އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ގޭގަ އޮތް ނަމަ ތިހެނެއް ނުވީސް..." ކަމެއް ދިމާވުމުން ކޮންމެ އަންހެނަކާ ދިމާލަށްވެސް މިހެން ބުނޭ.

"ގޭގަ އޮތް ނަމަ ތިހެނެއް ނުވީސް..." ކަމެއް ދިމާވުމުން ކޮންމެ އަންހެނަކާ ދިމާލަށްވެސް މިހެން ބުނޭ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

މިއީ އާކަމެއް ނޫނެވެ. އަންހެނަކަށް ކަމެއް ދިމާވުމުން، އެކަން އޭނާ ހާމަ ކުރުމުން އެކި މީހުންގެ ފަރާތުން އެކި ކަހަލަ ރައްދު އޭނާއަށް ލިބެއެވެ.

އެއްބަޔަކު އޭނާގެ ހާލަތާއިމެދު ހަމްދަރުދީވެ އޭނާއަށް ހިތްވަރު ދެއެވެ. އަނެއް ބަޔަކު އޭނާގެ ހާލަތާއި އެހެން މީހެއްގެ ހާލަތާއި ގުޅުވައިގެން ވާހަކަ ދައްކައެވެ. މީގެއިތުރުން އޭނާގެ ހާލަތާއި މެދު ޚުދު އޭނާ ކުށްވެރިކޮށް އޭނާއާއި ދިމާލަށް އެއްޗެހި ގޮވާ މީހުން ވެސް އުޅެއެވެ. އެފަދަ މީހުން އާންމުކޮށް ބުނާ އެކައްޗަކީ "ގޭގަ އޮތް ނަމަ ތިހެން ނުވީސް..." މިހެންނެވެ.

އަޅުގަނޑުގެ ނަޒަރުގައި، މިއީ ކޮންމެ އަންހެނަކާ ދިމާލަށް ބުނި ނަމަވެސް ބުނުން ރަނގަޅު އެއްޗެއް ނޫނެވެ. އަދި މިއީ ހަގީގަތެއް ވެސް ނޫނެވެ.

ދާދި ފަހުން މާލޭގައި ހިނގި ރޭޕްގެ ހާދިސާއަކާއި ގުޅިގެން ވެސް އެއްބަޔަކު ވަނީ، އެއަންހެން ކުއްޖާއާއި ދިމާލަށް މިފަދައިން ބުނެފައެވެ. ކިޔަވަން ކޮލެޖަކަށްދާ އަންހެން ކުއްޖަކާ ބަޔަކު ދިމާކޮށްފިނަމަ، ނުވަތަ ކޮލެޖު ދޮރުމަތީގައި ހުއްޓާ ބަޔަކު ފޮށިގެން އެވާހަކަ ދައްކައިފިނަމަ ވެސް މިހެން ބުނާ މީހުން އުޅެއެވެ. މީހަކު ފުރުވަން އެއާޕޯޓަށް ދިޔުމުންވެސް ފޮށުމުން އެވާހަކަ ދައްކައިފިނަމަ މީސްމީހުން މިހެން ބުނެއެވެ. އަދި މީގެ އިތުރުން ނޫސްވެރިކަން ކުރާ އަންހެން ނޫސްވެރިންނަށް ވެސް، މުޒާހަރާފަދަ ތަންތަނުގައި އަނިޔާ ލިބުމުން އެވާހަކަ ދެއްކުމުން، މީހުން ބުނަނީ މިހެންނެވެ. "ގޭގަ އޮތްނަމަ ތިހެނެއް ނުވީސް" މިހެންނެވެ.

މިފަދައިން ބުނާ މީހުންނަށް އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތެވެ. ފުރަތަމަ ސުވާލަކީ: އެމީހެއްގެ މުސްތަޤްބަލު އުޖާލާ ކުރަން، ގޭގައި އޮވެގެން މަސައްކަތް ކުރެވޭނެ ހެއްޔެވެ؟ ފުރަތަމަ ކިޔެވުމާއި ބެހޭ ގޮތުން ވާހަކަ ދައްކަން ހިނގާށެވެ. އެކި މީހުން ބޭނުން ވާނީ އެކި ދާއިރާތަކުން ތަޢުލީމު ޙާސިލު ކުރާށެވެ. އަދި އެމީހަކު ބޭނުންވާހާ ދާއިރާއަކުން އޮންލައިންކޮށް ކިޔެވޭކަށް ވެސް ނުހުރެއެވެ. އެހެންކަަމަށްވާނަމަ ދެން ޖެހެނީ ތަޢުލީމު ޙާސިލު ކުރަން "ގޭގައި ނޯވެ" ގެއިން ބޭރަށް ނިކުމެ އެފަދަ މަރުކަޒަކަށް ކިޔަވަން ދާށެވެ. އަދި އެއަށްފަހު އާމްދަނީ ހޯދުމަށް ވަޒީފާ ވެސް އަދާ ކުރަން ދާންށެވެ. އެއީއުފާވެރި އުޖާލާ މުސްތަޤްބަލެއް ހޯދުމަށްޓަކައެވެ. އާއިލާއަށް ވެސް އެހީތެރިވުމަށްޓަކައެވެ. ތިމާގެ ދިރިއުޅުން އުޖާލާ ކުރުމުގެ ޙައްޤަކީ ހަމައެކަނި ފިރިހެނުންނަށް ލިބިގެންވާ ޙައްޤެއް ނޫނެވެ.

ދެން އޮތް ސުވާލަކީ: "ގޭގައި އޮތްނަމަ ތިހެނެއް ނުވީސް" އޭ ބުނާއިރު، ގޭތެރޭގައިވާ ކަންތައްތަކުން ސަލާމަތް ވެވޭނީ ކިހިނެއް ހެއްޔޭއެވެ؟

އެކިއެކި ހިތާމަވެރި ހާދިސާތަކާއި، ގޭތެރޭގައި އޮންނައިރުވެސް ކުރިމަތިލާން ޖެހެއެވެ. މިސާލަކަށް ބުނަނީނަމަ، އެކިކަހަލަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކާއި ކުރިމަތިލާން ޖެހިފައިވަނީ ކިތައް އަންހެނުންނަށް ހެއްޔެވެ؟

އަޅާލާނެ މީހެއް ނެތި އަމިއްލަ ގޭގައިވެސް އެކަނިވެރިކަންމަތީ ދިރިއުޅޭ ކިތައް އަންހެނުން އުޅޭ ހެއްޔެވެ؟ އެފަދަ މީހުންނަށް ވެސް އެއަނިޔާ ލިބެނީ، ގޭގައި މަޑުނުކުރުމުން ހެއްޔެވެ؟

ހަގީގަތުގައި ގިނަ މީހުން އެމީހުންގެ ވަގުތު ބޭކާރު ކުރަނީ އެކަކު އަނެކަކާއި ދިމާލަށް އެއްޗެހި ކިޔާ ކޮންމެވެސް ކުށެއް އަބަދުވެސް ހޯދުމަށެވެ. އެފަދައިން ކަންތައް ނުކޮށް، އެކަމެއް އަސްލު ވަނީ ކީއްވެގެންކަން ހޯދާއެކަން އިސްލާހު ކުރަން އުޅޭ މީހުން މަދެވެ. އަންހެނުންނަށް އެކި ކަންކަމާއި ކުރިމަތިވަނީ ގޭގައި ނޯވެ ނިކުތުމުންނެއް ނޫނެވެ. ވަށައިގެން އުޅޭ ގިނަ މީހުންގެ ވިޔާނުދާ ކަމުންނެވެ. އަންހެނުން ދަށުކޮށްލުމުގެ ބޯދާ ވިސްނުން ގެންގުޅޭ ބަޔަކު އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅޭތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ