އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗެލްސީ ކޮޅަށް މެސީ ޖެހި ފުރަތަމަ ލަނޑާއެކު ޗެލްސީއާއި ބާސެލޯނާގެ ކުރިމަތިލުން އެއްވަރު

ޗެލްސީ ކޮޅަށް މެސީ ޖެހި ފުރަތަމަ ލަނޑާއެކު ޗެލްސީއާއި ބާސެލޯނާގެ ކުރިމަތިލުން އެއްވަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަަނަ ބުރުގު ފުރަތަމަ ލެގުގައި ޗެލްސީއާއި ބާސެލޯނާގެ ކުރިމަތިލުން 1-1 ގެ ނަތީޖާއިން އެއްވަރުވެގެން ނިމިއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބާސެލޯނާއިންނެވެ. އެހެން ނަމަވެސް، ޗެލްސީއިން ވަނީ ކައުންޓާ އެޓޭކްތަކުގައި ބާސެލޯނާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެ ގޮތުން ޗެލްސީގެ ބްރެޒިލް ވިންގާ ވިލިއަން ފޮނުވާލި ދެ ހަމަލާ ފާހަގަކޮށްލެވެއެވެ. ވިލިއަން ފޮނުވާލި ދެ ހަމަލާ ވެސް އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

ކައުންޓާ އެޓޭކްތަކުގައި ޗެލްސީގެ ތަރި އެޑެން ހަޒާޑަށް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ފުރަތަމަ ހާފުގައި ބާސެލޯނާއަށް ލަނޑެއް ޖަަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މިޑްފިލްޑަރު ޕައުލީނިއޯއަށެވެ. ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ނަގައިދިން ރީތި ބޯޅައިން ޕައުލީނިއޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އަރިމަތިން ބޭރަށެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮވެެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބާސެލޯނާއިންނެވެ. އެހެން ނަމަވެސް، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި ޗެލްސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ވިލިއަންނެވެ. މެޗުގެ ނަތީޖާ ބާސެލޯނާއަށް ހަމަހަމަކޮށްދިނީ މެޗުގެ 75 ވަނަ މިނެޓުގައި ބާސާގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން މެސީއެވެ. މިއީ މެސީގެ ކެރިއަރުގައި ޗެލްސީ ކޮޅަށް އޭނާ ޖެހި ފުރަތަމަ ލަނޑެެވެ. މީގެ ކުރިން ޗެލްސީއާ ދެކޮޅަށް މެސީ ކުޅުނު 8 މެޗުގައި އޭނާއަށް ޗެލްސީގެ ގޯލް ފޫއަޅުވާލެވިފައި ނުވާތީ އޭނާއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައި ވެސް ވެއެވެ.

މި ދެ ޓީމު ކުރިމަތިލާ ދެވަަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ 15 ވަނަ ދުވަހު ބާސެލޯނާގެ ކޭމްޕްނައު ސްޓޭޑިއަމްގައެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނެ ޓީމެއް އެނގޭނީ ދެވަނަ ބުރުގައި ކުޅޭ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް