އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެލެންސިއާ ބަލިކޮށް ޓީސީއިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި

ވެލެންސިއާ ބަލިކޮށް ޓީސީއިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

އެސްޓީއޯ މާލޭ ލީގުގައި ކްލަބް ވެލެންސިއާއާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-3 ގެ ނަތީޖާއިން ޓީސީ މޮޅުވެއްޖެއެވެ.

މިއީ ޓީސީއިން މި ސީޒަންގައި މާލޭ ލީގުން މޮޅުވި ފުރަތަމަ މެޗެވެ. މީގެ ކުރިން ލީގުގައި ޓީސީ ކުޅުނު ތިން މެޗަށް ބަލާއިރު، ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވިއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ޓީސީ ވަނީ ބަލިވެފައެވެ.

މި މެޗުން މޮޅުވުމާއެކު، ޓީސީ ވަނީ ހަތަރު ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. މި މެޗުން ބަލިވި ވެލެންސިއާ އޮތީ އެންމެ ޕޮއިންޓަކައާއެކު ލީގު ތާވަލުގެ އެންމެ ފުލުހުގައެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެ ގޮތުން ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި، ވެލެންސިއާގެ ކެޕްޓަން ޢަލީ އިމްރާާނަށް ލިބުނު ބައެއް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޓީސީއަށް މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައި ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ހަ މިނެޓު ފަހުން ސައްޓު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޓީސީއަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. ޓީސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 70 ވަނަ މިނެޓުގައި އަނަޓޯލީއެވެ.

މާލޭ ލީގުގައި އިއްޔެ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ނިމުނީ 0-3 ގެ ނަތީޖާއިން މާޒިޔާ މޮޅުވެގެންނެވެ. މާޒިޔާއަށް މި މެޗުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ޔަސްފާދު ހަބީބާއި، މުހައްމަދު އިރުފާންގެ އިތުރުން ވިކްޓަރީގެ ޢަލީ ޝަމިސް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

މި ނަތީޖާއާއެކު މާޒިޔާ ވަނީ ހަތް ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ކްލަބް އީގަލްސްއަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު، އީގަލްސްއަށް ކުރި ލިބެނީ ލަނޑު ތަފާތުންނެވެ.

މާލޭ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓް ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. މި މެޗުން މޮޅުވެގެން ނިއުއަށް ލީގުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތްއިރު، މެޗު އެއްވަރުކޮށްލައިގެން ވެސް އީގަލްސްއަށް ލީގުގެ އެއްވަނަ މަޤާމު ހިފަހައްޓައިލެވޭނެއެވެ. ލީގުގައި މިރޭ ބައްދަލުކުރަނީ ކްލަބް ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް