އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ފިތުނަ އުފެދެނީ ޔޯލަ ވާހަކަތަކަކުންނޫން- ހަޤީޤީ ވާހަކަތަކަށް ފަސްއަޅައި ފޮރުވާތީ!

ރާއްޖޭގެ ފިތުނަ އުފެދެނީ ޔޯލަ ވާހަކަތަކަކުންނޫން- ހަޤީޤީ ވާހަކަތަކަށް ފަސްއަޅައި ފޮރުވާތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ރާއްޖޭގައި ފިތުނަ އުފެދި އިތުރުވެ މުޅި ޤައުމުގައި ފިތުނައިގެ އަލިފާން ރޯވެ ހުޅުފަޅައި އަނދަމުން މިދަނީ ޔޯލަ ވާހަކަތަކަކުން ނޫނެވެ. ހަޤީޤީ ވާހަކަތަކަށް ފަސް އަޅައި ފޮރުވަމުން ގެންދާތީއެވެ.

"ތިމަންނާ މިވެނި ކަމެއް ކުރީމޭ" ބުނެ ޖިނާޢީ ބޮޑެތި ކުށްތައް ކުރި ކަމަށް އަމިއްލައަށް އިއުތިރާފްވީމާ އެ މައްސަލަ ބަލާތަނެއް ނުފެނެއެވެ. އަޅާ ފިޔަވަޅެއް ނުފެނެއެވެ. ދެވޭ އަދަބެއް ނުފެނެއެވެ. ނުވަތަ އެއްވެސް އަދަބެއް ނުދެއެވެ.

އެންމެފަހުން ފަޅާއެރި މިފަދަ އެންމެ ބޮޑު އެއް މައްސަލައަކީ ރައްޔިތުންނަށް ހުޅުމާލެއިން ފްލެޓް ދިން މައްސަލައެވެ. އެކަމުގައި އިންސާފުގެ ޒައްރެއްގެ މިންވަރު ވެސް ނެތްކަން މިހާރު މިވަނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ. ފްލެޓްތައް ގިނަ ބައަކަށް ދީފައިވަނީ އެއްވެސް ހަމައަކުން އަދި އިންސާފަކުން ނޫންކަން މިވަނީ ވަރަށް ރީތިކޮށް ހާމަވެފައެވެ.

މިހާރު އިވެނީ އެކަމުގެ ހަޤީޤަތް ހާމަކުރި މީހުން ހޯދައި ފިޔަވަޅުއަޅަން އުޅޭ ވާހަކައެވެ. ލިސްޓް ލީކްވި މައްސަލަ ބަލާ ވާހަކައެވެ. އުފެދޭ ސުވާލަކީ ހަމައާއި އިންސާފުން ބޭރުން ފްލެޓްތައް ދިނީ ލިސްޓް ހާމަކުރި މީހާތޯއެވެ؟ ނޫންނަމަ އެކަން ކުރީ ހައުސިންގ މިނިސްޓަރުތޯއެވެ؟ ވީއިރު ހޯދައި ފިޔަވަލުއަޅަންވީ ކާކަށްތޯއެވެ؟

ލިސްޓް ހާމަވީމާ ފުރަތަމަ ބުނީ އެއީ އަސްލު ނޫން ކަމަށެވެ. ނަމަވެސް ކަންކަން ބަލައި ނިމުނުއިރު އެބުނި ބަސްވެސް ތެދަކަށް ނުވިއެވެ. ވީހަމަ ބޮޑު ތެދަކަށެވެ. ކަންކަން މިހާލަތަށް ދިއުމުން ޤައުމުގައި އިތުރުވާނީ އެއްބައިވަންތަކަންތޯއެވެ؟ ނޫނީ އިތުރުވާނީ ފިތުނަތޯއެވެ؟ އަދުލުވެރިކަމާއިއެކު ކަންކަން ނުކުރާނަމަ ފިތުނަ އިތުރު ނުވާނެ އެއްވެސް ގޮތެއް އޮންނާނެތޯއެވެ؟

ހުކުރު ޚުޠުބާތަކުގައި ކަންކަމުގެ ވާހަކަތައް ލިޔާއިރު މިކަންކަމަށް ވިސްނަން ޖެހެއެވެ. ޔޯލަ ވާހަކަތަކުން ވެސް ފިތުނަ އުފެދޭނެއެވެ. ޔޯލަ ވާހަކަތައް ފެތުރުން އިންސާމް ދީނުގައި ހުއްދައެއްވެސް ނޫނެވެ. ނަމަވެސް ރާއްޖޭގައި މިހާރު އުފެދިގެން މިއުޅެނީ ޔޯލަ ވާހަކަތަކުން އުފެދޭ މައްސަލަތައްތޯ ނުވަތަ އަދުލުވެރިކަމެއް ނެތިގެންނާއި ތަފާތު ޖަރީމާތައް ހިންގާ މީހުންގެ މައްސަލަތައް ބަލައި އަދަބު ނުދެވޭތީތޯ ވިސްނައިލުމަކީ ޚުޠުބާ ލިޔާ މީހުން ވެސް ވިސްނައިލުން އެންމެ ރަނގަޅު ކަމެއް ނޫންތޯއެވެ؟

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް