އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާގެ ފަހު ޖާގަތައް އުރީދޫ، މޯލްޑިވިއަން، އެމްޓީސީސީ، އެމްޕީއެލްއަށް

ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާގެ ފަހު ޖާގަތައް އުރީދޫ، މޯލްޑިވިއަން، އެމްޓީސީސީ، އެމްޕީއެލްއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު


ރާއްޖޭގައި ބާއްވާ އެންމެ ވާދަވެރި އެއް ފުޓްސަލް މުބާރާތްކަމަށްވާ، ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލްގެ ފަހު ޖާގަތައް، އުރީދޫ، މޯލްޑިވިއަން، އެމްޓީސީސީ، އަދި އެމްޕީއެލްއިން ހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި އިއްޔެ ހަވީރު އެންމެ ފުރަތަމަ ބައްދަލުކުރީ އުރީދޫއާއި ކަސްޓަމްސްއެވެ. މި މެޗު ކަސްޓަމްސްގެ މައްޗަށް ކުރިހޯދައި އުރީދޫއިން މޮޅުވީ 2-3 ގެ ނަތީޖާއިންނެވެ. މި މެޗުގައި އުރީދޫގެ މުހައްމަދު ފާޝިރު ހެޓްރިކެއް ފުރިހަމަކޮށްފައިވާއިރު، ކަސްޓަމްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން ނޫރިޝްއާއި އަހުމަދު ހުމައިރެވެ.

ދެވަނަ ބުރުގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ މޯލްޑިވިއަންއާއި ޕޮލިސްއެވެ. މި މެޗު ނިމުނީ 2-5 ގެ ނަތީޖާއިން ޕޮލިސްގެ މައްޗަށް މޯލްޑިވިއަން ކުރިހޯދައިގެންނެވެ. މި މެޗުގައި މޯލްޑިވިއަންގެ ޢަބްދުﷲ ޝައްފާން (ޝަކާ) ދެ ލަނޑު ކާމިޔާބުކޮށްފައިވާއިރު، ދެން ހުރި ލަނޑުތައް ކާމިޔާބުކޮށްދިނީ، އަހުމަދު ހަމްދާން ހުސައިން (ހަންދޭ)، އިބްރާހިމް ތަހުސީން (ތާޑޭ)، އަދި ހުސައިން އަފުޒަލް (އޮޒިލް) އެވެ. މި މެޗުގައި ޕޮލިސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޝިފާޒާއި އަހުމަދު ރިފްޝާން (ކައްކާ) އެވެ.

ދެވަނަ ބުރުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ބޭންްކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްއުން ބީއެމްއެލްގެ މައްޗަށް އެމްޓީސީސީއިން ހޯދީ 4-5 ގެ ނަތީޖާއިންނެވެ. އެމްޓީސީސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، އިބްރާހިމް ޝަނޫން (ޒައްޕީ)، މުހައްމަދު ތަޝްމީން (ތައްތި)، އަކުމަލް މުހައްމަދު (އަކޫބެ)، ޝުޖާއު ހުސައިން، އަދި މުހައްމަދު ޝަޖުޒާނެެވެ. ބީއެމްއެލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، މުހައްމަދު ނާޝީދު އަހުމަދު ނަސީރު (ނާއްޓެ)، ސާމިން މުހައްމަދު ނަސީރު، ހުސައިން ޝިފާން އިބްރާހިމް (ސެންޓެ)، އިޝާން އިބްރާހިމް (ސައްޓު) އެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ކުޅުނު އެންމެ ފަހު މެޗުގައި ބައްދަލުކުރީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޕްރިސަންސްއެވެ. މި މެޗު ނިމުނީ 1-4 ގެ ނަތީޖާއިން ޕްރިސަންސް ބަލިވެ އެމްޕީއެލް މޮޅުވެގެންނެވެ. މި މެޗުގައި އެމްޕީއެލްގެ ސިނާން އިބްރާހިމް ރަޝީދު (ބަގޭ) ދެ ލަނޑު ޖަހާފައިވާއިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަޔާޒު (އަޔާ) އާއި ޢަލީ ޝިފާއު (ރޮނާ) އެވެ. މި މެޗުގައި ފެނިގެންދިޔަ ޕްރިސަންސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ނަބީހު (ނަބިޑޯ) އެވެ.

އުރީދޫއާއި، މޯލްޑިވިއަންއާއި، އެމްޓީސީސީއާއި، އެމްޕީއެލްގެ އިތުރުން މުބާރާތުގެ ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ، ދިރާގާއި، ތިލަފުށި ކޯޕަރޭޝަނާއި، އެލައިޑްއާއި، އެޗްޑީސީއެވެ. މުބާރާތުގެ ކުއާޓާގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މާދަމާ ރޭގައާއި، އަންނަ އަންގާރަ ދުވަހުގެ ރޭގައެވެ.

މާދަމާ ރޭ ކުޅޭ ފުރަތަމަ މެޗުގައި ދިރާގާއި ތިލަފުށި ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ އެލައިޑްއާއި އެޗްޑީސީއެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ ފުރަތަމަ މެޗުގައި އުރީދޫއާއި މޯލްޑިވިއަން ބައްދަލުކުރާއިރު، ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ އެމްޓީސީސީއާއި އެމްޕީއެލްއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް