އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ދަނޑުގައި ބެންގަލޫރުން ޓީސީ ބަލިކޮށްލައިފި

ރާއްޖޭގެ ދަނޑުގައި ބެންގަލޫރުން ޓީސީ ބަލިކޮށްލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު



އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސްގެ މައްޗަށް 2-3 ގެ ނަތީޖާއިން އިންޑިއާގެ ބެންގަލޫރު އެފްސީ ކުރިހޯދައިފިއެވެ.

ރާއްޖޭގެ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓުގައި ޓީސީގެ ޢަބްދުﷲ ހަނީފު (ބެންޖޯ) ކުރި ފައުލަކާ ގުޅިގެން ނުރައްކާތެރި ހިސާބަކުން ބެންގަލޫރަށް ހިލޭ ޖެހުމެއް ލިބިގެން ދިޔައެވެ. ބެންގަލޫރުގެ އެންޓޯނިއޯ ޑޮވަލޭ ކުރިއަށް ފޮނުވާލި މި ހިލޭ ޖެހުން ދިޔައީ ޓީސީގެ ގޯލާ އަމާޒު ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ދިޔައެވެ. މި ދެ ފުރުސަތުގައި ވެސް ފޭދޫ އިއްބެ ފޮނުވާލި ހަމަލާގައި ބާރެއް ނެތްއިރު، ބެންގަލޫރުގެ ގޯލްކީޕަރު ވަނީ އެ ދެ ފަހަރު ވެސް ފަސޭހަކަމާއެކު ބޯޅަ މަތަކޮށްފައެވެ.

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބެންގަލޫރުން ޓީސީގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. ނަތީޖާގެ ގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ބެންގަލޫރުން މެޗުގެ ލީޑު ނެގިއެވެ. ބެންގަލޫރުގެ އެންޓޯނިއޯ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހައޮކިޕް ތަންގްހޮސެމް އެވެ. މެޗުގެ 69 ވަނަ މިނެޓުގައި ބެންގަލޫރުން އަނެއްކާ ވެސް ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާކުރިއެވެ. ބެންގަލޫރުގެ އެރިކް ޕާޓަލޫގެ މި ލަނޑު ވެސް ކާމިޔާބުކުރީ އެ ޓީމުގެ އެންޓޯނިއޯ ނަގައިދިން ކޯނަރަކުންނެވެ.

ބެންގަލޫރުން ލީޑު ފުޅާކުރިތާ ދެ މިނެޓު ވެސް ނުވަނީސް ޓީސީން ލަނޑެއް ޖަހައި އެ ލީޑު ހަނިކުރިއެވެ. ޓީސީގެ ފޭދޫ އިއްބެ ތަނަވަސްކުރި ފުރުސަތަކުން މި ލަނޑު ކާމިޔާބުކުރީ އެނަޓޯލީއެވެ. މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ޓީސީން އަނެއްކާ ވެސް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެއެވެ.

މި މެޗުން ބެންގަލޫރު މޮޅުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ހައޮކިޕް ތަންގްހޮސެމް އެވެ.

މެޗު ނިމުމުގެ ކުރިން ޓީސީއަށް މެޗުގެ ނަތީޖާ ހަމަހަމަކުރަން ޓީސީއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. އެހެން ނަމަވެސް ފޭދޫ އިއްބެއަށާއި އާރިއަށް ލިބުނު މި ފުރުސަތުތަކުގެ ބޭނުން ނުހިފި، މެޗު ނިމުނީ ބެންގަލޫރު މޮޅުވެގެންނެވެ.

މި މެޗުން ޓީސީ ބަލިވި ނަމަވެސް ރަށުން ބޭރުގައި ކުޅޭ ލެގުން ދެ ލަނޑުގެ ލީޑަކުން މެޗު މޮޅުވެގެން ޕްލޭއޮފް ބުރު ކާމިޔާބުކުރުމުގެ ފުރުސަތު އަދިވެސް ޓީސީއަށް އެބައޮތެވެ. ދެވަނަ ލެގު ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހު އިންޑިއާގައެވެ.

ޕްލޭއޮފް ބުރު ކާމިޔާބުކުރާ ޓީމަކަށް މުބާރާތުގެ ދެކުނު އޭޝިއާ ޒޯންގެ ގްރޫޕުން ޖާގައެއް ލިބިގެން ދާނެއެވެ. މި ގްރޫޕުން ޖާގަ ކަށަވަރުކޮށްފައިވާ ތިން ޓީމަކީ އިންޑިއާގެ އައިޒޯލް އެފްސީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ، އަދި ރާއްޖޭގެ ނިއު ރޭޑިއަންޓް އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް