ވަކީލުންގެ ރައްދު ފުލުހުންނަށް - އެއްބާރުލުން ދެވޭނީ ސުވާލުކޮށްގެން ނޫންތޯ؟ އަދިވެސް ސުވާލެއް ނުކުރޭ

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ޤާނޫނު އަސާސީ އާއި ޚިލާފަށް ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ރައީސް މައުމޫން އާއި އަދި ނަދީމް އާއި މިހައި ތަނަށް އެއްވެސް ސުވާލެއް ވެސް ނުކުރާ ކަމަށާއި ސުވާލެއް ނުކުރަނީސް އެއްބާރުލުން ދޭން ކުރަންވީ ކަމެއް ނުއެނގޭކަމަށްބުނެ ރައީސް މައުމޫން އާއި މުޙައްމަދު ނަދީމްގެ ޤާނޫނީ ވަކީލުން ފުލުހުންގެ ވާހަކަތަކަށް ރައްދު ދީފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޤާނޫނީ ވަކީލް ޝަމީމް މިރޭ ވިދާޅުވީ ރައީސް މައުމޫން ބަންދުކުރިފަހުން މިހައިތަނަށް އެއްވެސް ކަމެއްގައި އެއްވެސް ސުވާލެއް ފުލުހުން ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ތަޙްޤީޤަށް އެއްބާރުލުން ދެއްވަން ކުރައްވަންވީ ކަމެއް ރައީސް މައުމޫނަށް އެނގިވަޑައި ނުގަންނަވާކަމަށެވެ. ނަދީމްގެ ވަކީލުވެސް ވިދާޅުވީ އަދި މިހައިތަނަށް ނަދީމް އާއި އެއްވެސް ސުވާލެއްވެސް ނުކުރާ ކަމަށެވެ.

"ރައިސް މައުމޫން ވިދާޅުވަނީ އެމީހުން އެބަ ބުނެއޭ ތަޙްޤީޤަށް އެއްބާރުލުން ނުދެއޭ. އެއްބާރުލުން ދެވޭނީވެސް ސުވާލެއް ކޮށްގެން ނޫންހޭ. އަދި މިހައިތަނަށް އެއްވެސް ސުވާލެއްވެސް ނުކުރެއޭ. އެއްޗެއް އަހައިލީމަ ނޫންހޭ އެކަމާބެހޭ ގޮތުން އެއްޗެއް ދެންނެވޭނީ ވެސް. އެހެންވީމާ އެއްބާރުލުން ނުދޭކަމަށް އެދައްކަނީ ކަނޑައެޅިގެން ދޮގުވާހަކަ. އެއްބާރުލުން ދޭނެ ފުރުޞަތެއްވެސް އެބޭފުޅުން އަދި ނުދެއްވާ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެނދެރިމާގެއިން ނެރެގެން ގެންގޮސްފައި ހުއްޓާ ފެނުނު ކަޅުފޮށި ފެނުނު ފުރަތަމަ މަރުހަލާގައި ކިތާބީ ހެކި ކަމަށް ބެލެވޭނެ ތަކެތި ފެނިފައި ނުވާ ކަމަށެވެ.

ޤާނޫނީ ވަކީލް މައުމޫން ޙަމީދު ވިދާޅުވީ ފުލުހުން ހޯދާ ކަޅު ދަބަހުން ފަހުން އިތުރު ތަކެތި ފެނުމަކީ ކުރިންވެސް ހިނގާފައިވާ ކަމެއް ކަމަށެވެ.

2015 ވަނަ އަހަރު ކާނަލް ނާޒިމް ދިރިއުޅުއްވި ކޮޓަރިކޮޅުން ވެސް ހަމަ ކަޅު ދަބަހެއް "ފެނުނު" އެދަބަހުން ވެސް ފުރަތަމަ ޗެކްކުރިއިރު ނުފެންނަ ތަކެތި ފަހުން ފެނު ކަމަށެވެ. ޕޮލިސް ސަރވިސްއަށް ދަބަސް ގެންދިއަފަހުން ބޮމެއް ފެނުނުކަން ހާމަވެފައިވާ ކަމަށެވެ.

ނަދީމްގެ ވަކީލް ވިދާޅުވީ ނަދީމާއި މެދުވެސް އަދި އެނގެނީ ހަމައެކަނި ބަންދުކުރެވުނު ކަމަށް ބުނާ ޤާނޫނީ މާއްދާތައް އެކަނި ކަމަށެވެ. އެ މާއްދާތަކުން ކުށްވެރިވަނީ ކޮން ކުށެއް ކޮށްގެންކަން ވެސް އަދި މިހައިތަނަށް އެނގިފައި ނުވާ ކަމަށެވެ.

ގުޅުންހުރި އަޑު:

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް