އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދު ކުރުވުމަކީ ދިވެހި ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތު!

ނަމާދު ކުރުވުމަކީ ދިވެހި ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ރައްޔިތުން ލައްވައި ނަމާދުކުރުވުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. މީސްތަކުން ލައްވައި ނަމާދުކުރުވަން ބާރު އެޅުމަކީ ސަރުކާރުގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބެވެ.

ބައެއް މީހުން އުފައްދާ ސުވާލަކީ ނަމާދުކުރީމާ ސަރުކާރަށް ސަވާބުލިބޭ ކަމާއިމެދު އުފައްދާ ސުވާލެވެ. އެސުވާލުގެ ޖަވާބު ދީނީ ޢިލްމުވެރިން ގެންދަވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަމުންނެވެ.



ދީނީ އިލްމުވެރިން ވިދާޅުވަނީ ސަރުކާރުގެ މަސައްކަތުން ނަމާދުކުރުން އިތުރުވާނަމަ އެކަމުގެ ސަވާބު ސަރުކާރަށް، ސަރުކާރު ހިންގަން ތިބޭބައަކަށް ލިބޭނެ ކަމަށެވެ. ކޮންމެ މަޤާމެއްގައި ހުރެގެން ނަމަވެސް ނަމާދުކުރުވަން ކުރާ މަސައްކަތް ވާނީ މަތިވެރި އަޅުކަމަކަށް ކަމަށާއި އެއްވެސް މީހަކު ކުރާ ޒައްރެއްގެ މިންވަރުގެ ނަމަވެސް ހެޔޮ އަމަލެއްގެ ސަވާބު އެމީހަކަށް ލިބޭނެ ކަމަށެވެ.

އެއިގެ އިތުރުން އެމީހަކާއި ނުވަތަ އެބައަކާއި ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ގޮތަށް (އިސްލާމް ދީނުގައިވާ ގޮތަށް) އަދާނުކުރުމުން އަޒާބު ލިބޭ ފަދައިން މާތް ﷲ އެންގެވި ގޮތުގައި އަދާކުރުމުން އެކަމުގެ ސަވާބުވެސް ލިބޭނެ ކަމަށެވެ.

ނަމާދުކުރުމަކީ އިސްލާމް ދީނުގެ އެންމެ މަތިވެރި އަޅުކަމެވެ. އެހެން ހުރިހާ އަޅުކަމެއް މާތް ﷲ ގެ ޙަޟްރަތުގައި ޤަބޫލުކުރެވުން އޮތީ ނަމާދުގެ މައްޗަށް ކަމަށްވާތީއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން މިއަދު ފަތިސް ނަމާދުކުރި ފަދައިން ފަތިސް ނަމާދާއި އެހެން ނަމާދުތައް ކުރަން ފަށައިފިނަމަ މުޖުތަމައުގައި ހުރި ހުރިހާ މައްސަލަތަކެއް ހައްލުވެގެންދާނެ ކަމަށްވެސް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.



ރާއްޖޭގައި ވެރިކަމުގެ ފަރާތުން ވަނީ ނަމާދުކުރުމަށް ރައްޔިތުންނަށް މަޖުބޫރުވެސް ކުރުވައިފައެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ވެރިކަމުގައި ވަނީ ނަމާދުނުކުރާ މީހުން ފާހަގަކުރައްވައި އަދަބުވެސް ދެއްވައިފައެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައިވެސް ނަމާދުކުރުވަން ބާރުއެޅުމަކީ ސަރުކާރަށް ކުރަންޖެހޭ ކަމެކެވެ. މުސްލިމުންނާއި ކާފަރުންގެ މެދުގައި ހުރި ތަފާތަކީ ޤަޞްދުގައި ނަމާދުއެޅުން ކަމަށްވާތީއެވެ. ޤަޞްދުގައި ނަމާދު ނުކުރާ ބައަކީ މުސްލިމުން ކަން ނުވަތަ ނޫންކަން މިކަމުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް