އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ލިވަޕޫލް ސެމީއަށް

ދެވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ލިވަޕޫލް ސެމީއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު



ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ވެސް މެންޗެސްޓާ ސިޓީގެ މައްޗަށް ކުރިހޯދައި ލިވަޕޫލްއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗު 1-2 ގެ ނަތީޖާއިން ލިވަޕޫލް މޮޅުވިއިރު، ލިވަޕޫލްގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުން ލިވަޕޫލް މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ. އެހެންވުުމުން މުބާރާތުގެ ސެމީއަށް ލިވަޕޫލް ދަތުރުކުރީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 1-5 އުން ސިޓީގެ މައްޗަށް ކުރިހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސިޓީއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިއެވެ. ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި ގެބްރިއަލް ޖީސަސްއެވެ.

އެ ލަނޑަށް ފަހުގައި ވެސް ސިޓީއިން ވަނީ ލިވަޕޫލްގެ ގޯލަށް އަމާޒުކޮށްގެން ފުލުފުލުގައި ހަމަލާތައް ފޮނުވާލައިފައެވެ. މި ހަމަލާތައް ހިފެހެއްޓުމުގައި ލިވަޕޫލްގެ ޑިފެންސްގެ ފަރާތުން ހުޝިޔާރު ކުޅުމެއް ވެސް ފެނިގެން ގޮސްފައިވެއެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލެރޯއި ސާނޭ ޖެހި ލަނޑެއް މެޗުގެ ރެފްރީ ވަނީ އޮފްސައިޑެއް ކަމުގައި ނިންމައިފައެވެ.

ފުރަތަމަ ހާފު ނިމުމާއެކު، މެޗުގެ ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހިގެން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރެފްރީއާ ޒުވާބުކުރުމާ ގުޅިގެން ރެފްރީ ވަނީ ގާޑިއޯލާ ބެންޗުން ފޮނުވާލައިފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ސިޓީއިން ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް، ލިވަޕޫލްއިން ވަނީ ލިބުނު ކައުންޓާ އެޓޭކްތަކުގައި ސިޓީގެ ގޯލަށް ނުރައްކާކުރަން ފަށައިފައެެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެއަށް ފަހުގައި ވެސް ސިޓީއިން މެޗުގެ ނަތީޖާ ބަދަލުކުރުމަށްޓަކައި މަސައްކަތްކުރަމުން ދަނިކޮށް، މެޗުގެ 77 ވަނަ މިނެޓުގައި ލިވަޕޫލްގެ ރޮބާޓޯ ފަމީނިއޯ ލަނޑެއް ޖަހައި، ސިޓީގެ އުންމީދުތައް މުޅިންހެން ފުނޑުފުނޑުކޮށްލިއެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ސެމީ ފައިނަލަށް ލިވަޕޫލް ދަތުރުކުރިއިރު، މިއީ 10 އަހަރަށް ފަހުގައި މުބާރާތުގެ ސެމީއަށް ލިވަޕޫލް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިދިޔަ 10 އަހަރުގައި މުބާރާތުގެ ސެމީއަށް ދަތުރުކުރެވިފައި ނެތް ނަމަވެސް، ލިވަޕޫލަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެންމެ ކާމިޔާބު އިނގިރޭސި ޓީމެވެ. ލިވަޕޫލްއިން ވަނީ 5 ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ލިވަޕޫލްގެ އިތުރުން މުބާރާތުގެ ސެމީގެ ޖާގައެއް އަދި ކަށަވަރުކޮށްފައިވަނީ ރޯމާއެވެ. ރޯމާއިން ސެމީއަށް ދަތުރުކުރީ ގިނަ ބަޔަކު ހައިރާންކޮށްލައި ސްޕެއިންގެ ގަދަބާރެއްކަމަށްވާ ބާސެލޯނާ ކަޓުވާލުމަށް ފަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް