އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަސެންސިއޯގެ މޮޅު ކުޅުމާއެކު ރިއާލަށް އުނދަގޫ މޮޅެއް

އަސެންސިއޯގެ މޮޅު ކުޅުމާއެކު ރިއާލަށް އުނދަގޫ މޮޅެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު



މާކޯ އަސެންސިއޯގެ މޮޅު ކުޅުމުގެ ސަބަބުން ސްޕެނިޝް ލީގުގައި ރިއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު އުނދަގޫކަމާއެކު ރިއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ރިއާލް މެޑްރިޑް ކާމިޔާބުކޮށްފައިވަނީ 3-5 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ރިއާލް މެޑްރިޑަށް ލީޑު ނަގައިދިނީ މެޗުގެ 11 ވަނަ މިނެޓުގައި ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާކޯ އަސެންސިއޯއެވެ. އެހެން ނަމަވެސް، މެޗުގެ 33 ވަނަ މިނެޓުގައި ރިއާލް ބެޓިސްގެ އައިސްއާ މަންޑީ ލަނޑެއް ޖަަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 37 ވަނަ މިނެޓުގައި ރިއާލް މެޑްރިޑްގެ ނާޗޯގެ އަތުން ބައި ކޮޅަށް ވަން ލަނޑަކުން ރިއާލް ބެޓިސްއަށް މެޗުގެ ލީޑު ލިބުނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-2 ގެ ނަތީޖާއިން ރިއާސް ބެޓިސް ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ރިއާލް މެޑްރިޑް އެ ޓީމުގެ ކުޅުން ވަރުގަދަކޮށް ހަމަލާތައް އިިތުރުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ކުރީކޮޅުގައި ރިއާލް މެޑްރިޑްގެ ސެންޓްރަލް ޑިފެންޑަރު ސާގިއޯ ރާމޮސްގެ ލަނޑުން މެޗުގެ ނަތީޖާ ހަމަަހަމަކުރިއެވެ. އަދި އަސެންސިއޯގެ މޮޅު ކުޅުމާއެކު މެޗުގެ 59 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ރިއާލް މެޑްރިޑަށް އަލުން މެޗުގެ ލީޑު ހޯދައިދިނެެވެ. މެޗުގެ 65 ވަނަ މިނެޓުގައި ރިއާލް މެޑްރިޑަށް މެޗުގެ ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ރިއާލް ބެޓިސްގެ ސާޖިއޯ ލިއޯން ލަނޑެއް ޖަހައި މެޗުގެ ލީޑު ހަނިކުރި ނަމަވެސް މެޗުގެ ފަހު މިނެޓުގައި ރިއާލް މެޑްރިޑްގެ ޓޮޕް ސްޓައިކަރު ކަރިމް ބެންޒީމާގެ ލަނޑުން ރިއާލް އަލުން ލީޑު ފުޅާކުރިއެވެ.

ސްޕެނިޝް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑާއި އެތްލެޓިކޯ ބިލްބާއޯ ބައްދަލުކުރި މެޗު ނިމުނީ 0-2 ގެ ނަތީޖާއިން އެތްލެޓިކޯ މެޑްރިޑް މޮޅުވެގެންނެވެ. މި މެޗުގައި އެތްލެޓިކޯގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ކެވިން ގަމެއިރޯއާއި ޑިއޭގޯ ކޯސްޓާއެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ރިއާލް މެޑްރިޑް އޮތީ ކުޅުނު 23 މެޗުން 45 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. ލީގު ތާވަލުގެ ތިންވަނައިގައި ވެލެންސިއާ އޮތީ ކުޅުނު 24 މެޗުން 46 ޕޮއިންޓް ލިބިގެންނެވެ. އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 24 މެޗުން 55 ޕޮއިންޓް ލިބިގެން ދެވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 24 މެޗުން 62 ޕޮއިންޓް ލިބިގެން ބާސެލޯނާއެވެ.
ލީގުގައި ރިއާލް މެޑްރިޑް ދެން ނުކުންނާނީ ލެގަނޭސްއާ ދެކޮޅަށެވެ. މި މެޗުން މޮޅުވެގެން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލުމުގެ ފުރުސަތު ރިއާލަށް އެބަ އޮތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް