އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާސެލޯނާ ކަޓުވާލައި ރޯމާ ޗެމްޕިއަންސް ލީގު ސެމީއަށް

ބާސެލޯނާ ކަޓުވާލައި ރޯމާ ޗެމްޕިއަންސް ލީގު ސެމީއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު



ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބާސެލޯނާގެ މައްޗަށް 0-3 ގެ ނަތީޖާއިން ކުރިހޯދައި ރޯމާއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޯމާގެ ދަނޑުގައި ރޭ ކުޅުނު މެޗުން ރޯމާ މޮޅުވެފައިވާއިރު، ބާސެލޯނާގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-4 ގެ ނަތީޖާއިން ބާސެލޯނާ މޮޅުވެގެންނެވެ. އެހެންވެ، ދެ ލެގުގެ އެގްރިގޭޓް ނަތީޖާ 4-4 އުން ހަމަހަމަވިއިރު، ރޯމާއަށް މުބާރާތުގެ ސެމީއަށް ދަތުރުކުރެވުނީ އަވޭ ގޯލްގެ ފަރަގުން ކުރިހޯދައިގެންނެވެ.

މެޗު ފަށައިގެން ހަވަނަ މިނެޓުގައި ރޯމާއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިއެވެ. ރޯމާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޓޮޕް ސްޓައިކަރު އެޑިން ޒެކޯއެވެ. މި ލަނޑަށް ފަހުގައި ވެސް ރޯމާއިން ދިޔައީ ބާސެލޯނާގެ ޑިފެންސަށް ޕްރެސާކުރަމުންނެވެ. ފުރަތަމަ ހާފު ނިމެންދެން ރޯމާގެ ފަރާތުން ފެނިގެން ގޮސްފައިވާ ހަމަލާ ގިނަ އަވަސް ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން ރޯމާ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ވަރުގަދައަށް ކުޅެ ކޮންޓްރޯލް ކުރަމުން ދިޔައީ ރޯމާއިންނެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޯމާގެ ޑަނިއަލޭ ޑެ ރޮސީ ކާމިޔާބުކޮށްދިން ލަނޑުން ރޯމާއިން އުންމީދު ބޮޑުކުރިއެވެ. އެއަށް ފަހުގައި ވެސް ރޯމާއިން ބާސާގެ ޑިފެންސަށް ޕްރެސާކުރަމުން ގޮސް މެޗުގެ 82 ވަނަ މިނެޓުގައި ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ރޯމާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ކޯނަރެއްގެ ބޭނުން ހިފައި، ކޮސްޓާސް މަނޮލާސްއެވެ.

އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބާސެލޯނާއިން، ތަފާތު ބޮޑުކޮށް މި ސީޒަންގައި ބަލިވި މިއީ ފުރަތަމަ މެޗެވެ. ރޭގެ މެޗުގައި ބާސެލޯނާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވެސް ވަރަށް އާދައިގެ ކުޅުމެކެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު، ރޯމާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ފުރަަތަމަ ލެގުގައި ތިން ލަނޑު ނުވަތަ އެއަށްވުރެ ބޮޑު ތަފާތެއްގައި ފަހަތުގައި ހުރެފައި، ދެވަނަ ލެގުގައި ނަތީޖާ އަނބުރާލި ތިންވަނަ ޓީމަށެވެ. މީގެ ކުރިން އެކަން ކޮށްފައިވަނީ، 2004 ވަނަ އަހަރުގައި އިޓަލީގެ އޭސީ މިލާންގެ މައްޗަށް ކުރިހޯދި ސްޕެއިންގެ ޑިޕޯޓިވޯއާއި މިދިޔަ ސީޒަންގައި ފްރާންސްގެ ޕީއެސްޖީގެ މައްޗަށް ކުރިހޯދައިގެން ބާސެލޯނާއެވެ.

އޭގެ އިތުރުން މިއީ 1984 ވަނަ އަހަރަށްފަހު، ޗެމްޕިއަންސް ލީގުގެ ސެމީއަށް ރޯމާ ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް