އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަނަ (12 ވަނަ ބައި)

ކަމަނަ (12 ވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

އުސްމާނުގެ ބަދިގޭ މޭޒުމަތީގައި ބާއްވާފައި އޮތީ.. ކަނދުރާއާއި ވަކި ކޮށްލާފައި އޮތް، އުސްމާނުގެ ބޮލެވެ. ލޭތައް އެއިރުވެސް ތަޅުންގަނޑަށް ފައިބަމުން ދިޔައެވެ.

އެމަންޒަރު ފެނިފައި ބިރުން ގޮސް ޔޫސުފް އަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ދުއްވައިގަނެވުނީ ވީއެންމެ އަވަހަކަށް އެގެއިން ބޭރަށް ނިކުތުމަށެވެ. މުދިންބެ ވެސް ޔޫސުފް ގެ ފަހަތުން ދިޔައެވެ. އެދެމީހުން ވެސް ތިބީ ބިރުން ތުރުތުރު އަޅައަޅައެވެ.

ސައިކަލަށް އަރާފައި ވީއެންމެ ބާރަކަށް ދުއްވާލިއެވެ. ފަތިސް ނަމާދު ވަގުތު ޖެހެން ކައިރިވެފައިވާކަން މުދިންބެއަށް ރޭކާލީ އެވަގުތުއެވެ. އެހެންކަމުން މުދިންބެއާއި އެކު މިސްކިތައް ދިޔުމަށް ޔޫސުފް ގާތު އެދުނެވެ. އެފަހަރު ޔޫސުފް ވެސް މުދިންބެއާއި އެކު މިސްކިތައް ދިޔައެވެ.

ނަމާދުކޮށް ނިމުމަށްފަހު، އެދެމީހުންވެސް ނިންމީ އުސްމާނުގެ ވާހަކަ ފުލުހުންނަށް އެންގުމަށެވެ. ފުލުހުންނަށް ފޯނު ކުރީ ޔޫސުފް އެވެ. އަދި އަލުން އަނބުރާ އުސްމާނުގެ ގެއަށް ގޮސް، ފުލުހުން ވެސް އެތަނަށް ދިޔުމުން އަނެއްކާވެސް އެގޭ ތެރެއަށް ވަނެވެ.

އުސްމާނުގެ ބޯ ކަނދުރާއާއި ވަކި ކޮށްފައި އޮތްތަން ފެނުނީ ބަދިގެއިން ކަމަށް ބުނެ، ފުލުހުންނާއި އެކު ބަދިގެއަށް ގޮސް ވަނުމުން، ޔޫސުފް އަށާއި މުދިންބެއަށް ލިބުނީ ބޮޑު ސިހުމެކެވެ. އުސްމާންގެ ބޮލެއް އެތާކު ނެތެވެ. އަދި ތަޅުންގަނޑުގައި އެންމެ ލޭ ތިއްކެއް ވެސް ނެތެވެ.

ޔޫސުފް އާއި މުދިންބެ ހުރީ ހައިރާން ވެފަައެވެ. ފުލުހުން މުޅި އެގެ ބަލައިފާސް ކުރިއެވެ. އަދި އެއްވެސް އެއްޗެއް ނުފެނުމުން، ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ހުރެ ފެނުނޭ ބުނި ބޯ ކޮބާތޯ ޔޫސުފް ގާތު އެއްސެވެ.

މުދިންބެ ވެސް ޔޫސުފް ވެސް ބުނީ ބަދިގޭ މޭޒުމަތިން އުސްމާނުގެ ބޯ ފެނުން ކަމަށާއި ލޭތައްވެސް އެއިރު ތަޅުންގަނޑަށް އެޅެމުން ދިޔަ ކަމަށެވެ.

ނަމަވެސް ތަޅުންގަނޑަށް ލޭތިއްކެއް ވެސް ޖެހުން ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި ދޮގު ރިޕޯޓު ކުރާނަމަ ދެން ފަހަރަކުން ހައްޔަރު ކުރާނެ ކަމަށް ބުނެ އިންޒާރު ދީފައި ފުލުހުން އެތަނުން ދިޔައެވެ.
އުސްމާނުގެ ބޯ އެތަނުގައި ނެތީ ކީއްވެކަން ޔޫސުފް އަށް ވެސް އަދި މުދިންބެ އަށް ވެސް އިނގެއެވެ. އެއީ ކަމަނަ ކޮށްގެން އުޅޭ ކަމެއްކަމާއި އެކަމުގެ ހަގީގަތް ހޯދޭނީ ކަމަނަ ގެ ވަބާއިން ސަލާމަތް ކޮށްދޭން އަންނަން އުޅޭ މީހާގެ ފަރާތުންކަން ވެސް އެދެމީހުންނަށް އެނގެއެވެ.

އެމީހާ އަންނަ ގަޑި ކައިރިވުމުން، އެމީހާ ބަލާ މުދިންބެ ދާނެ ކަމަށް ބުންޏެވެ. ޔޫސުފް ވެސް އެވަގުތު ބޭނުންވީ އައިދަން ކައިރިއަށް ހޮސްޕިޓަލަށް ދާށެވެ. މަންމަ ގާތު ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެ، ހޮސްޕިޓަލުގައި މަންމަ ބައިންދާފައި ޔޫސުފް ބޭރުގައި އުޅޭތާ ވަރަށް ގިނަ ވަގުތު ވެއްޖެކަން އިހުސާސްވެ، މަންމަ ގެއަށް ފޮނުވަން ދާން ޔޫސުފް ބޭނުންވިއެވެ. އެހެންކަމުން މުދިންބެ ގެންގޮސް މުދިންބެގެ ގެއަށް ލާފައި ޔޫސުފް ދިޔައީ އައިދަން ކައިރިއަށެވެ.

ހޮސްޕިޓަލަށް ވަންނަން ދިޔައިރު، ކޮންމެވެސް ކަމެއް އަނެއްކާވެސް ގޯސްކޮށް ހިނގައިފިހެން ޔޫސުފް އަށް ހީވާން ފެށިއެވެ. ޔޫސުފް އަށް ދެވުނުހާ ބާރަކަށް ހިނގާފައި ގޮސް އައިދަން އޮތް ވޯޑަށް ވަނެވެ. އެއިރު ނަރުސް ދެ ކުއްޖަކާ ޑޮކްޓަރު ތިބީ އައިދަންގެ އެނދު ކައިރީގައެވެ. ޔޫސުފް ގެ ދެ ލޯ ބޮޑުވިއެވެ. އަދި ވެގެން އުޅެނީ ކީއްތޯ ޑޮކްޓަރު ގާތު ސުވާލު ކުރިއެވެ.

"އައި އޭމް ސޮރީ ޔޫސުފް. ޔޫސުފް ގެ ދަރިފުޅުގެ ފުރާނަ ސަލާމަތެއް ނުކުރެވުނު... ހީ އިސް ނޯ މޯ"

(އަދި ނުނިމޭ.. )


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ