އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައްޕަ ނިޔާވީ ބޮޑުބޭބެ އަލިފާން ރޯކޮށްލުމުން، އެދުވަހު ދޮގު ބުނެވުނަސް މިހާރު ބޮޑުބޭބެއަށް ހުރީ އަނގައިގެ ކެންސަރު ޖެހިފަ!

ބައްޕަ ނިޔާވީ ބޮޑުބޭބެ އަލިފާން ރޯކޮށްލުމުން، އެދުވަހު ދޮގު ބުނެވުނަސް މިހާރު ބޮޑުބޭބެއަށް ހުރީ އަނގައިގެ ކެންސަރު ޖެހިފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 41 ސިކުންތު

މިއީ މީގެ 12 އަހަރު ކުރިން ރާއްޖޭގެ ރަށެއްގައި ހިނގި ހަގީގީ ހާދިސާއެކެވެ.

ޒުވާން އަންހެން ކުއްޖަކަށް ވަރަށް ޅައުމުރުގައި ކުރިމަތިވި ހިތްދަތި ހާދިސާތަށް "މިއަދުނޫހަށް" އޭނާ ކިޔާދިނީ އޭނާގެ ނަމާއި އެހެނިހެން މައުލޫމާތު ސިއްރުކޮށް ދިނުމަށް އެދިއެވެ. ސަބަބަކީ މީގެއް އެއް ހާދިސާއަކީ މިހާރުވެސް ކޯޓުގައި ބަލަމުންދާ، ދުވަސް ކޮޅަކަށް މަޑުޖައްސާލާފައިވާ މައްސަލައަކަށް ވާތީއެވެ.

ވަރަށް ތުއްތު އިރު އޭނާގެ މަންމަ ވަނީ ނިޔާވެފައެވެ. އާއިލާގައި ދެން ތިބެނީ އޭނާގެ އިތުރުން ދައްތައަކާއި ބޭބެއެކެވެ. އެތިންބެން ވެސް ބަލަމުން ގެންދިޔައީ އެމީހުންގެ ބައްޕައާއި ކާފަ ކަމުގައި އޭނާ ކިޔާދިނެވެ.

މައެއްގެ ލޯބި ދެމުން ބަލަމުން ގެންދަނިކޮށް، އޭނާގެ އުމުރުން ނުވަ އަހަރުގައި އޭނާގެ ބައްޕަ ވެސް ނިޔާވީއެވެ. ނަމަވެސް ބައްޕަ ނިޔާވީ ބައްޕައާއި އެއްބަނޑު އެއްބަފާ ބޭބެ ބައްޕަގައިގަ އަލިފާން ރޯކޮށްލުމުން ކަމުގައި އޭނާ ބުންޏެވެ.

"ދުވަހަކުވެސް ހިތުން ފިލައިގެން ދާނެ ކަމެއް ނޫން އެއީ. އަހަރެންގެ ބައްޕަ ގައިގަ އަލިފާން ރޯކޮށްލީ ބޮޑުބޭބެ. އެއީ 2004 ވަނަ އަހަރު. ބައްޕަގައިގަ އަލިފާން ރޯކޮށްލީ މުދަލުގެ ބޭނުމުގައި ބައްޕަ މަރާލަން ވެގެން."
އޭނާ ކިޔާދިން ގޮތުގައި އެރޭ އޭނާގެ ބޮޑުބޭބެ، ބައްޕަ ގައިގާ އަލިފާން ރޯކޮށްލީ އޭނާގެ ބައްޕަ ނިދަން އޮށޯވެ އޮއްވައެވެ. ގެއަށް ޕެޓްރޯލް ހަން ވެއްދިތަން ގެކައިރި މީހުންނަށް ވެސް ފެނުން ކަމަށާއި އެމީހުން އެކަމަށް ހެކިބަސް ދިން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަސްލު ވީގޮތަކީ ގެ ހަދަން ވެގެން ބައްޕައާއި ބޮޑުބޭބެ ބިން ހިއްކީ. އެކަމަކު ބިން ހިއްކާފަ ގެ ނުހެދިފަ ހުރީ ދަރިންވެސް ލިބިގެން. ހުއްޓާ ކާފަ ގެ ހަދާދީފަ ބައްޕައަށް ބަޔަކާއި ބޮޑުބޭބެއަށް ބައެއް ދިނީ. ބައްޕަ ގެއާއިހެދި އުޅުނީ ތަންކޮޅެއް ފަހުން. ބައްޕައަށް އެއްބައި ލިބޭނެ ކަމުގެ ހުރިހާ ހެއްކެއް ބައްޕައަތުގަ ހުރީމަ އެބައި ބައްޕައަށް ލިބުނީ. އެކަމަކު ބޮޑުބޭބެ ބައްޕަގެ ބައިވެސް ބޭނުން ވެގެން ދެމީހުން ޒުވާބުވެސް ކުރި އެއިރު. ބައްޕަ ގައިގަ އަލިފާން ރޯކޮށްލި ރޭގެ ކުރީ ރޭ ދެމީހުން ވެސް ބުނި އެކަކު އަނެކަކު މަރާލާނަމޭ." އެބިރުވެރި ހާދިސާ އޭނާ ކިޔާދިނެވެ.

އޭނާގެ ބައްޕަ ގައިގާ އަލިފާން ރޯކޮށްލީ އެގޭގެ މެދުކޮޓަރީގައި ނިދާފައި އޮއްވާ ކަމަށް އޭނާ ބުންޏެވެ. ބައްޕަގެ ގައިން %85 އެނދި ކަމަށާއި ނަމަވެސް ނިޔާވީ އޭގެ ދުވަސްތަކެއް ފަހުން. ބަޔާން ވެސް ދީފައި ކަމަށް އޭނާ ބުންޏެވެ.

"ބައްޕަ ގައިގަ އަލިފާން ރޯކޮށްލީމަ ބައްޕަ ތެޅިފޮޅުން އިރު އެގެއިން މީހަކު ފެންފޮދެއް ވެސް ޖަހާ ނުދޭ ކަމަށް ކައިރި ގެތަކުގެ މީހުން ކިޔާދިން. ބައްޕަ ގައިން އަލިފާން ނިއްވާ ދިނީ އަވައްޓެރިން. ރޯކޮށްލިތާ ދުވަސްތަކެއް ފަހުން ބައްޕަ ނިޔާވީ. އެއިރު ފުލުހުންނަށް ބަޔާންވެސް ދީފަ ބައްޕަ ބުނި ތިމަންނަ އަމިއްލައަކަށް ނޫނޭ ގައިގަ އަލިފާން ރޯކޮށްލީ، ބޮޑުބެއޭ ރޯކޮށްލީ. ބައްޕަ އެހާލުގައި އޮއްވާ ބައެއް މީހުން ބައްޕައަށް ނަސޭހަތް ވެސް ދިން. އެމީހުން ބުނި ވަރަށް ވިސްނާފަ އެފަދަ އެއްޗެހި ބުނަން، އަދި ދޮގު ތުހުމަތެއް އެޅުވުމަކީ ގޯސްކަމެއް ކަމަށް ވެސް ބުނި. އެކަމަކުވެސް ބައްޕަ ހަމަ ބުނީ އެބޮޑުބެއޭ ބައްޕަ ގައިގަ ރޯކޮށްލީ. ބައްޕަ ނިޔާވީ ފަރުވާ ކުރުމަށް މާލެ ގެނައި ފަހުން، މާލޭގައި. އެއީ 2005 ވަނަ އަހަރުގެ އޯގަސްޓް މަހު" ހިތްދަތިކަމާއިއެކު އޭނާ ކިޔާދިނެވެ.

މިމައްސަލައާއިމެދު ބޮޑުބޭބެ ބުނަނީ އެއީ ދޮގު ތުހުމަތެއް ކަމަށާއި ބައްޕަ ގައިގަ އަލިފާން ރޯކޮށްލީ އަމިއްލައަށް ކަމަށެވެ. މިމައްސަލަ ކޯޓުން އަދި ވަކި ގޮތަކަށް ނުނިންމާ ހުރިކަމުގައި ވިޔަސް އޭނާއާއި އޭނާގެ އާއިލާއިން މިވަގުތު ނިންމައިގެން ހުރީ އަދި މިމައްސަލަ މަޑު ޖައްސާލާފައި ބާއްވަން ކަމުގައި އޭނާ ބުންޏެވެ.

"ކާފައަށްޓަކައި އެއީ. ކާފަގެ ހުންނަނީ އެންމެ ދެ ދަރިން. އެއީ ބައްޕަ އާއި މިބުނާ ބޮޑުބޭބެ. ބައްޕަ މިހާރު ނިޔާވީތާ ދޯ، ދެން އެބޮޑުބޭބެ އެކަނި ހުރީމަ ކާފަ އޮތީ އެހެން އެދިފަ ކާފަގެ ދަރި ކާފައާއި ދުރަށް ނުފޮނުވަން" އޭނާ ބުންޏެވެ.

ބޮޑުބޭބެގެ ރަހުމް ކުޑަކަން އެވަރަކުން ނުނިމުނެވެ. އެޒުވާން އަންހެން ކުއްޖާއާއި އެކުއްޖާގެ ދައްތަ، އެމީހުންގެ ބައްޕަ ނިޔާވުމުން ދިރިއުޅެން ދިޔައީ އެބޮޑުބޭބެ ގާތަށެވެ. އެއީ 2010 ވަނަ އަހަރުއެވެ. އޭނާގެ އުމުރުން އެންމެ 13 އަހަރެވެ.

އެނާ ކިޔާދިން ގޮތުގައި ކިޔަވަން އޭނާ ހުރީ އެގޭގައެވެ. ނަމަވެސް ބޮޑުބޭބެ މަސައްކަތް ކުރީ އޭނާއާއި އޭނާގެ ދައްތަގެ އިއްފަތްތެރިކަން ނަގާލެވޭތޯއެވެ.

"ވަރަށް ގައިގޯޅި ވާން ބެހެން ވެގެން އުޅުން. އެއްދުވަހު އަހަރެންގެ ގައިގަ އައިސް ބައްދައިގަނެފަ ފަހަތުން ކުރިމަތީގަ ހިފެހެއްޓީ. ހިފެހެއްޓީމަ އަހަރެން އޭނައާއި ދިމާލަށް އެނބުރިފަ އޭނަގެ ކޯމަތީގަ ޖެހީ. އޭގެ ފަހުން ވެސް އެއްދުވަހު ބޮޑުބޭބެ އަހަންނާއި ބެހެން އުޅުނީމަ އަހަރެން ބުނިން ދިމާލަށް، ތިވައްތަރަށް ނުއުޅޭށޭ އަހަންނަކީ އޭނަގެ ކޮއްކޮއެކޭ. އެހެން އަހަރެން ބުނީތީ ބޮޑުބޭބެ ބުނީ، ބޮޑުބެގެ މޫނު މަތީގަ ބަސްބުނީއޭ، އެހެންވެ ޖެހޭނޭ މާފަށް އެދެން. މާފަށް ނުއެދުނީމަ ދެ ދުވަސް ވަންދެން އަހަރެން ސްކޫލަށް ވެސް ނުފޮނުވާ ބެހެއްޓި. އަހަންނާއި ދައްތައާއި މެދު އިހާނެތިކޮށް ކަންތައް ކުރާތީ ހިސާބުގަނޑު މީހުން ޖެންޑާ އަށް މައްސަލަ ޖައްސައިގެން ޖެންޑާ އިން އަހަރުމެން ފަހުން ނެގީ. ދެން 18 އަހަރު ފުރުނީމަ އަހަރެން އަމިއްލަ ގެއަށް ދިޔައީ."

މިހާރު ކައިވެންޏެއް ވެސް ކޮށްގެން އުޅޭ ޒުވާން އެއަންހެން ކުއްޖާ ބުނީ، އޭނާއަށާއި އޭނާގެ ދައްތައާއި ބޭބެއަށް ބައްޕަގެ ގެ ލިބުމުން ވެސް ބޮޑުބޭބެ ގޭގެ ބޭނުމުގައި ދިޔަ ކަމަށެވެ.

"ބޮޑުބޭބެ އައިސް ބުނި ތިމަންނައަށް ގެ ދޭންވީ ނޫންހޭ ނޫނީ ވިއްކަ ބަލާށޭ. އަހަރެން ބުނިން ބޮޑުބޭބެއަށް މުޅި ގެ އެއްކޮށްވެސް ދީފާނަމޭ ފަތް ލިޔެފަ، ހަމައެކަނި ކޮށްދޭންވީ ކަމަކީ ކޯޓުގައި ތެދު ބުނަންވީއޭ ބައްޕަ ގައިގަ ރޯކޮށްލި ކަމަށް. އެއިރުން ކޯޓުން ކޮންމެ ހުކުމެއް ކުރިކަމުގައި ވިޔަސް ގެ އެއްކޮށް ދޭނަމޭ. އޭނާ އެކަމާ ދެކޮޅު ހެދި." ޒުވާނާ ކިޔާދިނެވެ.

މިހާރު އޭނާގެ ބޮޑުބެއަށް ހުރީ އަނގައިގެ ކެންސަރު ޖެހިފައެވެ. އެކަމަށްޓަކައި އޭނާ ބުނީ "ކޮންމެހެން އެއްވެސް މީހަކަށް ބައްދުދުޢާ އެއް ކުރަނީކީ ނޫން. އެކަމަކު ބޮޑުބޭބެއަށް އެފުރުސަތު އޮތް އަނގައިން ވާހަކަ ދެއްކެވުން އިރު ޙައްޤު ތެދުބަސް ބުނުމުގެ. އެކަމަކު ބޮޑުބޭބެ ހެދީ ދޮގު. މިހާރު ދެން ކިހިނެއް ބޮޑުބޭބެ ވާހަކަ ދައްކާނީ؟ ކެންސަރުގެ ވެސް ސްޓޭޖް ހަތަރެއްގަ ބޮޑުބޭބެ ހުރީވެސް" އޭނާ ކިޔާދިނެވެ.

"މިއީ ކޮންމެ މީހަކަށް ވެސް ފިލާވަޅެއް ލިބުން ކަމަކަށް ވާނޭ" އެންމެ ފަހު ބަހެއްގެ ގޮތުގައި އޭނާ ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ