އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލައިވް ޕްރެސްތަކުގަ ސިޔާސީ ދޮގުހެދުން ހުއްދަ؟ ޚަބަރު ފެތުރީމާ ގަދަފަދަ އަޒާބު؟

ލައިވް ޕްރެސްތަކުގަ ސިޔާސީ ދޮގުހެދުން ހުއްދަ؟ ޚަބަރު ފެތުރީމާ ގަދަފަދަ އަޒާބު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 46 ސިކުންތު

އިއްޔެގެ ޚުޠުބާއަށް ބަލައިފިނަމަ ލައިވް ޕްރެސް ކޮންފަރެންސްތަކުގައި ސިޔާސީ ދޮގުހަދާތީ ކަންބޮޑުވުމެއް ނެތެވެ. އެއީ ފަސާދަކުރުމެއްވެސް ނޫނެވެ. ޞައްޙަ މައުލޫމާތު ނުދިނުމުން ނަމަވެސް ދޮގު ޚަބަރެއް ފަތުރައިފިނމަ ގަދަފަދަ އަޒާބުލިބޭނެއެވެ. އެއީ ފަސާދަކުރުމެވެ.

ދޮގު މައުލޫމާތު ދޭނަމަ ފަތުރޭނީ ދޮގުމައުލޫމާތެވެ. ތެދު ަމައުލޫމާތު ފޯރުކޮށްނުދޭނަމަ އަދި ތެދު މައުލޫމާތު ފޯރުކޮށްދިނުން ލަސްވާނަމަވެސް ދޮގު މައުލޫމާތު ފަތުރަން މަގުފަހިވާނެއެވެ. ކޮންމެ ނަމާދެއްގެފަހުގައި ޚުޠުބާއެއް ކީނަމަވެސް މިކަން ބަދަލެއް ނުވާނެއެވެ.

އިއްޔެގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ދޮގު މައުލޫމާތު ފެތުރުމުގެ މައްޗަށެވެ. މައްސަލައަކީ މިފަހަރުގެ ޚުޠުބާގައިވެސް ދޮގުގެ އެއް ފަރާތް ހާމަކުރުމެވެ. ހަމަ އެކަނި އެއް ފަރާތަށް ބަލާލައި ޚުޠުބާ ލިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

މިސާލަކަށް ރޮހިންޔާ ފަންޑަށް ބަލައިފިނަމަ ރައްޔިތުން ފައިސާ ދެއްކީ އޮކްޓޯބަރު މަހުއެވެ. ނޮވެމްބަރު މަހުގެ ކުރީ ކޮޅު އިސްލާމިކް މިނިސްޓަރު ވިދާޅުވީ 1 ހަފްތާ ތެރޭގައި ފައިސާ ހަވާލުކުރެވޭވަރުވާނެ ކަމަށެވެ.

ފަންޑަށް ސަރުކާރުގެ ގިނަ ކުންފުނިތަކުން ދައްކަން ބުނި ފައިސާގެ މައްސަލަ އޮތީ އޮޅުވާލުމެއްގެތެރޭގައެވެ. އެއީ އަދި އެއިރު ނުދައްކާ ފައިސާއެއް ކަމާއި ނަމަވެސް ދައްކާނެ ކަމަށް ބުނެފައިވާ ފައިސާއެއްކަން އެއިރަކު ހާމައެއް ނުކުރެއެެ.

ފައިސާ ރައްޔިތުން ދެއްކީ ވަގުތުންނެވެ. އެފައިސާ ހަވާލުނުކޮށް ފަސް މަސް ދުވަސްވެގެން ދިއައިރުވެސް "ވާނުވާ" ގެ ތެރޭގައި ރައްޔިތުންނަށް ތިބެންޖެހުމުން މައުލޫމާތު އޮޅުންފިލުވަން ކުރި މަސައްކަތުންވެސް އެކަން ސާފުނުވުމުން ދެން ފެތުރުނު މައުލޫމާތުގެ ޒިންމާ އުފުލަންޖެހޭނީ ކޮންފަރާތަކަށްބާވައެވެ! މީޑިއާތަކަށްބާވައެވެ!

މީގެ ކުރިންވެސް އިސްލާމިކް މިނިސްޓްރީން ފަންޑުތަކަށް ރައްޔިތުން ފައިސާ ޖަމާކުރިއެވެ. ފައިސާއަށް ވީނުވީ ނުއެނގިގެން އުޅޭކަަށް ނުޖެހެއެވެ. ހުރިހާ މައުލޫމާތު ތަކެއް ގެންދިއައީ ހުރިހާ މީޑިއާތަކަށް ހާމަކުރަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި މައުލޫމާތު ދެމުންނެވެ. އެއިރު ދޮގު މައުލޫމާތު ފަތުރައިގެން މީޑިއާތަކުގައި ޗޭނުޖަހައި ދަމަންޖެހޭ ހިސާބަކަށް ކަންކަމެއް ނުދެއެވެ.

ހަފްތާއެއްގެ ތެރޭގައި ފައިސާ ޖަމާކުރެވޭނެ ކަމަށް ބުނުމުގެ ބަދަލުގައި ކުންފުނިތަކުން ދޭންބުނި ފައިސާ އެއިރު ނުލިބޭ ކަމަށާއި ފައިސާ ޖަމާކުރާނީ އެފައިސާ ލިބުމުން ކަމަށް ބުނި ނަމަ އެކަން އޮންނާނީ ޢާންމުކޮށް އެނގިފައެވެ. ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ.
އެހައިތަނަށް ރައްޔިތުން ދައްކާފައިހުރި ފައިސާ ހަދިޔާކުރުމަށްފަހު ކުންފުނިތަކުގެ ފައިސާ ލިބުމުން ހަދިޔާކުރިނަމަ އެއްވެސް އޮޅުމެއް އަރައިގެން އުޅޭކަށް ވެސް ނުޖެހޭނެއެވެ.

ވަރަށް ނިކަމެތި ހާލުގައި ތިބި ބައަކަަށް ވަގުތުން އެހީ ފޯރުކޮށްދިނުމަށްޓަކައި މާތް ﷲ ގެ މަގުގައި ރައްޔިތުން ނެރުނު ފައިސާތަކެއް ފޯރުކޮށްނުދީ 5 މަސް ދުވަހު ހިފެހެއްޓުމަކީ ކޮންފަދަ ކަމެއްކަން މޮޅަށް އެނގިވަޑައިގަންނަވާނީ ދީނީ އިލްމުވެރިންނަށެވެ.

ދެން އޮތީ ޞައްޙަ މައުލޫމާތު އޮޅުންފިލުވުމުގައި ހުރި ދަތިތަކެވެ. ކަމެއްގައި ރަނގަޅު މައުލޫމާތަކީ ކޮބައިކަން އޮޅުންފިލުވަން އިދާރާ އަކާއި ސުވާލުކޮށްފިނަމަ ވަރަށް މަދު ފަހަރަކު ނޫނީ އޮޅުންފިލުވަން ބޭނުންވި މައުލޫމާތު ލިބިމުގައި ހުރަސްތައް އެބަހުއްޓެވެ. މީޑިއާ އޮފިޝަލުންނާއި ގުޅުމުގައިވެސް ދަތިތައް އެބަހުއްޓެވެ. ގުޅުނު ނަމަވެސް މައުލޫމާތު ލިބުމުގައިވެސް ދަތިތައް އެބަހުއްޓެވެ.

މިދަތިތަކުގެތެރޭގައި ނޫސްވެރިން ތާށިވެފައި ތިއްބާ ސޯޝަލް މީޑިއާގައި ޢާންމުން އެމީހަކަށް ފެންނަ ގޮތަށް ނުވަތަ ޤަބޫލުކުރާ ގޮތަށް ހާމަކުރުމުން ޢާންމުވާ މައްސަލަތަކުގެ ޒިންމާ ނަގަންޖެހޭނީ ކޮންބައެއްކަން ޚުޠުބާ ލިޔުނު ފަރާތުން ކަނޑައެޅުން ރަނގަޅެވެ.

ހެމައެއާއިއެކު ބަލައިލަންޖެހެނީ ޕްރެސްކޮންފަރެންސްތައް ބާއްވައި ދެމުން ގެންދާ ދޮގު މައުލޫމާތުތަކަށެވެ. ޓީވީތަކަށް އަރައި ޗެނެލްތައް މެދުވެރިކޮށް ފަތުރަމުން ގެންދާ ދޮގު ވާހަކަތަކަށެވެ. މިއިން އެއްވެސް ކަމަކަށް ޚުޠުބާގައި ބަލައިލައިފައެއް ނެތެވެ.

ތެދު މައުލޫމާތު ފެތުރޭނީ ތެދު މައުލޫމާތު ލިބިގެންނެވެ. ތެދު މައުލޫމާތު ހާމަކޮށްގެންނެވެ. އެހެންކަމަށްވާއިއރު ހަމަ އެކަނި ދޮގު މައުލޫމާތު ފެތުރުމުގެ ވާހަކަ ދެއްކުމަކީ ހައްލެއް ނޫނެވެ. ތެދު މައުލޫމާތު ހާމަނުކުރުމާއި ތެދު މައުލޫމާތު ހޯދުމުގައި ހުރި ދަތިތަކުގެ ވާހަކަތައްވެސް ދައްކަންޖެހެއެވެ. ސިޔާސީ ޕޯޑިއަމެއްގައި ބުނި ނަމަވެސް ދޮގެއް ވާނީ ދޮގަކަށްކަން ބުނެދޭން އެބަޖެހެއެވެ.

ވަރަށް ކުޑަކުޑަ މިސާލެކެވެ. ދާދިފަހުން ފުލުހަކު މުޙައްމަދު ޢުޘްމާން ކިޔާ މީހެއްގެ އަތް ބިންދައިލުމުން އޭނާގެ އަތް ނުބިނދޭކަމަށް ބުނެ ވަނީ ޕްރެސް ކޮންފަރެންެއްގައި ވާހަކަ ދައްކައިފައެވެ. ޕްރެސް ކޮންފަރެންސެއްގައި ދައްކާ ވާހަކަތަކަށް މާތް ﷲ ޖަޒާ ނުދެއްވަވާ ގޮތަށް ނުވަތަ އެމީހާގެ ފަތުގައި ނުލިޔުއްވާ ގޮތަށް އޮންނަނީތޯއެވެ؟ ނޫނީ ދޮގު މައުލޫމާތު ފެތުރުމުން މާތް ﷲ އަޒާބު ދެއްވަވަނީ ހަމައެކަނި ނޫސްވެރިންނަށްތޯއެވެ؟ ނުވަތަ ސޯޝަލް މީޑިއާގައި ޚަބަރުތައް ފަތުރާ މީހުންނަށްތޯއެވެ؟ ޚުޠުބާ ލިޔުނު ބައަކު މިކަންކަމަށްވެސް ޖަވާބު ދިނުން ރަނގަޅުވާނެއެވެ.!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް