އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީގަލްސްއާއި ނިއުގެ ކުރިމަތިލުން ހަމަހަމަވެގެން ނިމިއްޖެ

އީގަލްސްއާއި ނިއުގެ ކުރިމަތިލުން ހަމަހަމަވެގެން ނިމިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު


އެސްޓީއޯ މާލޭ ލީގުގައި އިއްޔެ ހަވީރު ކްލަބް އީގަލްސްއާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު، 2-2 ގެ ނަތީޖާއިން ހަމަހަމަވެގެން ނިމިއްޖެއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްގެ ޕުރްސިނޯ ލުއިޒް އެޑުއާޑޯ ވަނީ ދެ ލަނޑު ޖަހައި އީގަލްސްއަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނިއުއިން ލަނޑު ޖަހަން މަސައްކަތްކުރުމުގެ ތެރޭގައި އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރޭގައި އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުނުކަމަށް ބުނެ ނިއުގެ ކުޅުންތެރިން ވަނީ ޕެނަލްޓީއެއްކަމަށް އެޕީލްކުރަން ފަށައިފައެވެ.

އެހެން ނަމަވެސް، މެޗުގެ ރެފްރީ އާދަމް ފަޒީލް ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. ހަަމަ އެ ވަގުތު، ނިއުގެ ކޯޗު އޮސްކާ ރެފްރީ ފަޒީލްގެ ނިންމުންތަކާ ފާޑުކިޔަން ފެށުމުން އޭނާ ވަނީ ބެންޗުން ފޮނުވާލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއިން އީގަލްސް ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އެ ހާފު ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ނިއުއިން ލަނޑެއް ޖަހައި މެޗުގެ އުންމީދު އާކޮށްފިއެވެ. މި ލަނޑު ނިއުއަށް ކާމިޔާބުކޮށްދިނީ ރިހާމް ޢަބްދުލްޣަނީ (ބޮބީ) އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ނިއުއަށް ވަނީ ނަތީޖާ ހަމަހަމަކޮށްލުމަށް ޕެނަލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް، ނިއުގެ ޢަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. މެޗު ނިމެންދަނިކޮށް، މެޗުން ބަލިނުވެ ނިއު ސަލާމަތްކޮށްދިނީ އަކްރަމް ޢަބްދުލްޣަނީ (އަކޫ) އެވެ.

މާލޭ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗު ނިމުނީ 0-5 ގެ ނަތީޖާއިން ގްރީން މޮޅުވެގެންނެވެ. މި މެޗުގައި ގްރީންގެ ރޮލޭންޑް ރަސެލް ބިލާލާ ހަތަރު ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، ދެން އިން ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަރްފަރާޒެވެ.

މި މެޗުތަކުގެ ނަތީޖާއާއެކު މާލޭ ލީގުގެ އެއްވަނައިގައި އީގަލްސް އޮތީ 8 ޕޮއިންޓާއެކުއެވެ. ނިއު ދެވަނައިގައި އޮތީ 7 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް މާޒިޔާއަށް ވެސް 7 ޕޮއިންޓް ލިބިފައިވާއިރު، ނިއުއަށް ދެވަނަ ލިބެނީ ލަނޑު ފަރަގުން ކުރި ލިބޭތީއެވެ. 6 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓަރީ ހަތަރުވަނައިގައި އޮތްއިރު، ގްރީން އޮތީ 5 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ހަވަނައިގައި އޮތް ޓީސީއަށް 4 ޕޮއިންޓް ލިބިފައިވާއިރު، 3 ޕޮއިންޓާއެކު ހަތްވަނައިގައި އޮތީ ވިކްޓަރީއެވެ. އެންމެ ޕޮއިންޓެއް ލިބިގެން ލީގުގެ އެންމެ ފުލުގައި އޮތީ ވެލެންސިއާއެވެ.

މާލޭ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 6 ގައެވެ. އެ ދުވަހުގެ ހަވީރު ނުކުންނާނީ ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާއެވެ. އެ ދުވަހުގެ ރޭ ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް