއި ޔޫސުފް އަށް އެއްފަހަރާ ބުނެވުނެވެ.

"އުސްމާން"

ޔޫސުފް އާއި މުދިންބެ ގެ ދެ ލޯ ބޮޑުވިއެވެ. ދެމީހުންވެސް އަވަސްވެގަތީ އުސްމާންގެ ގެއާއި ދިމާލަށް ދިޔުމަށެވެ. އެއިރު ގަނޑިން ފަތިހު ހަތަރެއް ޖަހައިފިއެވެ. އުސްމާންގެ މައިންބަފައިން އެދުވަސްކޮޅު ހުރީ ބޭސްފަރުވާއަށް މާލެ ގޮސްކަމަށް، އޭގެ ދެދުވަސް ކުރިން އުސްމާން ވަނީ ޔޫސުފް ގާތު ބުނެފައެވެ. އެހެންކަމުން އެގޭގައި އުޅޭނީ އުސްމާން އެކަނި ކަމަށްވާތީ، ޔޫސުފް އިތުރަށް ހާސްވިއެވެ.

ޔޫސުފްގެ ސައިކަލުގައި އުމްސާންގެ ގެއާއި ހަމައަށް ގޮސް، ދުވެފައި ގޮސް މުދިންބެއާއި ދެމީހުން އުސްމާނުގެ ގޭގެ ދޮރުގައި ހިފިއެވެ. ގޭގެ ދޮރު ތަޅު ނުލާ ހުރުމުން ދެމީހުން އަވަސް އަވަހަށް އެގޭ ތެރެއަށް ވަނެވެ. އަދި އުސްމާން އަށް ގޮވަން ފެއްޓިއެވެ.

އެގޭގައި ތިން ކޮޓަރި ހުރި އިރު ފަހަރަކު ކޮޓަރިއަކަށް ވަދެ ޔޫސުފް އުސްމާން އަށް ގޮވަމުން ދިޔައިރު މުދިންބެ ދިޔައީ އަނގައިން ހެޔޮ އެއްޗެހި ކިޔަމުންނެވެ. އެފަދައިން ފަހަރަކު ކޮޓަރިއަކަށް ވަދެ އުސްމާން އަށް ގޮވަމުން ދަނިކޮށް ޔޫސުފް ގެ ނަޒަރު ކުއްލިއަކަށް ހުއްޓުނީ ބަދިގޭގެ މޭޒުމަތީގައި ބަހައްޓާފައި ހުރި އެއްޗަކަށެވެ. ބޮކި ނިވާލާފައި ހުރުމުން އެއީ ކޮން އެއްޗެއްކަން ސީދާ ނޭނގުނު ނަމަވެސް، މޭޒުމަތިން ކޮންމެވެސް ދިޔާ އެއްޗެހިތަކެއް ތަޅުންގަނޑަށް އެޅެމުން ދިޔަކަން ޔޫސުފް އަށް އެނގުނެވެ.

ބަދިގެއާއި ހަމައަށް ގޮސް، ބޮކި ދިއްލާ މޭޒުމައްޗަށް ބަލާލިއެވެ. އެވަގުތު މުދިންބެއަށް ވެސް ބިރުން ހަޅޭލަވައި ގަނެވުނެވެ. އަދި ޔޫސުފްގެ ބޮލަށް އެނބުރުން އެރިއެވެ.

އުސްމާނުގެ ބަދިގޭ މޭޒުމަތީގައި ބާއްވާފައި އޮތީ... ކަނދުރާއާއި ވަކި ކޮށްލާފައި އޮތް، އުސްމާނުގެ ބޮލެވެ. ލޭތައް ތަޅުންގަނޑަށް އެއިރުވެސް އެޅެމުން ދިޔައެވެ.

(12 ވަނަ ބައި މާދަމާ.. އިން-ޝާ ﷲ)




Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ