އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރުއައުނުގެ ވެރިކަން ހިމާޔަތްކުރަން އުފަންވި ހުރިހާ ކުޑަކުދިން މެރި- ރާއްޖޭގަ އެންމެން ޖަލަށް: އެވިލާ

ފިރުއައުނުގެ ވެރިކަން ހިމާޔަތްކުރަން އުފަންވި ހުރިހާ ކުޑަކުދިން މެރި- ރާއްޖޭގަ އެންމެން ޖަލަށް: އެވިލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު


ވެރިކަން ހިމާޔަތްކުރުމުގެ ދަހިވެތިކަމުގައި މޫސާގެފާނުގެ ފިރުއައުނު ކުރި ކަމަކީ އުފަންވާ ހުރިހާ ފިރިހެން ތުއްތު ކުދިން ހަމަ އުފަންވާއިރަސް މެރުން ކަމަށާއި ރާއްޖޭގައި ކުރާ ކަމަކީ ވެރިކަމަށް "ބިރެއް" ކަމަށް ހީވާ އެންމެން ހިފައި ހައްޔަރުކޮށް ޖަލުގައި ބަންދުކުރުން ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

އިބްރާހީމް ޙަސަން ވިދާޅުވީ ފިރުއައުނު އަމުރުކުރުމުން ތުއްތު ކުދިން އުފަން ވުމުން އެއްވެސް ރަޙްމެއް ނެތި ޤަތުލުކޮށްދޭނެ ބައަކު އެއިރުވެސް ތިބި ކަމަށާއި ފިރުއައުނުގެ އަމުރު ފުރިހަމައަށް ތަންފީޒުކޮށްދިން ކަމަށެވެ.

"ނަމަވެސް ކިހިނެއްތޯ އާޚިރުގައިވީ؟ މޫސާގެފާނު ހަމަ އުފަންވެވަޑައިގެންނެވި. ޝަހީދުކޮށެއްވެސް ނުލެވުނު. އަދި ބޮޑުފުޅުވީ ހަމަ ފިރުއައުނުގެ އަމިއްލަ ގަނޑުވަރުގައި ފިރުއައުނުގެ ބެލުމުގެދަށުން. ހުރިހާ އިނާޔަތްތަކެއްވެސް ލިބިވަޑައިގެން ހުންނަވައި."

އިބްރާހީމް ޙަސަން ވިދާޅުވީ މިއީ މާތްﷲ މުޅި ދުނިޔެއަށް ދަައްކަވައިދެއްވަވާފައިވާ ދެމެހެއްޓެނެވި މުޢުޖިޒާތެއް ފަދަ ކަމެއް ކަމަށެވެ. އަދި އެވާހަކަތައް ކީރިތި ޤްރްއާނުގައި މާތްﷲ ބަޔާންކޮށްދެއްވަވާފައި އެވަނީ އެ އާޔަތްތައް ކިޔައި ޢިބްރަތް ޙާޞިލުކުރުމަށް ކަމަށެވެ.

"ނަމަވެސް ކީއްތޯ ކުރާނީ؟ ކަމެއް ރަނގަޅު ގޮތުގައި ވިސްނޭނީ ހަސަދަވެރިކަމާ ފަސާދައިން ކިލަނބުނުވާ، އަމިއްލަ އެދުމުން ފުރިފައި ނުވާ ސާފު ހިތަކާއި ޝައިޠާނާގެ ކިބައިން ސަލާމަތްވެފައިވާ މިނިވަން ސިކުނޑިއަކުން ވިސްނީމަ. އެހެންނޫނީ އެއްވެސް ރަނގަޅުކަމެއް ނުވިސްނޭނެ. ރަނގަޅު ގޮތެއްވެސް ނުވިސްނޭނެ. ކީރިތި ޤްރްއާނުގެ އާޔަތްތަކުގައި ބަޔާންކުރައްވާ ކަންކަމެއްވެސް ނުވިސްނޭނެ."
އިބްރާހީމް ހަސަން ވިދާޅުވީ ފިރުއައުނުގެ އަމުރުތަކަކީ ކަނޑައެޅިގެން ނުބައިކަމާއި އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ އަމުރުތަކެއްކަން ރަނގަޅަށް އެނގިތިބެވެސް ފިރުއައުނު ކުރިހައި އަމުރުތަކަށް ކިޔަމަންވި ބައަކު ތިބި ކަމަށެވެ. އަދި އެއެންމެންވެސް ފިރުއައުނާއިއެކު ޣަރަޤުވެގެންދިއަކަންވެސް ހަމަ ކީރިތި ޤްރްއާނުން އެނގެން އެބައޮތް ކަމަށެވެ.

އިބްރާހީމް ޙަސަން ވިދާޅުވީ މިއަދު ރާއްޖެއިން ފެންނަމުން މިދާ ކަންކަމަކީވެސް ހަމަ ފިރުއައުނުގެ ލަޝްކަރާއި އެއްވެސް ތަފާތެއް ހުރި ކަންކަން ނޫން ކަމަށެވެ. ކަންކަން ނިމިގެންދާނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ހުރިހާ ކަމެއް އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ މާތްﷲ ކަމަށެވެ.

ކީރިތި ޤްރްއާނުން ފެންނަން ހުރި މިބާވަތުގެ ކަންކަމަށް އެންމެން، ސަލާމަތީ ބާރުތަކުންވެސް ވިސްނައި ފިކުރުކޮށް ކީރިތި ޤްރްއާނުން ޢިބްރަތް ހާޞިލުކުރުމަށް އިބްރާހީމް ޙަސަން ވަނީ ގޮވާލައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް