އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ ހައްދުތައް ޤާއިމު ނުކުރުމަކީ ﷲ އަށް ފުރައްސާރަކުރުން - ދީނަށް ފުރައްސާރަ ކުރަމުން ދީން ހިމާޔަތެއް ނުކުރެވޭނެ!

ﷲ ގެ ހައްދުތައް ޤާއިމު ނުކުރުމަކީ ﷲ އަށް ފުރައްސާރަކުރުން - ދީނަށް ފުރައްސާރަ ކުރަމުން ދީން ހިމާޔަތެއް ނުކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 57 ސިކުންތު

މާތް ﷲ ހައްދުތަކެއް ކަނޑައަޅުއްވަވައި ބާވައިލެއްެވެވީ "އޭބީސީ ޖަހައި ބޭނުން ގޮޅިއެއް ޓިކް" ކުރާ އުޞޫލުން އަމަލުކުރާކަށް ނޫނެވެ. މާތް ﷲ ހައްދުތައް ބާވައިލެއްވެވީ އަމަލުކުރުމާ ނުކުރުމަށް އިޚްތިޔާރުތަކެއް ދެއްވަވާފައެއްވެސް ނޫނެވެ. ފުރިހަމައަށް ތަންފީޒުކުރުމަށް އަމުރުފުޅު ކުރައްވަވައިފައެވެ.

ކީރިތި ޤްރްއާން ޤަބޫލުކުރުމަކީ ދުލުން ޤަބޫލުކުރާ ކަމަށް ބުނުމެއް ނޫނެވެ. ކީރިތި ޤްރްއާން ޤަބޫލުކުރުމަކީ އެއަށް އަމަލުކުރުމެވެ. މާތް ﷲ މީސްތަކުންނަށް އިޚްތިޔާރުތަކެއް ވަނީ ދެއްވަވައިފައެވެ. އެ އިޚްތިޔާރުތަކުގެ ތެރޭގައި ކީރިތި ޤްރްއާނުގެ އެންމެ އަކުރަކަށް ނަމަވެސް އަމަލު ނުކުރުމެއް ނެތެވެ. އޮތީ އަމަލުކުރުމެވެ.

މާތް ﷲ ހައްދުތައް ބާވައިލެއްވެވުމަށްފަހު އެންގެވީ ކީކޭތޯއެވެ؟ މި ހައްދުތައް ބާވައި ލެއްވެވީ ކުށްތައް މުލުން ލުހެލެއްވެވުމަށް ކަމަށް ވަޙީ ކުރައްވަވާފައި ނުވޭތޯއެވެ؟ ކަން މިހެން އޮތް ނަމަވެސް އަމިއްލައަށް ޤާނޫނުތައް ހަދައި މާތް ﷲ ބާވައިލެއްވެވި ޙުކުމްފުޅުތައް ބޮލާލައި އެބަޖަހަމުއެވެ. ޤާނޫނުތައް ހަދައި މާތް ﷲ ގެ ޙުކުމްފުޅުތައް އެބަ ބަދަލުކުރަމުއެވެ.

އެފަދަ ކަންކަން ކުރުމަކީ މާތް ﷲ އަށް ކަނޑައެޅިގެން ގޮންޖެހުން ކަމުގައި ނުވަނީތޯއެވެ؟ ކަމެއް މިވެނި ގޮތަކަށް ކުރަން މާތް ﷲ ކީރިތި ޤްރްއާނުގައި އެންގެވީމާ އެ ގޮތް ދޫކޮށް އަމިއްލައަށް ޤާނޫނުތައް ހަދައި ތަންފީޒުކުރީމާ އެ ބުނެވެނީ ތިމަންނައަށް މާ މޮޅަށް އެނގޭކަމަށް ނޫންތޯއެވެ؟ މިކަން ބަޔާން ކުރައްވައި ދީނީ އިލްމުވެރިން ގެންދަވަނީ ދަރުސްތައް ދެއްވަމުންނެވެ.

ރާއްޖޭގައި ވެސް މިފަދަ ގޮތްގޮތަށް މިދަނީ އަމަލުކުރަމުންނެވެ. މަސްތުވާ ތަކެތި ބޭނުންކުރާމީހުންނާއިމެދު އަމަލުކުރަންޖެހޭ ގޮތް މާތް ﷲ ވަނީ ބަޔާން ކުރައްވަވައިފައެވެ. އެހެންކަމަށްވާއިރު މާތް ﷲ ބާވައިލެއްވެވި އަމުރުފުޅު "ބޮލާލައި ޖަހާފައި" އަމިއްލަ ގޮތްތައް ނެރެ އަމަލުކުރީމާ މިކުރެވެނީ ކީއްތޯއެވެ!

އެހެން ދީންތަކުގެ މީހުން ފާހަގަކުރާ ދުވަސްތައް ފާހަގަ ކުރުމަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކަނޑައެޅިގެން މަނާކުރައްވަވާފައިވާ ކަމެކެވެ. ހަމަ އެއާއިއެކު މާތް ﷲ ޙަރާމް ކުރެއްވެވި ކަންކަމުގެ ނަން ބަދަލުކޮށް އެކަންކަން ހުއްދަކުރާ ބައަކު ފަހުޒަމާނުގައި އުޅޭނެ ކަމަށް އިތުރު މާތް ނަބިއްޔާ (ޞޢވ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ.

ރާއްޖޭގައި ފާހަގަކުރަނީ މީލާދީ އައު އަހަރެއް ނޫނެވެ. ފަތުރުވެރިކަމުގެ ކުރިއެރުމެވެ. ކުރަނީ އެއް ކަމެކެވެ.

އެއްވެސް ނަމެއް ކިޔައިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ އެއްވެސް ޙަރަކާތެއް ނުބޭއްވުމަށް ސަރުކާރަށް އެންމެ ބާރަށް ގޮވައިލެއްވި ދީނީ ޢިލްމުވެރިން ވަރަށް ގިނައެވެ. އެއިގެ ތެރޭގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ޤާނޫނު އަސާސީ އާއި ޚިލާފަށް ބައަކު ކަމެއް ކުރާނަމަ އެއީ ޤާނޫނު އަސާސީ އާއި ޚިލާފުވީކަމަށް ބަލައި އަދި ޤަނޫނު އަސާސީގެ އަގު ވައްޓާލުން ކަމަށް ބަލައި އަދަބު ދެއެވެ. ކީރިތި ޤްރްއާނުގައި މާތް ﷲ ބަޔާން ކުރައްވަވާފައިވާ އާޔަތްތަކަށާއި މާތް ﷲ ގެ ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަދީޘްފުޅުތަކަށް ފައުޅުގައި ގޮންޖެހުމުން މިކުރެވެނީ ކީއްތޯއެވެ؟ މިކަން ވާނީ އިސްލާމް ދީން ނަގަހައްޓައި ދިރުވައި އާލާކުރުން ކަމަށްތޯއެވެ؟ ނޫނީ މިބުނެވެނީ "ތިއަފޮތުގަ އޮތް އެއްޗެއް ބާއްވާށޭ! އަހަރެމެން ކުރާނެ ކަމެއް އަހަރެމެން ކުރާނަމޭ" ނޫންތޯއެވެ؟

ކޮންމެ އަކަސް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމް ދީނާއި މެދު ސުވާލު އެފެދޭނެ އަދި އިސްލާމް ދީނާއި ދުރުހެލިވާނެ ކަންކަން އަމިއްލައަށް ކުރަމުން އެހެން ބައަކު ދިވެހިން އިސްލާމް ދީނާ ދުރުހެލިކުރުވާ ވާހަކަ ކިތަންމެ ގިނައިން ދެއްކި ނަމަވެސް އެކަމުން ކުރާނީ ކޮން ފައިދާއެއްތޯއެވެ؟

މީސްތަކުން އިސްލާމް ދީނާއި ދުރުހެލިކުރުވަން ކާފަރުން އަބަދުވެސް މަސައްކަތްކުރެއެވެ. އެމަސައްކަތް ދާނީ ވެސް ކުރަމުންނެވެ. އެއީ ހުއްޓުވޭނެ ކަންކަމެއް ވެސް ނޫނެވެ. ނަމަވެސް ކާފަރުންނަށް ހުރަސް ނުއެޅޭނެ ކަމެއް އެބައޮތެވެ. އެއީ ކީރިތި ޤްރްއާނަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް އަމަލުކުރުން ހުއްޓުވުމެވެ. އިސްލާމް ދީން މަތިވެރިކުރެވޭނީ ކީރިތި ޤްރްއާނަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް އަމަލުކޮށްގެންނެވެ. ނަމަވެސް މިކަންކަމަށް ބާރުއަޅައި ގޮވާލަންވާ ބާރުމިނުގައި ގޮވައިލެވޭ އަޑެއް ޚުޠުބާ ތަކަކުން ނުއިވެއެވެ. އަބަދުވެސް އިވެނީ ބައިކުޅަ ބައިގެ ވާހަކަތަކުގެ އަޑެވެ. އެހެން ބައަކު ކުރާ ކޮންމެވެސް ކަމެއްގެ ވާހަކައެވެ.

ރާއްޖޭގައި އިސްލާމް ދީން ނަގަހައްޓަން ބޭނުންނަމަ ކުރަން އޮތް ކަމަކީ ކީރިތި ޤްރްއާނަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް ފުރިހަމައަށް އަމަލުކުރުމެވެ. އެކަމަށް ގޮވާ ނުލެވޭނަމަ އެހެން ބައަކު ކުރާ ކަންކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް