އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު


އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އަލުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހުޅުވާލި ނަމަވެސް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައިނުވާތީ، އަލުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މާޗު މަހުގެ ފުރަތަމަ ދުވަހު 10:00 ޖެހުމުގެ ނިޔަލަށް އަލުން ހުޅުވާލެވިފައިވާ ކަމަށެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވޭތޯ ބެލުމަށް އީސީއިން ސާފުކުރަންޖެހޭ ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:00 އުން މެންދުރުފަހު 14:00 އަށް ރައީސް އޮފީހުން ދޫކުރާނެކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި މި ފޯމްތަކާއި އިޤްރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ވެސް ހުންނާނެކަމަށް އެ އިއުލާންގައިވެއެވެ. ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓަކީ www.presidencymaldives.gov.mv އެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އީސީގެ ރައީސްގެ މަޤާމުގައި ހުންނެވި އަހުމަދު ސުލައިމާން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި އީސީގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އަހުމަދު ޢަލީ ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވައިފައެވެ.
މި ދެ ބޭފުޅުން އީސީއިން އިސްތިއުފާ ދެއްވައިފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައި 60 ދުވަހަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވާފައިނުވާތީ އީސީއަށާއި މި ބޭފުޅުންނަށް ގިނަ ބަޔަކު ފާޑު ކިޔަމުންދިޔަ ދުވަސްވަރެއްގައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް