އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެވަނަ ލެގު ވެސް ކާމިޔާބުކޮށް ޓީސީ ޕްލޭ އޮފަށް

ދެވަނަ ލެގު ވެސް ކާމިޔާބުކޮށް ޓީސީ ޕްލޭ އޮފަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު


އޭއެފްސީ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި، 1-3 ގެ ނަތީޖާއިން ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް ބަލިކޮށް މުބާރާތުގެ ޕްލޭ އޮފް ބުރަށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ދަތުރުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލީޑު ނެގީ ވެސް ޓީސީއިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކިރިގިސްތާނު މިޑްފިލްޑަރު ވްލަސިޗޭވް އެނަޓޯލީއެވެ. މެޗުގެ 32 ވަނަ މިނެޓުގައި، ސައިފްގެ ކިންގްސްލީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ސައިފްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެހެން ނަމަވެސް، ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ހިފިފައިނުވާއިރު، ޓީސީގެ ގޯލަށް ފޮނުވާލާފައިވާ ހަމަލާތައް ވަނީ ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ރޭގެ މެޗުގައި ނަދީމް، ޓީސީގެ ގޯލް ބަލަހައްޓާފައިވަނީ ޓީސީގެ އެއް ނަމްބަރު ކީޕަރު އަދި ބެލަރޫސް ކީޕަރު ޑިމިޓްރިސް އަސްނިން އަނިޔާގައި ހުރުމުންނެވެ. އަސްނިންއަށް އަނިޔާވެފައިވަނީ ބަންގްލަދޭޝްގައި ކުޅުނު ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގެ މެޗުގައެވެ.

ޓީސީއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިދިނީ އެ ޓީމަށް ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އެނަޓޯލީއެވެ. މި ލަނޑު އެނަޓޯލީ ކާމިޔާބުކޮށްފައިވަނީ މެޗުގެ 83 ވަނަ މިނެޓުގައި ޓީސީއަށް ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ ފަސް މިނެޓު ފަހުން އެނަޓޯލީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަކޮށްފައެވެ.

ބަންގްލަދޭޝްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 0-1 ގެ ނަތީޖާއިންނެވެ. ރޭގެ މެޗުގެ ނަތީޖާއާއެކު އެގްރިގޭޓް ނަތީޖާއިން ސައިފްގެ މައްޗަށް ޓީސީއަށް ކުރި ލިބެނީ 1-4 ގެ ނަތީޖާއިންނެވެ. މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޓްރާންޕޯޓް ޔުނައިޓެޑްގެ މައްޗަށް އިންޑިއާގެ ބެންގަލޫރު އެފްސީ ކުރި ހޯދާފައިވަނީ 0-3 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ޕްލޭ އޮފް ބުރުގައި ޓީސީއާއި ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރާއްޖޭގައެވެ. ދެވަނަ ލެގު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް